މެންބަރު ޝަމްހީދު ކިޔާދެއްވީ ނ.އަތޮޅުގައި އޮތް ފަޅު އެސްއީޒެޑްގެ ދަށުން ޓައުންޝިޕްއަށް ބަދަލުވި ގޮތާއި ލިބުނު ގެއްލުން!
17 އޯގަސްޓު 2026 | ހޯމަ 11:10ނ. އަތޮޅުގެ ފަޅެއްގައި ހިންގާ ޓައުންޝިޕް މަޝްރޫއު އެސްއީޒެޑަކަށް ބަދަލުކުރުމުން ދައުލަތަށް ލިބޭނެ އާމްދަނީއާއި ޓެކްސްގެ ބޮޑެތި ގެއްލުންތަކާ މެދު މެންބަރު ޝަމްހީދު ވަނީ ކަންބޮޑުވުންފާޅު ކުރައްވާފައި. މި މަޝްރޫއާ ގުޅޭ އެއްބަސްވުންތަކުގެ ތަފުސީލު ހާމަކުރުމަށާއި މާލިއްޔަތު ކޮމިޓީން މި މައްސަލަ ސީރިއަސްކޮށް ދިރާސާކުރުމަށް އޭނާ ގޮވާލެއްވި


ރައްޔިތުންގެ މަޖިލީހުގައި ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވާހަކަ ދައްކަވަނީ | ރައްޔިތުންގެ މަޖިލިސް
ނ. އަތޮޅުގައި އޮތް ބޮޑު ފަޅެއް ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ދަށުން ސަސްޓެއިނަބަލް ޓައުންޝިޕަކަށް ބަދަލުވެގެންދިޔަ ގޮތުގެ ޓައިމްލައިން އަދި އޭގެ ސަބަބުން ދައުލަތަށް ލިބޭ ގެއްލުންތަކުގެ ތަފުސީލު ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ހާމަކުރައްވައިފި އެވެ.
އާދިއްތަ ދުވަހު މަޖިލީހުގައި ވާހަކަ ދައްކަވަމުން މެންބަރު ޝަމްހީދު ވަނީ މި މަޝްރޫއާ ގުޅޭގޮތުން ގިނަ ކަންބޮޑުވުންތަކެއް ފާޅުކުރައްވާފަ އެވެ.
މެންބަރު ޝަމްހީދު ވިދާޅުވި ގޮތުގައި 26 ޑިސެންބަރު 2022 ގައި ނ. އަތޮޅުގައި އޮތް 700 ހެކްޓަރުގެ ފަޅެއް 99 އަހަރަށް ބޭރުގެ ފަރާތަކަށް ދޫކުރި އެވެ. އަދި 28 ޑިސެންބަރު 2023 ގައި މި ޕްރޮޖެކްޓުގެ ލީސް ހޯލްޑިންގ ކްރިސްޓަލް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑަށް ބަދަލުކުރެވުނު ކަމަށާއި، އެޕްރީލް 2024 ގައި އީއައިއޭ ފާސްކުރެވުނު ކަމަށް ވިދާޅުވި އެވެ. އަދި އެ އީއައިއޭ ރިޕޯޓުގައިވާ ގޮތުން އެތަނުގައި 262 ކޮޓަރީގެ އެންމެ މަތީ ފެންވަރުގެ ރިސޯޓެއް ހެދުމަށް 11 ރަށާއި 24 ފިނޮޅާއެކު ޖުމްލަ 200 ހެކްޓަރުގެ ބިން ހިއްކަން އޮތް ކަމަށާއި، މި މަސައްކަތް އެޕްރީލް 2024 ގައި ފަށައި، ފެބްރުއަރީ 2025 ގައި ބިން ހިއްކާ ނިމުނުކަން އިއުލާންކުރި ކަމަށެވެ.
އެއަށްފަހު، 10 ނޮވެންބަރު 2025 ގައި ރިސޯޓު ތަރައްގީ ކުރަމުން ދަނިކޮށް، ސަސްޓެއިނަބަލް ޓައުންޝިޕް އެއީ ސްޕެޝަލް އިކޮނޮމިކް ޒޯނެއްގެ ގޮތުގައި ކަނޑައަޅަން މަޖިލީހަށް ބިލެއް ހުށަހެޅުނު ކަމަށާއި، 9 ޑިސެންބަރު 2025 ގައި ގާނޫނު ފާސްކުރިތާ މަހެއްހާ ދުވަސް ނުވަނީސް އެ ފަޅު އެސްއީޒެޑެއްގެ ގޮތުގައި ލައިސަންސް ދޫކުރި ކަމަށް މެންބަރު ޝަމްހީދު ވިދާޅުވި އެވެ.
މެންބަރު ޝަމްހީދު ވިދާޅުވީ ރިސޯޓެއް ހަދަމުންދިޔަ ތަނެއް އެސްއީޒެޑަކަށް ބަދަލުވެގެން ދިޔައީ ކޮން ގާނޫނެއް ނުވަތަ ގަވާއިދެއްގެ ތެރެއިން ކަމެއް އެނގެން ނެތް ކަމަށެވެ.
މީގެއިތުރުން، މި ޓައުންޝިޕްގައި އުޅޭނެ ބޭރު މީހުން ހޯދުމަށާއި އެ މީހުންނަށް ވިސާ ވިއްކުމަށް "ޕާލް ވިސާ" ޕްރޮގްރާމްގެ ދަށުން އިކޮނޮމިކް މިނިސްޓްރީން ހެންލީ އެންޑް ޕާޓްނާސްއާ އެކު ސިންގަޕޫރުގައި ސޮއިކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. އަދި މި އެއްބަސްވުމުން ދިވެހި ދައުލަތަށް ލިބޭނެ އެއްޗެއް ސާފުނުވާ ކަމަށާއި، 790 މިލިއަން ރުފިޔާގެ މި ކޮންޓްރެކްޓުން ލިބެންޖެހޭ 79 މިލިއަން ޑޮލަރުގެ ވިތްހޯލްޑިންގ ޓެކްސް ވެސް ނުލިބޭނެ ކަމަށް ވިދާޅުވި އެވެ.
ހަމައެއާއެކު އިންކަމް ޓެކްސް އާންމުކޮށް ނަގާ 15 ޕަސެންޓުގެ ބަދަލުގައި މި ގާނޫނުން ނެގެނީ 5 ޕަސެންޓް ކަމަށްވުމުން ބައިނަލްއަގުވާމީ މުއާހަދާތަކުގެ ދަށުން ދައުލަތަށް ގެއްލުންތަކެއް ވާނެ ކަމަށް ޝަމްހީދު ފާހަގަކުރެއްވި އެވެ.
މެންބަރު ޝަމްހީދު އިތުރަށް ވިދާޅުވީ މިއީ މެލޭޝިޔާގެ "މައި ސެކަންޑް ހޯމް" ފަދަ ޕްރޮގްރާމަކާ މުޅިން ތަފާތު، ވަކި ބަޔަކު ކޮންޓްރޯލްކުރާ ސަރަހައްދެއްގެ ގޮތުގައި ހިންގާ ކަމެއް ކަމަށެވެ. އަދި ހޮންޑިއުރަސްގައި ވެސް މިފަދަ ޒޯނެއް ހަދައިގެން އެ ގައުމުގެ މަޖިލީހާއި ސުޕްރީމް ކޯޓުން އެކަން ހުއްޓުވުމުން 11 ބިލިއަން ޑޮލަރު ދައްކަން ދައުވާކުރި މިސާލު ދައްކަވަމުން، މި އެއްބަސްވުމުގައި ވެސް ނުރައްކާތެރި މާއްދާތައް ހުރި ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
މެންބަރު ޝަމްހީދު ވިދާޅުވީ ހެންލިއަން ޕާޓްނާސްއާއެކު ވެފައިވާ އެއްބަސްވުންތަކާއި ޓައުންޝިޕް މަޝްރޫއާ ގުޅޭ އެންމެހައި މައުލޫމާތުތައް މަޖިލީހަށާއި ދިވެހި ރައްޔިތުންނަށް ސާފުކޮށްދޭންޖެހޭ ކަމަށެވެ.
މޯލްޑިވްސް ޕާލް ރެޒިޑެންސް ޕްރޮގްރާމްގެ މި ގާރާރަކީ އެއްވެސް ހާލެއްގައި ގޯސް ނިޔަތެއްގައި ހުށަހަޅާފައިވާ ގަރާރެއް ނޫންކަން ފާހަގަކުރައްވައި މެންބަރު ޝަމްހީދު ވިދާޅުވީ، މިއީ ދައުލަތަށް ލިބޭ ފައިދާތަކާއި ވާނުވާ ރައްޔިތުންނަށް އެނގެންޖެހޭތީ ހުށަހަޅާފައިވާ ގަރާރެއް ކަމަށެވެ. އަދި ގާނޫނުތަކުގެ ތެރެއިން ދޫކޮށްލެވެނީ ކޮން ކަންތައްތަކެއްކަން ރައީސް މުއިއްޒު އާއި މަޖިލިސް މެންބަރުންނަށް ވެސް ސާފުވާންޖެހޭ ކަމަށް މެންބަރު ޝަމްހީދު ވިދާޅުވި އެވެ.
ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާއިން އަޅުގަނޑުމެން ހަ ބިލިއަން ޑޮލަރު ދޫކޮށްލާއިރު އަނބުރާ ލިބޭނީ ކިތައް ޑޮލަރުކަން އެނގެންޖެހޭނެޑރ. އަހްމަދު ޝަމްހީދު
މީގެއިތުރުން، މި އެއްބަސްވުމުގެ ދަށުން ބިމު ކުލި ލިބޭނެ ގޮތާއި، މިއީ ކޮން ޤާނޫނެއްގެ ދަށުން ލިބޭ އެއްޗެއްކަން ސާފުނުވާ ކަމަށާއި ކުންފުޏަށް ގާނޫނީ ގޮތުން ލުޔެއް ދީފިނަމަ އެކަމުގައި ޝަރުއީ މަރުހަލާއަށް ދިޔުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މެންބަރު ޝަމްހީދު ވަނީ މި މައްސަލައިގައި ޓައުންޝިޕް މަޝްރޫއާ ގުޅިފައިވާ ހުރިހާ ކަންކަމެއް މަޖިލީހުގެ 241 ކޮމިޓީއާއި މާލިއްޔަތު ކޮމިޓީން ސީރިއަސްކަމާއެކު ބަލައި ދިރާސާކުރުމަށްފަހު، ޚާއްސަ ރިޕޯޓެއް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް ގޮވާލައްވާފަ އެވެ.








