ރާއްޖޭގައި ކުރެވޭ އޮޕަރޭޝަނެއްކަމަށް ބުނެ އާސަންދަ ނުދިން، ޕްރެޝަރުމަތިކަމަށް ބުނެ ރާއްޖޭގައި އޮޕަރޭޝަން ކުރެވޭކަށް ނެތް!
1 އޯގަސްޓު 2026 | ހޮނިހިރު 14:11ބަދައިގެ އޮޕަރޭޝަނެއް ކުރުމަށް މާލޭގައި ހަތަރު މަސް ހޭދަކުރި މީހަކަށް، ސިއްހީ ނިޒާމުގެ އިހުމާލުން ފަރުވާ ނުލިބި އެނބުރި ރަށަށް ދާންޖެހުމުން އާސަންދަ އާއި ސިއްހީ ނިޒާމަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައި. އާސަންދަ ނުލިބުމާއި ބޭސް ހޯދުމުގައި ހުރި ދަތިތަކުގެ ސަބަބުން އެ މީހާގެ ހާލަތު އިތުރަށް ގޯސްވަމުންދާއިރު، މިއީ އާންމު ރައްޔިތުން އުފުލަންޖެހިފައިވާ ބޮޑު ތަކުލީފެއްގެ ގޮތުގައި އޭނާ ފާހަގަކުރި

ރާއްޖޭގައި ކުރެވޭ އޮޕަރޭޝަނެއްކަމަށް ބުނެ އާސަންދަ ނުދިން، ޕްރެޝަރުމަތިކަމަށް ބުނެ ރާއްޖޭގައި އޮޕަރޭޝަން ކުރެވޭކަށް ނެތް! | ރާއްޖެ އެމްވީ
ހދ. ކުޅުދުއްފުށިން ރާއްޖެޓީވީއާ ވާހަކަދެއްކި އުމުރުން ދުވަސްވީ މީހަކު ވަނީ ރާއްޖޭގެ ސިއްހީ ނިޒާމާއި އާސަންދަ ހަމަޖެހުމުގައި ހުރި ބޮޑެތި ގޮންޖެހުންތަކުގެ ސަބަބުން އޭނާ އުފުލަންޖެހިފައިވާ ހިތްދަތި ތަޖުރިބާތައް ހިއްސާކޮށްފަ އެވެ. ބަދަތައް ހަލާކުވެ ހިނގާބިނގާވެ އުޅުމަށް ނުކުޅެދިފައިވާ މި މީހާ ބުނި ގޮތުގައި، އެކަށީގެންވާ ފަރުވާއެއް ނުލިބި އޭނާގެ ހާލަތު ދަނީ ދުވަހުން ދުވަހަށް ގޯސްވަމުންނެވެ.
އެ މީހާ ކިޔައިދިން ގޮތުގައި ބޭސްފަރުވާގެ ބޭނުމަށް މާލެ ގޮސް ހަތަރު މަހަށް ވުރެ ގިނަ ދުވަސް އޭނާ ހޭދަކުރި އެވެ. އެއީ 2023 ވަނަ އަހަރުގެ ފަހުކޮޅު، މިހާރުގެ ރައީސް ޑރ. މުޙައްމަދު މުއިއްޒު މަގާމުގެ ހުވާކުރެއްވި ދުވަސްވަރެވެ. އޭރު އޭނާ ބެއްލެވި ޑޮކްޓަރުން ލަފާދެއްވީ ބަދައިގެ އޮޕަރޭޝަނެއް ކުރަންޖެހޭ ކަމަށެވެ. ނަމަވެސް ރާއްޖެއިން ބޭރަށް ގޮސް އެ އޮޕަރޭޝަން ކުރުމަށް އާސަންދައަށް އެދުމުން، އެއީ ރާއްޖޭގައި ކުރެވޭ އޮޕަރޭޝަނެއް ކަމަށް ބުނެ އާސަންދަ ދޭން ވަނީ ދެކޮޅު ހަދާފަ އެވެ.

ހދ. ކުޅުދުއްފުށިން ރާއްޖެޓީވީއާ ވާހަކަދެއްކި އުމުރުން ދުވަސްވީ މީހަކު | ރާއްޖެއެމްވީ
ރާއްޖޭގައި އޮޕަރޭޝަން ކުރުމަށް ތައްޔާރުވުމުގެ ގޮތުން، އޮޕަރޭޝަން ކުރުމުގެ 48 ގަޑިއިރު ކުރިން އޭނާ ބޭނުންކުރަމުންދިޔަ ހުރިހާ ބޭސްތަކެއް ކެއުން ހުއްޓާލުމަށް ޑޮކްޓަރުން އެންގި އެވެ. ނަމަވެސް އޮޕަރޭޝަން ތިއޭޓަރަށް ވެއްދި އިރު، ބޭސް ހުއްޓާލުމުގެ ސަބަބުން އޭނާގެ ލޭގެ ޕްރެޝަރު ވަނީ އިންތިހާއަށް މައްޗަށް ގޮސްފަ އެވެ.
ބޭސް ކެއުން މަނާކުރުމުން ޕްރެޝަރު މަތިވާނެކަން ޑޮކްޓަރުންނަށް އެނގެންވާނެ ކަމަށް ބުނެ އޭނާ ވަނީ ނިޒާމުގައި ހުރި އިހުމާލުތަކަށް ފާޑުކިޔާފަ އެވެ. ޕްރެޝަރު މަތިވުމުގެ ސަބަބުން އެންމެ ފަހުން އޮޕަރޭޝަން ނުކުރެވި، ހަތަރު މަސް ދުވަހު މާލޭގައި ތަހައްމަލުކުރި ތަކުލީފުތަކާއެކު އޭނާއަށް ޖެހުނީ އެއްވެސް ފަރުވާއެއް ނުލިބި އެނބުރި ރަށަށް ދާށެވެ.
ދެން އެންމެ ފަހުން އޮޕަރޭޝަން ކުރެވޭ ގޮތެއް ނުވި. 4 މަސް ހޭދަކޮށްފައި އަނބުރާ ދާންޖެހުނީ އެއްވެސް ފަރުވާއެއް ނުހޯދި، ދެން މިކަމުގައި ހަދަންވީ ގޮތެއް ނޭނގުނު، ރާއްޖޭގައި ކުރެވޭ އޮޕަރޭޝަނެއްކަމަށް ބުނެ އާސަންދަ ނުދިން، ޕްރެޝަރުމަތިކަމަށް ބުނެ ރާއްޖޭގައި އޮޕަރޭޝަން ކުރެވޭކަށް ނެތްހދ. ކުޅުދުއްފުށިން ރާއްޖެޓީވީއާ ވާހަކަދެއްކި އުމުރުން ދުވަސްވީ މީހަކު
މީގެ އިތުރުން، ގަވާއިދުން ބޭނުންކުރަންޖެހޭ ބޭސްތައް ހޯދުމުގައި ވެސް އޭނާއަށް ވަނީ ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފަ އެވެ. ލޭގެ ޕްރެޝަރު ދަށްކުރަން ބޭނުންކުރާ ބޭސްތައް ރާއްޖޭގެ ފާމަސީތަކުން ގަވާއިދުން ނުލިބޭ ކަމަށާއި، ގިނަ ފަހަރު ބޭސް ގެންނަން ޖެހެނީ ރާއްޖެއިން ބޭރުން ކަމަށް އޭނާ ބުންޏެވެ. އަދި ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެފައިވުމުން، އާންމު ދިރިއުޅުމުގެ ޚަރަދުތައް ދެކޮޅު ނުޖެހި، ދިރިއުޅުން ބޮޑު ތަކުލީފަކަށް ވެފައިވާ ކަމަށް އޭނާ ވަނީ ކަންބޮޑުވުމާއެކު ފާހަގަކޮށްފަ އެވެ.









