ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ރައީސް މުއިއްޒު އާ ބައްދަލު ކުރައްވައިފި
25 ޖުލައި 2026 | ހޮނިހިރު 14:23ރާއްޖޭގެ މިނިވަން ދުވަހުގެ ރަސްމީ އިޙްތިފާލުތަކުގައި ބައިވެރިވެވަޑައިގަތުމަށް ވަޑައިގެންނެވި ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި ތަޢުލީމީ ދާއިރާއާއި ބައިނަލްއަޤުވާމީ މައިދާނުގައި ގުޅިގެން މަސައްކަތްކުރުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން، ދެ ޤައުމަށް ފައިދާހުރި ކަންކަމުގައި އެއްބާރުލުން ދިނުމަށް ތައްޔާރަށް ތިއްބެވިކަން ދެ ބޭފުޅުން ހާމަކުރެއްވިއެވެ.

ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ރައީސް މުއިއްޒު އާ ބައްދަލު ކުރައްވަނީ | ރައީސް އޮފީސް
ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޑރ. ޚަލީލުއްރަޙްމާން، ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާ ބައްދަލު ކުރައްވައިފި އެވެ. މި ބައްދަލުކުރެއްވުން އޮތީ ހޮނިހިރު ދުވަހު ހަވީރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވަނީ، ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ އިޙްތިފާލުތަކުގައި ދިވެހި ސަރުކާރުގެ ޚާއްޞަ މެހުމާނެއްގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގަތުމަށް ވަޑައިގެންދެއްވީތީ ޑރ. ޚަލީލުއްރަޙްމާނަށް ޝުކުރު އަދާކުރައްވައި މަރުޙަބާ ވިދާޅުވެފައި ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނޭ ގޮތްގޮތާމެދުވެސް މަޝްވަރާކުރައްވާފައި ކަމަށާއި ޚާއްޞަކޮށް، ގިނަ ޤައުމުތަކުން ގުޅިގެން ކުރާ މަސައްކަތްތަކާއި، ތަޢުލީމުގެ ފުރުޞަތުތަކާއި، ފަރުދީ ފެންވަރުގައި ގުޅުންބަދަހިކުރުމުގެ މައްޗަށް ދެ ބޭފުޅުން އަލިއަޅުއްވާލެއްވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ، ދެ ޤައުމުގެ ޒަމާންވީ ރަޙުމަތްތެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދެ ޤައުމަށްވެސް ފައިދާކުރަނިވި ދާއިރާތަކުން އިތުރަށް އެއްބާރުލުންދެވިދާނޭ މަގުތައް ހޯދުމަށް ތައްޔާރަށް ތިއްބެވިކަން ދެ ބޭފުޅުންވެސް ހާމަކުރައްވަމުން ކަމަށް ވެސް ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޑރ. ޚަލީލުއްރަޙްމާން ރާއްޖެ ވަޑައިގަތީ ހޮނިހިރު ދުވަހު އެވެ.









