ބިދޭސީ ސިއްހީ ޚިދުމަތްތެރިންގެ ކެޓަގަރީ ބަދަލުކުރުމާ ގުޅިގެން އެ އާއިލާތަކަށް ބޮޑެތި ގޮންޖެހުންތަކެއް! އެމްއެޗްޕީޔޫގެ ސިޓީއެއް މިނިސްޓަރު އިހުސާނަށް!
30 އޯގަސްޓު 2026 | އާދީއްތަ 08:22އެކްސްޕެޓް ސިސްޓަމްގެ އޮކިއުޕޭޝަން ލިސްޓަށް ގެނައި ބަދަލާއެކު ސިއްހީ ދާއިރާގެ ފަންނީ ބައެއް މަގާމުތައް "ނޮން-ޕްރޮފެޝަނަލް" ކެޓަގަރީއަށް ބަދަލުވުމުން، ބިދޭސީ މުވައްޒަފުންގެ ޑިޕެންޑަންޓް ވިސާ އާއި އިނާޔަތްތަކަށް ހުރަސްއެޅޭތީ އެމްއެޗްޕީޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި. މި ނިންމުމުގެ ސަބަބުން ސިއްހީ ނިޒާމަށް ނޭދެވޭ އަސަރުކޮށްފާނެތީ، އެ މަގާމުތަކަކީ "ޕްރޮފެޝަނަލް" މަގާމުތަކެއްގެ ގޮތުގައި އަލުން ކަނޑައަޅައިދިނުމަށް އެދި ހޯމް މިނިސްޓްރީއަށް ވަނީ ސިޓީއެއް ފޮނުވާފައި


ޑޮކްޓަރުންތަކެއް: ރާއްޖޭގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރަމުންދާ ބޭރުގެ ސިއްހީ މާހިރުންގެ ކަންބޮޑުވުންތައް އިތުރުވަމުންދާކަން އެމްއެޗްޕީޔޫ އިން ފާހަގަކުރޭ | ފޭސްބުކް
ބޭރުގެ ސިއްހީ މާހިރުންގެ މަސައްކަތުގެ ދާއިރާ ނުވަތަ އޮކިއުޕޭޝަން ކެޓަގަރީއަށް ގެނައި ބަދަލާ ގުޅިގެން, ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ ސިއްހީ ޚިދުމަތްތެރިންގެ ހައްގުތައް ގެއްލެމުންދާ ކަމަށް ބުނެ މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަން (އެމްއެޗްޕީޔޫ) އިން ކަންބޮޑުވުން ފާޅު ކޮށްފި އެވެ.
މިކަމާ ގުޅިގެން އެ ޔޫނިއަނުން ވަނީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާނަށް ސިޓީއެއް ފޮނުއްވާފަ އެވެ.
އެމްއެޗްޕީޔޫ އިން ފޮނުވި ސިޓީގައި ބުނެފައިވަނީ، އެކްސްޕެޓް ސިސްޓަމްގެ އޮކިއުޕޭޝަން ކެޓަގަރައިޒޭޝަން ލިސްޓަށް ގެނައި ބަދަލާއެކު، ސިއްހީ ދާއިރާގެ ބައެއް ސަބް-ސްޕެޝަލިޓީ ޑޮކްޓަރުންނާއި ލެބޯޓްރީ ޓެކްނޮލޮޖިސްޓުން އަދި މެޑިކަލް އިމޭޖިންގ ޓެކްނީޝަނުން ފަދަ ފަންނީ މަގާމުތައް "ޕްރޮފެޝަނަލް" ކެޓަގަރީން "ނޮން-ޕްރޮފެޝަނަލް" ކެޓަގަރީއަށް ބަދަލުކޮށްފައިވާ ކަމަށެވެ. މި ބަދަލުގެ ސަބަބުން އެ ފަރާތްތަކުގެ އާއިލާތަކަށް ދޭ ޑިޕެންޑަންޓް ވިސާ އާއި އެހެނިހެން އިނާޔަތްތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވަމުންދާ ކަމަށް އެ ޔޫނިއަނުން ފާހަގަކުރެ އެވެ.
ސިއްހީ ދާއިރާގެ މި މަގާމުތަކަކީ ހެލްތު ޕްރޮފެޝަނަލްސް އެކްޓްގެ ދަށުން ރެގިއުލޭޓް ކުރެވޭ، ވަކި ފެންވަރެއްގެ ތައުލީމާއި ތަމްރީނު ފުރިހަމަކޮށްގެން ކަމާބެހޭ ކައުންސިލްތަކުގައި ރަޖިސްޓްރީވެގެން އަދާކުރާ މަގާމުތަކެއް ކަމަށް އެމްއެޗްޕީޔޫ އިން ބުނެ އެވެ. އެހެންކަމުން، މިފަދަ ފަންނީ މަސައްކަތްތެރިން "ނޮން-ޕްރޮފެޝަނަލް" ގޮތުގައި ކަނޑައެޅުމަކީ އެ ފަރާތްތަކަށް ވެވޭ ބޭއިންސާފެއް ކަމަށް އެ ޔޫނިއަން އިން ވަނީ ބުނެފަ އެވެ.
މި ބަދަލާ ގުޅިގެން ރާއްޖޭގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރަމުންދާ ބޭރުގެ ސިއްހީ މާހިރުންގެ ކަންބޮޑުވުންތައް އިތުރުވަމުންދާކަން އެމްއެޗްޕީޔޫ އިން ފާހަގަކުރެ އެވެ. މީގެ ތެރެއިން ބައެއް ފަރާތްތަކުގެ ދަރިން ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވަމުންދާއިރު، އަންނަ މަހުގެ ކުރީކޮޅު އެ ކުދިންގެ ޑިޕެންޑަންޓް ވިސާގެ މުއްދަތު ހަމަވާތީ، އާއިލާތަކަށް ބޮޑު ނުތަނަވަސްކަމެއް ކުރިމަތިވެފައިވާ ކަމަށް އެ ޔޫނިއަނުން ބުނެ އެވެ.
އާއިލާތައް ރާއްޖެއިން ފުރައިގެން ދާންޖެހުމަކީ ސިއްހީ ނިޒާމަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށް އެމްއެޗްޕީޔޫ އިން ވަނީ ފާހަގަކޮށްފަ އެވެ. ރާއްޖޭގެ ސިއްހީ ނިޒާމަކީ ބޭރުގެ ސިއްހީ ޕްރޮފެޝަނަލުންގެ މައްޗަށް ނުހަނު ބޮޑަށް ބަރޯސާވެފައިވާ ނިޒާމަކަށް ވާއިރު، މިފަދަ ފިޔަވަޅުތަކުގެ ސަބަބުން ފަންނީ މަސައްކަތްތެރިން ރާއްޖޭގައި މަޑުކުރުވުމަށް ހުރަސްތަކެއް ކުރިމަތިވެ، ސިއްހީ ޚިދުމަތް ދިނުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމަށް އެ ޔޫނިއަނުން ވަނީ ފާހަގަ ކޮށްފަ އެވެ.
އެހެންކަމުން، މި މައްސަލަ އަވަސް ގޮތެއްގައި މުރާޖައާކޮށް، ސިއްހީ ދާއިރާގެ ފަންނީ މަގާމުތަކަކީ "ޕްރޮފެޝަނަލް" މަގާމުތަކެއްގެ ގޮތުގައި އަލުން ކަނޑައަޅައިދިނުމަށް އެމްއެޗްޕީޔޫ އިން ވަނީ މިނިސްޓްރީގައި އެދިފަ އެވެ. އަދި މިކަމުގައި މިނިސްޓްރީ އޮފް ހެލްތާއި ކަމާބެހޭ އެހެނިހެން އިދާރާތަކާ ގުޅިގެން، ސިއްހީ މާހިރުންގެ ފަންނީ ދަރަޖަ ހިމާޔަތް ކޮށްދިނުމަށް ވެސް އެ ޖަމިއްޔާއިން ވަނީ ގޮވާލާފަ އެވެ.
މި މައްސަލައަށް އިންސާފުވެރި އަދި އެކަށީގެންވާ ހައްލެއް ހޯދުމަށްޓަކައި ސަރުކާރާއެކު މަޝްވަރާކޮށް، އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް އޮތްކަން ހާމަކުރަމުން، އެމްއެޗްޕީޔޫ އިން ވަނީ މިކަމަށް މިނިސްޓަރު އަވަސް ސަމާލުކަމެއް ދެއްވުމަށް ވެސް އެދިފަ އެވެ.











