ހުޅުމާލެއިން އެޕާޓްމަންޓް ކުއްޔަށްދޭކަމަށް ބުނެ ސޯޝަލް މީޑިއާގައި ހިންގާ ސްކޭމްތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
7 ސެޕްޓެމްބަރު 2026 | ހޯމަ 16:34ހުޅުމާލެއިން އެޕާޓްމަންޓް ކުއްޔަށްދޭކަމަށް ބުނެ ސޯޝަލް މީޑިއާގައި ހިންގާ ސްކޭމްތަކަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި. މިފަދަ މަކަރާއި ހީލަތުގެ މުއާމަލާތްތައް ހިންގުމުގައި ވަކި ޓިކްޓޮކް އެކައުންޓްތަކާއި ފޯނު ނަންބަރުތަކެއް ބޭނުންކުރާކަން ފާހަގަކުރެވިފައިވާތީ، ފައިސާ ދެއްކުމުގެ ކުރިން ތަނުގެ މިލްކުވެރިކަން ކަށަވަރުކުރުމަށް ފުލުހުން ވަނީ އެދިފައި


ހުޅުމާލެއިން އެޕާޓްމަންޓް ކުއްޔަށްދޭކަމަށް ބުނެ ސޯޝަލް މީޑިއާގައި ހިންގާ ސްކޭމްތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފި | ޕޮލިސް މީޑިޔާ
ހުޅުމާލެއިން އެޕާޓްމަންޓް ކުއްޔަށްދޭކަމަށް ބުނެ ސޯޝަލް މީޑިއާގައި ހިންގާ ސްކޭމްތަކަށް ސަމާލުވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން އިލްތިމާސްކޮށްފި އެވެ.
ހޯމަ ދުވަހު މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވަނީ ހުޅުމާލެއިން ދުވަހު ކުއްޔަށާއި މަހު ކުއްޔަށް އެޕާޓްމަންޓް ކުއްޔަށްދޭކަމަށް ބުނެ، ސޯޝަލް މީޑިއާގެ އެކި މަންސަތައް މެދުވެރިކޮށް މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާ މައްސަލަތަކެއް ފާހަގަކުރެވިފައިވާތީ، އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.
މިފަދަ މަކަރާއި ހީލަތް ހަދާ ފަރާތްތަކުން ސޯޝަލް މީޑިއާގައި ފޭކް އެކައުންޓްތައް ހަދައިގެން ހަރަކާތްތެރިވަމުންދާކަން ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ކަމަށް އެ އިދާރާއިން ބުނެ އެވެ.
އެގޮތުން Hulhumale Daily Rent Apartment" (@hulhumaleapartment)" ފަދަ ޓިކްޓޮކް އެކައުންޓްތަކާއި 7217905 (960+) ނަންބަރު ބޭނުންކޮށްގެން މިފަދަ އޮޅުވާލުންތައް ހިންގަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި، މިފަދަ މައްސަލަތަކުގައި ފައިސާ ޓްރާންސްފަރ ކުރާ އެކައުންޓްތަކުގެ ވެރިފަރާތްތަކުގެ ބައިވެރިވުމެއް މިފަދަ މަކަރާއި ހީލަތުގެ އަމަލުތައް ހިންގުމުގައި ނޯންނަކަން ވެސް ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
އެގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުގެ ގޮތުން ތަން ބަލައި ޔަގީންކުރުމާއި މިލްކުވެރިކަން ކަށަވަރުކުރުމާއި އަވަސްއަރުވާލައިގެން ފައިސާ ދައްކަން ބުނާ ބުނުމަށް ފާރަވެރިވުމުގެ އިތުރުން އޮންލައިން މުއާމަލާތްތަކަށް ސަމާލުވުމަށް ފުލުހުން ވަނީ އެދިފަ އެވެ.
މި އޮޅުވާލުމުގެ ޝިކާރައަކަށްވެފައިވާ ފަރާތްތަކާއި، ފޯނު ނަންބަރު 7217905 (960+) އަށް ފައިސާ ޓްރާންސްފަރ ސްލިޕް ފޮނުވާފައިވާ ފަރާތްތަކުން، ނުވަތަ މިފަދަ އެއްވެސް މަކަރާއި ހީލަތުގެ އަމަލެއް ފާހަގަކުރެވިއްޖެ ނަމަ ލަސްނުކޮށް ފުލުހުންގެ ޚިދުމަތުގެ ހޮޓްލައިން 3322111 އަށް ގުޅުއްވައި ނުވަތަ ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރަށް ރިޕޯޓުކުރުމަށް ވެސް ފުލުހުން ވަނީ އެދިފަ އެވެ.










