އެމެރިކާާ އިން ވަގުތީ އެއްބަސްވުމާ ޚިލާފު ވަމުންދާތީ، އީރާން އިން އޮތީ މަޝްވަރާ ކުރުމުގެ ވިސްނުމެއްގައި ނޫން
9 އޯގަސްޓު 2026 | އާދީއްތަ 10:22އަރާގްޗީ ވިދާޅުވީ، ދެ ޤައުމުގެ ދެ މެދުގައި ވެފައިވާ އެއްބަސްވުން ތަކަށް އެމެރިކާ އިން އިޙުތިރާމް ކުރަން ޖެހޭނެ ކަމަށް. ނަމަވެސް، އެމެރިކާގެ ސަރުކާރުން އެއްބަސްވުމުގެ މާއްދާތަކާ ތަކުރާރުކޮށް ޚިލާފު ވަމުންދާ ކަމަށާއި، މިފަދަ މާހައުލެއްގައި އިތުރު މަޝްވަރާ ތަކެއް ކުރުމުގެ ބޭނުމެއް އޮތް ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް ވެސް އަރާގްޗީ ވަނީ ވިދާޅުވެފައި


އީރާާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ | ގެޓީ އިމޭޖަސް
އީރާން އާއެކު ވެފައިވާ ވަގުތީ އެއްބަސްވުމުގެ އުސޫލުތަކާ އެމެރިކާ އިން ޚިލާާފު ވަމުންދާހާ ހިނދަކު، އެ ޤައުމާ އެކު އެއްވެސް ބާވަތެއްގެ މަޝްވަރާއެއް ކުރިއަށް ނުގެންދާނެ ކަމަށް އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ވިދާޅުވެއްޖެ އެވެ.
އީރާންގެ މެހެރު ނިއުސް އެޖެންސީ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ފޮރިން މިނިސްޓަރު އަރާގްޗީ މިހެން ވިދާޅުވީ އެމެރިކާ އާއި އީރާންއާ ދެމެދު އޮތް ނުތަނަވަސްކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ.
އަރާގްޗީ ވިދާޅުވީ، ދެ ޤައުމުގެ ދެ މެދުގައި ވެފައިވާ އެއްބަސްވުން ތަކަށް އެމެރިކާ އިން އިޙުތިރާމް ކުރަން ޖެހޭނެ ކަމަށެވެ. ނަމަވެސް، އެމެރިކާގެ ސަރުކާރުން އެއްބަސްވުމުގެ މާއްދާތަކާ ތަކުރާރުކޮށް ޚިލާފު ވަމުންދާ ކަމަށާއި، މިފަދަ މާހައުލެއްގައި އިތުރު މަޝްވަރާ ތަކެއް ކުރުމުގެ ބޭނުމެއް އޮތް ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް ވެސް އަރާގްޗީ ވަނީ ވިދާޅުވެފައި އެވެ.
މީގެ އިތުރުން އީރާންގެ ފޮރިން މިނިސްޓަރު އަރާގްޗީ ވިދާޅުވީ، މަޝްވަރާގެ މޭޒަށް ދިޔުމުގެ ކުރިން އެމެރިކާ އިން އެ ޤައުމުގެ ސިޔާސަތުތައް އިސްލާޙުކޮށް، ވެފައިވާ އިޤުރާރު ތަކަށް އަމަލު ކުރަން ޖެހޭނެ ކަމަށެވެ. އެއާ އެކު އަރަގްޗީ ވިދާޅުވީ، އީރާން އިން އެ ޤައުމުގެ މަސްލަޙަތު ހިމާޔަތް ކުރުމުގައި އެއްވެސް ފަސްޖެހުމެއް ނޯންނާނެ ކަމުގެ ޔަޤީންކަން އަރުވާ ކަމަށެވެ.
އެމެރިކާ އާއި އީރާންއާ ދެމެދު އޮންނަ ގުޅުން ފާއިތުވި ދުވަސް ތަކުގައި ވަރަށް ބޮޑަށް ގޯސްވެފައިވާއިރު، މިއަހަރުގެ ފެބްރުވަރީ މަހުގެ 28 ވަނަ ދުވަހު ފެށި ހަނގުރާމައިގެ ސަބަބުން އެ ގުޅުން ވަނީ އިތުރަށް ގޯސްވެފައި އެވެ. ނަމަވެސް، ދެ ޤައުމުގެ ދެ މެދުގައި ސުލްޙަ ޤާއިމުކޮށް، އެއްބަސްވުމެއް ޤާއިމު ކުރުމަށް މެދުވެރިން އަންނަނީ ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ.
މަސްދަރު: އަލް ޖަޒީރާ










