އޮސްޓްރޭލިއާ އިން ހިލޭދިން ޕެޓްރޯލް ބޯޓު ޚިދުމަތައް ނެރެން ގައުމީ ފެންވަރުގެ ކުލަގަދަ ރަސްމިއްޔާތެއް ބާއްވައިފި
27 ޖުލައި 2026 | ހޯމަ 18:48މި އުޅަނދުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމާއި، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ޤާބިލުކަން އިތުރުވެގެންދާނެ. ގާޑިއަން ކްލާސްގެ މި ޕެޓްރޯލް ބޯޓަކީ އޮސްޓްރޭލިއާގެ ޑިފެންސް ކޯޕަރޭޝަން ޕްރޮގްރާމްގެ ދަށުން ލިބުނު އެހީއެއް.

އޮސްޓްރޭލިޔާއިން ހަދިޔާކުރި ޕެޓްރޯލް ބޯޓު ކަމިޝަން ކުރުމުގެ ރަސްމިއްޔާތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޑައިގަންނަވަނީ | ރައީސް އޮފީސް
އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖެއަށް ހިލޭއެހީގެ ގޮތުގައި ހަދިޔާކުރި ޕެޓްރޯލް ބޯޓު ޚިދުމަތައް ނެރެން ކުލަގަދަ ބޮޑު ރަސްމިއްޔާތެއް ބާއްވައިފި އެވެ.
"ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ގެ ނަން ދީފައިވާ މި އުޅަނދު ޚިދުމަތައް ނެރުމުގެ ރަސްމިއްޔާތުގެ ޝަރަފްވެރިމެހުމާނަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
ހޯމަ ދުވަހުގެ ރޭ ހުޅުމާލެ އިންޓަރނޭޝަނަލް ޓަރމިނަލް ގައި ބޭއްވި ރަސްމިއްޔާތުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ، މަނަވަރު ހަދިޔާކުރެއްވިކަމުގެ ރަމްޒު ހަވާލުކޮށްދެއްވައި، ދިވެހިރާއްޖޭގެ ފަރާތުން އޮސްޓްރޭލިޔާ ސަރުކާރަށް ދޭ ޝުކުރުގެ ލިޔުން ހަވާލުކޮށްދެއްވާފަ އެވެ. އެއަށްފަހު ބޯޓުގެ ނަން ހާމަކޮށްދެއްވާފަ އެވެ.
ކޯސްޓްގާޑް ފްލީޓަށް އިތުރުކުރެވުނު "ޢިމާދުއްދީން"ގެ ޚިދުމަތް ފައްޓަވައިދެއްވީ ރައީސް މުޢިއްޒު އެވެ. މިގޮތުން، މަނަވަރު ކޮމިޝަން ކުރި ލިޔުމާއި ދިވެހި ޤައުމީ ދިދަ، މަނަވަރުގެ ކޮމާންޑިންގ އޮފިސަރ ލެފްޓިނެންޓް ކާނަލް ސިނާން ޒާހިރުއާ ރައީސް މުއިއްޒު ހަވާލުކޮށްދެއްވި އެވެ. އެއަށްފަހު މަނަވަރުގެ ކުރޫއިން ވަނީ، "ޢިމާދުއްދީން"އަށް އަރާ، ކޮމިޝަންކުރުމުގެ ޑްރިލް އެއް ތަމްސީލުކޮށްފަ އެވެ.

އޮސްޓްރޭލިޔާއިން ހަދިޔާކުރި ޕެޓްރޯލް ބޯޓު ކަމިޝަން ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން | ރައީސް އޮފީސް
ދިވެހި އަސްކަރިއްޔާގެ ތާރީޚުގައި ކަނޑުމަގުން ކުރި އެންމެ ދިގު ދަތުރަށްފަހު، އޮސްޓްރޭލިއާއިން ހަދިޔާކުރި ޕެޓްރޯލް ބޯޓު، ދިވެހިރާއްޖެއަށް ގެނެސްދީފައިވަނީ މިއަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހު އެވެ.

އޮސްޓްރޭލިއާ ސަރުކާރުން ހަދިޔާކުރި ޕެޓްރޯލް ބޯޓު | އޮސްޓްރޭލިއަން ހައިކޮމިޝަން
މި އުޅަނދު އޮސްޓްރޭލިއާގެ ޕާރތުން ފުރައިގެން، ހުޅުމާލޭ ބަނދަރަށް އައުމުން، ރަސްމީކޮށް މަރުހަބާ ދެންނެވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީގެ އިތުރުން، އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރ، ޑޭވިޑް ޖެސަޕް އެވެ.
މި އުޅަނދު، ހުޅުމާލޭ ބަނދަރަށް ވަނީ ކޯސްޓްގާޑުގެ ސެރެމޯނިއަލް އެސްކޯޓާ އެކު އެވެ. އަދި، ހުޅުމާލެ ބަނދަރަށް ވަނުމުން ވޯޓަރ ސެލިއުޓެއް ވަނީ ދީފަ އެވެ. މި އުޅަނދު ހުޅުމާލޭގައި ކޯސްޓްގާޑް ޝިޕްތައް އޮންނަ ސަރަހައްދުގައި ބަނދަރުކުރުމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރ، ޑޭވިޑް ޖެސަޕް ވަނީ މަރުޙަބާ ދަންނަވާ އުޅަނދު ބައްލަވާލައްވާފަ އެވެ.

އޮސްޓްރޭލިއާ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކުރި ޕެޓްރޯލް ބޯޓު، އޮސްޓްރޭލިއާގެ ޕާތުން ފުރައިގެން މާލެއަށް ކުރި ދަތުރު ނިންމާލުމުން ވޯޓަރ ސެލިއުޓެއް ދެނީ. | އޮސްޓްރޭލިއަން ހައިކޮމިޝަން
މި އުޅަނދު ރާއްޖެއަށް އައުމުގެ ކުރިން، އެމްއެންޑީއެފް ކޯސްޓްގާޑުގެ ފަޅުވެރިން ވަނީ އޮސްޓްރޭލިއާގައި މި އުޅަނދު އޮޕަރޭޓްކުރާނެ ގޮތުގެ ޚާއްޞަ ތަމްރީނުތަކާއި ފެމިލިއަރައިޒޭޝަން ޓްރަޔަލްސްތައް ފުރިހަމަކޮށްފައި ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެ އެވެ.
އެމްއެންޑީއެފް އިން ކުރިން ބުނެފައިވަނީ އުޅަނދު ކޮމިޝަން ކޮށް ޚިދުމަތައް ނެރެން ހަމަޖެހިފައި އޮތީ ޖުލައި މަހުގެ ތެރޭގައި ކަމަށެވެ. އަދި މި މިއުޅަނދުގެ ސަބަބުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމާއި، ކަނޑުމަތީގައި ހިންގާ ޣައިރުޤާނޫނީ ޢަމަލުތައް ހުއްޓުވުމާއި، ކަނޑުމަތީގައި ދިމާވާ ޙާދިސާތަކުގައި މީހުން ހޯދުމާއި ސަލާމަތްކުރުމުގެ ޤާބިލުކަން މިހާރަށް ވުރެ އިތުރުވެގެންދާނެ ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެ އެވެ.
ގާޑިއަން ކްލާސްގެ ޕެޓްރޯލް ބޯޓު (ޖީޕީބީ-24) ރަސްމީކޮށް ދިވެހިރާއްޖެއާ ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު އޮސްޓްރޭލިއާގަ އެވެ. މި ބޯޓު އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރާކަން އެންމެ ފުރަތަމަ އިޢުލާންކޮށްފައިވަނީ، 2025 ވަނަ އަހަރުގެ ޖޫން މަހު އޮސްޓްރޭލިއާގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަދި ޑިފެންސް މިނިސްޓަރ ރިޗަޑް މާލްސް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގަ އެވެ.
އޮސްޓްރޭލިއާގެ ޕާތުގައި ހުންނަ އެޗް.އެމް.އޭ.އެސް ސްޓާލިންގ ނޭވަލް ބޭސްގައި ބޭއްވި ބޯޓު ހަވާލު ކުރުމުގެ ރަސްމިއްޔާތުގައި އޮސްޓްރޭލިއާ ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ރޯޔަލް އޮސްޓްރޭލިއަން ނޭވީގެ ރިއަރ އެޑްމިރަލް ބްރެޓް ސޮންޓަރ އެވެ. އަދި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ކޯސްޓްގާޑުގެ ކޮމަަންޑަންޓް ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ސަލީމެވެ.

ގާޑިއަން ކްލާސްގެ ޕެޓްރޯލް ބޯޓު (ޖީޕީބީ-24) ރަސްމީކޮށް ހަވާލުކުރުމުގެ ރަސްމިއްޔާތު | އެމްއެންޑީއެފް
އޮސްޓްރޭލިއާގެ ޕާތުގެ ހެންޑަސަން ޝިޕްޔާޑުގައި އޮސްޓަލް ލިމިޓެޑުން ބަނދެފައިވާ 40 މީޓަރުގެ މި އުޅަނދަކީ، އޮސްޓްރޭލިއާގެ ޑިފެންސް ކޯޕަރޭޝަން ޕްރޮގްރާމްގެ ދަށުން ދިވެހިރާއްޖެއަށް ހަދިޔާކުރި އުޅަނދެކެވެ.
"ގާޑިއަން ކްލާސް" ގެ ޕެޓްރޯލް ބޯޓުތަކަކީ، އޮސްޓްރޭލިއާގެ ޕެސިފިކް މެރިޓައިމް ސެކިއުރިޓީ ޕްރޮގްރާމްގެ މުހިންމު ބައެކެވެ. 2018 ވަނަ އަހަރުން ފެށިގެން މި ސަރަހައްދުގެ 12 އަށްވުރެ ގިނަ ގައުމަކަށް މިފަދަ އުޅަނދުތައް އޮސްޓްރޭލިއާ އިން ވަނީ ފޯރުކޮށްދީފަ އެވެ.
ބޯޓު ކޮމިޝަން ކުރުމަށް ބޭއްވި ރަސްމިއްޔާތައްފަހު ރައީސް މުޢިއްޒުއާއި އޮސްޓްރޭލިއާގެ އިސް މަންދޫބުންނާއި، ދެ ގައުމުގެ އިސް އޮފިޝަލުން ވަނީ "ޢިމާދުއްދީން" އަށް އަރާވަޑައިގެން، ބޯޓު ބައްލަވާލައްވާފަ އެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރުންނާއި ސަރުކާރުގެ އެކި ފަންތީގެ ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.










