އެންމެ ގިނަ ސްކޭމްގެ މައްސަލަތައް މިހާރު އަންނަނީ ފޭސްބުކް މާކެޓް ޕްލޭސް އިން: އަލީ މުޙައްމަދު
އާންމު ރައްޔިތުން އީ-ކޮމާސް ނުވަތަ ފޭސްބުކް މާކެޓް ޕްލޭސް އިން ވިޔަފާރި ކުރާއިރު އެ ވިޔަފާރި ކުރާ ޕޭޖް އަކީ ކިހާ ވަރަކަށް ހިންގަމުންދާ ޕޭޖްއެއްތޯ ދިރާސާ ކުރުމަށް އޭނާ ވިދާޅުވި. ޕޭޖްގައި ޕޯސްޓު ކޮށްފައި ހުންނަ މިންވަރާއި، ލައިކްސް ދޭ މިންވަރާއި، ފޮލޯވަރސް ހުންނަ ވަރު ބަލާފައި ނޫނީ އެ ޕޭޖަކުން ވިޔަފާރި ނުކުރުމަށް ވެސް އޭނާ ވިދާޅުވި


ރާއްޖެ ޓީވީގެ ފަސް ކާފް ޕްރޮގްރާމްގައި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަލީ މުހައްމަދު ވާހަކަ ދައްކަވަނީ | ރާއްޖެ އެމްވީ
ފޭސްބުކް މާކެޓް ޕްލޭސްއިން ވިޔަފާރި ކުރާ ފަރާތްތަކުން ސްކޭމްތަކަށް ސަމާލުވުމަށް ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަލީ މުހައްމަދު އިލްތިމާސް ކުރައްވައިފި އެވެ.
ރާއްޖެ ޓީވީގެ "ފަސް ކާފު" ޕްރޮގްރާމްގައި އަލީ ވިދާޅުވީ، މިހާރު އެންމެ ގިނައިން ހުށަހެޅޭ މައްސަލަ އަކީ ފޭސްބުކް މާކެޓް ޕްލޭސްގައި ފޭކު ޕޭޖުތައް ހަދައިގެން ހިންގާ ސްކޭމްގެ މައްސަލަތައް ކަމަށެވެ.
އާންމު ރައްޔިތުން އީ-ކޮމާސް ނުވަތަ ފޭސްބުކް މާކެޓް ޕްލޭސް އިން ވިޔަފާރި ކުރާއިރު އެ ވިޔަފާރި ކުރާ ޕޭޖް އަކީ ކިހާ ވަރަކަށް ހިންގަމުންދާ ޕޭޖްއެއްތޯ ދިރާސާ ކުރުމަށް އޭނާ ވިދާޅުވި އެވެ. ޕޭޖްގައި ޕޯސްޓު ކޮށްފައި ހުންނަ މިންވަރާއި، ލައިކްސް ދޭ މިންވަރާއި، ފޮލޯވަރސް ހުންނަ ވަރު ބަލާފައި ނޫނީ އެ ޕޭޖަކުން ވިޔަފާރި ނުކުރުމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ލިންކު ފޮނުވައިގެން މުޅި ފޯނު ހެކް ނުކުރެވޭނެ ކަމަށާއި، ވައިބާ، ޓެލެގްރާމް އަދި ވަޓްސްއަޕް ފަދަ އެޕްލިކޭޝަންތައް ހެކު ކުރެވިދާނެ ކަމަށް އަލީ ވިދާޅުވި އެވެ. އެހެންކަމުން އާއިލާ މީހަކު ނުވަތަ ރަށްޓެސްއަކު މެސުޖުން ފައިސާ ފޮނުވަން ބުނި ކަމުގައި ވިޔަސް ނުފޮނުވުމަށާއި، ގުޅާފައި ޔަގީން ކޮށްފައި ނޫނީ ފައިސާ ނުފޮނުވަމަށް އަލީ ވިދާޅުވި އެވެ.
މިހާރަކަށް އައިސް ރާއްޖޭގައި ސްކޭމްގެ މައްސަލަތައް މިވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެގޮތުން މިދިޔަ އަހަރު އާންމު ރައްޔިތުންގެ އަތުން 33 މިލިޔަން ރުފިޔާއަށް ވުރެ ގިނަ ފައިސާ ގެއްލިފައިވާކަން ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވެ އެވެ.
އަދި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ސަލީމް ވިދާޅުވި ގޮތުގައި މިދިޔަ އަހަރު ސްކޭމް މައްސަލަތަކުގެ 1705 މައްސަލައެއް ހުށަހަޅާފައިވާއިރު، މިއަހަރު މިހާތަނަށް 1184 މައްސަލައެއް ހުށަހަޅާފައިވެ އެވެ.









