ސަރުކާރުގެ 3 ކުންފުންޏެއްގެ ބޯޑަށް މެންބަރުން އައްޔަންކޮށްފި
ޕީސީބީން ބީސީސީގެ ބޯޑަށް އީނާސް ނަސީރު، އެމްއެފްއެމްސީއަށް ހުސައިން އަބްދުލްވާހިދު އަދި މިފްކޯގެ ބޯޑަށް ފާތިމަތު އާޒިޔާ ފަތުހީ ވަނީ އައްޔަންކޮށްފައި. މި ބަދަލުތައް ގެނެސްފައިވަނީ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު މަދުކުރުމަށް އެ އިދާރާއިން އަންގާފައިވާ ދަނޑިވަޅެއްގައި


ސަރުކާރުގެ 3 ކުންފުންޏެއްގެ ބޯޑަށް އައްޔަން ކުރި މެންބަރުން | ޕީސީބީ
ދައުލަތުގެ ހިއްސާ އޮންނަ ތިން ކުންފުންޏެއްގެ ބޯޑު ޑިރެކްޓަރުންގެ މަގާމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރޮޓައިޒޭޝަން (ޕީސީބީ) އިން ތިން މެންބަރުން އައްޔަންކޮށްފި އެވެ.
ޕީސީބީން ބުދަ ދުވަހު "އެކްސް" ގައި ހާމަކުރި ގޮތުގައި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް (ބީސީސީ)، މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެމްއެފްއެމްސީ)، އަދި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އަށް ވަނީ ބޯޑު މެންބަރުން އައްޔަންކޮށްފަ އެވެ.
އެގޮތުން ބީސީސީގެ ޑިރެކްޓަރުން ބޯޑުގެ މެންބަރުކަމަށް ސ.ހިތަދޫ، މީނާޒް، އީނާސް ނަސީރު ވަނީ އައްޔަނުކޮށްފަ އެވެ. އަދި އެމްއެފްއެމްސީގެ ޑިރެކްޓަރުން ބޯޑަށް އެކައުންޓިން އަދި ފިނޭންސްގެ ދާއިރާއިން ހއ.ތަކަންދޫ، ރަތްވިލާގެ، ހުސައިން އަބްދުލްވާހިދު ވަނީ އައްޔަނުކޮށްފަ އެވެ.
މީގެއިތުރުން މިފްކޯގެ ޑިރެކްޓަރުން ބޯޑުގެ މެންބަރު ކަމަށް އައްޔަނުކޮށްފައި ވަނީ ސ.ފޭދޫ، އާބާދީގެ، ފާތިމަތު އާޒިޔާ ފަތުހީ އެވެ. އޭނާ އައްޔަނުކުރީ އެކައުންޓިން އަދި ފިނޭންސްގެ ދާއިރާއިންނެވެ.
ކުންފުނިތަކުގެ ބޯޑަށް މެންބަރުން އައްޔަންކޮށްފައި މިވަނީ 3 މަސް ދުވަހުގެ ތެރޭގައި ސަރުކާރު ކުންފުނިތަކުން 33 އިންސައްތަ މުވައްޒަފުން ވަކި ކުރުމަށް ޕީސީބީން އަންގާފައި ވަނިކޮށެވެ.









