މަކަރާއި ހީލަތުން މީހެއްގެ އެކައުންޓުން 92000 ރުފިޔާ ހޯދި ދެ މީހަކު ހައްޔަރުކޮށް، 15 ދުވަހަށް ބަންދުކޮށްފި
22 އޯގަސްޓު 2026 | ހޮނިހިރު 11:54ޓެލެގްރާމް މެދުވެރިކޮށް ލިންކެއް ފޮނުވައިގެން މީހެއްގެ އަތުން 92،000 ރުފިޔާ ފޭރުނު މައްސަލައެއްގައި ހއ. ހޯރަފުށީ މުޙައްމަދު ފަޒީލާއި ގދ. ފިޔޯރީ އަބްޝަރު ރަޝީދު ހައްޔަރުކޮށްފި. ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި މި ދެ މީހުންގެ ބަންދަށް 15 ދުވަސް ޖަހާފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން. މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށްޓަކައި އޯޓީޕީ ކޯޑާއި ޒާތީ މައުލޫމާތު ހިއްސާނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައި


ފައިސާ ޖަމާކޮށްފައިވާ އެކައުންޓުގެ ވެރިފަރާތާއި އަދި އެކަމުގައި ބައިވެރިވި އިތުރު މީހަކު ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައި | ޕޮލިސް
ޓެލެގްރާމް ގުރޫޕަކުން ދިމާވި މީހަކު ފޮނުވި ލިންކަކަށް ވަދެ އޯޕީޓީ ކޯޑު ހިއްސާކުރުމުން، ގޮތް ނޭންގޭ ޓްރާންސެކްޝަންއެއް ހިންގައި މީހެއްގެ އެކައުންޓުން މަކަރާއި ހީލަތުން 92000 ރުފިޔާ އަތުލާފައިވާ މައްސަލައެއްގައި ދެމީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ، މި މައްސަލަ މި އޮގަސްޓު މަހުގެ 17 ވަނަ ދުވަހު ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލަ ހުށަހެޅުމާއެކު، މައްސަލައިގެ ތަހުގީގުގެ ތެރެއިން ކުރެވުނު މަސައްކަތުން، ފައިސާ ޖަމާކޮށްފައިވާ އެކައުންޓުގެ ވެރިފަރާތާއި އަދި އެކަމުގައި ބައިވެރިވި އިތުރު މީހަކު ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފަ އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ފައިންޕާކް / ހއ. ހޯރަފުށި މުހައްމަދު ފަޒީލް (23އ) އާއި، ފައިންބީޗް / ގދ. ފިޔޯރީ އަބްޝަރު ރަޝީދު (23އ) އެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ އޮގަސްޓު 18 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ.
މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި، އޮންލައިން މެދުވެރިކޮށް ފޮނުވާ ގޮތް ނޭނގޭ ލިންކުތަކަށް ނުވަނުމަށާއި އޯޓީޕީ ކޯޑު ހިއްސާނުކުރުމަށާއި އޮންލައިންކޮށް ވިޔަފާރިކުރުމާއި ފައިސާގެ މުއާމަލާތްތައް ހިންގުމުގައި މުއާމަލާތުކުރެވޭ ފަރާތުގެ ސައްހަކަން ކަށަވަރުކުރުމަށާއި ޒާތީ މައުލޫމާތާއި ބޭންކިންގ ތަފުސީލުތައް އެހެން ފަރާތްތަކާ ހިއްސާނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.









