އަންނަ އަހަރުގެ ނޮވެންބަރު މަހު މާލޭ ވިޔަފާރި ބަނދަރު ތިލަފުށީގައި އޮޕަރޭޝަނަށް ގެނެވޭނޭކަމުގެ ފުރިހަމަ ޔަޤީންކަން ރައީސް ދެއްވައިފި
29 ޖުލައި 2026 | ބުދަ 18:08މާލޭ ވިޔަފާރި ބަނދަރުގެ 80 އިންސައްތަ މަސައްކަތް ތިލަފުއްޓަށް ބަދަލުކުރާއިރު، ބާކީ ބައި ކުރިއަށްދާނީ މާލޭ އިންޑަސްޓްރިއަލް ވިލެޖުގައި. ޒަމާނީ ޑިޖިޓަލް ނިޒާމަކުން ހިންގާ މި ޕޯޓުގެ ސަބަބުން މާލޭގެ ތޮއްޖެހުމަށް ހައްލު ލިބި، އަމިއްލަ ވިޔަފާރިތަކަށް ބޮޑެތި ފުރުސަތުތަކެއް ފަހިވާނެ. މި މަޝްރޫޢުގެ ދަށުން މާލޭގެ އެތެރޭގެ ދަތުރުފަތުރަށް ބުރޫނާރާނެހެން މުދާ އުފުލުމުގެ އިންތިޒާމުތައް ހަމަޖެހިގެންދާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި

މާލޭ ވިޔަފާރި ބަނދަރު ތިލަފުށީގައި އޮޕަރޭޝަނަށް ގެނެވޭނޭ ކަމަށް މުއިއްޒު ވިދާޅުވި | ރައީސް އޮފީސް
ޖާގަ ބޮޑު، ވަސީލަތް ފުރިހަމަ، ސްޓޭޓް އޮފް ދި އާޓް ޕޯޓެއްގެ ގޮތުގައި، އަންނަ އަހަރުގެ ނޮވެންބަރު މަހުގެ އެގާރަ ވަނަ ދުވަހު، މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް، އޮޕަރޭޝަނަށް ގެނެވޭނޭކަމުގެ ފުރިހަމަ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފި އެވެ.
ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް)ގެ ނޭޝަން ޗެޓް ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ބުދަ ދުވަހުގެ ރޭ މުއިއްޒު ވަނީ، މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރެއްވުމަށް ގެންގުޅުއްވާ ތަސައްވުރުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ވިޔަފާރި ބަނދަރުގެ މަސައްކަތްތަކުގެ 80 އިންސައްތަ ތިލަފުއްޓަށް ބަދަލުކުރެވޭއިރު، ބާކީ މަސައްކަތްތައް ކުރިއަށްދާނީ މާލޭގެ ހުޅަނދު ދެކުނުން، ތިލަމާލޭ ބުރިޖު ނިމޭ ހިސާބުގައި، އިންޑަސްޓްރިއަލް ވިލެޖުގައިކަން ފާހަގަކުރެއްވި އެވެ. އެއާއެކު، ރޯރޯ ފެރީ ނުވަތަ ކޮޅުވެއްޓިތައް މެދުވެރިކޮށް ކޮންޓެއިނަރުތައް އެއްތަނުން އަނެއްތަނަށް ގެންދިއުމުގެ ކަންކަންވެސް ކުރިއަށްދާނީ މާލޭގެ އެތެރެއަށް ދަތި ނުވާގޮތަށްކަން ކަމަށް ވިދާޅުވި އެވެ.
ޕޯޓުގެ މައިބަދައަކަށް ވާނީ ޑިޖިޓަލައިޒްޑް ނިޒާމެއް ކަމަށާއި، ޕްރައިވެޓް ވުނޭރުންނަށް ބޮޑެތި އިންސެންޓިވް ދީގެން، ތިލަފުއްޓާއި މާލޭ އިންޑަސްޓްރިއަލް ވިލެޖުގައި ޕޯޓު ހިންގާ ސަރަޙައްދުގައި ފިހާރަތައް ހުޅުވުމުގެ ހުރިހާ ކަމަކަށް މަގުފަހިކޮށްދެއްވާނޭކަމަށްވެސް ވިދާޅުވި އެވެ.










