Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއާރަށު މައްސަލަ

އާރަށު މައްސަލައިގައި ދައުލަތުގެ އައު ހެކިތައް އެއްފަރާތްކުރަން ހައިކޯޓުން އެންގީ ރަނގަޅަށް: ސުޕްރީމް ކޯޓު

ވ. އާރަށު މައްސަލައިގައި ދައުލަތުން ހުށަހެޅި އައު ހެކިތައް ބަލައިނުގަތުމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރީ ދައުލަތުން، ދައުލަތުން ބުނާ ގޮތުގައި އެ ހެކިތަކަކީ ދިފާއީ ހެކިންގެ ހެކިބަހުގައި ހުރި ދޮގުތައް ސާބިތުކުރުމަށް މުހިއްމު ހެކިތަކަކަށް ވާއިރު، އެ ހެކިތައް އެއްފަރާތް ކުރުމަކީ އިންސާފަށް ހުރަސް އެޅޭނެ ކަމެއް. ނަމަވެސް ދިފާއީ ވަކީލުން ވަނީ ޝަރީއަތުގެ މަރުހަލާގައި އައު ހެކި ހުށަހެޅުމަކީ އުސޫލުތަކާ ޚިލާފު ކަމެއް ކަމަށް ބުނެ އެކަމަށް އިއުތިރާޒު ކޮށްފައި. ސުޕްރީމް ކޯޓުން މި މައްސަލައިގައި ގޮތެއް ނިންމަންދެން ކްރިމިނަލް ކޯޓުގައި އޮތް އާރަށު މައްސަލަ މިހާރު އޮތީ މަޑުޖެހިފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 1 ޖުލައި 2026 | ބުދަ 05:15
ވ އާރަށު މައްސަލައިގެ އަޑުއެހުމެއްގެ ތެރެއިން

ވ އާރަށު މައްސަލައިގެ އަޑުއެހުމެއްގެ ތެރެއިން | ރާއްޖެއެމްވީ

 

ވ އާރަށު މައްސަލައިގައި ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ހެކީގެ ބައިގައި، އެ ހެކިތައް އެއްފަރާތް ކުރަން ހައިކޯޓުން އެންގީ ރަނގަޅަށްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޙުކުމްކޮށްފިއެވެ.

Advertisement - newsAdvertisement

ސުޕްރީމް ކޯޓުގައި މައްސަލައިގެ ގޮތެއް ކަނޑައެޅެންދެން ކްރިމިނަލް ކޯޓުގައި ކުރިއަށްދާ މައްސަލަވެސް އޮތީ މަޑުޖައްސާލާފައެވެ. އެގޮތުން ކްރިމިނަލް ކޯޓުގައި މި މައްސަލަ ބަލަމުންދަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް 2022 ވަނަ އަހަރު އިއްވި 11 އަހަރުގެ ޖަލު ހުކުމް ބާތިލުކޮށް މައްސަލަ އަލުން ބަލަން ހައިކޯޓުން އެންގުމުންނެވެ.

އާރަށު ހިޔާނާތުގެ މައްސަލައިގައި ހައިކޯޓުގެ ނިންމުމުގައި މައިގަނޑު 3 ކަމެއް އަންގާފައިވެއެވެ. އެއީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކަށް އަލުން ފުރުސަތުދީ އެކަމަށް ގޮތް ނިންމުމާއި، ދައުލަތުގެ އައު ހެކިތައް އެއްފަރާތް ކުރުމާއި، ދަށު ކޯޓުގެ ރިޕޯޓުގެ 68 ވަނަ ނުކުތާގައި ނެރެފައިވާ ދޭހަ އެއްފަރާތްކޮށް، އަލުން ކްރިމިނަލް ކޯޓުން މައްސަލައިގެ ގޮތެއް ކަނޑައެޅުމަށެވެ.

އޭގެ ތެރެއިން ދައުލަތުން ސްޕްރީމް ކޯޓުގައި އިސްތިއުނާފު ކުރީ ދައުލަތުގެ އައު ހެކިތައް އެއް ފަރާތް ކުރުމަށް އެންގި އެންގުމެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ ފަނޑިޔާރު އައިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު ޑރ މުޙައްމަދު އިބްރާހިމް އަދި ފަނޑިޔާރު ޢަބްދުﷲ ޙަމީދުއެވެ. 

ފަނޑިޔާރު ޝުޖޫންގެ ރައުޔު:

މި މައްސަލައިގައި ޙުކުމް ކުރައްވާފައިވަނީ ބުދަ ދުވަހު ސުޕްރީމް ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގައެވެ. އެންމެ ފުރަތަމަ ރައުޔު އިއްވަވާފައިވަނީ ފަނޑިޔާރު އައިޝާ ޝުޖޫން މުޙައްމަދުއެވެ.

ސުޕްރީމް ކޯޓުގެ ކުރީގެ ނިންމުމެއްކަމަށްވާ "އަލީ ޒުބައިރު ގަޒިއްޔާ" ގައި ހުރި ވާހަކަތައް ހިމަނައިގެން ދައުލަތުން ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދިޔައީ މުޅިން އައު ބަހުސެއް ކަމަށާއި، މިއީ ޝަރީއަތުގެ އުސޫލުތަކާ ޚިލާފު، އިސްތިއުނާފުގެ އޮޅިގަނޑު ގިރާކުރާ އިސްތިއުނާފެއް ނޫންކަމަށް ޔާމީން އަދި ޔޫސުފް ނައީމްގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާއަށް ޝުޖޫން ވަނީ ގޮތް ނިންމަވާފައެވެ.

ޝުޖޫން ވިދާޅުވީ، ހައިކޯޓުގެ އަމިއްލަ އިސްނެގުމަށް އެކޯޓުން އަލީ ޒުބައިރު ގަޒިއްޔާގައި ހިމެނޭ ކަންކަން ތަތުބީޤު (އެޕްލައި) ކުރަންޖެހޭނެކަމަށް ދައުލަތުން ބުނިނަމަވެސް، އެ ބުނުމަށް ބުރަނުވެވޭކަމަށެވެ. އަދި ވިދާޅުވީ، ދަށު ކޯޓަށް ހުށަހަޅާފައިނުވާ އައު ހުށަހެޅުމެއް މަތީ މަރުޙަލާގެ ކޯޓުން ބަލައިގަނެ، ގޮތެއް ނިންމުމަކީ ވަރަށް އިސްތިސްނާ ޙާލަތެއްގައި މެނުވީ ކޮށްގެންވާނެ ކަމެއް ނޫންކަން މީގެ ކުރީގެ ނިންމުންތަކުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އެ އުސޫލު އެގޮތަށް އޮންނަނީވެސް ސަބަބުތަކެއް ހުރުމުންކަން ޝުޖޫން ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން، އައު ނުކުތާއެއް ހުށަހަޅައި އެ ނުކުތާއަށް ރިއާޔަތްކުރާ ޙާލަތުގައިވެސް، ރިއާޔަތް ކުރަންޖެހޭނެ ކަންކަން ހުންނާނެކަމަށް ޝުޖޫން ވިދާޅުވިއެވެ. ނަމަވެސް އެފަދަ އެކަށީގެންވާ ސަބަބުތަކެއް ދައުލަތަށް ދެއްކިފައިނުވާކަމަށްވެސް ޝުޖޫން ވިދާޅުވިއެވެ.

ޝުޖޫން ވިދާޅުވީ، ހައިކޯޓުގެ މަރުޙަލާގައި އަލީ ޒުބައިރު ގަޒިއްޔާއާ ޙަވާލާދީ ވާހަކަ ދެއްކުމުގެ ފުރުސަތު ދައުލަތަށް އޮތް ކަމަށާއި، ނަމަވެސް އެ ބަހުސަށް ދައުލަތުން ހައިކޯޓުގައި އެންމެ ކުޑަމިނުން އިޝާރަތްވެސް ކޮށްފައިނުވާ ކަމަށެވެ.

އެހެންވެ ޝުޖޫން ދެކިލައްވަނީ މިއީ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ އިސްތިއުނާފެއް ނޫން ކަމަށް ނިންމަވާފައެވެ. އަދި ހައިކޯޓުގެ ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައެޅުއްވިއެވެ.

އެ ރައުޔަށް ދެން ތިއްބެވި ދެ ފަނޑިޔާރުންވެސް ވަނީ ތާއީދު ކުރައްވާފައެވެ.

މައްސަލައިގެ ފަސްފަހަތް:

މި މައްސަލައިގެ އަޑުއެހުންތައް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ސުޕްރީމް ކޯޓުން ނިންމާލާފައިވީނަމަވެސް، ޙުކުމް ނުކޮށް ގިނަ ދުވަސްތަކެއް ވަނީ ހޭދަވެގެން ގޮސްފައެވެ.

މި މައްސަލައިގައި އެއްފަރާތް ކުރުމަށް ހައިކޯޓުން އަންގާފައިވާ ހެކިތަކަކީ މި މައްސަލައިގައި ދިފާއީ ހެކިން ދިން ހެކިބަހުގައި ހުރި ވާހަކަތައް ނަފީކުރުމަށް ދައުލަތުން ހުށަހަޅާފައިވާ އައު ހެކިތަކެކެވެ. އެއީ ދިފާއީ ހެކިވެރިންގެ ”ކްރެޑިބިލިޓީ“ އާ ގުޅޭ ހެކިތަކެކެވެ.

މި މައްސަލައިގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ދައުލަތުން ވަނީ ޝަރީއަތް ފަށާ ފަހުންވެސް އައު ހެކިތަކެއް ހުށައެޅޭނެކަން ޖިނާއީ އިޖުރާއަތުގެ ޤާނޫނުން އެނގޭކަމަށް ބަޔާންކޮށްފައެވެ. ނަމަވެސް ދިފާއީ ވަކީލުން އެކަމަށް އިއުތިރާޒު ކުރެއެވެ.

ހައިކޯޓުން މައްސަލައިގެ ހެކިތައް އެއްފަރާތް ކުރީ މައްސަލައިގެ ހެކިތަކާއި ގުޅިގެން ހުށަހެޅި ހެކިތަކަށް ފަހުގައި، އެކަމާއި މެދު ރައީސް ޔާމީނާއި ޔޫސުފް ނައީމަށް ހުށަހެޅުންތައް ހުށަހެޅުމާއި، ބަހުސް ކުރުމުގެ ފުރުސަތު ލިބިފައި ނުވާކަމަށް ބަޔާންކޮށެވެ.

އެހެންނަމަވެސް، އެ މަރުހަލާ ފުރިހަމަކުރުމުގެ ފުރުސަތު އަދިވެސް އެބަ އޮތްކަމަށް ދައުލަތުން ދެކެއެވެ. އަދި ހައިކޯޓުގެ ނިންމުމާ އެއްގޮތަށް މި މައްސަލައިގައި އައު ހެކިތައް އެއްކިބާކުރުމުން ނާއިންސާފު ޙާލަތްތައް ކުރިމަތިވާ ކަމަށްވެސް ދައުލަތުން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ދައުލަތުން އައު ހެކިތަކެއް ހުށަހަޅަން ޖެހުނީވެސް ދިފާއުން ހުށަހެޅި ހެކިތައް ނަފީ ކުރުމަށްކަމަށް ވަކީލު ވިދާޅުވިއެވެ.

ދައުލަތުން ބުނާ ގޮތުގައި އެއީ ދިފާއީ ހެކިންގެ ތެދު ދޮގު ސާބިތު ކުރުމާއި، ބައެއް ދިފާއީ ހެކިންގެ ހެކިބަސް ނަފީވެސް ކުރެވޭނެ ހެކިތަކެއް ހިމެނޭގޮތުން ދައުލަތުން ހުށައަޅާފައިވާ މުހިއްމު ލިއުންތަކެކެވެ. މިސާލެއްގެ ގޮތުން އީވައިސީގެ އެއްވެސް ޔައުމިއްޔާއެއްގައި ސޮއިނުކޮށް ނޯންނާކެމަށް ދިފާއީ ހެކިން ބުނެފައިވާތީ އެކަން ނަފީ ކުރުމަށް ދައުލަތުން ވަނީ ޔައުމިއްޔާތަކެއް ހުށައަޅާފައެވެ.

ދައުލަތުގެ ހެކިތަކުގެ ތެރޭގައި އަހުމަދު ނަރީޝްގެ ހާޒިރީ ރިޕޯޓެއްވެސް ހިމެނެއެވެ.

އޭގެ އިތުރުން، މައްސަލައެއް ކުރިއަށް ދަނިކޮށް އައު ހެކިތަކެއް ހުށަހެޅުމަކީވެސް ޤާނޫނު ނުދަންނަ ކަމެއް ނޫންކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި ބުނެފައިވެއެވެ. އަދި ދައުލަތުން އައު ހެކިތައް ހުށަހަޅަން ޖެހުނީވެސް ދިފާއީ ހެކިން ހެކިބަސް ދިން އިރު ދޮގު ހަދާފައިވާތީކަމަށް ދައުލަތުގެ ވަކީލުން ވަނީ ވިދާޅުވެފައެވެ.

މި މައްސަލައިގައި ހިމެނޭ 1 މިލިއަން ޑޮލަރާ ގުޅޭގޮތުން ރައީސް ޔާމީނާއި ޔޫސުފް ނައީމާ ތަހުގީގުގައި ސުވާލު ކުރުމުން ހަނު ހުންނަވައި، ފަހުން ޑޮލަރު މާރު ކުރުމުގެ މުއާމަލާތެއްކަމަށް ބުނެ ޝަރީއަތުގައި ހެކިތައް ހުށަހެޅުމުން ޝައްކުތަކެއް އުފެދިފައިވާކަމަށާއި، ހެކިވެރިން ދިން ހެކިބަސްތަކުގައިވެސް ހަގީގަތާ ޚިލާފު އެތައް ވާހަކަތަކެއް އެބަހުރި ކަމަށް ދައުލަތުގެ ވަކީލުން ސުޕްރީމް ކޯޓުގައި ބުނެފައިވެއެވެ. އަދި ދައުލަތުން އައު ހެކިތަކެއް ހުށަހަޅަން ޖެހޭ ޙާލަތު އައީވެސް އެ ސަބަބާހުރެކަމަށް ދައުލަތުގެ ވަކީލުން ވިދާޅުވިއެވެ.

އެހެންކަމުން ހެކިތަކާ ގުޅޭގޮތުން ވާހަކަ ދައްކައި، އެ ހެކިންނާމެދު ބަހުސްކޮށް ތައުނު ކުރުމުގެ ފުރުސަތު ރައީސް ޔާމީނާއި ޔޫސުފް ނައމަށް ދެއްވައިގެން ދައުލަތުގެ އައު ހެކިތައް ބަލައިގަތުމާމެދު ދަށު ކޯޓުން އަލުން ގޮތެއް ކަނޑައަޅަން ފުރުސަތު ދިނުމަށް ދައުލަތުން ވަނީ އެދިފައެވެ. އަދި އެ ޙާލަތުގައި ދެފަރާތުގެ ޙައްޤަށްވެސް އުނިކަން ނާންނާނެ ކަމަށާއި، ނަމަވެސް ދައުލަތުގެ އައު ހެކިތައް އެއްފަރާތް ކޮށްފިނަމަ ދައުލަތުގެ ޙައްޤަށް އުނިކަން އަންނާނެކަމަށް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައިގަނޑު ނުކުތާތަކުގައި ވަނީ ބުނެފައެވެ.

ދައުލަތުން ހާމަކުރި ހެކިތައް އެއްކިބާކުރަން ހައިކޯޓުން ނިންމާފައިވާ ނިންމުމަކީ އިޖުރާއީ އައިބުތަކަށް ހައްލު ހޯދާދިނުމުގެ އުސޫލާއި ޚިލާފުކަމެއް ކަމަށްވެސް ޕީޖީން ޤަބޫލުކުރެއެވެ.  މި މައްސަލައިގައި ދިމާވެފައިވަނީ އިސްލާޙު ކުރެވިދާނެ ފަދަ އިޖުރާއީ އައިބެއްކަންވެސް ދައުލަތުން ފާހަގަ ކުރެއެވެ.

ދައުލަތުން މި އައު ހެކިތައް ކޯޓަށް ހުށަހެޅީ 4 އޮކްޓޯބަރ 2022 ގައެވެ. އެއީ ދައުލަތަށް އެ ހެކިތައް ލިބުނު ދުވަހެވެ. ދައުލަތުން ބުނާ ގޮތުގައި އެ ހެކިތަކަކީ ދިފާއީ ހެކިން ދެއްކި ވާހަކަތަކާއި ގުޅިގެން ފުލުހުން ބެލި ބެލުމުން ހޯދުނު ހެކިތަކެކެވެ.

ޝަރީއަތް ކުރިއަށް ދަނިކޮށް ހެކި ހާމަކުރުމާއި، ހެކި ހުށަހެޅުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ހުއްދަކަމެއް ކަމަށް ވެސް ދައުލަތުގެ ވަކީލް ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން އެއީ އާ ކަމެއް ކަމަށް ދިފާއުން ބުނާ ބުނުމަކީ ރަނގަޅު ބުނުމެއް ނޫން ކަމަށްވެސް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

 އެހެންނަމަވެސް މި މައްސަލައިގެ ދިފާއީ ވަކީލުން ވިދާޅުވީ، ދައުލަތުން ފުރަތަމަ އީވައިސީގެ ޔައުމިއްޔާގެ ގޮތުގައި ހުށަހެޅިފައި އޮތީ ސޮއި ނުކުރާ ޑްރާފްޓެއް ކަމަށާއި، އެއީ ރައީސް އޮފީހުން ތަހުގީގަށް ލިއެކިއުންތައްވެސް ލިބިފައިވަނިކޮށް ދައުލަތަށް އެރި އޮޅުމެއްގެ ތެރެއިން ހުށަހެޅުނު ޑްރާފްޓެއް ކަމަށެވެ. އަދި ފަހުން އައު ހެކިތަކުގެ ގޮތުގައި ދައުލަތުން ހުށަހެޅީ ސޮއިކޮށްފައިވާ ޑްރާފްޓްކަމަށް ވަކީލު ވިދާޅުވިއެވެ.

މީގެ އިތުރުން، ދައުލަތުން ހުށަހެޅި އައު ހެކިތަކަކީ ދައުލަތުގެ ”ކޭސް ވަރުގަދަ ކޮށްލުމަށް“ ހުށަހެޅި ހެކިތަކެއް ކަމަށާއި، އާދަޔާ ޚިލާފަށް ދަށު ކޯޓުގައި ކަންކަން ހިނގާފައިވާކަމަށްވެސް ވަކީލު ވިދާޅުވިއެވެ.

ހަމައެއާއެކު، ސުޕްރީމް ކޯޓުގެ ކުރީގެ ނިންމުމެއްކަމަށްވާ "އަލީ ޒުބައިރު ގަޒިއްޔާ" ގައި ހުރި ވާހަކަތައް ހިމަނައިގެން މިހާރު ދައުލަތުން ސުޕްރީމް ކޯޓުގައި ކުރަމުންދަނީ މުޅިން އައު ބަހުސެއްކަންވެސް ވަކީލުން ފާހަގަ ކުރެއްވިއެވެ. އަދި މިއީ ޝަރީއަތުގެ އުސޫލުތަކާ ޚިލާފު، އިސްތިއުނާފުގެ އޮޅިގަނޑު ގިރާކުރާ އިސްތިއުނާފެއް ނޫންކަމަށްވެސް ވަކީލު ވިދާޅުވިއެވެ.

މީގެ އިތުރުން، ދައުލަތުން ހުށަހެޅީ ކޮންމެވެސް ޤާނޫނީ މާއްދާއަކަށް އިސްތިއުނާފު ފެތޭތޯ ހުށަހެޅި ނުކުތާތަކެއް ކަމަށާއި، ސުޕްރީމް ކޯޓަކީ ދައުލަތަށް ޤާނޫނީ ލަފާދީ ގޮތް ނިންމަން އޮންނަ ތަނެއް ނޫންކަމަށްވެސް ވަކީލު ވިދާޅުވިއެވެ.

އާރަށްސުޕްރީމް ކޯޓުއަބްދުﷲ ޔާމީންކްރިމިނަލް ކޯޓްހައި ކޯޓުޔޫސުފް ނައީމް

އިތުރަށް ކިޔާލަން

30 ޖޫން 2026

ގަދަވަޔާއި ވިއްސާރައިގައި އާރަށު ނިވަލުގައި މަޑުކޮށްގެން ތިބި މަސްވެރިންތަކެއް ސަލާމަތީ ބާރުތަކުން ފަހާލައިފި!

މިދިޔަ އާދިއްތަ ދުވަހުގެ ރޭ މާލެ ސަރަހައްދަށް މޫސުން ވަރަށް ބޮޑަށް ގޯސްވި ވަގުތު، ސަލާމަތްތެރިކަން ހޯދުމަށް އާރަށުގެ ނިވަލުގައި މަޑުކޮށްގެން ތިބި "އުއްމީދު" ދޯނީގެ މަސްވެރިން ސަލާމަތީ ބާރުތަކުން އެ ސަރަހައްދުން ފޮނުވާލި މައްސަލައެއް ފެންމަތިވެއްޖެ. ކަނޑުގަދަވެ ފުރާނައަށް ނުރައްކާވެދާނެ ފަދަ ހާލަތެއްގައި އޮއްވައި، އެ ތަނުން ދިއުމަށް އަމުރުކުރުމުން މަސްވެރިންނާއި އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ ސަލާމަތީ ބާރުތަކަށް އަމާޒުވެފަ. މީގެ ކުރީގެ ސަރުކާރުތަކުގައި މިފަދަ ހާލަތްތަކުގައި އެހީތެރިކަން ލިބުނު ނަމަވެސް، މިފަހަރު އަމަލުކުރި އިހާނެތި ގޮތާމެދު މަސްވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ.

30 ޖޫން 2026
ގަދަވަޔާއި ވިއްސާރައިގައި އާރަށު ނިވަލުގައި މަޑުކޮށްގެން ތިބި މަސްވެރިންތަކެއް ސަލާމަތީ ބާރުތަކުން ފަހާލައިފި!
30 ޖޫން 2026

މީހަކު ރަހީނުކޮށް އޭނާގެ އިނގިލި ބުރިކޮށްލި މައްސަލައިގައި 4 މީހެއްގެ މައްޗަށް ކުށް ސާބިތުވެއްޖެ

މާލޭގެ ގެއެއްގައި މީހަކު ރަހީނުކޮށް، މަސްތުވާތަކެތި ވިއްކަން މަޖުބޫރުކުރުވައި، އޭނާގެ އިނގިލި ބުރިކޮށްލި މައްސަލައިގައި ދައުވާ އުފުލި މީހުންގެ މައްޗަށް ކުށް ސާބިތުވެ ހުކުމްކޮށްފި. މި މައްސަލައިގައި ހިމެނޭ އަހުމަދު ސާއިފް 15 އަހަރަށް ޖަލަށްލުމަށް ހުކުމްކުރިއިރު، އަލީ ސާމީ އާއި މުހައްމަދު ނައުޝާން ކޮންމެ މީހަކު 10 އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ނިންމާފައި. ނަމަވެސް، މި މައްސަލައިގައި ހިމެނޭ އެމްއެންޑީއެފްގެ ދެ އޮފިސަރުންގެ ތެރެއިން އެކަކުގެ މައްޗަށް ކުށް ސާބިތުނުވާއިރު، އަނެކަކު ބަންދުގައި ހުރި މުއްދަތުން އޭނާގެ އަދަބު ވަނީ ފުރިހަމަވެފައި.

30 ޖޫން 2026
މީހަކު ރަހީނުކޮށް އޭނާގެ އިނގިލި ބުރިކޮށްލި މައްސަލައިގައި 4 މީހެއްގެ މައްޗަށް ކުށް ސާބިތުވެއްޖެ
30 ޖޫން 2026

ނައުޝާދުގެ މަރު: ވަކީލުން އައްޔަނު ކުރުމަށް 10 ދުވަހުގެ މުއްދަތެއް ދީފި

މާފަންނު "ކްލާސް" ފިހާރަ ތެރޭގައި މުޙައްމަދު އަޙްމަދު ދީދީ (ނައުޝާދު) އަށް ތޫނު ހަތިޔާރުން ހަމަލާދީ މަރާލި މައްސަލަ ސާބިތުނުވި ނިންމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، މައްސަލަ ރައްދުވާ ފަރާތްތަކަށް ވަކީލަކު އައްޔަނުކުރުމަށް 10 ދުވަހުގެ ފުރުސަތެއް ކޯޓުން ދީފި. މި މައްސަލައިގައި ދައުވާލިބޭ އިބްރާހީމް ފައިޙް ނިޡާމާއި ސިރުޙާން ޢަލީ މައްސަލަ ނިމެންދެން ބަންދުކޮށްދިނުމަށް ދައުލަތުން އެދިފައިވާއިރު، އެމީހުންގެ ބަންދާމެދު ގޮތެއް ނިންމަވާނީ ވަކީލުން އައްޔަނުކުރުމަށްފަހު ކަމަށް ފަނޑިޔާރުންގެ ބެންޗުން ވަނީ ނިންމަވާފައި.

30 ޖޫން 2026
ނައުޝާދުގެ މަރު: ވަކީލުން އައްޔަނު ކުރުމަށް 10 ދުވަހުގެ މުއްދަތެއް ދީފި
30 ޖޫން 2026

ގާސިމްގެ ގާތިލު އަދުހަމް މަރަން ކުރި ޙުކުމް ސައްޙަކަމަށް ހައިކޯޓުން ކަނޑައަޅައިފި

ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި މައްސަލާގައި އަދުހަމް މުހައްމަދުގެ މައްޗަށް އިއްވި މަރުގެ ހުކުމް ހައިކޯޓުން މިއަދު ދެމެހެއްޓީ، އޭނާގެ އިއުތިރާފާއި ސައިންޓިފިކް ހެކިތަކަށް ރިއާޔަތްކުރުމަށްފަހު. ގާސިމްގެ ވާރިސުން މަރަށް މަރު ހިފަން ބޭނުންވާކަން ކޯޓުގައި ހާމަކޮށްފައިވާއިރު، އަދުހަމްގެ އަމަލުތައް ހުރިގޮތުން އޭނާގެ ކިބައިގައި މީހަކު މަރާލުމުގެ ގަސްދު އޮތްކަން ޝަރުއީ އަދި ގާނޫނީ މިންގަނޑުން ސާބިތުވާކަމަށް ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ކަނޑައަޅާފައި.

30 ޖޫން 2026
ގާސިމްގެ ގާތިލު އަދުހަމް މަރަން ކުރި ޙުކުމް ސައްޙަކަމަށް ހައިކޯޓުން ކަނޑައަޅައިފި
29 ޖޫން 2026

އަހުސަން ބަޝީރުގެ މަރު: ޝަހުމަށް ކުރި މަރުގެ ޙުކުމުގެ މައްސަލަ ނިމުމަކާ ގާތަށް

އަހުސަން ބަޝީރު މަރާލި މައްސަލައިގައި އިބްރާހިމް ޝަހުމްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމް ކަށަވަރުކުރުމަށް ސުޕްރީމް ކޯޓުގައި ކުރިއަށްދާ މައްސަލަ ނިމުމަކާ ގާތްވެއްޖެ. ހައިކޯޓުން ޝަހުމްގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމީ އަހުސަން މަރުމަތީގައި ދީފައިވާ ބަޔާނަށް ރިއާޔަތްކޮށް ކަމަށްވާއިރު، މި މައްސަލައިގައި ދެން އޮންނާނީ އިތުރު ކަންކަން ސާފުކުރުމަށްފަހު ހުކުމް އިއްވުން.

29 ޖޫން 2026
އަހުސަން ބަޝީރުގެ މަރު: ޝަހުމަށް ކުރި މަރުގެ ޙުކުމުގެ މައްސަލަ ނިމުމަކާ ގާތަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު