ކުޑަ ރަށެއް ބޮޑު ރަށެއް ބެލުމެއް ނެތި ތަރައްޤީކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއިރު، ކުރިން ވިދާޅުވެފައިވަނީ ރާއްޖޭގެ ހުރިހާ ރަށެއް ތަރައްޤީ ނުކުރެވޭނެ ކަމަށް
1 އޯގަސްޓު 2026 | ހޮނިހިރު 04:5026 ސެޕްޓެމްބަރު 2024 ގައި ޕްރިންސްޓަން ޔުނިވާރސިޓީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ 186 ރަށެއް އޮތް އިރު އެ ހުރިހާ ރަށެއް އެއްވަރަކަށް ތަރައްޤީ ކުރުމަކީ ނުވަތަ ސަމާލުކަން ދީގެން ކުރިއަށް ދިއުމަކީ ވާނެ ކަމެއް ނޫން ކަމަށް. ނަމަވެސް ނިމިދިޔަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ކުޑަ ރަށެއް ބޮޑު ރަށެއް ބެލުމެއް ނެތި ތަރައްޤީ ކުރަމުން ދާނެ ކަމަށް


މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ | ރައީސް އޮފީސް
ދިވެހިރާއްޖޭގައި އޮތް މީހުން ދިރިއުޅޭ 186 ރަށް އެއްކޮށް ތަރައްޤީ ނުކުރެވޭނެ ކަމަށް ކުރިން ވިދާޅުވި ރައީސް ޑރ. މުހައްމަދު މުއިއްޒު، ކުޑަ ރަށެއް ބޮޑު ރަށެއް ބެލުމެއްނެތި ރާއްޖެ ތަރައްޤީ ކުރައްވާނެ ކަމަށް ވިދާޅުވެއްޖެ އެވެ.
26 ސެޕްޓެމްބަރު 2024 ގައި ޕްރިންސްޓަން ޔުނިވާރސިޓީއަށް ދެއްވި އިންޓަވިއުއެއްގައި މުއިއްޒު ވިދާޅުވެފައިވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ 186 ރަށެއް އޮތް އިރު، އެ ހުރިހާ ރަށެއް އެއްވަރަކަށް ތަރައްޤީ ކުރުމަކީ ނުވަތަ ސަމާލުކަން ދީގެން ކުރިއަށް ދިއުމަކީ ވާނެ ކަމެއް ނޫން ކަމަށެވެ. އަދި ރައީސް މުއިއްޒުގެ ސަރުކާރުގެ ސިޔާސަތަކީ މާލެ ސަރަހައްދުގަ އާއި ރާއްޖޭގެ ދެކުނާއި އުތުރުގައި އާބަން ސެންޓަރުތަކެއް ގާއިމުކުރުން ކަމަށެވެ. އަދި ރަސްމާލެ އަކީ ވެސް މި ސިޔާސަތުގެ ދަށުން ތަރައްޤީ ކުރެވޭ ތަނެއް ކަމަށް ވެސް އޭރު ވަނީ ވިދާޅުވެފަ އެވެ.
ވީ ކެނޮޓް ކެރީ އޮން ޑިވެލޮޕިންގ އޯ ފޯކަސިންގ އޮން އޯލް ދަ 186 އައިލެންޑްސް އޭސް އައި މެންޝަންޑް، އަވަރ ޕްލޭން އިސް ޓު ހޭވް އާބަން ސެންޓާސް އެކްރޮސް ދަ ކަންޓްރީ ދަ ކެޕިޓަލް ރީޖަން، ސަމް އިން ދަ ނޯތު، ސަމް އިން ދަ ސައުތުރައީސް މުއިއްޒު
އާބަން ސެންޓަރުގެ ގޮތުގައި ރާއްޖޭގެ 7 ރަށެއް ތަރައްޤީ ކުރުމަށް ރައީސް މުއިއްޒު ނިންމާފައިވެ އެވެ. އެގޮތުން ރ. އުނގޫފާރު، ބ. އޭދަފުށި، ޅ. ނައިފަރު، އދ. މަހިބަދޫ، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ އަދި ލ. ފޮނަދޫ އެވެ.
މިފަހުން ވެސް ރައީސްގެ ޕޮޑްކާސްޓްގައި އަތޮޅު ތެރޭގައި ތަރައްޤީ ކުރެވޭ އާބަން ސެންޓަރުތަކަށް މާލެގައި ދިރިއުޅޭ ރައްޔިތުން ވެސް ވަރަށް އަވަހަށް ބަދަލު ވާތަން ފެންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.
ނަމަވެސް ނިމިދިޔަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ކުޑަ ރަށެއް ބޮޑު ރަށެއް ބެލުމެއް ނެތި ތަރައްޤީ ކުރަމުން ދާނެ ކަމަށެވެ.
މީގެއިތުރުން، 2028 ވަނަ އަހަރުގެ މިނިވަން ދުވަސް އަންނަ އިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ، ކުނި ކޮށި، ވޭސްޓް މެނޭޖްމެންޓް، ފިޓްނެސް ރެކްރިއޭޝަން ސެންޓަރު، އައުޓް ޑޯ ޖިމް، ކުޑަކުދިންގެ ޕާކް، އޭޓީއެމް، ފުޓްސަލް ނުވަތަ ފުޓުބޯޅަ ދަނޑު ގާއިމުކޮށް، ކަރަންޓާއި ބެހޭ ހުރިހާ ކަމެއް ފުރިހަމަ ކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ފުލުހުންގެ އަމިއްލަ މަރުކަޒުތައް ގާއިމު ކުރުމާއި ލެބޯޓަރީ އަދި ރާއްޖޭގެ ސިއްހީ ނިޒާމް އެކީ ވަރުގަދަކުރުމާއި އެސްޓީއޯ ރޭޓގައި ތެޔޮ ލިބޭނެ ޝެޑްތައް ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ގާއިމުކުރުމާއި މޯލްޑިވްސް ނޭޝަނަލް ޔުނިވާރސިޓީ އަދި އިސްލާމިކް ޔުނިވާރސިޓީގެ ކޭމްޕަސްތައް ކޮންމެ އަތޮޅެެއްގައި ގާއިމުކުރުމާއި 100 ރަށުގެ ކައުންސިލް އިމާރަތް ނިންމުމާއި ކަރަންޓަށް ކުރާ ހަރަދު 33 އިންސައްތަ ރިނިއުބަލް އެނާރޖީއަށް ބަދަލުކުރުމާއި ފަސް މިލިއަން ގަސް އިނދުމާއި މޯލްޑްވިސް 2.0 ހަގީގީ މާނައިގައި ތަންފީޒު ކުރުމުގެ އިތުރުން ކޮންމެ ރައްޔިތެއްގެ ޖީބަށް ޑޮލަރު ވަންނާނެ 10 ރިސޯޓު 2028 ވަނަ އަހަރުގެ ޖުލައި 26ށް ގާއިމުކޮށް ނިމޭނެ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.
މީގެއިތުރުން ވެސް ކޮންމެ 30 މިނެޓަކުން ދެވޭ ހިސާބުގައި އެއާޕޯޓުތައް އެޅުންފަދަ ބޮޑެތި ކަންކަން ނިންމަވާނެ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.











