މޮޅެތި ނަން ކިޔާފައި މުވައްޒަފުން ވަކިކުރަނީ ވެރިންގެ އަމިއްލަ އެދުންތައް ފުއްދުމަށް: މެންބަރު ޒިޔާދު
28 ޖުލައި 2026 | އަންގާރަ 05:51ސަރުކާރުގެ ކުންފުނިތައް ރައިޓް ސައިޒް ކުރުމުގެ ނަމުގައި މުވައްޒަފުންތަކެއް ވަޒީފާ އިން ވަކި ކުރި ނަމަވެސް، އެ މުވައްޒަފުންނަށް އަދި ވަޒީފާ ލިބޭނެ ކަަމަށް ޒިޔާދު ވިދާޅުވި. އެގޮތުން 2028 ވަނަ އަހަރު ހުރިހާ ކަމެއް ވެސް ރަނގަޅު ވާނެ ކަމަށް މިނިވަން ދުވަހުގެ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވެފައިވާއިރު، ޒިޔާދު ވިދާޅުވީ ދެ ވަނަ ދައުރެއްގެ އުންމީދުގައި ވަޒީފާ އިން ކަނޑާ ކުދިންނަށް އަލުން ވަޒީފާ ދޭނެކަމަށް


ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސެއިން ޒިޔާދު | ޕީޕަލްސް މަޖްލިސް
ސަރުކާރުން މޮޅެތި ނަން ނަން ކިޔާފައި މުވައްޒަފުން ވަކި ކުރަނީ ސިޔާސީ މުވައްޒަފުންނަށް މުސާރަ ދިނުމަށާއި، ވެރިންގެ އަމިއްލަ އެދުންތައް ފުއްދުމަށް ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސެއިން ޒިޔާދު (ފިއްޓޭ) ވިދާޅުވެއްޖެ އެވެ.
އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޒިޔާދު ވިދާޅުވީ، ރަށް ރަށުގައި ސަރުކާރުން އެތައް ބަޔަކަށް ވަޒީފާތައް ދީފައިވާ ކަމަށެވެ. އަދި ވަޒީފާ ދިނީ ކޮން ބަޔަކަށް ކަމަށާއި، އެއީ ކޮން އިރެއްގައި ދިން ވަޒީފާތަކެއްކަން އެ ރަށްރަށުގެ ރައްޔިތުންނަށް އެނގޭ ކަމަށް ވެސް ޒިޔާދު ވަނީ ވިދާޅުވެފައި އެވެ.
ސަރުކާރުގެ ކުންފުނިތައް ރައިޓް ސައިޒް ކުރުމުގެ ނަމުގައި މުވައްޒަފުންތަކެއް ވަޒީފާ އިން ވަކި ކުރި ނަމަވެސް، އެ މުވައްޒަފުންނަށް އަދި ވަޒީފާ ލިބޭނެ ކަަމަށް ޒިޔާދު ވިދާޅުވި އެވެ. އެގޮތުން 2028 ވަނަ އަހަރު ހުރިހާ ކަމެއް ވެސް ރަނގަޅު ވާނެ ކަމަށް މިނިވަން ދުވަހުގެ ޖަލްސާގައި ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވާއިރު، ޒިޔާދު ވިދާޅުވީ ދެ ވަނަ ދައުރެއްގެ އުންމީދުގައި ވަޒީފާ އިން ކަނޑާ ކުދިންނަށް އަލުން ވަޒީފާ ދޭނެ ކަމަށެވެ.
ކަންކަން ބަދަލު ކުރަން ސަރުކާރަށް ދެ އަހަރު ލިބުނުކަން ފާހަގަކުރައްވައި ޒިޔާދު ވިދާޅުވީ، މިއަދު ކުންފުނިތަކުން މުވައްޒަފުން ވަކި ކުރަަނީ މިއަހަރު އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުން ސަރުކާރު ބަލިވުމުން ކަމަށެވެ. ސަރުކާރުން އުޅެނީ ނުހައްގުން މުވައްޒަފުންތަކަކަށް އަނިޔާ ދޭން ކަމަށާއި، ރައްޔިތުންނަށް އަނިޔާ ލިބޭ މަންޒަރު ބަލަން އަދި އެކަމަށް އެއްބާރުލުން ދޭން ރައްޔިތުންގެ މަންދޫބުން ތިބޭ ކަމަށް ވެސް ޒިޔާދު ވަނީ ވިދާޅުވެފައި އެވެ.
މީގެ ދެ އަހަރު ތިން އަހަރު ލިބުނު މިކަން ބަދަލު ކުރަން. އެހެން ނަމަވެސް، ބަދަލު ނުކޮށްފައި ކައުންސިލް އިންތިޚާބުގައި ނަތީޖާ ނުކުތީމާ، ކުއްލިއަކަށް ގަނޑުކޮށް މުވައްޒަފުން ވަކި ކުރުމަކީ އަޅުގަނޑު ތާއީދު ކުރާ ކަމެއް ނޫން. މިއީ ނުހައްގުން ރައްޔިތުންނަށް ދޭ އަނިޔާއެއް. މި އަނިޔާ ދޭއިރު މިކަމާ އެއްބާރުލުން ދިނުމަށް މި ރައްޔިތުންގެ މަޖިލީހުގައި ތިބި މެންބަރުންނާ މެދު ރައްޔިތުން ވިސްނާނެ. ރައްޔިތުންނަށް އެނގޭނެ. މިއަދު މޮޅު ރީތި ނަމެއް ކިޔާފައި މުވައްޒަފުން ވަކި ކުރަނީ ހަމައެކަނި ސިޔާސީ މުވައްޒަފުންގެ މުސާރަ ދިނުމަށާއި، ވެރިންގެ އަމިއްލަ އެދުންތައް ފުއްދަން، އިތުރު އެއްވެސް ކަމެއް އޮވެގެނެއް ނޫންޙުސެއިން ޒިޔާދު (ފިއްޓޭ)
ޕީސީބީ އިން ނިންމާފައި ވަނީ ސަރުކާރުގެ ކުންފުނި ތަކުން 33 އިންސައްތަ މުވައްޒަފުން ވަކި ކުރުމަށެވެ. ޚަރަދު ކުޑަ ކުރުމުގެ ނަމުގައި ކަމަށް ބުނެ ސަރުކާރުން މިކަން ކުރަން އުޅުނު ނަމަވެސް، އިދިކޮޅު އެމްޑީޕީ އާއި ގިނަ ބަޔަކު ދެކެނީ މިއީ ސަރުކާރުން އެހެން މަޤުސަދެއްގައި ކުރާ ކަމެއް ކަމަށެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި ޚަރަދު ކުޑަ ކުރުމުގެ ގޮތުން މުވައްޒަފުން ވަކި ކުރާ ނަމަ، އެންމެ ފުރަތަމަ އެކަން ކުރަން ޖެހޭނީ ސިޔާސީ މުވައްޒަފުންނާ ހަމައިންނެވެ.
ނަމަވެސް، އޭގެ ބަދަލުގައި ކުންފުނިތަކުގައި ތިބި އާދައިގެ މުވައްޒަފުންތަކެއް ވަކި ކުރަން އުޅުމަކީ، ގިނަ ބައެއްގެ ނުުރުހުން އަދި ފާޑު ކިޔުން ސަރުކާރަށް އަމާޒުވާ ކަމެކެވެ. އިދިކޮޅު އެމްޑީޕީ އިން އަންދާޒާ ކޮށްފައިވާ ގޮތުގައި 33 އިންސައްތައިގެ ދަށުން، 14،000 އަށް ވުރެ ގިނަ މުވައްޒަފުން ވަކި ކުރާނެ އެވެ.









