ޤައުމީ އަންހެން ވޮލީ ބޯޅަ ޓީމުގެ ކޯޗު ކަމުގެ މަގާމުގައި ހުރި ސޮފްވާން އަޙުމަދާ ދެކޮޅަށް، ވޮލީ ބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި އެވެ.
ސޮފްވާންއާ ދެކޮޅަށް ތުހުމަތު ތަކެއް އަމާޒު ވުމުން، ވީއޭއެމް އިން އެންމެ ފުރަތަމަ ވަނީ އަންހެން ޓީމުގެ ކޯޗު ކަމުގެ މަގާމުން ސޮފްވާން ސަސްޕެންޑު ކޮށްފަ އެވެ. އެއަށްފަހު ޤައުމީ ޓީމުގެ ފަރިތަކުރުންތައް ކުރިއަށް ގެންދަމުން އައީ މުޙައްމަދު ނަދީމް (ނަދީމްބެ)ގެ އިރުޝާދުގެ ދަށުންނެވެ.
ވީއޭއެމް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސޮފްވާންއާ ދެކޮޅަށް ހުށަހެޅުނު މައްސަލައިގައި އޭނާއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އެ އެސޯސިއޭޝަންގެ ހިންގާ ކޮމެޓީގެ ބައްދަލުވުމުން ނިންމާފައިވާ ކަމަށެވެ.
އެގޮތުން ޤައުމީ އަންހެން ވޮލީ ބޯޅަ ކޯޗު ކަމުގެ މަޤާމުން ސޮފްވާން ވަނީ ވަކިކޮށްފަ އެވެ. އަދި ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި އެފަދަ އެއްވެސް މަޤާމަކަށް ސޮފްވާން އަށް ނާދެވޭނެ ކަމަށް ވެސް ވަނީ ނިންމައިފަ އެވެ.
މީގެ އިތުރުން ވީއޭއެމް އިން އިންތިޒާމު ކުރާ އެއްވެސް މުބާރާތެއްގައި އޮފިޝަލެއް ނުވަތަ އެ ނޫން ވެސް ހައިސިއްޔަތުން ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ސޮފްވާން އަށް މަސައްކަތް ނުކުރެވޭނެ ކަމަށް ވެސް ހިންގާ ކޮމެޓީ އިން ވަނީ ނިންމައިފަ އެވެ.
ހަމަ އެހެންމެ، ވީއޭއެމްގެ ރެފްރީން ފޮނުވައިގެން ރެފްރީކަން ކުރާ އެއްވެސް މުބާރާތެއްގެ އޮފިޝަލެއްގެ ގޮތުގައި، ނުވަތަ އެ ނޫން ވެސް ހައިސިއްޔަތުން ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ސޮފްވާން އަށް މަސައްކަތް ނުކުރެވޭނެ ކަމަށް ވެސް ވަނީ ނިންމައިފަ އެވެ.
ޤައުމީ އަންހެން ވޮލީ ޓީމުގެ ކޯޗުގެ އިތުރުން، ސޮފްވާން އަކީ ވީއޭއެމްގެ ހިންގާ ކޮމެޓީގައި ވެސް ހިމެނޭ މެމްބަރެކެވެ. ސޮފްވާންގެ މައްޗަށް ތުހުމަތު ކޮށްފައިވާ މައްސަލައިގައި، އޭނާ ވީއޭއެމްގެ ހިންގާ ކޮމެޓީ އިން ވެސް ވަނީ ވަކި ކުރުމަށް ކޮންގްރެސް އަށް ހުށަހެޅުމަށް ވަނީ ނިންމައިފަ އެވެ.
އަދި ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ވީއޭއެމްގެ އިންތިޚާބީ އެއްވެސް މަޤާމަކަށް، ނުވަތަ އައްޔަން ކުރާ މަޤާމަކަށް ވެސް ސޮފްވާން އަށް ނާދެވޭ ގޮތަށް ވީއޭއެމްގެ ހިންގާ ކޮމެޓީ އިން ވަނީ ނިންމައިފަ އެވެ.
މި ފިޔަވަޅުތައް ސޮފްވާންއާ ދެކޮޅަށް އަޅާފައި ވަނީ އެ މައްސަލަ ބެލުމަށް އެކުލަވާލި އެޑްހޮކް ކޮމެޓީ އިން ތައްޔާރު ކޮށްފައިވާ ރިޕޯޓަށް ބެލުމަށް ފަހު އެވެ. މީގެ އިތުރުން، އެޑްހޮކް ކޮމެޓީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ބައެއް އެހެން ކަންކަން ކުރުމަށް ވެސް ވީއޭއެމް އިން ވަނީ ނިންމައިފަ އެވެ.
އެގޮތުން ޤައުމީ ޓީމަށް ކުޅުންތެރިން އަދި އޮފިޝަލުން ހޮވާ އުސޫލު ޚަރުދަނާކޮށް، އެ އުސޫލުގެ ތެރެއިން ނޫން ގޮތަކަށް ޤައުމީ ޓީމުގެ ސްކޮޑަށް ކުޅުންތެރިން ނުހޮވަން ވަނީ ނިންމައިފަ އެވެ. އަދި ޤައުމީ ޓީމުގެ ކުޅުންތެެރިންނާއި އޮފިޝަލުންގެ ސުލޫކީ މިންގަނޑު އިތުރަށް މުރާޖައާކޮށް، އެ މިންގަނޑު ޤައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް އަންގާފައި ބާއްވަން ވެސް ވަނީ ނިންމައިފަ އެވެ.
މީގެ އިތުރުން ޤައުމީ ޓީމުގެ ކުޅުންތެރިން އަދި އޮފިޝަލުންގެ މެދުގައި ހިނގައިފާނެ ޖިންސީ ފުރައްސާރައިގެ އަމަލުތައް ރިޕޯޓު ކުރާނެ އުސޫލެއް ޤާއިމުކޮށް އެކަން ކުޅުންތެރިންނާއި އޮފިޝަލުންނަށް އެންގުމަށް ވަނީ ނިންމައިފަ އެވެ. އަދި ވީއޭއެމްގެ ތަފާތު ކޮމިޝަންތަކާއި، ތަފާތު ގުނަވަންތަކުގަައި ހިނގައިފާނެ ޖިންސީ ފުރައްސާރައިގެ އަމަލުތައް ރިޕޯޓު ކުރާނެ އުސޫލެއް ހަމަޖެއްސުމަށް ވެސް ނިންމާފައިވެ އެވެ.
ހަމަ އެހެންމެ އެޑްހޮކް ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަ އަކީ ސީރިއަސް މައްސަލައަކަށް ވާތީ، އެ ބާވަތުގެ މައްސަލަ ތަހުގީގު ކުރުމުގެ އިހުތިސާސް އޮތް ފަރާތަކަށް އެންގުމަށް ވެސް ހިންގާ ކޮމެޓީ އިން ވަނީ ނިންމައިފަ އެވެ.
ސޮފްވާންގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކާ ގުޅޭ ގޮތުން ވީއޭއެމްގެ ރަސްމީ މީޑިއާ ގުރޫޕުގައި ނޫސްވެރިން ވަނީ އެކަމުގެ ސުވާލު ކޮށްފަ އެވެ. އެގޮތުން ސޮފްވާންގެ މައްޗަށް ކުރެވޭ ތުހުމަތާއި، އެކަމުގެ މައުލޫމާތު ސާފު ކޮށްދިނުމަށް ނޫސްވެރިިޔަކު ސުވާލު ކޮށްފަ އެވެ. އަދި ވީއޭއެމްގެ ރައީސް މުޙައްމަދު ލަޠީފް ކޮމްޕްރޮމައިޒް ވެފައި ހުރި ނަމަ، ޖަވާބު ދެވޭނެ ފަރާތެއް ދެއްކުމަށް ވެސް ވަނީ އެދިފަ އެވެ.
އެ ސުވާލާ ގުޅިގެން ވީއޭއެމްގެ ރައީސް ލަތީފް ވަނީ، ވީއޭއެމްގެ މީޑިއާ ގުރޫޕުގައި މެސެޖު ނުކުރެވޭ ގޮތަށް ސެޓިން ބަދަލު ކޮށްފަ އެވެ. އަދި ގުރޫޕުގައި މެސެޖު ލިޔެވޭނީ ހަމައެކަނި ގުރޫޕުގެ އެޑްމިންގައި ތިބި މީހުންގެ ގޮތަށް ވަނީ ބަދަލު ކޮށްފަ އެވެ.
އެއަށް ފަހު ގުރޫޕުގައި ލިޔުއްވި މެސެޖެއްގައި ލަތީފް ވިދާޅުވެފައި ވަނީ، ކޮމްޕްރޮމައިޒް ވެފައި ނެތް ކަމަށެވެ. އެކަން ފާހަގަކޮށް ލަތީފް ވިދާޅުވީ، މީހެއް ނަން ބޭނުން ކޮށްގެން ޖަވާބެއް ދެވޭނީ ކަންކަން ބެލުމަށް ފަހު ކަމަށެވެ.
މީގެ އިތުރުން އަންހެން ކުދިން އަދި ފިރިހެން ކުދިންނަށް ވެސް އެއްވެސް ބިރުވެރި ކަމެއް ނެތި ޤައުމީ ޓީމު އަދި ވީއޭއެމްގެ ހަރަކާތްތަކުގައި އުޅެވޭނެ މާހައުލެއް އޮންނާނެ ކަމަށް ލަތީފް ވަނީ ވިދާޅުވެފަ އެވެ.
ހަމަ އެހެންމެ، އެއްވެސް ކަމެއް ދިމާ ވެއްޖެ ނަމަ، އެކަމެއް ބެލުމަށް ފަހު އަޅަން ޖެހޭ ފިޔަވަޅެއް އަޅާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމުގައި ވެސް ގުރޫޕުގައި ލަތީފް ވަނީ ވިދާޅުވެފަ އެވެ.