ރައްޔިތުންގެ މަޖިލީހަކީ ބަކަރި ކޮށްޓެކޭ، ޖަނަވާރު ކޮށްޓެކޭ ރައްޔިތުން އެބަ ބުނޭ: މަޖިލީހުގެ ނައިބު ރައީސް ސަލީމް
29 ޖުލައި 2026 | ބުދަ 06:32މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް ރިޔާސަތުން ނަސޭހަތްތެރިވުމުން ވެސް، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ތަޅުމުގައި އަޑުގަދަކުރައްވައި މަސްލަހަތު ނަގާލުމުން އޭނާގެ ނަން އިއްވައި މަޖިލީހުން ބޭރުކޮށްފި. މިކަމާ ގުޅިގެން މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވަނީ، މަޖިލީހަކީ ތަސައްރަފު ފުދޭ އިލްމީ ބަހުސްތަކެއް ކުރާ ތަނަކަށް ހެދުމަށް މެންބަރުންނަށް އިލްތިމާސްކުރައްވާފައި


މަޖިލީހުގެ ރިޔާސަތުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް | ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލީހަކީ ބަކަރި ކޮށްޓެކޭ، ނުވަތަ ޖަނަވާރު ކޮށްޓެކޭ ރައްޔިތުން ބުނަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.
ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ވަނީ 19 ޖުލައި 2026 ގައި ތިލަފުށީގައި ހިނގި އަލިފާނުގެ ހާދިސާގައި އެނދި ކުނިތައް، ހދ. ކުނބުރުދޫގައި ގާއިމުކުރަން ފަށާފައިވާ ނުނިމި ހުރި ވޭސްޓް ޓްރާންސްފަރ ސްޓޭޝަނަށް ގެންދިއުމަށް ވެމްކޯ އިން ނިންމާފައިވާތީ، އޭގެ ސަބަބުން ދިމާވެދާނެ ނުރައްކާތައް ފާހަގަކޮށް ކުއްލި މައްސަލަ އެއް ހުށަހަޅުއްވާފަ އެވެ. ނަމަވެސް އެ ކުއްލި މައްސަލަ ވަނީ މަޖިލީހުން ބޭރުކޮށްލާފަ އެވެ.
އަދި މި ޖަލްސާގައި ސަރުކާރުގެ ފަރާތުން، ވިލުފުށި ދާއިރާގެ މެންބަރު ހަސަން ވަހީދު ހުށަހަޅުއްވާފައިވާ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރެއްވުމަށްފަހު، މެންބަރު ޒިޔާދު ގެންދެވީ ކަންބޮޑުވުން ފާޅުކުރައްވާ ތަޅުމުގައި އަޑުގަދަ ކުރައްވަމުންނެވެ. މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ރިޔާސަތުގައި އިންނެވި ސަލީމް ވަނީ މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިއްތެވުމަށް މެންބަރަށް ނަސޭހަތްތެރި ވެވަޑައިގެންފަ އެވެ.
ނަމަވެސް މެންބަރު އެއަށް އަމަލު ނުކުރެއްވުމުން ނަން އިއްވާ، މެންބަރު ވަނީ ތަޅުމުން ބޭރު ކޮށްފަ އެވެ.
މެންބަރު ޒިޔާދު ތަޅުމުން ބޭރުކުރެއްވުމަށްފަހު މަޖިލީހުގެ މެންބަރުންނާ މުޚާތަބުކުރައްވާ ސަލީމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ އިއްޒަތްތެރި މަޖިލީހެއް ކަމަށެވެ. އަދި މަޖިލީހުގައި މަސައްކަތް ކުރަންވާނީ އިޚުލާސްތެރިކަމާއި ތެދުވެރިކަމާއި ކެތްތެރިކަމާއެކު ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.
އިއްޒަތްތެރި މެންބަރުން، އަޅުގަނޑުމެން ވިސްނާލަން އެބަޖެހޭ އަޅުގަނޑުމެންގެ މި އިއްޒަތްތެރި މަޖިލީހަކީ އިޚުލާސްތެރިކަމާއި ތެދުވެރިކަމާއެކު ތަންކޮޅެއް ކެތްތެރިކަމާއެކު މަސައްކަތްކުރަން ޖެހޭ މަޖިލީހެއް. އަޅުގަނޑުމެންނަށް މިހާރު ވެސް ރައްޔިތުން އެބަ ބުނޭ މިއީ ބަކަރި ކޮށްޓެކޭ ނޫނީ ޖަނަވާރު ކޮށްޓެކޭ. އެހެންވީމާ އެ ލެވެލް އަށް އަޅުގަނޑުމެން ނުދަމާ ހިނގާށޭ. ތަންކޮޅެއް ތަސައްރަފު ފުދޭ ބަޔަކަށް އަޅުގަނޑުމެން ވާން ހިނގާށޭއަހުމަދު ސަލީމް
އޭގެ ކުރިން ވެސް ސަލީމް ވަނީ މަޖިލީހުގެ ތަޅުމުގައި އިލްމީ ބަހުސް ކުރެއްވުމަށް މެންބަރުންނަށް ނަސޭހަތްތެރިވެ ވަޑައިގެންފަ އެވެ. ސަލީމް ވިދާޅުވީ މަޖިލީހުގައި ތިއްބެވީ ވެސް އިލްމީ މެންބަރުން ކަމަށާއި އެހެންކަމުން ބަހުސް ވެސް ކުރައްވަން ވާނީ އެގޮތުގެ މަތިން ކަމަށެވެ.









