Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައިލާ މަޝްރޫއު

ޕްރޮޖެކްޓް އައިލާ އެސްއީޒެޑަކަށް ބަދަލުކުރިގޮތާއި ރާއްޖެއިން ބޭރު މީހުންނަށް ރަށްވެހިކަން ލިބޭ ވިސާ ޕްރޮގްރާމަށް ހެންލީ އެންޑް ޕާޓްނާސް ހޮވި ގޮތާ ގުޅޭ ސުވާލުތަކަށް ސަރުކާރުން ޖަވާބުދާރީވާންޖެހޭ!

5 އޯގަސްޓު 2026 | ބުދަ 05:59

ޕްރޮޖެކްޓް އައިލާ ރިސޯޓް މަޝްރޫއު އެސްއީޒެޑް ޓައުންޝިޕަކަށް ބަދަލުކުރުމުން ދައުލަތަށް ލިބޭ އާމްދަނީ މަދުވެ، ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ މެމްބަރު ޝަމްހީދު ސަރުކާރަށް ގިނަ ސުވާލުތަކެއް އަމާޒުކުރައްވައިފި. މި ބަދަލާއެކު ބޭރުގެ މުއްސަނދިންނަށް ބޮޑެތި ޓެކްސް ލުއިތަކެއް ލިބޭއިރު، މިއީ ގައުމުގެ ސިޔާދަތަށް އުނިކަން އަންނާނެ ކަމެއް ކަމަށް ވިދާޅުވެ އެއްބަސްވުންތައް ހާމަކުރުމަށް އޭނާ ގޮވާލެއްވި

ރާއްޖެ އެމްވީ | 5 އޯގަސްޓު 2026 | ބުދަ 05:59
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، "ޕްރޮޖެކްޓް އައިލާ" ފަތުރުވެރިކަމުގެ މަޝްރޫޢު އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، "ޕްރޮޖެކްޓް އައިލާ" ފަތުރުވެރިކަމުގެ މަޝްރޫޢު އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވަނީ | ރައީސް އޮފީސް

ޕްރޮޖެކްޓް އައިލާ އާއި، ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ޓައުންޝިޕް އަދި ޕާލް ވިސާ ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ރައްޔިތުންނަށް ޖަވާބުދާރީވާންޖެހޭ ވަރަށް މުހިންމު ސުވާލުތަކެއް އެބަހުރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

ޑރ. ޝަމްހީދު ފާހަގަ ކުރެއްވި ގޮތުގައި އެމްޑީޕީގެ ސަރުކާރުން 11 ރަށެއް ތަރައްގީ ކުރުމަށް މި ފަޅު ކުރިން ދޫކޮށްފައިވަނީ 262 ކޮޓަރީގެ "އަލްޓްރާ ލަގްޒަރީ" ރިސޯޓެއްގެ ގޮތުގައި "ޕްރޮޖެކްޓް އައިލާ" ނަމުގައި ތަރައްގީ ކުރުމަށެވެ.

Advertisement - newsAdvertisement

މިފަދަ ރިސޯޓަކުން ބިމު ކުއްޔާއި، ޓީޖީއެސްޓީ، ގްރީން ޓެކްސް އަދި އިންކަމް ޓެކްސްގެ ގޮތުގައި ސަރުކާރަށް ސީދާ އާމްދަނީގެ ގޮތުގައި އަހަރަކު 60 އާއި 70 މިލިއަން ދިވެހި ރުފިޔާ ނުވަތަ އެއަށްވުރެ ގިނައިން ލިބުމުގެ ފުރުސަތު އޮތް ކަން މެމްބަރު ފާހަގަ ކުރައްވާފައިވެ އެވެ.

މި ރިސޯޓް ހެދުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ އެސްއީޒެޑް ގާނޫނަށް އިސްލާހެއް ގެނެސް "ސަސްޓެއިނަބަލް ޓައުންޝިޕް" ނަމުގައި އާ ގިންތިއެއް ތައާރަފުކޮށްފަ އެވެ.

މި އިސްލާހަށް އަމަލުކުރަން ފެށިތާ ގާތްގަނޑަކަށް އެއް މަސް ދުވަސް ނުވަނީސް، ކުރިން އޮތް އައިލާ ޕްރޮޖެކްޓަށް އެސްއީޒެޑްގެ ދަރަޖަ ދީ، އެ މަޝްރޫއު ވަނީ "ސަސްޓެއިނަބަލް ޓައުންޝިޕް" އަކަށް ބަދަލުކޮށްފައިކަން މެމްބަރު ޝަމްހީދު ވަނީ ފާހަގަ ކުރައްވާފަ އެވެ.

އޭނާ ވިދާޅުވީ، މިއީ ސަރުކާރުން ޖަވާބުދާރީވާންޖެހޭ ސީރިއަސް ސުވާލުތަކެއް އުފެދޭ ކަމެއް ކަމަށެވެ. އެ ގޮތުން ޑރ. ޝަމްހީދު ވަނީ އެކްސް ގައި ކުރެއްވި ޕޯސްޓުތަކެއްގައި ސަރުކާރަށް ގިނަ ސުވާލުތަކެއް އަމާޒުކުރައްވާފަ އެވެ.

މި ބަދަލު ގެނައީ ގާނޫނީ އިމުގެ ތެރެއިންތޯ؟

އެސްއީޒެޑްގެ މާއްދާތަކަކީ އަލަށް ކުރެވޭ އިންވެސްޓްމަންޓްތަކާއި އާ މަޝްރޫއުތަކަށް އަމާޒުކޮށްފައިވާ މާއްދާތަކަކަށް ވާއިރު، ކުރިން ދޫކޮށްފައިވާ އަދި އަމަލީ މަސައްކަތް ހިނގަމުންދިޔަ 262 ކޮޓަރީގެ ރިސޯޓެއް އެސްއީޒެޑް ޓައުންޝިޕަކަށް ބަދަލުކުރީ ކިހިނެއްތޯ އައްސަވާ ޑރ. ޝަމްހީދު ވަނީ ސުވާލު އުފައްދަވާފަ އެވެ. ފަތުރުވެރިކަމުގެ މި މަޝްރޫއު ބަދަލުކުރީ ގާނޫނުގެ ކޮން މާއްދާއެއްގެ ދަށުންތޯ އާއި، އެ ހުއްދަ ދިނީ ކޮން ފަރާތަކުންތޯ ވެސް އޭނާ ވަނީ އައްސަވާފަ އެވެ.

އާމްދަނީ ލިބޭނެ ރިސޯޓެއް، ޓެކްސްގެ އިނާޔަތްތައް ލިބޭ އެސްއީޒެޑަކަށް ބަދަލުކުރީ ކީއްވެތޯ؟

މި ބަދަލު ހުއްދަކުރުގެ ކުރިން، ކުރީގެ ރިސޯޓް މޮޑެލް ދޫކޮށްލުމުން ދިވެހިރާއްޖެއަށް ގެއްލޭނެ އާމްދަނީގެ ހިސާބު ސަރުކާރުން ބެލިތޯ ވެސް އޭނާ ވަނީ އައްސަވާފަ އެވެ. ރިސޯޓެއްގެ ގޮތުގައި ހިންގި ނަމަ އަހަރަކު ލިބޭނެ ކަމަށް ލަފާކުރި އާމްދަނީ އަކީ ކޮބައިތޯ އާއި، މިހާރުގެ ޓައުންޝިޕުން އަހަރަކު ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ އަކީ ކޮބައިތޯ  ވެސް ވަނީ އައްސަވާފަ އެވެ. ދާއިރާގެ މާހިރުން ބުނާ ގޮތުގައި، އެސްއީޒެޑްގެ ދަށުން ލިބޭ ޓެކްސް އަދި ކަސްޓަމްސް ޑިއުޓީގެ ބޮޑެތި ލުއިތަކުގެ ސަބަބުން، ރިސޯޓެއްގެ ގޮތުގައި ލިބޭނެ އާމްދަނީގެ ވަރަށް ކުޑަ މިންވަރެއް ނޫނީ ދައުލަތަށް ނުލިބޭނެ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ. މި ދެ ގޮތުގެ ހިސާބުތައް އާންމުކޮށް، ރައްޔިތުންނަށް އެކަން އަޅާކިޔުމުގެ ފުރުސަތު ދޭންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބޭރުގެ މަހުޖަނުންނަށް ދިވެހިންނަށްވުރެ ބޮޑެތި ޓެކްސް ލުއިތަކެއް ދެނީ ކީއްވެތޯ؟

ޑރ. ޝަމްހީދު ވިދާޅުވި ގޮތުގައި އާންމު ބާޒާރުން ދިވެއްސަކު ގެދޮރު ގަންނައިރު 8 އިންސައްތައިގެ ޖީއެސްޓީއެއް ދައްކަންޖެހެ އެވެ. ނަމަވެސް މި ޓައުންޝިޕްތަކުގެ ތެރޭގައި ހިންގާ މުއާމަލާތްތަކުން ނަގާ ޓެކްސް 1 އިންސައްތައާ ގާތްކުރާ މިންވަރަކަށް ކުޑަވުމުގެ ފުރުސަތު އެބައޮތެވެ. ދިވެހިރާއްޖެއިން ގެދޮރު ގަންނަ ދިވެހި ރައްޔިތަކަށްވުރެ، އެސްއީޒެޑެއްގެ ތެރެއިން ލަގްޒަރީ ޕްރޮޕަޓީ ގަންނަ ބޭރުގެ މުއްސަނދިންނަށް ލުއި ގޮތްތަކެއް ހަމަޖައްސައިދެނީ ކީއްވެތޯ އޭނާ ވަނީ އައްސަވާފަ އެވެ.

މުޅި ދިވެހި އިގްސާދަށް މީގެން ކުރާނީ ކޮން ފައިދާއެއްތޯ؟

ޑރ. ޝަމްހީދު ފާހަގަ ކުރެއްވި ގޮތުގައި މި ތަންތަނުން ގެދޮރު ގަތުމަކީ "އިންވެސްޓްމަންޓެއް" ކަމަށް ސަރުކާރުން ތަކުރާރުކޮށް ބުނެ އެވެ. ނަމަވެސް މީހަކު 250,000 އެމެރިކާ ޑޮލަރަށް އެޕާޓްމަންޓެއް ގަތުމުން، އެ ފައިސާގެ ބޮޑު ބައި ލިބޭނީ އެ ތަން ތަރައްގީކުރާ ކުންފުންޏަށެވެ. އޭގެ ތެރެއިން ދައުލަތުގެ ޚަޒާނާއަށް ވަންނަނީ ކިހާ ފައިސާއެއްތޯ އޭނާ ވަނީ އައްސަވާފަ އެވެ. އަދި ރާއްޖޭގެ ބޭންކިން ނިޒާމަށް ވަންނަންޖެހެނީ ކިހާ މިންވަރެއްތޯ އާއި އެ އިންވެސްޓްމަންޓްގެ ތެރެއިން ރާއްޖޭގެ އާންމު އިގްސާދުގެ ތެރޭގައި ދައުރުވާންޖެހެނީ ކިހާ މިންވަރެއްތޯ ވެސް އޭނާ ވަނީ އައްސަވާފަ އެވެ.

ކަސްޓަމްސް އާއި ބޯޑަރު ސަލާމަތީ ކަންކަން ހުރީ ކިހިނެއްތޯ؟

ޑރ. ޝަމްހީދު ވިދާޅުވެފައިވަނީ އެސްއީޒެޑްތަކަށް ކަސްޓަމްސްގެ ބޮޑެތި އިނާޔަތްތަކެއް ލިބޭ ކަމަށެވެ. އެހެންކަމުން، މި ޓައުންޝިޕްތަކަށް އެތެރެވާ މުދަލުގެ މައްޗަށް މޯލްޑިވްސް ކަސްޓަމްސްގެ ބާރު ހިނގާނީ ކިހާ މިންވަރަކަށްތޯ ސަރުކާރުން ސާފުކޮށްދޭންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ގާނޫނީ ގޮތުން ބޭނުންވާ ކޮންމެ ވަގުތެއްގައި އެތަނުގެ ގުދަންތަކާއި، ގެތަކާއި، ވިޔަފާރި ކުރާ ތަންތަން ބަލައި ފާސްކުރުމުގެ ބާރު ކަސްޓަމްސްއަށް އޮތްތޯ ވެސް އޭނާ ވަނީ އައްސަވާފަ އެވެ. ޓައުންޝިޕްގެ މެރީނާ މެދުވެރިކޮށް އެތެރެވާ މުދާ މޮނިޓަރ ކުރަނީ ކޮން ފަރާތަކުންތޯ އާއި އެސްއީޒެޑްގެ ލުއިތަކަކީ މަނާ ތަކެއްޗާއި ނުރައްކާތެރި ތަކެތި ރާއްޖެއަށް އެތެރެކުރަން ބޭނުންކުރާ ދޮރަކަށް ނުވާނެކަން ސަރުކާރުން ކަށަވަރުކޮށްދޭންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގައުމީ ސަލާމަތުގެ ފުރިހަމަ ޒިންމާ ނަގަނީ ކޮން ފަރާތަކުންތޯ؟

މި މަޝްރޫއުގެ ދަށުން ދިވެހި ފަސްގަނޑުގައި ބޭރު މީހުން ދިރިއުޅެވި، އަމިއްލަ ސްކޫލްތަކާއި، ސިއްހީ ޚިދުމަތާއި، ވިޔަފާރި މަރުކަޒުތަކާއި، މެރީނާ އަދި މާލީ ޚިދުމަތްތައް ހިމެނޭ ވަކި މުޖުތަމައެއް މި އުފެދެނީ ކުންފުންޏެއްގެ ބެލުމުގެ ދަށުންކަން ޑރ. ޝަމްހީދު ވަނީ ފާހަގަކުރައްވާފަ އެވެ.

"ކޮންމެ ގެއެއްގައި ދިރިއުޅެނީ ކޮން ބައެއްކަން އެނގެނީ ކާކަށްތޯއެވެ؟"

އަދި އެމީހުންގެ ބެކްގްރައުންޑް ޗެކްތަކާއި، ފައިސާ ހޯދި ގޮތާއި، ބައިނަލްއަގުވާމީ ދަތިކުރުމުގެ ފިޔަވަޅެއް އޮތްތޯ ބަލައި ކަށަވަރުކުރަނީ ކޮން ފަރާތަކުންތޯ ވެސް އޭނާ ވަނީ އައްސަވާފަ އެވެ.

ހެންލީ އެންޑް ޕާޓްނާސް ހޮވީ ކީއްވެތޯ؟

އިންވެސްޓްމަންޓް މައިގްރޭޝަން ޕްރޮގްރާމްތަކާ ގުޅިގެން ބައިނަލްއަގުވާމީ ގޮތުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ހެންލީ އެންޑް ޕާޓްނާސް ކުންފުނި ހޮވި ސަބަބު ސަރުކާރުން ބުނެދޭންޖެހޭނެ ކަމަށް ޑރ. ޝަމްހީދު ވިދާޅުވި އެވެ.

"މި ކުންފުނި ހޮވީ ވާދަވެރި ބިޑް އުސޫލަކުންތޯ އެވެ؟ މި މަޝްރޫއުގައި އެ ކުންފުނީގެ ދައުރަކީ ކޮބައިތޯ އެވެ؟ ކޮންމެ އެޕްލިކޭޝަނަކުން އެ ކުންފުންޏަށް ލިބެނީ ކިހާ ފައިސާއެއްތޯ އާއި ދިވެހި ދައުލަތަށް ލިބެނީ ކިހާ މިންވަރެއްތޯ އެވެ؟" މިއީ ރައްޔިތުންގެ މަސްލަހަތު ހިމެނޭ ކަމަކަށްވާތީ، ސަރުކާރާއި ހެންލީ އެންޑް ޕާޓްނާސްއާ ދެމެދު ވެފައިވާ އެއްބަސްވުން އާންމުކުރަންޖެހޭ ކަމަށް ވެސް ޑރ. ޝަމްހީދު ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު ސިންގަޕޫރުގައި ބޭއްވި މޯލްޑިވްސް-ސިންގަޕޫރު ބިޒްނަސް ފޯރަމްގެ ތެރެއިން، ރާއްޖޭގައި 'ރެސިޑެންސް ބައި އިންވެސްޓްމަންޓް' ޕްރޮގްރާމެއް ތައާރަފުކުރުމަށްޓަކައި ހެންލީ އެންޑް ޕާޓްނާސްއާއެކު ސަރުކާރުން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެހެން ނަމަވެސް ސަރުކާރުން އޭރުވެސް އެ ކުންފުނި މިކަމަށް ހޮވި ގޮތެއް ހާމަކޮށްފަ އެއް ނުވެ އެވެ. އަދި މިކަމުގައި އެކުލެވޭ ވިޔަފާރީގެ މުއާމަލާތްތަކުގެ ތަފްސީލުވެސް ހާމަކޮށްފަ އެއް ނުވެ އެވެ.

މިއަހަރުގެ މާޗު މަހުގެ 26 ގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، މި މަޝްރޫއަށް މަގު ފަހި ކުރުމަށް ބޭރުމީހުންނަށް ހަމަޖައްސާ ވިސާ ސްކީމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ފައިނަލް ކުރުމުގެ މަސައްކަތް އެޓާނީ ޖެނެރަލްގެ އޮފީހާ ގުޅިގެން ސަރުކާރުން ކުރަމުންދާ ކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ހަރަކާތްތެރިވާ، އަދި ވަރުގަދަ ނެޓްވޯކެއް ގާއިމުކޮށްފައިވާ ހެންލީ އެންޑް ޕާޓްނާސްއާ ގުޅިގެން،" މިނިސްޓަރު ވިދާޅުވި އެވެ.

ސައީދު ވިދާޅުވި ގޮތުގައި މި މަސައްކަތަކީ ރާއްޖޭގެ އިގްތިސާދު ސިންދަފާތުކޮށް، ގައުމުގައި ގިނަ ދުވަހު މަޑުކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ބައެކެވެ.

އާދައިގެ އިންވެސްޓްމަންޓް ރެސިޑެންސީ ޕްރޮގްރާމަކާ މި ޕްރޮގްރާމް އަޅާކިޔުން ހުއްޓާލާ

މެމްބަރު ވިދާޅުވީ މިއީ މިކަމުގައި އޮތް އެންމެ އޮޅުވާލުން ބޮޑު ދަލީލެވެ. އިންވެސްޓްމަންޓް ރެސިޑެންސީ ޕްރޮގްރާމްތަކާ ދެކޮޅު ނޫންކަން ފާހަގަ ކުރައްވަމުން ޝަމްހީދު ވިދާޅުވީ، ގިނަ ގައުމުތަކުގައި އެފަދަ ޕްރޮގްރާމްތައް ހުންނަ ކަމަށާއި ނަމަވެސް އާދައިގެ ރެސިޑެންސީ ޕްރޮގްރާމެއްގައި ބޭރު މީހަކަށް އިންވެސްޓްކޮށްގެން ދިރިއުޅެވެނީ އެ ގައުމެއްގެ އާންމު އިގްސާދީ އަދި ގާނޫނީ ނިޒާމުގެ ތެރޭގައިކަމަށެވެ.

"އެކަމަކު މިތަނުގައި މި އުފައްދަނީ މުޅިން ތަފާތު އެއްޗެއް."

އެސްއީޒެޑަކާއި، ވަކިކުރެވިފައިވާ ސަރަހައްދަކާއި، ބޭރު މީހުންގެ މިލްކުވެރިކަން އޮންނަ ގެދޮރާއި، ޓެކްސް އަދި ކަސްޓަމްސްގެ ލުއިތަކާއި، ވަކި ޚިދުމަތްތަކެއް ހިމެނޭ ނިޒާމެއްގެ ތެރެއިން ދޭ ރެސިޑެންސީއެއް ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

"މިއީ އާދައިގެ އިންވެސްޓްމަންޓް ވިސާއަކާ އަޅާކިޔޭނެ ކަމެއް ނޫނެވެ."

އަޅުގަނޑުމެންގެ ރަށްތަކާއި ފަޅުތަކަކީ ގައުމުގެ އެންމެ އަގުބޮޑު ވަސީލަތް

މެމްބަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ދިވެހިރާއްޖޭގައި ބިން އޮތީ އިންތިހާއަށް މަދުކޮށެވެ.

"އަޅުގަނޑުމެންގެ ރަށްތަކާއި، ފަރުތަކާއި، ފަޅުތަކަކީ އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދޭން އޮތް އެންމެ އަގުބޮޑު ތަރިކަ އެވެ. ފާފު އަތޮޅުގެ މައްސަލައިގައިވެސް ފެނިގެންދިޔަ ފަދައިން، ބޭރުގެ ފަރާތްތަކަށް ބޮޑެތި ސަރަހައްދުތައް ދޫކުރުމަކީ ދިވެހި ރައްޔިތުން ނުހަނު ކަންބޮޑުވާ ކަމެކެވެ."

މިހާ ބޮޑު މަޝްރޫއެއް ހިންގާއިރު، އާންމު ރައްޔިތުންގެ ޚިޔާލު ހޯދާފައި ނުވަނީ ކީއްވެތޯ އޭނާ ވަނީ ސުވާލު އުފައްދަވާފަ އެވެ.

"އެއްބަސްވުންތައް ސިއްރުކުރަނީ ކީއްވެތޯ އެވެ؟ ދިވެހިންނަށް މިކަންކަން ސާފުކޮށްނުދީ ބައިތިއްބަނީ ކީއްވެތޯ އެވެ؟" ޝަމްހީދު އައްސަވާފައިވެ އެވެ.

މިއީ އިގްސާދީ ސަރަހައްދެއްތޯ ނުވަތަ ދައުލަތުގެ ތެރޭގައި އުފައްދާ ވަކި ދައުލަތެއްތޯ؟

ބޭރުގެ ރައްޔިތުންނާއި، އަމިއްލަ މިލްކުވެރިކަމާއި، ވަކިކުރެވިފައިވާ ސަރަހައްދަކާއި، ހާއްސަ ޓެކްސް އަދި ކަސްޓަމްސް ލުއިތަކާއި، އަމިއްލަ ސްކޫލްތަކާއި ހޮސްޕިޓަލްތައް ހިމެނޭ ގޮތަށް ހިންގާ މިފަދަ މަޝްރޫއަކާ ގުޅޭގޮތުން ސުވާލު އުފެއްދުމުގެ ހައްގު ރައްޔިތުންގެ މަޖިލީހަށް އެބައޮތް ކަމަށް ޑރ. ޝަމްހީދު ވިދާޅުވި އެވެ. އެސްއީޒެޑެއްގެ ނަމުގައި ހިންގާ މިފަދަ މަޝްރޫއެއް، ރާއްޖޭގެ ބާރު ނުހިނގާ ބޭރުގެ ވަކި ސަރަހައްދަކަށް ބަދަލުވަނީ ކޮން ހިސާބަކުންތޯ؟ އޭނާ އައްސަވާފައިވެ އެވެ.  

ބައިނަލްއަގުވާމީ ގޮތުން މީގެ ކާމިޔާބު މިސާލަކީ ކޮބައިތޯ؟

މިފަދަ ގޮތަކަށް ވަކިކުރެވިފައިވާ، އަމިއްލަ ފަރާތަކުން ތަރައްގީކުރާ އެސްއީޒެޑް ޓައުންޝިޕެއްގައި ބޭރު މީހުންނަށް ގެދޮރު މިލްކުކުރެވޭ ގޮތަށް ހިންގައިގެން، އެ ގައުމެއްގެ ރައްޔިތުންނަށް ދިގުމުއްދަތުގެ ފައިދާ ލިބިފައިވާ ގައުމެއް ސަރުކާރުން ދައްކަން ޖެހޭ ކަމަށް ޑރ. ޝަމްހީދު ވިދާޅުވި އެވެ. މެލޭޝިއާ ނުވަތަ ޕޯޗުގަލް ފަދަ ގައުމުތަކުގައި އިންވެސްޓްމަންޓް ވިސާ އޮންނަ ވާހަކަ އެކަނި ދެއްކުމަކުން ނުފުދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި މަޝްރޫއާ އެއްފަދަ މަޝްރޫއެއް ދައްކަވާށެވެ."

މެމްބަރު ވިދާޅުވި ގޮތުގައި ބައިނަލްއަގުވާމީ ގޮތުން މީގެ މިސާލަކަށް ފެންނަން އޮތީ ހޮންޑިއުރަސްގައި ހިންގި "ޒެޑްއީޑީއީ" (ZEDE) ތަޖުރިބާ އެވެ. އެތަނުގައި އަމިއްލަ އިޚްތިޔާރު ލިބިގެން ހިންގި އިގްސާދީ ސަރަހައްދުތަކުގެ ސަބަބުން ގައުމުގެ ސިޔާދަތާއި ގާނޫނީ ބާރާ މެދު ބޮޑެތި މައްސަލަތަކެއް އުފެދި، އެންމެ ފަހުން އެ ގައުމުގެ ސުޕްރީމް ކޯޓުން ވަނީ އެއީ ގާނޫނުއަސާސީއާ ޚިލާފު ކަމެއް ކަމަށް ކަނޑައަޅާފަ އެވެ.

ޖީލުތަކަކަށް ދެމިގެންދާނެ މިފަދަ ކަމެއް ފެށުމުގެ ކުރިން، ތިން ކަމެއް ސާފުކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް ޑރ. ޝަމްހީދު ވިދާޅުވި އެވެ.

އެއީ: މިއީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއްތޯ؟ އާއި ކުރިން އޮތް މަޝްރޫއަށްވުރެ މީގެން ދިވެހިންނަށް ލިބޭ އިގްސާދީ ފައިދާ ބޮޑުތޯ؟ އާއި އަދި މީގެ ސަބަބުން ރާއްޖޭގެ ސިޔާދަތާއި ގައުމީ ސަލާމަތް ފުރިހަމައަށް ރައްކާތެރިކުރެވޭނެތޯ އެވެ؟

މި ސުވާލުތަކަށް ދެފުށް ފެންނަ ގޮތެއްގައި ސަރުކާރުން ޖަވާބު ނުދޭހާ ހިނދަކު، މަޖިލީހާއި ރައްޔިތުން މިކަމާ މެދު ސުވާލު އުފެއްދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ޑރ. ޝަމްހީދު ވިދާޅުވި އެވެ.

ޕްރޮޖެކްޓް އައިލާޑރ. އަހްމަދު ޝަމްހީދުޑރ. މުޙައްމަދު މުޢިއްޒުހެންލީ އެންޑް ޕާޓްނާސް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

04 އޯގަސްޓު 2026

ދައުލަތުގެ މީޑިއާގެ "ނޭޝަން ޗެޓުގައި" ޕީއެންސީގެ މުސްތަޤުބަލާއި ޕާޓީގެ އެތެރޭގެ އިންތިޚާބުގެ ވާހަކަ!

04 އޯގަސްޓު 2026
ދައުލަތުގެ މީޑިއާގެ "ނޭޝަން ޗެޓުގައި" ޕީއެންސީގެ މުސްތަޤުބަލާއި ޕާޓީގެ އެތެރޭގެ އިންތިޚާބުގެ ވާހަކަ!
03 އޯގަސްޓު 2026

ކިންގްޑަމް އޮފް ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކުރައްވައިފި

03 އޯގަސްޓު 2026
ކިންގްޑަމް އޮފް ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް  ދިޔާނާ ޢައްޔަންކުރައްވައިފި
02 އޯގަސްޓު 2026

ވެރިކަން ނުނިމެނީސް ފޯޅަވަހި ހޯދުމުގެ ވައުދުވެސް ފެނަށް

02 އޯގަސްޓު 2026
ވެރިކަން ނުނިމެނީސް ފޯޅަވަހި ހޯދުމުގެ ވައުދުވެސް ފެނަށް
02 އޯގަސްޓު 2026

ހާލު ކިހިނެއް؟: ކުޅުދުއްފުށި ސިޓީން ބުނަނީ މުއިއްޒަށް ވެރިކަން ކުރަންވެސް ނޭނގޭކަމަށް، ފައިބައިގެން ދާންވެސް ނޭނގޭކަމަށް، އަދި ބޮލަށްފަސޭހަ އެއްގޮތްވެސް ނެތްކަމަށް!

02 އޯގަސްޓު 2026
ހާލު ކިހިނެއް؟: ކުޅުދުއްފުށި ސިޓީން ބުނަނީ މުއިއްޒަށް ވެރިކަން ކުރަންވެސް ނޭނގޭކަމަށް، ފައިބައިގެން ދާންވެސް ނޭނގޭކަމަށް، އަދި ބޮލަށްފަސޭހަ އެއްގޮތްވެސް ނެތްކަމަށް!
01 އޯގަސްޓު 2026

ޕީއެންސީގެ ނައިބު ރައީސްކަމަށް 5 ބޭފުޅަކު ޝައުޤުވެރިކަން ފާޅުކުރައްވައިފި

01 އޯގަސްޓު 2026
ޕީއެންސީގެ ނައިބު ރައީސްކަމަށް 5 ބޭފުޅަކު ޝައުޤުވެރިކަން ފާޅުކުރައްވައިފި
01 އޯގަސްޓު 2026

ސަރުކާރުގެ ހިންގުމުގެ ޚަރަދު އިންތިހާ އަށް ބޮޑުވެފައިވަނިކޮށް، ކުޑަ މަޖިލިހަކާ ބޮޑު މަޖިލިހެއް ހަދަނީ

01 އޯގަސްޓު 2026
ސަރުކާރުގެ ހިންގުމުގެ ޚަރަދު އިންތިހާ އަށް ބޮޑުވެފައިވަނިކޮށް، ކުޑަ މަޖިލިހަކާ ބޮޑު މަޖިލިހެއް ހަދަނީ
30 ޖުލައި 2026

ރާއްޖޭގެ ބޯޑަރުގެ އެތެރޭގައި އުޅޭ ކޮންމެ މީހެއްގެ އިންސާނީ ޙައްޤުތަކާއި ކަރާމާތް ރައްކާތެރިކުރުމަށް ސަރުކާރުން އިސްކަންދޭނެ: ރައީސް މުއިއްޒު

30 ޖުލައި 2026
ރާއްޖޭގެ ބޯޑަރުގެ އެތެރޭގައި އުޅޭ ކޮންމެ މީހެއްގެ އިންސާނީ ޙައްޤުތަކާއި ކަރާމާތް ރައްކާތެރިކުރުމަށް ސަރުކާރުން އިސްކަންދޭނެ: ރައީސް މުއިއްޒު
30 ޖުލައި 2026

އެމްޑީޕީއަކީ އިސްރާއީލަށް ތާއީދުކުރާނެ ޕާޓީއެއް ނޫން، އަބަދުވެސް ތެދުވެ ތިބޭނީ މިނިވަންކަމަށްޓަކައި މަސައްކަތް ކުރަމުންދާ ފަލަސްތީނުގެ ރައްޔިތުންނާއެކު: ނަޝީދު

30 ޖުލައި 2026
އެމްޑީޕީއަކީ އިސްރާއީލަށް ތާއީދުކުރާނެ ޕާޓީއެއް ނޫން، އަބަދުވެސް ތެދުވެ ތިބޭނީ މިނިވަންކަމަށްޓަކައި މަސައްކަތް ކުރަމުންދާ ފަލަސްތީނުގެ ރައްޔިތުންނާއެކު: ނަޝީދު
29 ޖުލައި 2026

އަންނަ އަހަރުގެ ނޮވެންބަރު މަހު މާލޭ ވިޔަފާރި ބަނދަރު ތިލަފުށީގައި އޮޕަރޭޝަނަށް ގެނެވޭނޭކަމުގެ ފުރިހަމަ ޔަޤީންކަން ރައީސް ދެއްވައިފި

29 ޖުލައި 2026
އަންނަ އަހަރުގެ ނޮވެންބަރު މަހު މާލޭ ވިޔަފާރި ބަނދަރު ތިލަފުށީގައި އޮޕަރޭޝަނަށް ގެނެވޭނޭކަމުގެ ފުރިހަމަ ޔަޤީންކަން ރައީސް ދެއްވައިފި
29 ޖުލައި 2026

ހުޅުމާލޭގެ ރައްޔިތުން ތިބީ ކުނި ނެރެވޭނެ ގޮތެއް ނެތި ކޮޓަރިތަކުގައި ކުނި ޖަމާކޮށްގެން: ޝަމްހީދު

29 ޖުލައި 2026
ހުޅުމާލޭގެ ރައްޔިތުން ތިބީ ކުނި ނެރެވޭނެ ގޮތެއް ނެތި ކޮޓަރިތަކުގައި ކުނި ޖަމާކޮށްގެން: ޝަމްހީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް