ސަރުކާރު ކުންފުނިތަކަށް އެންމެ ފައިދާ ބޮޑުގޮތައް މުވައްޒަފުންގެ އިތުރުގަޑީގެ ފައިސާ ހަމަޖައްސަން އަންގައިފި
ސަރުކާރު ކުންފުނިތަކުގެ ޚަރަދު ކުޑަކޮށް ހިންގުން ހަރުދަނާކުރުމަށްޓަކައި، އިތުރުގަޑީގެ ފައިސާ ދިނުމުގައި ގެންގުޅޭ އުސޫލުތައް އެއްހަމަކުރުމަށް ޕީސީބީން ވަނީ އަންގާފައި. މިގޮތުން ކުންފުނިތަކަށް އެންމެ ފައިދާ ބޮޑު ގޮތަކަށް އުސޫލުތައް އިސްލާހުކޮށް، އަންނަ އޮގަސްޓް މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެ ބަދަލުތަކަށް އަމަލުކުރުން ވަނީ ލާޒިމުކޮށްފައި.

ބަންދު ދުވަހެއްގައި އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތީގެ ބާވަތްތައް ވީހާވެސް އަވަހަށް ކްލިއަރކުރުމުގެ މަސައްކަތުގައި މާލެ ވިޔަފާރި ބަނދަރުގައި އެމްޕީއެލްގެ މުވައްޒަފަކު ހަރަކާތްތެރިވަނީ | އެމްޕީއެލް
ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، އެކުންފުނިތަކުގެ ސަބްސިޑިއަރީ ކުންފުނިތަކުގައި އިތުރުގަޑީގެ ފައިސާ ދެވޭނީ ހަފްތާ އަކު 48 ގަޑިއިރަށް ވުރެ އިތުރަށް މަސައްކަތް ކުރާ ވަގުތައް ކަމަށް ކަނޑައަޅަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓޭޒޭޝަން ބޯޑު (ޕީސީބީ) އިން އަންގައިފި އެވެ.
އިތުރުގަޑީގެ ފައިސާ ދެވޭނެ އެންމެ ގިނަ މިންވަރު ކަނޑައަޅައިގެން (އޯޓީ ކެޕްކޮށްގެން) އިތުރުގަޑީގެ ފައިސާ ދެމުންދާ ކުންފުނިތަކުން މި އުސޫލާ އަޅާކިޔާ، ދެގޮތުންކުރެ ކުންފުންޏަށް ފައިދާ ބޮޑު އަދި ޚަރަދު ކުޑަވާ ގޮތަކަށް އިތުރުގަޑީގެ ފައިސާ ދިނުމުގެ އުސޫލު ހަމަޖައްސަން ވެސް ޕީސީބީ އިން ވަނީ އަންގާފަ އެވެ.
30 ޖުލައިގެ ކުރިން ކުންފުނިތަކުގެ އުސޫލުތަކަށް ގެންނަން ޖެހޭ ބަދަލު ގެނެސް 01 އޮގަސްޓުން ފެށިގެން މި ބަދަލުތައް ތަންފީޒު ކުރަން ކުންފުނިތަކަށް ވަނީ އަންގާފަ އެވެ.
ޖުލައި 21 ގެ ތާރީޚުގައި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓޭޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު ސޮއިކުރައްވާ ފޮނުވާފައިވާ ސާރކިއުލަރ ގައި ބުނެފައިވަނީ ސަރުކާރު ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނަށް ބޯޑުން އަންގާ އެންގުންތަކަށް އަމަލު ކުރުމަކީ ލާޒިމު ކަމެއް ކަމުގަ އެވެ.
މިބަދަލު ގެންނަނީ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާ ދިނުމުގައި ގެންގުޅޭ އުސޫލުތައް އެއްހަމަ ކުރުމުގެ ގޮތުންނާއި ކުންފުނިތައް ހިންގުން ހަރުދަނާކޮށް ޚަރަދު ކުޑަކުރުމުގެ ގޮތުން ކަމަށް ސަރކިއުލަރ ގައި ބުނެފައިވެ އެވެ.









