އިޓަލީގެ ފުޓްބޯޅަ ލެޖެންޑް ފްރެންކޯ ބަރޭސީ މަރުވެއްޖެ
31 ޖުލައި 2026 | ހުކުރު 09:50އޭސީ މިލާނާއި އިޓަލީގެ ފުޓްބޯޅަ ލެޖެންޑް ފްރެންކޯ ބަރޭސީ، ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް އުމުރުން 66 އަހަރުގައި މަރުވެއްޖެ. މުޅި ކެރިއަރު މިލާނުގައި ހޭދަކޮށް ގިނަ ކާމިޔާބީތަކެއް ހޯދައިދިން ބަރޭސީއަކީ، އެ ކްލަބުގެ ތާރީޚުގައި އޭނާ ބޭނުންކުރި 6 ނަންބަރު ޖާޒީ ރިޓަޔާކޮށް ޝަރަފު ދީފައިވާ، ދުނިޔެ ދުށް އެންމެ މޮޅު އެއް ޑިފެންޑަރު

އެމެރިކާގައި 1994 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕްގެ ފައިނަލް މެޗުގައި ބްރެޒިލާ ދެކޮޅަށް އިޓަލީގެ ފްރެންކޯ ބަރޭސީ ކުޅެނީ. | ގެޓީ އިމޭޖަސް
އޭސީ މިލާނާއި އިޓަލީގެ ފުޓްބޯޅަ ލެޖެންޑް ފްރެންކޯ ބަރޭސީ އުމުރުން 66 އަހަރުގައި މަރުވެއްޖެ އެވެ.
އިޓަލީގެ ފުޓްބޯޅައިގެ ރަންޒަމާން ކަމަށްވާ 1980 އާއި 1990 ގެ އަހަރުތަކުގައި އެންމެ ފާހަގަކޮށްލެވުނު އެއް ކުޅުންތެރިޔާ ކަމަށްވާ، އޭސީ މިލާނާއި އިޓަލީ ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު ފްރެންކޯ ބަރޭސީ މަރުވެއްޖެކަން އޭނާ ކުރިން ކުޅުނު ކްލަބުން ހުކުރު ދުވަހު ވަނީ ކަށަވަރުކޮށްދީފަ އެވެ.
"ފްރެންކޯ ބަރޭސީ ވަކިވެދިއުމާ ގުޅިގެން މުޅި އޭސީ މިލާންގެ ތާރީޚު މިއަދު މިވަނީ ކަރުނައަޅައިފަ. އޭނާގެ ނަމޫނާ ސިފަތަކާއި ތެދުވެރިކަން، އޭނާ ބޭނުންކުރި އައިކޮނިކް ނަންބަރު 6 ޖާޒީއެކޭ އެއްފަދައިން މި ކްލަބުގެ ޑީއެންއޭގައި އަބަދަށް ބިނާވެފައި ހުންނާނެ،" ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި އެ ކްލަބުން ބުނެފައިވެ އެވެ.
ބަރޭސީ އޮނަރަރީ ވައިސް ޕްރެޒިޑެންޓްކަން ކުރަމުންދިޔަ އޭނާގެ ކުރީގެ ކްލަބުން މިދިޔަ އަހަރު ބުނެފައިވާ ގޮތުގައި، ފުއްޕާމޭގައި އުފެދުނު "ޕަލްމޮނަރީ ނޮޑިއުލް" އެއް ނެގުމަށް އޭނާ ވަނީ ސާޖަރީއެއް ކޮށްފަ އެވެ. އަދި އޭގެ ފަހުން ކެންސަރު ބަލީގެ ޚާއްސަ ޑޮކްޓަރެއްގެ އިރުޝާދުގެ ދަށުން އޭނާ ދިޔައީ ފަރުވާ ހޯދަމުންނެވެ.
މިދިޔަ ފެބްރުއަރީ މަހު ބޭއްވި މިލާން ކޯޓީނާ ވިންޓަރ ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގައި އޮލިމްޕިކް ދަންމަރު އުފުލި ފަރާތްތަކުގެ ތެރޭގައި ބަރޭސީ ހިމެނުނެވެ. އެ ރަސްމިއްޔާތުގައި އޭނާ ފެނިގެންދިޔައީ ދަނޑުމަތީގައި އޭނާގެ އެންމެ ބޮޑު ވާދަވެރިޔާ ކަމަށްވާ އިންޓަ މިލާނާއި އިޓަލީގެ ކުރީގެ ޑިފެންޑަރު ޖިސެއްޕޭ ބާގޯމީއާ އެކުގަ އެވެ.
ބަރޭސީ ބެލެވެނީ އޭސީ މިލާންގެ ރަމްޒެއްގެ ގޮތުގަ އެވެ. އޭނާގެ 20 އަހަރުވީ މުޅި ފުޓްބޯޅަ ކެރިއަރު އެއްކޮށް ހޭދަކުރީ އެ ކްލަބުގަ އެވެ. އެ މުއްދަތުގައި އޭނާ ވަނީ އިޓަލީގެ ސެރީ އާގެ 6 ތަށި ކާމިޔާބުކޮށް، ޔޫރަޕްގެ އެންމެ ޝަރަފުވެރި 3 މުބާރާތެއް ކާމިޔާބުކޮށްފަ އެވެ. އަދި 1997 ވަނަ އަހަރު ކުޅުން ހުއްޓާލުމުގެ ކުރިން 15 ސީޒަނެއްގައި އޭނާ ވަނީ އެ ޓީމުގެ ކެޕްޓަންކަން ކޮށްފަ އެވެ.
ބަރޭސީ ކުޅުން ހުއްޓާލުމާ ގުޅިގެން، އޭނާ ބޭނުންކުރި ނަންބަރު 6 ޖާޒީ އޭސީ މިލާނުން ވަނީ ރިޓަޔާކޮށްފަ އެވެ. މިއީ އެ ކްލަބުގެ ތާރީޚުގައި މިފަދަ ޝަރަފެއް ދިން ފުރަތަމަ ކުޅުންތެރިޔާ އެވެ.
'ދަ އިންވިންސިބަލްސް' ގެ މުހިންމު ބައިވެރިއެއް
ބަރޭސީ އަކީ 1982 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި އިޓަލީ ޓީމުގެ މުހިންމު މެންބަރެކެވެ. އަދި 1994 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލުގައި އިޓަލީ ޓީމަށް ކެޕްޓަންކަން ކޮށްދިނީވެސް އޭނާ އެވެ. ބްރެޒިލް އަތުން ޕެނަލްޓީ ޖަހައިގެން އިޓަލީ ބަލިވި އެ މެޗުގައި، ޕެނަލްޓީ ނާކާމިޔާބުވި ކުޅުންތެރިންގެ ތެރޭގައި ބަރޭސީ ހިމެނެ އެވެ.
އެ ފައިނަލް މެޗުގައި އޭނާ ކުޅުނީ ކަކުލުގެ ސާޖަރީއެއް ކުރިތާ އެންމެ 25 ދުވަސް ފަހުންކަން، ފާހަގަކޮށްލެވެ އެވެ. މުޅި މެޗުގެ 120 މިނެޓު އޭނާ ވަނީ ފުރިހަމަކޮށްފަ އެވެ.
އޭސީ މިލާނަށް އޭނާގެ ހިތުގައި އޮތް ވަފާތެރިކަން ކެރިއަރުގެ ކުރީކޮޅުވެސް ވަނީ ސާބިތުކޮށްދީފަ އެވެ. އެގޮތުން 1980 ގެ ކުރީކޮޅު އެ ކްލަބު ދެ ފަހަރެއްގެ މަތިން ދެވަނަ ޑިވިޝަން ނުވަތަ ސެރީ ބީ އަށް ރެލިގޭޓްވި ނަމަވެސް، އޭނާ ކްލަބު ދޫކޮށްނުގޮސް މަޑުކޮށް، ދެ ފަހަރުވެސް ޓީމު އަލުން ފުރަތަމަ ޑިވިޝަނަށް ގެންގޮސްދިނުމުގައި އިސް ދައުރެއް އަދާކުރި އެވެ.
ގާތްގަނޑަކަށް ވިހި އަހަރު ވަންދެން އޭސީ މިލާނާއި އިޓަލީގެ ޑިފެންސްގެ މައި ތަނބަކީ ބަރޭސީ އެވެ. އޭސީ މިލާންގެ ތާރީޚުގައި އެންމެ ކާމިޔާބު ދުވަސްވަރު އެ ޓީމުގެ ކެޕްޓަންކަން ކުރި ބަރޭސީ ވަނީ ގައުމީ ޓީމަށް 81 މެޗު ކުޅެދީފަ އެވެ.
ޖިސްމާނީ ގޮތުން ވަރުގަދަ ޑިފެންޑަރުން ގިނަވި ޒަމާނެއްގައި، ބަރޭސީ ތަފާތުވީ ކުޅިވަރު ރޭވުންތެރިކަމާއެކު ދެނެގަތުމުގެ ހުނަރުންނެވެ. އޭނާ ވަނީ 'ސްވީޕަރ' ރޯލަކީ ހަމައެކަނި ޑިފެންސް ކުރުން ނޫންކަމާއި، ފަހަތުން ހަމަލާތައް އުފެއްދުމުގެ ގާބިލްކަން ހުރި މަގާމެއްކަން ސާބިތުކޮށްދީ، އެ މަގާމުގެ މާނަ ބަދަލުކޮށްލާފަ އެވެ.
ޕައޮލޯ މަލްޑިނީ، އަލެސަންދްރޯ ކޮސްޓަކޫޓާ އަދި މައުރޯ ޓަސޮޓީ ފަދަ މަޝްހޫރު ކުޅުންތެރިން ހިމެނޭ މިލާންގެ ވަރުގަދަ ޑިފެންސް ލައިން ބަލަހައްޓައި، "އޮފްސައިޑް ޓްރެޕް" ޖެއްސުމުގެ އުކުޅު އޭނާ ފުރިހަމަކުރި އެވެ. މީގެ ސަބަބުން ސެރީ އާގައި ބަލިނުވެ 58 މެޗު ހަމަކޮށް، ފަބިއޯ ކަޕެއްލޯގެ އިރުޝާދުގެ ދަށުން ކުޅުނު އެ ޓީމަށް "ދަ އިންވިންސިބަލްސް" ނުވަތަ ބަލިނުކުރެވޭނެ ޓީމުގެ ނަން ލިބުނެވެ.










