ފައިނަލްގެ ކުރިން ސްކަލޯނީ: މެސީ އަކީ ފުޓުބޯޅައިގެ ތާރީޚު، އޭނާ އަކީ ލެޖެންޑެއް!
އާދީއްތަ ދުވަހުގެ ރޭ ކުޅޭ ފައިނަލް މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ސްކަލޯނީ ބުނީ، އުމުރުން 39 އަހަރުގައި މެސީ އާޖެންޓީނާ ފައިނަލްއާ ހަމައަށް ގެންގޮސް ދިނުމަކީ ޤަބޫލު ކުރަން ވެސް ދަތި، އަދި އާދަޔާ ޚިލާފު ކަމެއް ކަމަށް


އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ، އަދި ކެޕްޓަން ލިއޮނަލް މެސީ | ގެޓީ އިމޭޖަސް
ފީފާ ވޯލްޑް ކަޕްގެ ފައިނަލްގައި ސްޕެއިންއާ ދެކޮޅަށް ނުކުތުމުގެ ކުރިން، އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އަކީ ފުޓުބޯޅައިގެ ތާރީޚު ކަމަށާއި، އޭނާ އަކީ ފުރިހަމަ ލެޖެންޑެއް ކަމަށް ބާސެލޯނާގެ ކޯޗު ލިއޮނަލް ސްކަލޯނީ ބުނެފި އެވެ.
އާދީއްތަ ދުވަހުގެ ރޭ ކުޅޭ ފައިނަލް މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ސްކަލޯނީ ބުނީ، އުމުރުން 39 އަހަރުގައި މެސީ އާޖެންޓީނާ ފައިނަލްއާ ހަމައަށް ގެންގޮސް ދިނުމަކީ ޤަބޫލު ކުރަން ވެސް ދަތި، އަދި އާދަޔާ ޚިލާފު ކަމެއް ކަމަށެވެ.
ސްޕެއިންގެ ޓީމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ސްކަލޯނީ ބުނީ، އެ ޓީމު ހޮޓެލް އިން ނުކުމެގެން ބަހަށް އަރާ ހިސާބުން ފެށިގެން، އޭނާ އެ ޓީމާ މެދު ކަންބޮޑުވާ ކަމަށެވެ. ސްޕެއިން އަކީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރި ޓީމަށްވާއިރު، ވޯލްޑް ކަޕްގެ ފައިިނަލެއްގައި ކުޅުމުގެ ތަޖުރިބާ ހުރި ކުޅުންތެރިޔަކު މިހާރު އެ ޓީމުގައި ނެތެވެ. ނަމަވެސް، އެއީ އާޖެންޓީނާ އަށް ލިބޭ ފުރުސަތެއް ކަމަށް ސްކަލޯނީ ނުދެކެ އެވެ.
އެއާ އެކު ސްކަލޯނީ ބުނީ، ސްޕެއިންގެ ކުޅުންތެރިންނަކީ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ފައިނަލް އަދި ޔުއެފާ ނޭޝަންސް ލީގުގެ ފައިނަލް ފަދަ ބޮޑެތި މެޗުތައް ކުޅެފައިވާ އަދި ދުނިޔޭގެ ފެންވަރުގެ ތަޖުރިބާކާރު ކުޅުންތެރިން ކަމަށެވެ. ސްކަލޯނީ ބުނީ އާޖެންޓީނާގެ ކުޅުންތެރިން މިހާތަނަށް ދައްކާފައިވާ ހިތްވަރާއި، މަސައްކަތަކީ ފައިނަލްގެ ކުރިން ލިބޭ އެންމެ ބޮޑު ހިތްހަމަ ޖެހުން ކަމަށެވެ.
ފައިނަލް މެޗުގެ ކުރިން އާޖެންޓީނާގެ ކޯޗު ސްކަލޯނީ ދެއްކި ވާހަކަ
ސްކަލޯނީގެ އިތުރުން މެސީ ބުނެފައި ވަނީ، އާޖެންޓީނާގެ ކުޅުންތެރިންނަކީ ކުޑައިރުއްސުރެ މަގު މަތީގައްޔާއި، ސްކޫލު ތަކުގައި ވަރަށް ބޮޑު ޝައުޤުވެރިކަމަކާ އެކު ފުޓުބޯޅަ ކުޅެމުން އައި ކުޅުންތެރިން ތަކެއް ކަމަށެވެ. އެހެންކަމުން، މެޗުގެ ޕްރެޝަރަށް ވިސްނުމުގެ ބަދަލުގައި، އެ ކުޅުންތެރިން އަބަދު ވެސް މަސައްކަތް ކުރަނީ ކުޅުމުގެ ތެރެއިން އުފާ ހޯދުމަށް ކަމަށް މެސީ ބުންޏެވެ. އަދި ފުޓުބޯޅައިގައި މޮޅުވުމަށް ވުރެ ގިނަވާނީ ބަލުވުން ކަމަށާއި، ކުޑައިރުއްސުރެ އެކަން ދަސްވެފައިވާ ކަމަށް މެސީ ބުންޏެވެ.
މީގެ އިތުރުން ވޯލްޑް ކަޕްގެ ފައިނަލް އަކީ މެސީގެ ފަހު މެޗަށް ވުމުގެ ފުރުސަތު އެބަ އޮތްތޯ ސުވާލު ކުރުމުން ސްކަލޯނީ ބުނީ، މެސީ އަކީ ފުޓުބޯޅައިގެ ތާާރީޚު ކަމަށާއި، މެސީ އަކީ ފުރިހަމަ ލެޖެންޑެއް ކަމަށެވެ. އަދި އާޖެންޓީނާގެ ކުރީގެ ލެޖެންޑް ޑިއޭގޯ މަރަޑޯނާ މަތިން އަބަދު ވެސް ހަނދާން ހުންނަ ފަދައިން، މެސީ މަތިން ވެސް އަބަދު ހަނދާން ހުންނާނެ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް، މިއީ މެސީގެ ފަހު މެޗުކަމާ މެދު ވަކި އެއްޗެއް ބުންނަން ސްކަލޯނީ އަކަަށް ވެސް ނޭނގެ އެވެ.
މިއީ މެސީގެ ކެރިއަރުގައި އޭނާ ކުޅޭނެ ތިން ވަނަ ވޯލްޑް ކަޕްގެ ފައިނަލް އަށް ވާނެ އެވެ. 2014 ވަނަ އަހަރުގެ ފައިނަލްގައި ޖަރުމަނު އަތުން ބަލިވި ނަމަވެސް، 2022 ގެ ފައިނަލްގައި ވަނީ ފްރާންސް ބަލިކޮށްފަ އެވެ. މިފަހަރުގެ ފައިނަލްގައި ސްޕެއިން ބަލިކޮށް، ޖެހި ޖެހިގެން ދެ ވަނަ ފަހަރަށް ވޯލްޑް ކަޕް ކާމިޔާބު ކުރުމުގެ ފުރުސަތު އާޖެންޓީނާ އަށް އެބަ އޮތެވެ.










