ސްނޫކަރ ޗެމްޕިއަން ގްރޭމް ޑޮޓް ކުޑަކުދިންނަށް ޖިންސީ ގޯނާކުރިކަން ސާބިތުވެއްޖެ
25 އޯގަސްޓު 2026 | އަންގާރަ 07:21އުމުރުން 49 އަހަރުގެ ޑޮޓްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ބަދުއަޚުލާގީ އަމަލު ހިންގުމުގެ ދެ ދައުވާ އެއް. އެއީ 1993 އިން 1996 އަށް އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައަކާއި 2006 އިން 2010 އަށް ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް


ސްނޫކަރގެ ކުރީގެ ދުނިޔޭގެ ޗެމްޕިއަން ގްރޭމް ޑޮޓް | ގެޓީ އިމޭޖަސް
ސްނޫކަރގެ ކުރީގެ ދުނިޔޭގެ ޗެމްޕިއަން ގްރޭމް ޑޮޓް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރިކަން ސާބިތުވެ އޭނާ ކުށްވެރިވެއްޖެ އެވެ.
ސްކޮޓްލެންޑުގެ ކޯޓެއްގައި ކުރިއަށް ދިޔަ މި ޝަރީއަތުގައި ޑޮޓްގެ މައްޗަށް ކުށް ސާބިތުވީ މީގެ އެތައް އަހަރުތަކެއް ކުރިން ދެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި އެވެ.
އުމުރުން 49 އަހަރުގެ ޑޮޓްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ބަދުއަޚުލާގީ އަމަލު ހިންގުމުގެ ދެ ދައުވާ އެކެވެ. އެއީ 1993 އިން 1996 އަށް އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައަކާއި، 2006 އިން 2010 އަށް ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަ އެކެވެ.
ގްލާސްގޯގެ ހައި ކޯޓުގައި ކުރިއަށް ދިޔަ މި ޝަރީއަތުގައި ޑޮޓް ވަނީ އޭނާގެ މައްޗަށް ކުރެވުނު ހުރިހާ ދައުވާތަކަކަށް އިންކާރުކޮށްފައި އެވެ. ނަމަވެސް، ހޯމަ ދުވަހު ކޯޓުން ވަނީ އޭނާ އެ ކުށްތަކަށް ކުށްވެރިވާ ކަމަށް ނިންމާފައި އެވެ. މި މައްސަލައިގައި އޭނާ އަށް އަދަބު ކަނޑައެޅުން އޮންނާނީ އަންނަ މަހުގައި އެވެ.
މި ހުކުމާ ގުޅިގެން ސްކޮޓްލެންޑު ޕޮލިސްގެ ޑިޓެކްޓިވް އިންސްޕެކްޓަރ ގޭރީ ސްމައިލީ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ޑޮޓް އަކީ ނުރައްކާތެރި މީހެއް ކަމަށާއި، މި ހުކުމުގެ ސަބަބުން އޭނާގެ ޝިކާރައަކަށްވި ފަރާތްތަކަށް ކޮންމެ ވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ގްރޭމް ޑޮޓަކީ 2006 ވަނަ އަހަރުގެ ވޯލްޑް ސްނޫކަރ ޗެމްޕިއަންޝިޕްގެ ފައިނަލްގައި ޕީޓަރ އެބްޑަން 14-18 އިން ބަލިކޮށް، ދުނިޔޭގެ ތަށި ހޯދި ކުޅުންތެރިޔެކެވެ. މީގެ އިތުރުން އޭނާ ވަނީ، 2004 އަދި 2010 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލްގައި ކުޅެ، ދެވަނަ ހޯދާފައި އެވެ.
މިދިޔަ އަހަރު އޭނާގެ މައްޗަށް މި ތުހުމަތުތައް ކުރެވުމާ ގުޅިގެން، ވޯލްޑް ޕްރޮފެޝަނަލް ބިލިއާޑްސް އެންޑް ސްނޫކަރ އެސޯސިއޭޝަން އިން ވަނީ އޭނާ ސަސްޕެންޑުކޮށްފައި އެވެ.








