މެސީގެ ނުރައްކާތެރިކަން ބުނެދިނުމާ އެކު، ފުއެންޓޭ ބުނީ މެސީ "މޭން މާކް" ނުކުރާނެ ކަމަށް
އެ ބައްދަލުވުމުގައި ވާާހަކަ ދައްކަމުން ފުއެންޓޭ ބުނީ މެސީ އަކީ މުބާރާތުގައި އަށް ލަނޑު ޖަހައި، އަދި ހަތަރު ލަނޑު ޖަހަން އެހީތެރިވެދީފައިވާ ކުޅުންތެރިޔާ އަށް ވީ ނަމަވެސް، އޭނާ ހުއްޓުވަން "މޭން މާކު" ކުރުމުގެ ވިސްނުމެއް ނެތް ކަމަށް


ފީފާ ވޯލްޑް ކަޕްގެ ފައިނަލްގައި އާޖެންޓީނާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސްޕެއިންގެ ކޯޗު ލުއިސް ޑި ލާ ފުއެންޓޭ ވާހަކަ ދައްކަނީ | ގެޓީ އިމޭޖަސް
ފީފާ ވޯލްޑް ކަޕްގެ ފައިނަލްގައި އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ކެެޕްޓަން ލިއޮނަލް މެސީ މާކު ކުރުމަށް ވަކި ކުޅުންތެރިޔަކު ބޭނުން ނުކުރާނެ ކަމަށް، ސްޕެއިންގެ ކޯޗު ލުއިސް ޑި ލާ ފުއެންޓޭ ބުނެފި އެވެ.
ފުއެންޓޭ މިހެން ބުނެފައި ވަނީ އާދީއްތަ ދުވަހުގެ ރޭ ދަންވަރު ސްޕެއިން އާއި އާޖެންޓީނާ ކުޅޭ ވޯލްޑް ކަޕްގެ ފައިނަލް މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ.
އެ ބައްދަލުވުމުގައި ވާާހަކަ ދައްކަމުން ފުއެންޓޭ ބުނީ މެސީ އަކީ މުބާރާތުގައި އަށް ލަނޑު ޖަހައި، އަދި ހަތަރު ލަނޑު ޖަހަން އެހީތެރިވެދީފައިވާ ކުޅުންތެރިޔާ އަށް ވީ ނަމަވެސް، އޭނާ ހުއްޓުވަން "މޭން މާކު" ކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ.
އެއާ އެކު ފުއެންޓޭ ވަނީ މީގެ 22 އަހަރު ކުރީގެ ހިތްދަތި ހަނދާން ތަކެއް ހިއްސާ ކޮށްފައި އެވެ އެގޮތުން 2004 ވަނަ އަހަރުގެ މެއި މަހު ބާސެލޯނާގެ ޒުވާން ޓީމާ ދެކޮޅަށް، ސެވިއްޔާގެ 19 އަހަރުން ދަށުގެ ޓީމު ކުޅުނު މެޗުގެ ވާހަކަ އޭނާ ހިއްސާ ކުރި އެވެ. ފުއެންޓޭ ބުނީ، އޭރު އުމުރުން 16 އަހަރުގެ މެސީ ހުއްޓުވުމަށް ވަކި ކުޅުންތެރިޔަކު އޭނާ މާކު ކޮށްފައި ބެހެއްޓި ކަމަށެވެ. އަދި މެޗުގެ 70 ވަނަ މިނެޓާ ހަމައަށް ދިޔައިރު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އޮއްވާ، މެސީ މާކު ކުރަން ހުރި ކުޅުންތެރިޔާ އަށް ރީނދޫ ކާޑެއް ދެއްކި ކަމަށް ފުއެންޓޭ ބުންޏެވެ.
އެއާއެކު ފުއެންޓޭ ވަނީ އެ ކުޅުންތެރިޔާ ބަދަލު ކޮށްފައި އެވެ. ފުއެންޓޭ ބުނީ އެ ކުޅުންތެރިޔާ ބަދަލު ކުރިތާ 15 މިނެޓު ފަހުން މެސީ ހަތަރު ލަނޑު ޖެހި ކަމަށެވެ. ފުއެންޓޭ ފާހަގަ ކުރި ގޮތުގައި މެސީ އަކީ ނުރައްކާތެރި، އަދި ކޮންމެ ވަގުތެއްގައި ވެސް ނަތީޖާ އަނބުރާލުމުގެ ހުނަރު ހުރި ކުޅުންތެރިޔެއް ކަމަށެވެ.
ވޯލްޑް ކަޕްގެ ފައިނަލްގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސްޕެއިންގެ ކޯޗު ފުއެންޓޭ ވާހަކަ ދައްކަނީ
އެ ހާދިސާ އަށް އިޝާރާތްކޮށް ފުއެންޓޭ ބުނީ، މެސީ މާކު ނުކުރާނެ ކަމަށް ބުނުމުގެ މާނަ އަކީ މެސީ އަށް ސަމާލުކަން ނުދިނުން ނޫން ކަމަށެވެ. ނަމަވެސް، އާޖެންޓީނާ އިން ސްޕެއިންގެ ކުޅުންތެރިންނަށް ސަމާލުކަން ދޭން ޖެހޭ ފަދައިން، ސްޕެއިންގެ ކުޅުންތެރިން ވެސް މެސީ އަށް ޚާއްސަ ސަމާލު ކަމެއް ދޭން ޖެހޭނެ ކަމަށް އޭނާ ބުންޏެވެ.
މީގެ އިތުރުން ސްޕެއިންގެ ޒުވާާން ކުޅުންތެރިޔާާ ލަމީން ޔަމާލް އާއި މެސީއާ އަޅާ ކިޔަމުން އަންނާތީ އެކަމަށް އިޝާރާތްކޮށް ފުއެންޓޭ ބުނީ، މެސީ އަކީ އަޅާ ކިޔޭނެ ކުޅުންތެރިޔެއް އަދި ތަކުރާރު ކުރެވޭނެ ކުޅުންތެރިޔެއް ނޫން ކަމަށެވެ. އެހެންވެ ޔަމާލް ވާން ޖެހޭނީ ޔަމާލް އަށް ކަމަށް ވެސް ފުއެންޓޭ ވަނީ ބުނެފައި އެވެ.
އާޖެންޓީނާާއާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ފުއެންޓޭ ބުނީ އެ ޓީމަށް އޮތީ އިންތިހާ އިހުތިރާމް ކަމަށެވެ. އެގޮތުން ވޯލްޑް ކަޕް އާއި، ކޮޕާ އެމެރިކާ އަދި ފައިނަލިސިމާ ކާމިޔާބު ކޮށްފައިވާ ޓީމަކަށް ފާޑު ނުކިޔޭނެ ކަމަށާއި، އެ ޓީމުގެ ކޯޗު ލިއޮނަލް ސްކަލޯނީ އަކީ ވަރަށް ގާތް އެކުވެރިއެއް ކަމަށް ފުއެންޓޭ ބުންޏެވެ. އަދި މިއީ ކާމިޔާބު ނުވަތަ ބަލިވުން ކަމަށް ބަަލައިގެން ނުވާނެ ކަމަށާއި، މުހިންމި މިފަދަ ފައިނަލެއްގައި ކުޅެން ލިބުން ކަމަށް ވެސް ފުއެންޓޭ ބުންޏެވެ.
މިއީ ސްޕެއިން އިން 16 އަހަރަށް ފަހު ވޯލްޑް ކަޕްގެ ފައިނަލްގައި ކުޅޭ ފުރަތަމަ ފަހަރެވެ. އެންމެ ފަހުން ސްޕެއިން އިން ވޯލްޑް ކަޕްގެ ފައިނަލްގައި ކުޅެފައި ވަނީ 2010 ވަނަ އަހަރު އެވެ. އެ ފަހަރު ސްޕެއިން އިން ވަނީ މުބާރާތް ކާމިޔާބު ކޮށްފައި އެވެ.










