ހަލް ސިޓީ އަތް ދަށުވެ ޔުނައިޓެޑުގެ ފެށުން ގޯސްވެއްޖެ
23 އޯގަސްޓު 2026 | އާދީއްތަ 03:47ހަލް ސިޓީ އިން ޔުނައިޓެޑު ބަލިކޮށްފައިވާއިރު، އެ ޓީމުން ޕްރިމިއާ ލީގުގެ ޖާގަ ހޯދާފައި މި ވަނީ އަށް އަހަރު ފަހުން. އަނެއްކޮޅުން މިއީ ޕްރިމިއާ ލީގުގައި ހަލް ސިޓީ އިން ޔުނައިޓެޑު ބަލިކުރި ފުރަތަމަ ފަހަރު


މެޗުގައި ލަނޑު ޖެހުމަށް ފަހު ހަލް ސިޓީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ | ރޮއިޓާސް
އިނގިރޭސި ޕްރިމިއާ ލީގުގެ އައު ސީޒަންގައި ހަލް ސިޓީއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، މެންޗެސްޓަރ ޔުނައިޓެޑުގެ ފެށުން ގޯސްވެއްޖެ އެވެ.
ހަލް ސިޓީގައި ދަނޑުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުގައި އެ ޓީމުން ވަނީ 2-0 އިން ޔުނައިޓެޑު ބަލިކޮށްފައި އެވެ. މެޗުގައި ހަލް ސިޓީ އިން އެ ޓީމުގެ ދެ ލަނޑު ވެސް ޖެހީ މެޗުގެ ފުރަތަމަ ހާފުގައި އެވެ.
މެޗު ފަށައިގެން 17 ވަނަ މިނެޓުގައި ހަލް ސިޓީ އިން ވަނީ ޔުނައިޓެޑު ކޮޅަށް ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު ހަލް ސިޓީ އަށް ޖަހައިދިނީ ސެމީ އަޖާޔީ އެވެ. އޭގެ ފަހުން މެޗުގެ 38 ވަނަ މިނެޓުގައި ހަލް ސިޓީގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްދިނީ ނޯބެލް މެންޑީ އެވެ. އެއީ ރޭގަން ސްލޭޓާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.
ހަލް ސިޓީ އިން ޔުނައިޓެޑު ބަލިކޮށްފައިވާއިރު، އެ ޓީމުން ޕްރިމިއާ ލީގުގެ ޖާގަ ހޯދާފައި މި ވަނީ އަށް އަހަރު ފަހުންނެވެ. އަނެއްކޮޅުން މިއީ ޕްރިމިއާ ލީގުގައި ހަލް ސިޓީ އިން ޔުނައިޓެޑު ބަލިކުރި ފުރަތަމަ ފަހަރެވެ. ހަލް ސިޓީ އަތުން ބަލިވެ ޔުނައިޓެޑުގެ ފެށުން ގޯސްވެފައިވާއިރު، ލީގުގައި އެ ޓީމުގެ ދެ ވަނަ މެޗުގައި ނުކުންނާނީ އަމިއްލަ ދަނޑުގައި އިޕްސްވިޗް ޓައުންއާ ދެކޮޅަށެވެ.










