ސޫދާންގެ ދެކުނު ކޮރްދޯފާނަށް ދިން ވަރުގަދަ ހަމަލާތަކެއްގައި އާންމުންގެ ފަސް މީހުން މަރުވެއްޖެ
5 ސެޕްޓެމްބަރު 2026 | ހޮނިހިރު 08:38ސޫދާނުގެ ދެކުނު ކޮރްދޯފާންގައި އާރްއެސްއެފްއާއި އެސްޕީއެލްއެމް-އެން ގުޅިގެން ހިންގާ އަސްކަރީ ހަރަކާތްތައް ވަރުގަދަކޮށް، ސަރުކާރާ ދެކޮޅަށް އާ އިދާރާއެއް އުފެއްދުމަށް ވަނީ އެއްބަސްވެފައި. ދިލިންގް ސިޓީ ހިސާރުކޮށްގެން އުޅޭތާ ދެ އަހަރުވެފައިވާއިރު، އަސްކަރިއްޔާއާ ދެމެދު ހިނގާ ކުރިމަތިލުންތަކުގެ ސަބަބުން އެ ސަރަހައްދު ވަނީ ހަނގުރާމައިގެ އެންމެ ނުރައްކާތެރި މައިދާނަކަށް ބަދަލުވެފައި


ސޫދާންގެ ރެޕިޑް ސަޕޯޓް ފޯސަސްއާ (އާރްއެސްއެފް) ގުޅިފައިވާ ހަނގުރާމަވެރި ޖަމާއަތްތަކުން ދިން ވަރުގަދަ އާޓިލަރީ ބަޑީގެ ހަމަލާތަކަކާ ގުޅިގެން، އެ ގައުމުގެ ދެކުނު ކޮރްދޯފާންގައި އާންމުން ދިރިއުޅޭ ސަރަހައްދަކުން ދުން އަރަމުންދަނީ | އަނަޑޯލޫ
ސޫދާންގެ ދެކުނުގައި އޮންނަ ދެކުނު ކޮރްދޯފާން ސްޓޭޓްގެ ދިލިންގް ސިޓީއަށް، ރެޕިޑް ސަޕޯޓް ފޯސަސްއާ (އާރްއެސްއެފް) ގުޅިފައިވާ ހަތިޔާރު އެޅި ގުރޫޕަކުން ދިން ބަޑީގެ ހަމަލާތަކެއްގައި ކުޑަކުއްޖަކާ އެކު ފަސް މީހުން މަރުވެ، އިތުރު ބަޔަކު ޒަޚަމްވެފައިވާ ކަމަށް ސިއްހީ ޚިދުމަތްތެރިންގެ ޖަމާއަތަކުން ބުނެފި އެވެ. ސޫދާނުގެ ޑޮކްޓަރސް ނެޓްވޯކުން ބުނީ، މި ހަމަލާތައް އަމާޒުކޮށްފައި ވަނީ އެ ރަށުގެ ދެކުނާއި ހުޅަނގު ސަރަހައްދުތަކުގައި ހުރި އާންމުން ދިރިއުޅޭ އަވަށްތަކަށާއި އާންމު ޚިދުމަތްދޭ ތަންތަނަށް ކަމަށެވެ. އެ ޖަމާއަތުން ތުހުމަތުކުރާ ގޮތުގައި ހުކުރު ދުވަހުގެ ހެނދުނު ދިލިންގް ސިޓީއަށް ބަޑީގެ ހަމަލާތައް ދީފައި ވަނީ، އަބްދުލްއަޒީޒް އަލް-ހިލޫ އިސްކޮށް ހުންނަވާ އަދި އާރްއެސްއެފްއާ ގުޅިފައިވާ ސޫދާން ޕީޕަލްސް ލިބަރޭޝަން މޫވްމަންޓް-ނޯތު (އެސްޕީއެލްއެމް-އެން) އިންނެވެ. އަދި, މި ހަމަލާއަކީ އާންމު ރައްޔިތުންނަށާއި އާންމު އުމްރާނީ ވަސީލަތްތަކަށް ހަމަލާދިނުން މަނާކުރާ ބައިނަލްއަގުވާމީ އުސޫލުތަކާ ކަނޑައެޅިގެން ޚިލާފު އަމަލެއްގެ ގޮތުގައި ވެސް އެ ޖަމާއަތުން ވަނީ ސިފަކޮށްފަ އެވެ.
އަލް-ހިލޫ އިސްކޮށް ހުންނަވާ އެސްޕީއެލްއެމް-އެން ފެކްޝަނަކީ ދެކުނު ކޮރްދޯފާންގެ ނޫބާ ފަރުބަދަމަތީ ސަރަހައްދުތައް ކޮންޓްރޯލް ކުރަމުންދާ ހަތިޔާރު އެޅި ގުރޫޕެކެވެ. މި ގުރޫޕުން ވަނީ 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހު، އާރްއެސްއެފްއާއި އެހެނިހެން ސިޔާސީ އަދި ހަތިޔާރު އެޅި ޖަމާއަތްތަކާ ގުޅިގެން، ސޫދާނުގައި ސަރުކާރަށް ނުފޫޒު ފޯރުވޭނެ ފަދަ އެހެން އިދާރާއެއް ގާއިމުކުރުމަށް ކެންޔާގެ ވެރިރަށް ނައިރޯބީގައި އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އަދި، އެ އިދާރާ ހިންގުމަށް ޓަކައި މި އިއްތިހާދުން 2025 ވަނަ އަހަރުގެ ޖުލައި މަހު ރިޔާސީ ކައުންސިލެއް އެކުލަވާލާފައި ވާއިރު، މި ކައުންސިލްގެ އިސްވެރިއަކީ "ހެމެދްތީ" ގެ ނަމުން މަޝްހޫރުވެފައިވާ އާރްއެސްއެފްގެ ކޮމާންޑަރު މުހައްމަދު ހަމްދާން ދަގާލޯ އެވެ. އަދި، އޭނާގެ ނައިބަކަށް އައްޔަންކޮށްފައި ވަނީ އަލް-ހިލޫ އެވެ.
ދެކުނު ކޮރްދޯފާންގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ދިލިންގް، އާރްއެސްއެފްއާއި އެސްޕީއެލްއެމް-އެންއިން ވަށާލައިގެން ހިސާރުކޮށްފައި އޮންނަތާ ގާތްގަނޑަކަށް ދެ އަހަރު ވެއްޖެ އެވެ. ސޫދާނުގެ އަސްކަރިއްޔާއިން ހިންގި ޚާއްސަ އޮޕަރޭޝަނަކަށް ފަހު އެ ސިޓީއަށް ދެވެން އޮންނަ މައި މަގު މިހާރު ހުޅުވާލާފައިވާ ކަމަށް ޖަނަވަރީ 26 ވަނަ ދުވަހު އިއުލާންކޮށްފައި ވީ ނަމަވެސް، އަދި ރަށުގެ ހިސާރު ނިމުމަކަށް އައި ނަމަވެސް، އަސްކަރިއްޔާއާއި އާރްއެސްއެފް އަދި އެސްޕީއެލްއެމް-އެންއާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކުގެ ތެރޭގައި ދިލިންގް ސިޓީއަށް ބަޑީގެ ހަމަލާތަކާއި ޑްރޯން ހަމަލާތައް އަމާޒުވުން ވަނީ މެދުނުކެނޑި ކުރިއަށް ގޮސްފަ އެވެ.
ފާއިތުވި މަސްތަކުގައި ދެކުނު ކޮރްދޯފާންގައި ހަނގުރާމަ ވަރަށް ބޮޑަށް ވަރުގަދަވެފައި ވާއިރު، މިއީ މިހާރު ސޫދާނުގެ ދާޚިލީ ހަނގުރާމައިގެ އެންމެ ނުރައްކާތެރި އެއް ސަރަހައްދު ކަމުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ. ސޫދާނުގެ އަސްކަރިއްޔާއާއި އާރްއެސްއެފްއާ ދެމެދު 2023 ވަނަ އަހަރުގެ އެޕްރީލް 15 ގައި ހަނގުރާމަ ފެށުނީ، ގައުމުގެ ވެރިކަން ބަދަލުކުރުމުގެ މަރުހަލާއާއި، އާރްއެސްއެފް އަސްކަރިއްޔާގެ ދަށަށް ގެނައުމާ މެދު އުފެދުނު ޚިޔާލުތަފާތުވުންތަކާ ގުޅިގެންނެވެ. އަދި، މި ހަނގުރާމަ މިހާރު ވަނީ މުޅި ގައުމުގެ ބޮޑު ސަރަހައްދަކަށް ފެތުރިފަ އެވެ.
މަސްދަރު: އަނަދޯލް އޭޖެންސީ







