ސަރުކާރުގެ ހިންގުމުގެ ޚަރަދު އިންތިހާ އަށް ބޮޑުވެފައިވަނިކޮށް، ކުޑަ މަޖިލިހަކާ ބޮޑު މަޖިލިހެއް ހަދަނީ
1 އޯގަސްޓު 2026 | ހޮނިހިރު 13:01ސަރުކާރުގެ އެކި ކަންކަމުގައި ލަފާދޭނެ ތަޖުރިބާކާރުންގެ "މަޝްވަރާ މަޖިލީހެއް" އަދި ފަންނީ ބޭފުޅުން ހިމެނޭ "ގައުމީ މަޖިލީހެއް" އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް އުފައްދަވާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެއްޖެ. ސަތޭކައަށް ވުރެ ގިނަ މެންބަރުން ހިމެނޭ މި މަޖިލިސްތަކުގެ މަސައްކަތް ތިން މަސް ތެރޭ ނިންމަވާނެ ކަމަށް ރައީސް ވިދާޅުވިއިރު، ދައުލަތުގެ ހިންގުމުގެ ޚަރަދުތައް ވަނީ އިންތިހާ އަށް އިތުރުވެފައި

ނޭޝަންޗެޓް: އެޕިސޯޑް 3 ގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ | ރައީސް އޮފީސް
ސަރުކާރުގެ ހިންގުމުގެ ޚަރަދުތައް އިންތިހާ އަށް ބޮޑުވެފައިވާކަން ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ފެންނަމުން ދަނިކޮށް، ކުޑަ މަޖިލިހަކާއި ބޮޑު މަޖިލިހެއް ހައްދަވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާކަމަށް ވިދާޅުވެ އެކަމުގެ ތަފްސީލު ދެއްވައިފި އެވެ.
"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި ހަދަނީ ދެ މަޖިލީހެއް އިނގޭތޯ." ޕަބްލިކް ސާވިސް މީޑީއާ އިން ގެނެސްދޭ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ، ކުޑަ މަޖިލީހަކީ އެންމެ ޚިދުމަތްތެރި، އެންމެ ގިނަ ދުވަހު ޚިދުމަތްކުރައްވާފައި ތިއްބެވި ބޭފުޅުންގެ މައްޗަށް އެކުލެވޭ މަޖިލީހެއް ކަމުގައެވެ.
"ވަރަށް ގިނަ ދުވަސްވަންދެން ޤައުމުގައި މަތީ މަގާމުތައް އަދާކުރައްވާފައި ތިއްބެވި މިކަހަލަ ވަރަށް ގިނަ ބޭފުޅުން އެބަތިއްބެވި އަދިވެސް މި ޤައުމުގެ ކަންކަމުގައި ބަސް ވިދާޅުވެލައްވަން ބޭނުންފުޅުވެލައްވާނެ. ޚިޔާލު ދެއްވަން ބޭނުންފުޅުވާނެ ބޭފުޅުން. އެހެންވީމާ، އެފަދަ ބޭފުޅުންގެ މައްޗަށް އެކުލެވޭ، މަޝްވަރާ މަޖިލީހެއް އިރާދަކުރެއްވިއްޔާ މި ހަދަނީ."
މުއިއްޒު ވިދާޅުވީ، އެބޭފުޅުންނަށް ބައެއްފަހަރު ކަންކަމުގައި ދަންނަވާލުމުން މަޝްވަރާ ދެއްވުމާއި، އަދި އެ ބޭފުޅުން އިސްނަންގަވައިގެން ކަންކަމުގައި، ސަރުކާރުގެ ކަންކަމުގައި، ދައުލަތުގެ ކަންކަމުގައި، ނިޒާމާ ގުޅޭ ކަންކަމުގައި، މިހެންގޮސް ކޮންމެ ކަމެއްގައިވެސް މަޝްވަރާ ދެއްވޭނެ ނިޒާމެއް އޭގެ ތެރެއިން ގާއިމު ކުރެވޭނެ ކަމުގަ އެވެ.
ދެވަނަ މަޖިލީހަކީ ބޮޑު މަޖިލީހެއް ކަމުގައި މުއިއްޒު ވިދާޅުވި އެވެ.
"ދެވަނަ މަޖިލީހަކީ، އެއަށްވުރެ ބޮޑުކޮށް، ހުރިހާ ދާއިރާއެއްގެ ފަންނުތަކުގައި ތިއްބެވި، އެކިއެކި ދާއިރާތަކުން ކިޔަވައި ވިދާޅުވެގެން ތިއްބެވި، އަދި ފަންނީގޮތުންވިޔަސް، ޚިދުމަތުގެ ގޮތުންވިޔަސް، ތަޖުރިބާކާރު ބޭފުޅުންގެ މައްޗަށް އެކުލެވޭ ޤައުމީ މަޖިލީހެއް." މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ، އެ މަޖިލީހުގެ މެމްބަރުންގެ އަދަދު "ސަތޭކައާއި ސަތޭކަ ފަންސާހާ ދޭތެރޭގައި ހިނގައިދާނެ،" ކަމަށެވެ.
"މިސާލަކަށް، ޞިއްޙީ ދާއިރާއަށް ބެއްޔަސް، ޞިއްޙީ ދާއިރާއަކީވެސް ވަރަށް ފުޅާ ދާއިރާއެއް. ޞިއްޙީ ދާއިރާގެ ޕަބްލިކް ހެލްތު ދާއިރާ، ޑޮކްޓަރުން، ނަރުހުން، ކާބޯތަކެތި، މިހެންގޮސް އެކި ދާއިރާތައް އެބަހުރި. ތަޢުލީމީ ދާއިރާގައިވެސް، ހަޔަރ އެޑިޔުކޭޝަން ދާއިރާ. ދެންގޮސް، ޕްރައިމަރީ ޓީޗިންގ ދާއިރާ، މިހެންގޮސް އެކި ދާއިރާ، ތަޢުލީމީ ދާއިރާގައިވެސް އެބަހުރި. އެކިކަހަލަ އިކޮނޮމިކް ދާއިރާތައްވެސް އެބަހުރި. މިހެން ބަލައިލާއިރު މުޅި ޤައުމެއްގެ ހުރިހާ ފަންނުތަކަށް ބަލައިލާއިރުގައި، ވަރަށް ކޮމްޕްރިހެންސިވް ޕޫލެއް ހަދާކަމަށްވަންޏާ ސަތޭކައަށްވުރެ ގިނަވާނެ." ސަތޭކައާއި ސަތޭކަ ފަންސާހާ ދޭތެރޭގައި ހިނގައިދާނެ."
މުއިއްޒު ވިދާޅުވީ، މި މަޖިލީހުގެ ބޭނުމަކީ، ކްރީމް އޮފް ދަ ކްރީމް، އެންމެ ތަޢުލީމީ، އެންމެ ތަޖުރިބާކާރު ބޭފުޅުންގެ މައްޗަށް އެކުލެވޭ މަޝްވަރާ، ނޫނީވިއްޔާ ލަފާދޭ ޤައުމީ މަޖިލީހެއް އުފައްދައި، ޤައުމުގައި ހުންނަ ކަންކަމާ މެދުގައި ނިޒާމުގެ ތެރެއިން ބަޙުޘްކޮށް، މަޝްވަރާކޮށް، ކަންކަމުގައި ޕޭޕަރު ހުށަހަޅައި، ކަންކަމުގައި މަޝްވަރާ ދެއްވުމަށް ކަމަށެވެ.
ރައީސް ވިދާޅުވީ، އެ ބޭފުޅުން އިސްނަންގަވައިގެން ކަންކަން ހުށަހެޅުއްވޭނެ ކަމަށާއި، ސަރުކާރުގެ ފަރާތުންވެސް، އަދި ދައުލަތުގެ އެހެން މުއައްސަސާތަކުންވެސް އެ ބޭފުޅުންގެ ކިބައިން ލަފައަށް އެދެވޭނެ ކަމުގަ އެވެ.
މަޖިލީސްތައް އުފެއްދުމުގެ މަސައްކަތް ލިޔެކިޔުމަށް ތިރިކޮށް، މިކަމުގައި ކުރަންޖެހޭ އިދާރީ އަދި އިޖްރާއީ ހުރިހާ މަސައްކަތް ނިންމާފައި، މިފަދަ ބޮޑީއެއް އުފެއްދުމުގެ މަސައްކަތް ގިނަވެގެން ތިންމަސްދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ ނޮވެންބަރުމަސް އަންނަންވާއިރުގައި މި ދެ މަޖިލީސް އުފެއްދޭނެ." ކަމަށް މުއިއްޒު ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ އަށް ލަފާ އެރުވުމަށް އިތުރު މަޖިލިސްތަކާއި އެކަންކަމަށް ބޭނުންވާ އިދާރީ އިންތިޒާމުތައް ހަމަޖައްސާ ވާހަކަ ރައީސް ދެއްކެވި އިރު ދައުލަތުގެ ހިންގުމުގެ ޚަރަދުތައް އިންތިހާ އަށް ބޮޑުވެފައިވާކަން ވަނީ ފާހަގަ ކުރެވިފަ އެވެ. އެގޮތުން ޖޫން މަހުގެ ނިޔަލަށް ޖުމްލަ 34.2 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިއީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ޚަރަދުކުރި 19 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 44.5 އިންސައްތައިގެ ބޮޑު އިތުރުވުމެއްކަން ވަނީ ފާހަގަ ކުރެވިފަ އެވެ. މިކަން މިހެން އޮތް އިރު، ދައުލަތުގެ މާލީ ހާލަތު ބަޔާންކޮށް މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން އާންމުކުރި ރިޕޯޓުން ދައްކާގޮތުގައި، ހިންގުމުގެ ޚަރަދު ނުވަތަ ރިކަރަންޓް ޚަރަދުގެ ގޮތުގައި 20.8 ބިލިއަން ރުފިޔާ ހޭދަކުރި އިރު، ޖޫން މަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓު އޮތީ 1.3 ބިލިއަން ރުފިޔާގެ ޑެފިސިޓެއްގަ އެވެ.











