ސިޔާސީ ބޭނުމަށް ފެނަކައަށް މުވައްޒަފުން އިތުރުކުރުމަށްފަހު، މިހާރު އެ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުން ދަނީ އެއްވެސް އިންސާފުވެރި އުސޫލެއް ނެތި: ޔައުގޫބް
2 އޯގަސްޓު 2026 | އާދީއްތަ 10:15ފެނަކައިގެ ޕޭރޯލަށް މަހަކު 25 މިލިއަން ރުފިޔާ އިތުރުވާ ވަރަށް ސިޔާސީ ބޭނުމަށް މުވައްޒަފުން ނެގުމަށްފަހު، މިހާރު އެ މީހުން ވަކިކުރަނީ އިންސާފެއް ނެތި ކަމަށް ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެ. މަސްވެރިންނަށް ވަޒީފާ ދިނުމުގެ ސަބަބުން އެ ސިނާއަތް ހީނަރުވެފައިވާކަން ފާހަގަކުރައްވައި، ވަޒީފާއިން ވަކިކުރާނެ މީހުން ކަނޑައަޅަނީ ޕީއެންސީގެ ކޮމިޓީތަކުން ކަމަށް އޭނާ ތުހުމަތުކުރެއްވި


ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ | ރާއްޖެ އެމްވީ
ސިޔާސީ ވަކި ބޭނުމަކަށްޓަކައި މުވައްޒަފުން ފެނަކައަށް އިތުރުކުރުމަށްފަހު، މިހާރު އެ މުވައްޒަފުން ވަކިކުރަމުންދަނީ އެއްވެސް އިންސާފެއް ނެތް ގޮތަކަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޔައުގޫބް ވިދާޅުވީ، އެމްޑީޕީ ސަރުކާރު ނިމުނުއިރު ފެނަކައިގެ ޕޭރޯލް ހުރީ މަހެއްގެ މައްޗަށް 55 މިލިއަން ރުފިޔާގައި ކަމަށާއި ނަމަވެސް މި ސަރުކާރު އައިފަހުން އެ އަދަދު މަހެއްގެ މައްޗަށް 80 މިލިއަން ރުފިޔާއަށް އުފުލިފައިވާ ކަމަށެވެ. މިއީ މަހެއްގެ މައްޗަށް ގާތްގަނޑަކަށް 25 މިލިއަން ރުފިޔާގެ އިތުރުވުމެއްކަން ފާހަގަކުރައްވައި އޭނާ ވަނީ މިކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އަދި މިއީ އެންމެ ކުންފުންޏަކުން އިސްރާފުކުރި މިންވަރު ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.
ޔައުގޫބް ފާހަގަކުރެއްވި ގޮތުގައި، މިދިޔަ އެމްޑީޕީ ސަރުކާރުގައި ފެނަކައިގައި މަސައްކަތް ކުރަމުން ދިޔަ މުވައްޒަފުންގެ އަދަދު މި ސަރުކާރުން ވަނީ ސިޔާސީ ބޭނުންތަކަށްޓަކައި ދެގުނައަށް އިތުރުކޮށްފަ އެވެ. އޭނާ ތުހުމަތުކުރެއްވި ގޮތުގައި، ރަށްރަށުގައި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވަމުންދިޔަ އެތައް މަސްވެރިންނަށް ފެނަކަ ފަދަ ކުންފުނިތަކުން ވަޒީފާ ދިނުމުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތް ހީނަރުވެ، މަސްވެރިން ކުރާނެ މީހުންގެ އަދަދު ވަނީ އިންތިހާއަށް މަދުވެފަ އެވެ. މަސްވެރިން މަދުވުމުގެ ސަބަބުން ކައިރި ރަށްރަށުން ބިދޭސީން ގެނެސްގެން ދޯނިފަހަރުގައި މަސްވެރިކަން ކުރަން މިއަދު މަޖުބޫރުވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ފެނަކައަށް ހަމަ އޭރުގައި ތިބި މުވައްޒަފުންގެ ދެގުނަ އިތުރުކުރަމުން ދިޔައީ. މީހުން ކައިރިއަށް ގޮސް އާދޭސް ކުރަމުން ދިޔައީ. މަހަށް ދިޔަ ގިނަ މީހުން ކައިރިއަށް މަސްވެރިން ކައިރިއަށް ގޮސް އާދޭސް ކުރަމުންދިޔައީ ވަޒީފާއަށް އަންނާށޭ. ގިނަ ރަށްރަށުގައި މަސްވެރިކަން ކުރި ގިނަ ރަށްރަށުގައި ދޯނިތައް މަހަށް ނުފުރި ނޫނީ މަހަށް ފުރަންޏާ ކޮންމެވެސް ރަށަކުން ބިދޭސީން ދޯންޏަށް އަރުވައިގެން މަސްވެރިކަން ކުރަންޖެހެނީއަބްދުﷲ ޔައުގޫބް
މަސްވެރިކަމުގެ ސިނާއަތުގައި މީގެ ކުރިން ހަރަކާތްތެރިވަމުން އައި ގިނަ ބަޔަކަށް ފެނަކައިން ވަޒީފާދިނުމުން އެ މީހުން އެއްވެސް މަސައްކަތެއް ނުކޮށް އަދި ކުރާނެ އެއްވެސް މަސައްކަތެއް ނެތި ގޭގައި މުސާރަ ތިބޭކަން ފާހަގަކުރައްވަމުން ޔައުގޫބް ވިދާޅުވީ، މިކަމަކީ ސީދާ ދިވެހި ރައްޔިތުންގެ ޕްރޮޑަކްޓިވިޓީ އެއްކޮށް ހަލާކުކޮށްލުން ކަމަށެވެ.
މި މައްސަލައިގައި ރައީސް މުއިއްޒު ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކަށް ވެސް ޔައުގޫބް ވަނީ ރައްދު ދެއްވައިފަ އެވެ. އެގޮތުން އެމަނިކުފާނު ދާދިފަހުން ވިދާޅުވެފައިވަނީ ހުރިހާ ރައްޔިތުން ސަރުކާރު ކުންފުނިތަކަށް ނުވަތަ ސަރުކާރުގެ ވަޒީފާތަކަށް އެކަނި ދިއުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ. ޔައުގޫބް ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުން ކުންފުނިތަކަށް މުވައްޒަފުން ނެގުމަށްފަހު، އަމިއްލަފުޅަށް އެފަދަ ވާހަކައެއް ދެއްކެވުމަކީ ހެއްވާ ކަމެއް ޔައުގޫބް ވިދާޅުވި އެވެ.
ފެނަކައިން މިހާރު މުވައްޒަފުން ވަކިކުރަމުންދާ އުސޫލާ މެދު ހިތްހަމަނުޖެހުން ފާޅުކުރައްވަމުން ޔައުގޫބް ވިދާޅުވީ، އެކަން ކުރަނީ ފެނަކައިގެ ހެޑް އޮފީހުން އެކުލަވާލާފައިވާ ހަ މީހުންގެ ކޮމިޓީއަކުން ކަމަށެވެ. މުވައްޒަފުންގެ މަސައްކަތް ބަލައި ވަޒަންކުރަންޖެހޭނީ އެ މުވައްޒަފަކު މަސައްކަތްކުރާ ރަށެއްގެ ބްރާންޗުން ކަމަށްވީ ނަމަވެސް، މިހާރު ވަޒީފާއިން ވަކިކުރާނެ މީހުން ކަނޑައަޅަނީ ޕީއެންސީގެ ސްޓިއަރިންގ ކޮމިޓީތަކުން ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވި އެވެ.











