ކޮންމެ ރައްޔިތަކަށް ރައީސް މުއިއްޒު ދެއްވަން ވިދާޅުވާ ބޯހިޔާވަހިކަން - ދައުރުގެ ބޮޑުބައި ފާއިތުވެގެން ދިޔައިރު ވިދާޅުވަނީ "މިހާރު ދެން އެބަ ފެށޭ" ކަމަށް!
21 އޯގަސްޓު 2026 | ހުކުރު 18:10ބޯހިޔާވަހިކަމުގެ މަޝްރޫއުތައް މިހާރު ފެށެމުންދާ ކަމަށާއި 2028 ވަނަ އަހަރުގެ ނިޔަލަށް ގިނަ ބަޔަކަށް ފްލެޓް ލިބޭނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުއިއްޒު ވަނީ އަނެއްކާވެސް ދެއްވާފައި. ނަމަވެސް، ދައުރުގެ ބޮޑުބައި ނިމިގެންދިޔަ އިރުވެސް މީގެ ކުރިން އިއުލާނުކުރި ބައެއް މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށިފައިނުވާތީ، ސަރުކާރުގެ ވައުދުތައް ފުއްދޭނެ މިންވަރާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައި

ރައްޔިތުންގެ އަޑު އެޕިސޯޑް 2 ގައި ބައިވެރިވި ދެމަފިރިއަކާ ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ | ރައީސް އޮފީސް
ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ ކޮންމެ ރައްޔިތަކަށްމެ އަސާސީ ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުން ކަމަށް ސަރުކާރުން ބުނެފައިވާއިރު، ބޯހިޔާވަހިކަމުގެ މަސައްކަތްތައް "މިހާރު ދެން އެކަން އެބަ ފެށޭ" ކަމަށް ބުރާސްފަތި ދުވަހުގެ ރޭ "ރައްޔިތުންގެ އަޑު" ޕްރޮގްރާމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމާއެކު ސަރުކާރުގެ ވައުދު ފުއްދިދާނެ ކަމާމެދު ސުވާލު އުފެދިއްޖެ އެވެ.
"ރައްޔިތުންގެ އަޑު" ގެ ނަމުގައި ރައީސް އޮފީހުން އުފައްދާ ޕްރޮގްރާމެއްގައި، އާންމުންގެ ބައެއް ފަރާތްތަކާ ރައީސް ބައްދަލުކުރައްވާ ދެއްކެވި ވާހަކައިގައި 2028 ގެ ތެރޭގައި ވަރަށް ގިނަ މީހުންނަށް ފްލެޓް ލިބޭނޭ ކަމަށް ވިދާޅުވި ނަމަވެސް، ދައުރުގެ ދެބަޔަށްވުރެ ބޮޑުބައި ފާއިތުވެގެން ދިޔަ އިރު ފްލެޓް އެޅުމުގެ މަސައްކަތް މިހާތަނަށް ގޮސްފައިވާ ހިސާބު ދޭހަވާ ގޮތަށް ދެއްކެވި ވާހަކަފުޅުން އެއީ ހަގީގަތަކަށްވުމަށް ވުރެ ދައްކަވާ ވާހަކަފުޅަކަށް ވުން ގާތް ކަމަށް ބެލެވެ އެވެ.
ރައީސް މުއިއްޒު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ކުރިއަށް ގެންދާ ޕްރޮގްރާމުގައި ބައިވެރިވި ގިނަ މީހުންގެ ޝަކުވާއަކަށް ވެފައި އޮތީ އެމީހުންނަށް ބޯހިޔާވަހިކަމެއް ލިބިފައި ނެތުމެވެ. އަދި ކުރިން ލިޔުން ހަވާލުކޮށްފައި އޮތް ނަމަވެސް ފަހުން އެ ލިޔުމަށް އިހުތިރާމު ނުކުރުމެވެ. އެހެން ކަމުން އެމީހުންނަށް ބޯހިޔާވަހިކަމަށް ލިބުން އެދޭކަމަށް ބައްދަލުވުމުގައި ބުނެފައިވެ އެވެ.
އެ ގޮތުން ދެމަފިރިއަކަށް ދެއްވި ޖަވާބުގައި، "ފްލެޓް އަޅާފައި ދެވޭނީ، މިހާރު ދެން އެބަފެށޭ،" ކަމަށް މުއިއްޒު ވިދާޅުވި އެވެ.
ލޯކަލް ކައުންސިލް އިންތިޚާބަށްފަހު ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީ.އެން.ސީ)ގެ މައި އޮފީހުގައި މެއި މަހުގެ 14 ވަނަ ދުވަހުގެ ރޭ ބޭއްވި ޖަލްސާއެއްގައި މުއިއްޒު ވިދާޅުވީ، މި ސަރުކާރަކީ ދިވެހި ތާރީޚުގައިވެސް އެންމެ ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދޭނެ ސަރުކާރު ކަމުގެ ޔަޤީންކަންދޭ ކަމުގަ އެވެ.
އެ ޔަގީންކަން ދެއްވި ނަމަވެސް ބުރާސްފަތި ދުވަހުގެ ރޭ މިކަމާބެހޭ ގޮތުން ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުން އެ ވިދާޅުވާ ސިޔާސަތު ހާސިލުވާ ގޮތަށް ރައްޔިތުންނަށް ބޯހިޔާވަހިކަން މި ސަރުކާރަށް ފޯރުކޮށްދެވޭނެ މިންވަރަށް މިހާތަނަށް އައި އިރު މަސައްކަތް ގޮސްފައިވާނުވާކަން ފާހަގަވެ އެވެ.
އަނެއްކޮޅުން މިއަހަރުގެ ޖޫން މަހުގެ 29 ވަނަ ދުވަހު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި، ސަރުކާރުގެ އެންމެ މުހިންމު އެއް ވަޢުދު ކަމުގައިވާ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް "ހުއްޓުމެއްނެތި" ކުރިއަށްދާ ކަމަށާއި، 2028 ވަނަ އަހަރުގެ މެދުތެރެއަށް ދާއިރު ބޯހިޔާވަހިކަމުގެ ބޮޑެތި މަޝްރޫޢުތައް ނިންމައި، ރައްޔިތުންނާ ހަވާލުކުރައްވާނެކަމުގެ ޔަޤީންކަން ރައީސް މުޢިއްޒު ވަނީ ދެއްވާފަ އެވެ.
ރައީސް ވިދާޅުވެފައިވަނީ މަޝްރޫޢުތައް ހަމައެކަނި ނިންމުމުގެ ބަދަލުގައި، ފްލެޓްތައް ނިންމައި ރައްޔިތުންނަށް އެތަންތަނަށް ވަދެ ދިރިއުޅެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ، ކުރީގެ ސަރުކާރުތަކުން ފެނިފައިނުވާ މިންވަރަށް މި ސަރުކާރުން އިސްކަންދޭނެ ކަމެއް ކަމުގަ އެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، 2025 ވަނަ އަހަރުގެ ފަހުކޮޅު ހަވާލުކުރެއްވި 13 ރަށެއްގެ ހައުސިންގ މަޝްރޫޢުގެ އަމަލީ މަސައްކަތްތައް ފެށުމަށް ހުރިހާ ތައްޔާރީތަކެއް ނިމި، މާލީ އިންތިޒާމުތަކާއި އެޑްވާންސް ފައިސާ ދޫކުރުމުގެ ކަންކަން ވަނީ ހަމަޖެހިފަ އެވެ. އެހެން ނަމަވެސް އެ ވިދާޅުވި މަޝްރޫއުތަކަށް ފަހުން ވީ ގޮތެއް ސާރުކާރުން ހާމަކޮށްފަ އެއް ނުވެ އެވެ.
"ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތު މި އަހަރުގެ މަޖިލިސް ހުޅުވި ޖަލްސާ ގައި އިއުލާނުކުރެއްވި ރައީސް މުއިއްޒު ބުރާސްފަތި ދުވަހުގެ ރޭގެ ޕްރޮގްރާމްގައި ވިދާޅުވީ، "ވީހާވެސް ގިނަ ހައުސިންގ ޕްރޮޖެކްޓްތައް މާލޭގައި ހިންގޭތޯ،" ބައްލަވާ ކަމުގަ އެވެ. އެހެން ނަމަވެސް ބޭންކް އޮފް މޯލްޑިވްސް އިން އަމިއްލަ ޚަރަދުގައި ފަށާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ އިތުރުން، އެެހެން އައު ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ތަފްސީލު ސަރުކާރުން ހަމާކޮށްފަ އެއް ނުވެ އެވެ.
ހުސްވި އަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެއްވުމުގެ ވަޢުދުފުޅަށް އިސްކަންދެއްވައިގެން، ކުރެވުނު މަސައްކަތްތަކުގެ ނަތީޖާއަކީ، އެކަން ކުރެއްވޭނެ ހިސާބަށް ވާސިލުވެވިފައިވުން ކަމަށް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. އެ ގޮތުން ފަސް މަހެއްހާ ދުވަހުގެ ތެރޭގައި ރަސްމާލޭގައި ހިއްކޭ ބިމުން 15،000 ގޯތި ދޫކުރުމަށް އިޢުލާންކުރެވޭނެކަމުގައި ވިދާޅުވި އެވެ. އަދި މާލެ ސަރަޙައްދުގައި 3،000 ހައުސިންގް ޔުނިޓް ތަރައްޤީކުރުމުގެ މަސައްކަތް ފެށޭނެ ކަމަށާ، އިންޑިއާގެ ލައިން އޮފް ކްރެޑިޓުން އިތުރު 4،000 ހައުސިންގް ޔުނިޓް ހަމަޖެހިފައިވާކަމުގައި އެމަނިކާފުނު ފާހަގަކުރެއްވި އެވެ. މިކަންކަމުގެ ތަފްސީލުތައް ދާދި އަވަހަށް ހިއްސާކުރައްވާނެކަމުގައި ވިދާޅުވި ނަމަވެސް މި އަހަރުގެ މިހާތަނަށް އައިއިރު އެކަންކަމުގެ ކުރިއެރުމެއް ލިބުނު ކަމެއް ސަރުކާރުން ހާމަކޮށްފަ އެއް ނުވެ އެވެ.
އަނެއްކޮޅުން ބޯހިޔާވަހިކަމަށް ދެމެހެއްޓެނިވި ޙައްލެއް ހޯދުމުގެ ގޮތުން 2025 ވަަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި، ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމަށް ކަނއަޅާފައިވާ "ތާރީޚީ ބަޖެޓު" އިން، ރައްޔިތުންނަށް ނަފާވެގެންދާނޭ ކަމުގައި ވެސް އެ އަހަރުގެ ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް ފެބްރުއަރީ ހަވަނަ ދުވަހު ބޭއްވި، ޖަލްސާގައި ރިޔާސީ ބަޔާނުގައި ވިދާޅުވި އެވެ. އެގޮތުން، ދައުލަތުގެ ބަޖެޓުން ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގުމަށް 1.5 ބިލިއަން ރުފިޔާ ކަނޑައަޅައި، އެ "ތާރީޚީ ބަޖެޓު"ގެ ޒަރީއާއިން، ވެރިރަށް މާލެ ނުހިމެނޭހެން، 12،940 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމުގައި އެމަނިކުފާނު ވިދާޅުވި ނަމަވެސް އަހަރު ނިމިގެން ދިޔައިރު އެ ބަޖެޓަށްވީ ގޮތެއް އަދި ބަޖެޓުން ފެށުނު ބޯހިޔާވަހިކަމުގެ މަޝްރޫއެއް ވެސް ފެންނާކަށް ނެތެވެ.
"ރައްޔިތުންގެ އަޑު" ޕްރޮގްރާމުގައި އާންމުންގެ ދެމަފިރިއަކު ދިރިއުޅޭ ދަތިހާލު ބަޔާން ކުރުމުން ރައީސް މުއިއްޒު ވިދާޅުވީ، "ކުރިއަށްވުރެ ޔަގީންކަން ބޮޑުވާނެ، މިފަހަރު ހަމަޖެހޭނެ،" ކަމަށެވެ.











