ވާނުވާ އެންގުމެއް ނެތި އަނެއްކާ ވެސް މަޖިލިސް ޖަލްސާ ކެންސަލް: މެންބަރުންނަށް ވެސް ރަސްމީ އެންގުމެއް ނާންގާ!
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އެންގުމަކާ ނުލައި ކެންސަލް ކުރަމުންދާތީ، ސަރުކާރު ޖަވާބުދާރުކުރުވުމުގެ ޒިންމާއަށް ހުރަސްއެޅޭ ކަމަށް ބުނެ އިދިކޮޅު މެންބަރުން ކަންބޮޑުވުން ފާޅުކުރައްވައިފި. މުހިއްމު ގިނަ މައްސަލަތަކެއް ހުށަހަޅާފައި ވަނިކޮށް މަޖިލީހުގެ ރައީސް މަސައްކަތްތައް ހުއްޓުވާފައިވާ ކަމަށް ތުހުމަތުކުރައްވައި، މިއީ ގާނޫނު އަސާސީގެ ބާރު ކަނޑުވާލުން ކަމަށް މެންބަރުން ވިދާޅުވޭ


ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައޮ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ | މަޖިލިސް
އަނެއްކާ ވެސް ވާނުވާ އެންގުމެއް ނެތި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އެއް ކެންސަލްކޮށްފި އެވެ.
ވާނުވާ ނޭނގި ޖަލްސާތައް އެޖެންޑާނުކޮށް، ފަސްކޮށް އަދި ކެންސަލް ވެސް ކުރަމުންދާ މަޖިލީހެއްގެ ގޮތުގައި 20 ވަނަ ރައްޔިތުންގެ މަޖިލިސް ފާހަގަ ވެފައިވާއިރު، ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވިދާޅުވީ މިދިޔަ ހަފްތާގެ ބުދަ ދުވަހުގެ ޖަލްސާ ނިންމަވާލައްވަމުން މި ހަފްތާގެ ހޯމަ ދުވަހު ޖަލްސާ އޮންނާނެ ކަމަށް ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިއުލާނު ކުރެއްވި ކަމަށެވެ.
އެހެން ނަމަވެސް ހޯމަ ދުވަހުގެ ޖަލްސާ އެޖެންޑާ ކޮށްފައިނުވުމުގެ އިތުރުން، ވީ ގޮތެއް ވެސް އެނގިވަޑައިނުގަންނަވާ ކަމަށް މެންބަރު ވިދާޅުވި އެވެ.
މިކަމާ ގުޅިގެން "އެކްސް" ގައި ކަންބޮޑުވުން ފާޅުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވީ ހޯމަ ދުވަހު މަޖިލީހުގެ ޖަލްސާއެއް އޮންނާނެކަން ނުވަތަ ނޫންކަން ރަސްމީކޮށް އަންގާފައި ނުވާ ކަމަށެވެ. އަޑުއިވޭ ގޮތުގައި މި ހަފުތާގައި ވެސް ޖަލްސާއެއް ނޯންނާނެ ކަމަށް ވެސް ޝަމްހީދު ލިޔުއްވާފައިވެ އެވެ. މެންބަރު ވިދާޅުވީ މަޖިލީހުގެ ރައީސް މިގޮތަށް މަޖިލީހުގައި ތަޅުއެޅުވުމަކީ ސަރުކާރު ޖަވާބުދާރުކުރުވުމަށް އޮތް ގާނޫނީ ޒިންމާއަށް ހުރަސްއަޅައި، ގާނޫނު އަސާސީގެ ބާރު ކަނޑުވާލުން ކަމަށެވެ.
ސަރުކާރު ޖަވާބުދާރުކުރުވުމަށް އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުން މިހާރު ވެސް މުހިއްމު ކަންކަން ހުށަހަޅުއްވާފައިވާކަން ފާހަގަކުރައްވާ މެންބަރު ވިދާޅުވީ، ކުންފުނިތަކުން 13,000 އަށްވުރެ ގިނަ މުވައްޒަފުން ވަކިކުރާ މައްސަލަ އާއި ސިއްރިޔާތުގެ ފަށައިފައިވާ "ޕާލް ވިސާ"ގެ މައްސަލަ އާއި ވަޒީރުންނަށް ހުށަހަޅާފައިވާ 60 އަށްވުރެ ގިނަ ސުވާލުތައް ވެސް އެބަހުރި ކަމަށެވެ. ޝަމްހީދު ވިދާޅުވީ މަޖިލިސް ހުއްޓުވައިގެން ސަރުކާރުން ހަދާ ގޯސްތައް ފޮރުވިދާނެ ކަމަށް ބެލުމަކީ ހެދޭނެ ވަރަށް ބޮޑު ގޯހެއް ކަމަށެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަދި އެމްޑީޕީ ޕަރލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ނާޒިލް ވެސް ވިދާޅުވީ މަޖިލީހުގެ މަސައްކަތަށް ނަތީޖާއެއް ނެރޭ ނަމަ ލިބޭނީ، ސީ ++ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ 94 އަހަރުގެ ދިގު ތާރީޚުގައި މިހާރު ޖަލްސާތައް ބޭއްވެނީ އެމްޑީޕީ 13 މެންބަރުންގެ މަސައްކަތުން ކަމަށާއި، އެ ނޫން ނަމަ މި ދައުރުގައި ރައްޔިތުންގެ މަޖިލިސް ޖަލްސާއެއް ބާއްވާނެ އެޖެންޑާއެއް ވެސް ޕީއެންސީއަށް ނުލިބޭނެ ކަމަށް ނާޒިލް ވިދާޅުވި އެވެ.









