ސަރުކާރުގެ އިތުރު ހަތަރު ކުންފުންޏެއްގެ ބޯޑަށް މެންބަރުން އައްޔަނުކޮށްފި
23 ޖުލައި 2026 | ބުރާސްފަތި 15:30ޕީސީބީން ބުރާސްފަތި ދުވަހު "އެކްސް" ގައި ހާމަކުރި ގޮތުގައި އެފްޑީސީ، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން، އެޗްޑީސީ އަދި އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް އަށް ވަނީ ބޯޑު މެންބަރުން އައްޔަނުކޮށްފައި


ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ)ގެ ނަން ބޯޑު ފެންނަ ފޮޓޯއެއް | ސޯޝަލް މީޑިއާ
ދައުލަތުގެ ހިއްސާ އޮންނަ ހަތަރު ކުންފުންޏެއްގެ ބޯޑު ޑިރެކްޓަރުންގެ މަގާމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) އިން ހަތަރު މެންބަރުން އައްޔަނުކޮށްފި އެވެ.
ޕީސީބީން ބުރާސްފަތި ދުވަހު "އެކްސް" ގައި ހާމަކުރި ގޮތުގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަދި އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް އަށް ވަނީ ބޯޑު މެންބަރުން އައްޔަނުކޮށްފައި އެވެ.
އެގޮތުން އެފްޑީސީގެ ބޯޑު މެންބަރުކަމަށް މއ. ޝާހީން، ޢަބްދުﷲ ޔާމީން، ޙައްޖު ކޯޕަރޭޝަންގެ ބޯޑު މެންބަރުކަމަށް ގ. ބާނީ، އަޙްމަދު މާޒިން އަދި އެޗްޑީސީގެ ބޯޑު މެންބަރު ކަމަށް ދ. ބަނޑިދޫ، ފެހި ވިނަ، ޝާހިދު މޫސާ ވަނީ އައްޔަނުކޮށްފައި އެވެ.
މީގެ އިތުރުން އައިލެން އޭވިއޭޝަންގެ ބޯޑު މެންބަރުކަމަށް ދ. ކުޑަހުވަދޫ، ތިކުރީތު، މަޢީޝާ އިބްރާހީމް އައްޔަނުކޮށްފައިވެ އެވެ.
ޕީސީބީން ބުދަ ދުވަހު ވެސް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)، މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އަދި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ބޯޑަށް މެންބަރުން އައްޔަނުކޮށްފައިވެ އެވެ.
ކުންފުނި ތަކުގެ ބޯޑަށް މެންބަރުން އައްޔަނުކުރަމުން މިދަނީ ސަރުކާރުގެ ކުންފުނިތަކުން 33 އިންސައްތަ މުވައްޒަފުން ވަކި ކުރުމަށް އަންގާފައިވާ ދަނޑިވަޅެއްގައި އެވެ.









