މާރަންދޫ ފެނަކަ ބްރާންޗުގައި މަސައްކަތް ކުރަމުންދިޔަ 13 މުވައްޒަފުން ވަކިކޮށް، އާއިލާތައް ބިކަކުރުން އެ ރަށު ކައުންސިލުން ކުށްވެރިކޮށްފި
29 އޯގަސްޓު 2026 | ހޮނިހިރު 03:11ފެނަކަ ރައިޓްސައިޒް ކުރުމުގެ ނަމުގައި މާރަންދޫ ބްރާންޗުގެ 13 މުވައްޒަފަކު ވަޒީފާއިން ވަކިކުރި މައްސަލަ އެ ރަށު ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި. މިއީ ސިޔާސީ ފިކުރަށް އަމާޒުކޮށް ރައީސްގެ ވައުދުފުޅާ ހިލާފަށް ހިންގި ފިނޑި އަމަލެއް ކަމަށް ބުނެ، ވަކިކުރި މުވައްޒަފުންނަށް އިންސާފު ހޯދައިދިނުމަށް ކައުންސިލުން ވަނީ ގޮވާލާފައި


ހއ. މާރަންދޫ ކައުންސިލު އިދާރާގެ ބައްދަލުވުމެއްގެ ތެރެއިން | މާރަންދޫ ކައުންސިލް
އެއްވެސް އިންޒާރަކާ ނުލައި ކުއްލި ގޮތަކަށް ހއ. މާރަންދޫ ފެނަކަ ބްރާންޗުގައި މަސައްކަތް ކުރާ 13 މުވައްޒަފުން ވަޒީފާއިން ވަކިކޮށް، 13 އާއިލާ ބިކަކޮށްލި މައްސަލަ އެ ރަށު ކައުންސިލްގެ އިދާރާ އިން ކުށްވެރިކޮށްފި އެވެ.
އެ ރަށު ކައުންސިލްގެ ރައީސް ހަސަން ވަހީދު އާއި ކައުންސިލްގެ ނައިބު ރައީސް އަފީފާ ޚާލިދު އަދި ކައުންސިލް މެންބަރު އަބްދުލްހަމީދު މުހައްމަދު ސޮއިކުރައްވާ، ނެރުނު ނޫސްބަޔާނުގައި ބުނީ އެއްވެސް އިންޒާރަކާއި ނުލައި، ކުއްލި ގޮތަކަށް ހއ. މާރަންދޫ ފެނަކަ ބްރާންޗުގައި މަސައްކަތް ކުރާ 13 މުވައްޒަފަކު 27 އޮގަސްޓް 2026 ވަނަ ދުވަހުގެރޭ ވަޒީފާ އިން ވަކިކޮށް އެ 13 އާއިލާ މަގުމަތިކޮށް ބިކަކޮށްލި މައްސަލަ އެ ކައުންސިލުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.
މި ބަޔާނުގައި ބުނީ ވަޒީފާގެ ޔަގީންކަން ކަށަވަރުކޮށްދެއްވާނެ ކަމަށް ވިދާޅުވެ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ރިޔާސީ ވައުދުފުޅު ސަރުކާރުން ބޮލާލައި ޖެހުމަށްފަހު ކުންފުނި ރައިޓްސައިޒް ކުރުމުގެ ނަމުގައި އިދިކޮޅު ސިޔާސީ ފިކުރުތަކުގެ މީހުން ބަލިކަށިކޮށްލުމަށް ވަކި ބަޔަކަށް އަމާޒުކޮށް ވަޒީފާ އިން ވަކިކުރި ކުރުމަކީ ވަރަށް ފިނޑި އަމަލެއް ކަމަށާއި އަދި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
މި ބަޔާނުގައި ބުނީ ކުންފުނިތައް ރައިޓްސައިޒް ކުރުމުގެ ނަމުގައި އާދައިގެ މުވައްޒަފުން ވަޒީފާ އިން ވަކިކޮށް ގިނަ އާއިލާތަކެއް ނިކަމެތިކޮށް ހާލުގައި ޖެއްސުމަށްފަހު، ސިޔާސީ ބޮޑެތި މަގާމުތަކުގައި ބޮޑެތި މުސާރަ ލިބޭ ގޮތަށް އިތުރު ވަޒީފާތައް އުފައްދަމުން ދިއުމަކީ ވެސް ވަކި ބަޔަކަށް ނާޖާއިޒު ނަފާ ހޯދައިދިނުމަށް ހިންގާ ނާތަހުޒީބު އަމަލެއް ކަމަށެވެ. އަދި މިއީ ސިޔާސީ ގޮތުން ރައްޔިތުން ބަލިކަށިކޮށް ރައްޔިތުން އަޅުދާސްކުރުމަށް އަޅަމުންދާ އަނިޔާވެރި ފިޔަވަޅުތަކެއް ކަމުގައި އެ ކައުންސިލުން ދެކޭ ކަމަށެވެ.
އެހެންކަމުން ވަޒީފާ އިން ވަކިކުރި މުވައްޒަފުންނަށް އިންސާފު ހޯދައިދިނުމަށްޓަކައި ކަމާބެހޭ އެންމެހައި ފަރާތްތަކަށް އެ ކައުންސިލުން ވަނީ ގޮވާލާފަ އެވެ.











