ފީފާގެ ރައީސް އިންފަންޓީނޯއަށް އޮތް އިތުބާރު ގެއްލިއްޖެ ކަމަށް ޔޫރަޕްގެ ފުޓްބޯޅައިގެ މައި އިދާރާ އިން ބުނެފި
1 އޯގަސްޓު 2026 | ހޮނިހިރު 13:29ވޯލްޑް ކަޕްގެ ހިއްސާ ވިއްކާލުމުގެ މަޝްރޫއު ސިއްރުވެރި ގޮތަކަށް ކުރިއަށް ގެންދަން އުޅުމުން، ފީފާގެ ރައީސް އިންފަންޓީނޯއަށް އޮތް އިތުބާރު ގެއްލިފައިވާ ކަމަށް ޔޫއެފާ އިން ވަނީ ބުނެފައި. މި މައްސަލައިގައި ޔޫއެފާ އިން މުބާރާތްތައް ބޮއިކޮޓް ކުރާނެ ކަމުގެ އިންޒާރު ދީފައިވާއިރު، އިންފަންޓީނޯގެ "ދެފުށް ފެންނަ" ސިޔާސަތާ މެދު ވެސް މިހާރު ވަނީ ސުވާލު އުފެދިފައި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ، 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ތަށި ދައްކާލުމުގެ ރަސްމިއްޔާތުގެ ތެރެއިން | ރޮއިޓާސް
ޔޫރަޕްގެ ފުޓްބޯޅައިގެ މައި އިދާރާ، ޔޫއެފާ އިން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް އޮތް އިތުބާރު ގެއްލިއްޖެ ކަމަށް އިއުލާންކޮށްފި އެވެ. ވޯލްޑް ކަޕާއި އެހެނިހެން ބޮޑެތި މުބާރާތްތަކުގެ ހިއްސާ އަމިއްލަ ފަރާތްތަކަށް ވިއްކާލުމަށް ގެންގުޅުނު ބޮޑު މައްސަލަގަނޑަކަށް ވެފައިވާ މަޝްރޫއު ފީފާ އިން ދޫކޮށްލި ނަމަވެސް، މިކަމާ ގުޅިގެން އިންފަންޓީނޯއަށް ކުރިމަތިވެފައިވާ ފިއްތުންތައް ވަނީ އިތުރުވެފަ އެވެ.
ހޮނިހިރު ދުވަހުގެ ހެނދުނު ނެރުނު ވަރުގަދަ ބަޔާނެއްގައި ޔޫއެފާ އިން ވަނީ، އެ މަޝްރޫއު އަނބުރާ ގެންދަން ފީފާ އިން ނިންމި ނިންމުމަށް މަރުހަބާ ކިޔާފަ އެވެ. ނަމަވެސް، އެ އިދާރާ އިން ވަނީ އިންފަންޓީނޯއާ މެދު އޮތް ހިތްހަމަނުޖެހުންތައް ވަރަށް ސާފުކޮށް ހާމަކޮށްފަ އެވެ.
"ކާކުކަން ނޭނގޭ ބަޔަކު އަޑީގައި ތިބެގެން، ފުޓްބޯޅައަށް އޮތް ފައިދާއެއް ވެސް ޔަގީންނުވާ ގޮތަށް، ސިއްރު ރޭވުންތަކެއްގެ ދަށުން އަވަސްއަރުވާލައިގެން މިފަދަ ކަންކަން ކުރިއަށް ގެންދިއުމަށް އަހަރެމެންނަށް ފުރުސަތެއް ނުދެވޭނެ،" ޔޫއެފާ ބަޔާނުގައި ބުނެފައިވެ އެވެ.
"މިކަމުގެ ޒިންމާ އުފުލަންޖެހޭ ފަރާތްތައް ދެނެގަނެ، އެ ފަރާތްތައް ޖަވާބުދާރީ ކުރުވަން ޖެހޭނެ."
މި މަޝްރޫއު ހުއްޓާލުމަށް އިންފަންޓީނޯއަށް ކުރިމަތިވަމުންދާ ފިއްތުންތައް ބޮޑުވީ، ފިރިހެން އަދި އަންހެން ވޯލްޑް ކަޕްގެ މިހާރުގެ ޗެމްޕިއަން ސްޕެއިން ހިމެނޭ ޔޫއެފާ އިން، ފީފާގެ މުބާރާތްތައް ބޮއިކޮޓް ކުރާނެ ކަމުގެ އިންޒާރު ދިނުމާ ގުޅިގެންނެވެ. މީގެ އިތުރުން، އިންފަންޓީނޯގެ ސީނިއާ އެޑްވައިޒަރު ކާލޯސް ކޯޑޭރޯ ވެސް ވަނީ، މި މަޝްރޫއާ ދެކޮޅު ހައްދަވައި ހުކުރު ދުވަހު މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.
ޔޫއެފާގެ ބަޔާނުގައި އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމަށް ސީދާ ގޮތެއްގައި ގޮވާލާފައި ނުވި ނަމަވެސް، 2016 ވަނަ އަހަރު ފީފާގެ ރައީސް ކަމަށް އިންތިޚާބުވުމަށް މެންބަރު އެސޯސިއޭޝަންތަކުގެ ތާއީދަށް އެދިވަޑައިގެންނެވި އިރު، "ދެފުށް ފެންނަ" ސިޔާސަތެއް ގެންގުޅުއްވާނެ ކަމަށް ވެވަޑައިގެންނެވި ވައުދާ އޭނާ ޚިލާފުވެފައިވާ ކަމަށް ބުނެފައިވެ އެވެ.
"އޭނާ ރާވައި، މަޖުބޫރުކޮށްގެން ފާސްކުރަން އުޅުނު ދަށު ދަރަޖައިގެ، ސިއްރުވެރި މުއާމަލާތަކީ އެއްވެސް ވަރަކަށް ދެފުށް ފެންނަ ކަމެއް ނޫން،" ބަޔާނުގައިވެ އެވެ.
ޔޫއެފާ އިން ބުނީ، ކުރިމަގުގައި މިފަދަ ކަންކަން މަޝްވަރާ ކުރުމެއް ނެތި އަވަސްއަރުވާލައިގެން ނުނިންމޭނެކަން ކަށަވަރު ކުރުމަށްޓަކައި، ކަމާގުޅޭ އެހެން ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށެވެ.
"ކުރިއަށް އޮތް ދުވަސްތަކާއި ހަފުތާތަކުގައި، ޔޫއެފާގެ މެންބަރު އެސޯސިއޭޝަންތަކާއި އެހެނިހެން ކޮންފެޑަރޭޝަންތަކާ ގުޅިގެން، މިކަން ހިނގައިދިޔަ ގޮތް ދިރާސާކޮށް، މިފަދަ ކަމެއް ތަކުރާރު ނުވާނެ ފަދަ އުސޫލެއް އެކުލަވާލުމަށް މަސައްކަތް ކުރާނަން."
ދުނިޔޭގެ އެންމެ ބޮޑު އެއް ކުޅިވަރު ހަރަކާތުގެ ވިޔަފާރި އަދި ހިންގުމުގެ ބާރުތައް ކޮންޓްރޯލް ކުރާނެ ވަކި ސަބްސިޑިއަރީ ކުންފުންޏެއް އުފައްދައި، އަމިއްލަ އިންވެސްޓަރުންގެ ހިއްސާ އޭގައި ހިމެނުމަށް ފީފާ އާއި އިންފަންޓީނޯ ނިންމެވިކަން އިއުލާން ކުރީ މިދިޔަ އަންގާރަ ދުވަހު އެވެ.
މި ހުށަހެޅުމާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު، ޔޫއެފާ އިން ބުނީ މީގެ ސަބަބުން ފުޓްބޯޅައިގެ "ރޫހާއި ހިންގުމަށް" ނުރައްކާވެފައިވާ ކަމަށެވެ. ނަމަވެސް ފީފާ އިން ބުނަމުންދިޔައީ މިކަމުން ލިބޭ ފައިސާ އަލުން އިންވެސްޓް ކުރާނީ ފުޓްބޯޅަ ކުރިއެރުވުމަށް ކަމަށެވެ.
މި ނިންމުން އަނބުރާ ގެންދިއުމަށްފަހު އިންފަންޓީނޯ ވިދާޅުވީ، އޭނާގެ މިހާރުގެ އަމާޒަކީ ކުރިއަށް އޮތް ދުވަސްތަކުގައި ފުޓްބޯޅައިގެ މަސްލަހަތު އޮތް ހުރިހާ ފަރާތްތަކެއް އެކުވެރިކަމާއެކު އެއްގަލަކަށް ގެނައުން ކަމަށެވެ.
އަންނަ އަހަރު ފީފާގެ ރައީސް ކަމުގެ އިންތިޚާބު އޮންނައިރު، އެހެން ކޮންފެޑަރޭޝަންތަކުން ވެސް މި ފައިނޭންސިން ޕްލޭނާ ދެކޮޅު ހަދާފައިވާތީ، އިންފަންޓީނޯއަށް މަގާމުގައި ދެމިހުރެވޭނެތޯ މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.










