މި ސަރުކާރުގެ އެންމެ މައިގަނޑު އެއް ސިޔާސަތަކީ އާބާދީ އެއްފަސްކުރުމާއި ސަރަޙައްދީ ތަރައްޤީ: ރައީސް
18 އޯގަސްޓު 2026 | އަންގާރަ 06:18ރާއްޖޭގެ އުތުރާއި ދެކުނުގައި އާރބަން ސެންޓަރުތައް ތަރައްޤީކޮށް، އާބާދީ އެއްފަސްކުރުމަކީ ސަރުކާރުގެ މައިގަނޑު ސިޔާސަތެއް ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެއްޖެ. ކޮންމެ ރަށެއްގައި އަސާސީ ޚިދުމަތްތައް ހަމަހަމަކަމާއެކު ޤާއިމުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި ނަމަވެސް، ރަށްރަށުގެ ގިނަ މަޝްރޫޢުތައް ހުއްޓިފައިވާތީ އާންމު ރައްޔިތުންގެ ކަންބޮޑުވުންތައް ވަނީ އިތުރުވެފައި


ރައީސް ޑރ. މުޙައްމަދު މުއިއްޒު | ރައީސް އޮފީސް
މި ސަރުކާރުގެ އެންމެ މައިގަނޑު އެއް ސިޔާސަތަކީ އާބާދީ އެއްފަސްކުރުމާއި ސަރަހައްދީ ތަރައްޤީ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ދަ ޕަލްސް ޕޮޑްކާސްޓަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް މުއިއްޒު ވިދާޅުވީ، ރާއްޖޭގެ އުތުރާއި ދެކުނުގައި އިންޓެގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯންތަކާއި އާރބަން ސެންޓަރުތައް ތަރައްޤީކޮށް، މެދު އަދި ދުރުރާސްތާގެ ދެމެހެއްޓެނިވި ތަރައްޤީގެ ސިޔާސަތެއް ސަރުކާރުން ތަންފީޒު ކުރާނެ ކަމަށާއި، ސަރުކާރުގެ އެންމެ މައިގަނޑު އެއް ސިޔާސަތަކީ އާބާދީ އެއްފަސްކުރުން ކަމަށެވެ.
އާބާދީ އެއްފަސްކުރުން މިއީ އަޅުގަނޑުމެންގެ މައިގަނޑު ސިޔާސަތެއް ކަމުގައިވިޔަސް، ރީޖަނަލް، ސަރަހައްދީ ތަރައްޤީއަކީ އަޅުގަނޑުމެންގެ ސިޔާސަތު ކަމުގައިވިޔަސްވެސް، އަޅުގަނޑުމެންގެ އާރބަން ސެންޓަރުތަކާއި، އުތުރާއި ދެކުނުގެ އިންޓެގްރޭޓެޑް ޑިވިލޮޕްމަންޓް ޒޯންތަކެއް ތަރައްޤީކުރުމާއި، މިހެންގޮސް މެދު އަދި ދުރުރާސްތާގެ ދެމެހެއްޓެނިވި ތަރައްޤީގެ ސިޔާސަތެއް އަޅުގަނޑުމެން ތަންފީޒުކުރި ކަމުގައިވިޔަސް، ކޮންމެ ރަށެއްގައިވެސް ކޮންމެ ރައްޔިތަކީ ހަމަހަމަ ރައްޔިތަކަށްވާއިރުގައި، އަޅުގަނޑު ގަބޫލުކުރާގޮތުގައި، ހަމަހަމަ ރައްޔިތުން އެއީ. އެހެންވީމާ، އެންމެންނަށް ހަމަހަމަގޮތެއްގައި ލިބެންޖެހޭނެ. ސަރުކާރަކުންވިއްޔާ ފޯރުކޮށްދޭންޖެހޭ ކަންކަން ހުންނަންޖެހޭނެރައީސް މުއިއްޒު
ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ކުރިފުޅުމަތީގައި ކޮންމެ ރައްޔިތަކީ ވެސް ހަމަހަމަ ރައްޔިތެކެވެ. އެއީ އެންމެ ކުޑަ ރަށަކަށް ނިސްބަތްވާ ރައްޔިތެއް ކަމުގައިވިޔަސް ނުވަތަ ބޮޑު ސިޓީއަކަށް ނިސްބަތްވާ ރައްޔިތެއް ކަމުގައިވިޔަސް، ސަރުކާރަކުން ފޯރުކޮށްދޭންޖެހޭ އަސާސީ ޚިދުމަތްތައް ހަމަހަމަކަމާއެކު ލިބެންޖެހޭނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެހެންކަމުން، ރާއްޖޭގެ ހުރިހާ ރަށެއްގައި ކޮންމެހެން ހުންނަންޖެހޭނެ ޚިދުމަތްތައް މި ދައުރުގެ ތެރޭގައި ޤާއިމުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި މި ސިޔާސަތުގެ ދަށުން ކޮންމެ ރަށެއްގައިވެސް ޞިއްހީ ދާއިރާ، ތަޢުލީމީ ދާއިރާ، ކުނި މެނޭޖްކުރުން، ކުޅިވަރު، ބޭންކިންގ އަދި ވިޔަފާރީގެ ދާއިރާއިން ކޮންމެހެން ބޭނުންވާ ވަސީލަތްތައް ޤާއިމުކުރެވޭނެ އެވެ. މީގެ ތެރޭގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކާއި، އައުޓްޑޯ ޖިމްތަކާއި، ވޭސްޓް މެނޭޖްމަންޓް ސެންޓަރުތަކުގެ އިތުރުން ޕޮލިސް ސްޓޭޝަންތަކާއި ކުޑަކުދިންގެ ޕާކުތައް ހިމެނެ އެވެ. އަދި ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ނިންމުމާއި، ރަނގަޅު ފެންވަރުގެ ރައްކާތެރި ބަނދަރުތައް ޤާއިމުކުރުމަކީ ވެސް ސަރުކާރުގެ އަމާޒެއްކަމަށް ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން، ސަރަހައްދީ ތަރައްޤީގެ ޕްލޭންގެ ދަށުން އެކި ސަރަހައްދުތަކުގައި އެއަރޕޯޓުތައް ތަރައްޤީކުރުމާއި، މަތީ ފެންވަރުގެ ހޮސްޕިޓަލްތަކާއި ސްކޫލްތައް ބިނާކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި ހުރިހާ ކަމެއް ވެސް ކުރިއަށްދަނީ ހުރިހާ ރައްޔިތުންނަށް އެންމެ މަތީ ފެންވަރުގެ ތަރައްޤީ ފޯރުކޮށްދިނުމަށް އެކުލަވާލާފައިވާ ޚާއްސަ ޕްލޭނެއްގެ ދަށުން ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް އެހެން ވިދާޅުވިނަމަވެސް، ރަށްރަށުގައި ހުރި ގިނަ މަޝްރޫއުތައް ހުރީ ހުއްޓިފަ އެވެ. އަދި އެ މަޝްރޫއުތައް ކުރިއަށްނުދާތީ އެތައް ރަށަކުން ގެންދަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ސަރުކާރާ ދެކޮޅަށް ޝުއޫރު ފާޅު ކުރަމުންނެވެ.










