ކުރީ ސަރުކާރުން މަސައްކަތް ފަށާފައިވަނިކޮށް ރައީސް މުއިއްޒު މ. މުލަކަށް ވަޑައިގެން އިފްތިތާހްކޮށްދެއްވައި އަލުން ފެށި ބަނދަރުގެ މަޝްރޫއު ހުއްޓިފައި!
7 އޯގަސްޓު 2026 | ހުކުރު 14:05މ. މުލަކު ބަނދަރުގެ މަސައްކަތް ހުއްޓިފައި އޮތުމުގެ ސަބަބުން، އެ ރަށުގެ މަސްވެރިންނާއި އާންމުންނަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ކައުންސިލުން ބުނެފި. ރޯދަ މަހުގެ ފަހުން ކޮންކްރީޓް ބްލޮކްތައް ގެންނާނެ ކަމަށް ބުނި ނަމަވެސް، މަސައްކަތް އަލުން ފެށޭނެ ތާރީޚެއްގެ އެއްވެސް މައުލޫމާތެއް މިހާތަނަށް ލިބިފައި ނުވާ ކަމަށް އެ ރަށު ކައުންސިލުން ބުނޭ


މ. މުލަކު ބަނދަރު މަސައްކަތް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ސަރަހައްދު | ރާއްޖެ އެމްވީ
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އަމަލީ މަސައްކަތް ފަށާފައިވާ މ. މުލަކު ބަނދަރު މަޝްރޫއު، ރައީސް ޑރ. މުހައްމަދު މުއިއްޒު އަލުން އިފްތިތާހް ކޮށްދެއްވައި، މަސައްކަތް ފެށި ނަމަވެސް، މިހާރު އޮތީ އެ މަސައްކަތް ހުއްޓިފައި ކަމަށް މ. މުލަކު ކައުންސިލްގެ ރައީސް އަހުމަދު ޖަމާލު ވިދާޅުވެއްޖެ އެވެ.
މ. މުލަކު ކައުންސިލްގެ ރައީސް ޖަމާލު ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މި މަސައްކަތަކީ ރައީސް ސޯލިހުގެ ސަރުކާރުގައި 2023 ވަނަ އަހަރު ފެށުނު މަސައްކަތެއް ކަމަށެވެ. އޭރުގައި ކޮނުމުގެ މަސައްކަތް ކުރިއަށް ދިޔަ ނަމަވެސް ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން ފަހުން ދުވަސްކޮޅަކަށް މަސައްކަތް ކުރިއަށް ގޮސް ފަހުން ހުއްޓިފައިވާ ކަމަށް ޖަމާލު ވިދާޅުވި އެވެ.
ރައީސް މުއިއްޒު 2025 ވަނަ އަހަރު ސެޕްޓެމްބަރު މަހުގެ ތެރޭގައި މުލަކަށް ވަޑައިގަންނަވާ ބަނދަރު މަޝްރޫއު އަލުން އިފްތިތާހު ކޮށްދެއްވި ކަމަށް ޖަމާލު ވިދާޅުވި އެވެ. އަދި އޭރުގައި ކޮނުމުގެ މަސައްކަތް ކުރިއަށް ގޮސް މިހާރު މަސައްކަތް އޮތީ ހުއްޓިފައި ކަމަށް ވެސް ވިދާޅުވި އެެވެ.
މުލަކުގައި ކުޑަ ބަނދަރެއް އޮތުމުގެ ސަބަބުން ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭ ކަމަށް ވިދާޅުވެ، ޖަމާލު ވަނީ ކަންބޮޑުވުން ފާޅުކޮށްފައި އެވެ.
ދެން ހާއްސަކޮށް މިރަށަކީ މަސްވެރި ރަށެއް ވީމަ ހަމަ ކުޑަ ބަނދަރެއް ވީމަ ވަރަށް ކާރޫބާރޫ ބޮޑުކޮށް މި އޮންނަނީ، އަޅުގަނޑުމެން ކައުންސިލަށް ވަރަށް ބޮޑު ގޮންޖެހުމެއް ގޮތުގައި މި އޮންނަނީ ހާއްސަކޮށް މާލެ ދަތަރުކުރާ ބޯޓުތަކާއި މަސްވެރި އުޅަނދުތަކާއި އެއްކޮށް ވަނީމަ ހަމަ ބަނދަރު އެއްކޮށް މި އޮންނަނީ ފުލް ވެފައި އެހެންވީމަ މި މަސައްކަތަކީ ހަމަ އަޅުގަނޑުމެން ކައުންސިލުން ހާއްސަ އިސްކަމެއް ދީގެން ނިންމަން ރައީސްގެ އަރިހުގައި ވެސް އެދިފައި އޮތް މަސައްކަތެއް ކަން އަޅުގަނޑު ފާހަގަކޮށްލަންއަހުމަދު ޖަމާލް
މި މަޝްރޫއު ހުއްޓިފައި ވަނީ މިއަހަރު ރޯދައިގެ ކުރިން ކަމަށާއި އޭރުގައި މި މަސައްކަތް ހުއްޓުމުން، ރޯދައިގެ ފަހުން ކޮންކްރީޓް ބްލޮކް އަންނާނެ ކަމަށް ބުނި ނަމަވެސް އޭގެ ފަހުން އަޕްޑޭޓެއް ނުލިބޭ ކަމަށް ޖަމާލު ވިދާޅުވި އެވެ.









