ރޭސިންގ ޓްރެކްގެ މަސައްކަތްތައް އެންމެ އެދެވޭ ސްޕީޑެއްގައި ކުރިއަށް ނުދާ ކަމަށް ރައީސް މުއިއްޒު އެއްބަސްވެވަޑައިގެންފި
25 ޖުލައި 2026 | ހޮނިހިރު 05:17ހުޅުމާލޭގައި ތަރައްގީކުރާ ބައިނަލްއަގުވާމީ ރޭސިންގ ޓްރެކްގެ މަސައްކަތް ލަސްވެފައިވާ ކަމަށް ރައީސް މުއިއްޒު އެއްބަސްވެވަޑައިގެންފި. މަޝްރޫއު ލަސްވީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އެ މަޝްރޫއަށް ބޭނުންވާ ތަކެތި ހޯދުމުގައި ދަތިތަކެއް ކުރިމަތިވުމުން ކަމަށް އެމަނިކުފާނު ވިދާޅުވި


ރައީސް މުއިއްޒު ނޫސްވެރިންނާ ބައްދަލުކުރައްވަނީ | ރައީސް އޮފީސް
އެތައް ޒުވާނުންނެއްގެ އެދުމުގެ މަތިން ސަރުކާރުން ތަރައްގީކުރަން ފަށާފައިވާ ރޭސިންގ ޓްރެކްގެ މަސައްކަތްތައް އެންމެ އެދެވޭ ސްޕީޑެއްގައި ކުރިއަށް ނުދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެއްބަސްވެވަޑައިގެންފި އެވެ.
މާލެއާއި ހުޅުމާލެ ގުޅުވާލާ ހައިވޭއާއި ދިމާ ބޭރުން ބައެއް ހިއްކައިގެން ޒުވާނުންނަށް ހާއްސަ ރޭސިންގ ޓްރެކެއް ތަރައްގީކޮށްދިނުމަކީ ރައީސް މުއިއްޒުގެ ވައުދުކެވެ. ރައީސް އޮފީހުން ސިލްސިލާކޮށް ގެނެސްދޭ "ދަ ޕަލްސް" ޕޮޑްކާސްޓުގައި މި މަޝްރޫއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، މި ރޭސިންގ ޓްރެކަކީ ބައިނަލްއަގުވާމީ ފެންވަރުގެ ރޭސިންގ ޓްރެކެއް ކަމަށާއި ނަމަވެސް މަސައްކަތްތައް އެންމެ އެދެވޭ ސްޕީޑެއްގައި ކުރިއަށްނުދާ ކަމަށެވެ. އެގޮތުން މަސައްކަތް ފުރިހަމަ ކުރުމުގައި ހަ މަސްދުވަހުގެ ލަސްވުމެއް އުޅޭކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
މަސައްކަތްތައް ލަސްވާން ދިމާވި ސަބަބެއް ކަމަށް ރައީސް ވިދާޅުވީ، ޓްރެކް ހަދާ ސަރަހައްދުގެ ބިން ހިއްކުމާއި، ހިއްކާ ސަރަހައްދުގެ ގޮނޑުދޮށް ގިރައިގެން ދިޔަ ނުދީ ރައްކާތެރިކުރުމަށް ބޭނުންވާ ތަކެތި ހޯދުމުގައި ކުރިމަތިވި ދަތިތަކެވެ. މި ދަތިތައް ކުރިމަތިވެފައިވަނީ މެދުއިރުމަތީގައި މިހާރު ހިނގަމުން އަންނަ ހަމަނުޖެހުންތަކުގެ ސަބަބުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ބިން ހިއްކުން ލަސްވެއްޖެ، އެއީ އެތަނަށް ބޭނުންވާ ބައެއް މެޓީރިއަލް ހާއްސަކޮށް އެތަން ޕްރޮޓެކްޓް ކުރަން ޖަހަންޖެހޭ ޝޯ ޕްރޮޓެކްޝަންގެ މެޓީރިއަލް ލިބުން ލަސްވެގެން، އެހެން ނަމަވެސް އެކަން ވެސް ވަރަށް ބާރަށް ކުރިއަށްދާނެ ކުރިއަށް އޮތް ދުވަސްތަކުގައި، ޑިލޭސްތަކެއް މި ހުރިހާ ކަމެއްގައި ވެސް އައި މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން، އަޅުގަނޑުމެންގެ ފައިސާ ހަރަދުކުރުމަށް ހާއްސަކޮށް ތެލަށް ކުރަންޖެހޭ ބައެއް ހަރަދާއެކީގައި ގިނަ މަޝްރޫއުތަކެއް ހައެއްކަ މަސް ޑިލޭވެއްޖެ، އެހެންނަމަވެސް ރިކަވަރވެގެން މިދަނީ އިރާދަކުރެއްވިއްޔާ ކުރިއަށް،ރައީސް މުއިއްޒު
ރޭސިންގ ޓްރެކްގެ މަސައްކަތް ހުއްޓިފައިވާ ކަމަށް ރައީސް މުއިއްޒު އެއްބަސްވެ ވަޑައިގެންނެވިއިރު، ރާއްޖޭގެ އެކި ކަންކޮޅުގައި ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފަށާފައިވާ ގިނަ މަޝްރޫއުތަކެއް ވެސް ކުރިއަށް ނުގޮސް ހުއްޓިފައިވާ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ މި ސަރުކާރަށް އަމާޒުކޮށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރަމުންނެވެ. އަދި މެދުއިރުމަތީގެ ހަނގުރާމަ ފެށުމުގެ މާ ކުރިން ވެސް މި މަސައްކަތްތައް ނިންމެން އޮއްވާ މަސައްކަތްތައް ނުނިންމާ ހުއްޖަތްތައް ދައްކަމުން ގެންދިޔައީ ކީއްވެގެންތޯ ގިނަ ބަޔަކު ވަނީ ސުވާލު އުފައްދައިފަ އެވެ.
ހުކުރު ދުވަހު ރައީސް އޮފީހުން ގެނެސްދިން "ދަ ޕަލްސް" ޕޮޑްކާސްޓްގައި ރައީސް މުއިއްޒު މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލެއްވީ ޒުވާނުންނަށް ދިމާވާ މައްސަލަތަކާއި ޒުވާނުން ބާރުވެރިކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ މައްޗަށެވެ. ނަމަވެސް ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން ޒުވާނުންނަށް މީގެ ކުރިން ލިބެމުން ދިޔަ އެތަކެއް ފުރުސަތުތަކެއް ހަނިވަމުންދާ ކަމަށް ބުނެ ގިނަ ޒުވާނުން އަންނަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ވަކިން ހާއްސަކޮށް ވަޒީފާގެ ފުރުސަތުތަކާއި ތައުލީމީ ފުރުސަތުތަކާއި އެކިއެކި ދާއިރާތަކުން ކުރިއަށްދިޔުމަށް އޮތް ފުރުސަތުތައް ވަރަށް ބޮޑުތަނުން ހަނިވެފައިވާ ކަމަށް ގިނަ ޒުވާނުން ދެކެ އެވެ. ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކޮށްފައި ހުންނަ ގޮތުން ޒުވާނުންނަށް އިތުރު ގޮތެއް ނެތި، މުސްތަގުބަލާމެދު އޮތް އުންމީދު ކެނޑެމުންދާ ކަމަށް އެ ޒުވާނުން އަންނަނީ ބުނަމުންނެވެ.









