ސަރުކާރު ޖަވާބުދާރީ ކުރުމަށް ރައްޔިތުންނަށް ލިބޭ އެންމެ ބޮޑު ބާރަކީ އާރްޓީއައި، ނަމަވެސް މައުލޫމާތު ދިނުމަށް ހުރަސް އަޅަނީ ސަރުކާރު ޖަވާބުދާރީ ކުރުވިޔަ ނުދޭން: ފިޔާޒު
27 ޖުލައި 2026 | ހޯމަ 17:52ސިޔާސީ މުވައްޒަފުންގެ އަދަދު ފަދަ މުހިންމު މައުލޫމާތުތައް ހާމަނުކުރަނީ ސަރުކާރު ޖަވާބުދާރީވުމަށް ހުރަސްއަޅައި، ހެދޭ ގޯސްތައް ފޮރުވުމަށް ކަމަށް "އަދަދު" ނޫހުގެ ސީއީއޯ ފިޔާޒު ވިދާޅުވި. އާރްޓީއައިތަކަށް ޖަވާބު ނުދީގެން ރައީސް އޮފީސް ޖޫރިމަނާކޮށްފައިވާއިރު، މިއީ ރައީސްގެ އެންގެވުމަށް ކުރާ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި. ނަމަވެސް ސަރުކާރުން ބުނަމުންދަނީ މައުލޫމާތު ހާމަކުރުމުގައި މި ސަރުކާރުން ނަމޫނާ ދައްކަމުންދާ ކަމަށް


އަދަދު ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާ | އަދަދު
ސަރުކާރު ޖަވާބުދާރީކުރުވުމަށް ރައްޔިތުންނަށް ލިބިދީފައިވާ އެންމެ ވަރުގަދަ ބާރަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު (އާރްޓީއައި) ކަމަށާއި، ނަމަވެސް މައުލޫމާތު ދިނުމަށް ހުރަސްއަޅަނީ ސަރުކާރު ޖަވާބުދާރީވިޔަ ނުދިނުމަށް ކަމަށް "އަދަދު" ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ މިނިވަން ދުވަހުގެ ހާއްސަ ކަވަރޭޖްގައި ވާހަކަދައްކަވަމުން ފިޔާޒު ވިދާޅުވެފައިވަނީ، މި ސަރުކާރުން އައްޔަނުކޮށްފައިވާ ސިޔާސީ މުވައްޒަފުންގެ އަދަދު ހޯދުމަށް ގިނަ އަދަދެއްގެ ރައްޔިތުން ބޭނުންވާ ކަމަށެވެ. އެ މައުލޫމާތު ހޯދުމަށް ހުށަހެޅި އާރްޓީއައިތަކަށް ޖަވާބުދާރީވުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ރައީސް އޮފީހަށް 14 ދުވަހުގެ މުއްދަތެއް ދިން ނަމަވެސް، އާރްޓީއައިތަކަށް ޖަވާބު ނުދިނުމުގެ ސަބަބުން ރައީސް އޮފީސް 2,000 ރުފިޔާއިން ޖޫރިމަނާކުރުމަކީ އޭގެ ޒާތުގައި އެންމެ އެދެވޭ ނަތީޖާއެއް ނުކުންނާނެ ކަމެއް ނޫން ކަމަށް ފިޔާޒު ވިދާޅުވި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހުށަހަޅާ އާރްޓީއައިތަކަށް ރައީސް އޮފީހުން ޖަވާބު ނުދޭ މައްސަލަ މިހާރު ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ. ފިޔާޒު ވިދާޅުވި ގޮތުގައި، މިފަދަ މައްސަލަތައް ކުރިމަތިވަނީ ރައީސް އޮފީހުގެ އިންފޮމޭޝަން އޮފިސަރުގެ އިހުމާލުން ނޫން ކަމަށާއި، އެ މައުލޫމާތުތައް ހާމަނުކުރަނީ ރައީސުލްޖުމްހޫރިއްޔާގެ އެންގެވުމަށް އެތަނުގެ އިސްވެރިން ކަމަށެވެ. ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް މުސާރަ ދެނީ ރައްޔިތުންގެ ފައިސާއިން ކަމަށްވާތީ، އެފަދަ މައުލޫމާތު ހާމަނުކުރަންޖެހޭ އެއްވެސް ގާނޫނީ ސަބަބެއް ނެތް ކަމަށާއި ސަބަބަކީ ސިޔާސީ މަގާމުތަކުގައި ތިބި މުވައްޒަފުންނަށް މުސާރަދެނީ ރައްޔިތުންގެ ފައިސާއިން ކަމަށް ވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
ފިޔާޒު ވިދާޅުވީ، ސިޔާސީ މުވައްޒަފުންގެ އަދަދުގެ އިތުުރުން ތަފާތު އެތައް ކަމަކާ ގުޅުން ހުރި ސުވާލުތަކަށް ޖަވާބުނުދީ ރައީސް އޮފީހުން އެބަހުރި ކަމަށެވެ. މިފަދަ މައުލޫމާތުތައް ހާމަކުރަން ސަރުކާރުން ދެކޮޅު ހަދަނީ ދައުލަތް ޖަވާބުދާރީކުރަން ހުރަސްއެޅުމުގެ އިތުރުން ހެދޭ ގޯސްތައް ރައްޔިތުންނާއި ހަމައަށް ތިލަވެދާނެތީ އެކަމުގެ ބިރަށްޓަކައި ކަމަށް ވެސް ފިޔާޒު ވިދާޅުވި އެވެ.
ދެން ކިހިނެއްތޯ ހަދާނީ، މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދެވަނަ މަރުހަލާއަކީ އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީހަށް ދިއުން، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހަޅައިގެން ވެސް އެ މައުލޫމާތެއް ނުދޭ، ދެން ކޮން މަރުހަލާއެއްތޯ އޮތީ؟ ދެން އޮތީ ކޯޓަށް ދިއުން، ކޯޓަށް ދާކަށް ގިނަ މީހުން ބޭނުމެއް ނުވާނެ، އެއީ ހަރަދުތަކެއް ދާނެ ކަމެއް ވަގުތުތަކެއް ދާނެ ކަމެއް، ހަގީގަތުގައި މައުލޫމާތު ދިނުމަށް ދެކޮޅު ހަދަނީ ދައުލަތް ޖަވާބުދާރީކުރުވުމަށް ހުރަސްއަޅަން، އެ ބޭފުޅުންނަށް ހެދޭ ގޯސްތައް ތިލަވެދާނެތީހުސައިން ފިޔާޒު މޫސާ
މި ސަރުކާރުން އާންމު ރައްޔިތުން ހުށަހަޅާ އާރްޓީއައިތަކަށް ޖަވާބުދާރީ ނުވާކަމުގެ ޝަކުވާ އަބަދުވެސް އޮވެ އެވެ. ނަމަވެސް ރައީސް މުއިއްޒު ވިދާޅުވަމުން ގެންދަވަނީ މައުލޫމާތު ހާމަކުރުމުގައާއި، ނޫސްވެރިންގެ ބައްދަލުވުންތައް ބޭއްވުމުގެ އިތުރުން، އާރްޓީއައިތަކަށް ޖަވާބު ދިނުމުގައި މި ސަރުކާރުން ނަމޫނާ ދައްކަމުންދާ ކަމަށެވެ. އަދި މި ސަރުކާރަކީ ޖަވާބުދާރީވާ ސަރުކާރެއްކަން އަމަލީ ގޮތުން ސާބިތުކޮށްދެމުންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެ އެވެ.
އެހެންނަމަވެސް އާރްޓީއައި ގާނޫނާ ތަކުރާރުކޮށް ހިލާފުވަމުންދާތީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވަނީ އެތައް ފަހަރަކު ރައީސް އޮފީހަށް އިންޒާރު ދީފަ އެވެ. އިންޒާރު ދިނުމަށް ފަހު ވެސް އެކަން އިސްލާހު ނުކުރުމުގެ ސަބަބުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވަނީ ރައީސް އޮފީސް 2،000 ރުފިޔާއިން ޖޫރިމަނާކޮށްފަ އެވެ. މި ސަރުކާރުގެ މިނިސްޓްރީތަކުން މައުލޫމާތު ހާމަކުރަން ފަށާފައިވަނީ ވެސް ގާނޫނުގައި ބަޔާންކުރާ މުއްދަތުތައް ފަހަނައަޅައި ދިޔަ ފަހުން، މީޑިއާތަކުން އެކަންކަން ތަކުރާރުކޮށް ރިޕޯޓުކޮށް ފާޑުކިޔުންތައް އަމާޒުވުމާ ގުޅިގެންނެވެ.










