އުތީމުގެ ބަނދަރާއި މިސްކިތުގެ މަސައްކަތް އަވަސްކުރުމަށާއި، ކައުންސިލް އިދާރާއާއި ދަނޑުގެ މަޝްރޫޢުތައް ނިންމައިދިނުމަށް އެ ރަށު ކައުންސިލުން ރައީސް އަރިހުގައި ދަންނަވައިފި
15 އޯގަސްޓު 2026 | ހޮނިހިރު 13:28ހއ. އުތީމުގެ ބަނދަރާއި މިސްކިތުގެ މަސައްކަތް އަވަސްކުރުމަށާއި، ކައުންސިލް އިދާރާއާއި ކުޅިވަރު ދަނޑުތަކުގެ މަޝްރޫޢުތައް ނިންމައިދިނުމަށް އެ ރަށު ކައުންސިލުން ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އެދިއްޖެ. މީގެއިތުރުން ސިއްޙީ މަރުކަޒަށް ދިމާވެފައިވާ މުވައްޒަފުންގެ ދަތިކަން ވެސް ވަނީ ރައީސް އާ ހިއްސާކޮށްފައި

ރައީސުލްޖުމްހޫރިއްޔާ، އުތީމު ކައުންސިލާ، އ.ތ.މ ކޮމިޓީގެ މެންބަރުންނާއި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވަނީ | ރައީސް އޮފީސް
އުތީމުގެ ބަނދަރާއި މިސްކިތުގެ މަސައްކަތް އަވަސްކުރުމަށާއި، ކައުންސިލް އިދާރާއާއި ދަނޑުގެ މަޝްރޫޢުތައް ނިންމައިދިނުމަށް އެ ރަށު ކައުންސިލުން ރައީސް އަރިހުގައި ދަންނަވައިފި އެވެ.
އުތީމު ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ.) ކޮމިޓީއާއި މުއައްސަސާތަކުގެ އިސްވެރިންނާއި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބައްދަލުކުރައްވާފަ އެވެ. މި ބައްދަލުކުރުމުގައި ރަށު ތަރައްގީގެ ބޭނުންތަކާއި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށް ރައީސް އޮފީހުން ހާމަކޮށްފައިވެ އެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ ހޮނިހިރު ދުވަހު މެންދުރުފަހު އުތީމު ކައުންސިލް އިދާރާގަ އެވެ.
މި ބައްދަލުކުރެއްވުމުގައި އުތީމު ކައުންސިލުން ވަނީ، ރަށު ބަނދަރާއި ބަންޑާރަ މިސްކިތުގެ މަސައްކަތް އަވަސް ފުރުސަތެއްގައި ފެށިގެން ދިއުމަށް އުންމީދުކުރާކަން ހާމަކުރައްވާފަ އެވެ. ކައުންސިލް މެންބަރުން ވަނީ ސްޓޭޓް ހައުސްގެ މަސައްކަތުގެ އަދާހަމަ މަޢުލޫމާތު ރައީސްގެ އަރިހުން އޮޅުންފިލުއްވައި، ފުޓްސަލް ދަނޑާއި ވޮލީ ކޯޓުގެ އިތުރުން ރަށު ކައުންސިލް އިދާރާގެ އިމާރާތުގެ މަސައްކަތް އަވަހަށް ނިންމައިދިނުމަށް އެދިވަޑައިގެންފަ އެވެ. މީގެއިތުރުން ރަށު ސިއްހީ މަރުކަޒުގައި ނަރުހުންގެ ޢަދަދު މަދުކަމަށާއި މުވައްޒަފުންގެ ދަތިކަން އޮތް މިންވަރު މި ބައްދަލުކުރެއްވުމުގައި ހިއްސާކުރައްވާފައިވެ އެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފަ އެވެ. އަދި ޖުމްލަ ގޮތެއްގައި ފާހަގަކުރެއްވި ކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. އަދި މި ބައްދަލުކުރެއްވުމުގައި ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ އުތީމުގެ ތަރައްގީއަށް ކުރިއަށްގެންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢޫލޫމާތުތައް ހިއްސާކުރައްވާފައި ކަމަށް ރައީސް އޮފީހުން ހާމަކޮށްފައިވެ އެވެ.
ހއ. އުތީމު ކައުންސިލް އިދާރާގެ އައު އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތާއި، ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ވަނީ 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 28 ވަނަ ދުވަހު އެރަށަށް ރައީސް މުއިއްޒު ކުރެއްވި ދަތުރުފުޅެއްގައި ބާއްވާފަ އެވެ. މުއިއްޒު ބައިވެރިވެވަޑައިގެންނެވި ވަކިވަކީން އޮތް މި 2 ރަސްމިއްޔާތުގައި، އެރަށު ކައުންސިލް އިދާރާގެ އައު އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް، އާދަމް ޝަރީފު ޢުމަރެވެ. ފުލުހުންގެ މަރުކަޒުގެ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ، ޢަލީ އިޙްސާނެވެ.











