ހިޓްލަރު އުފަންވި އިމާރާތް ފުލުހުންގެ މަރުކަޒަކަށް ބަދަލުކޮށްފި
އޮސްޓްރިއާގެ ބްރައުނާއު އަމް އިންގައި ހުންނަ އެޑޮލްފް ހިޓްލަރު އުފަންވި އިމާރާތް، 22.8 މިލިއަން ޑޮލަރު ހޭދަކޮށްގެން ފުލުހުންގެ މަރުކަޒަކަށް ބަދަލުކޮށް މިދިޔަ ބުދަ ދުވަހު ވަނީ ހުޅުވާފައި. ސަރުކާރުގެ މި ނިންމުމަކީ އެ ތަނަކީ ނިއޯ-ނާޒީންގެ މުގައްދަސް ތަނަކަށް ވިޔަނުދީ، ހިޓްލަރާ އެ އިމާރާތާ ހުރި ގުޅުން ކަނޑުވާލުމަށް އެޅި ފިޔަވަޅެއް. ނަމަވެސް ބައެއް އާންމުންނާއި ފާޑުކިޔާ ފަރާތްތަކުން ދެކޭގޮތުގައި މި ބަދަލާއެކުވެސް އެ ތަނުގެ ތާރީޚީ ހަގީގަތް ފޮހެވިގެންނެއް ނުދާނެ.

ޖަރުމަނުވިލާތުގެ ކުރީގެ ޚުދުމުޚުތާރު ވެރިޔާ އެޑޮލްފް ހިޓްލަރު އޮސްޓްރިއާ ގައި އުފަންވި ގެ، ފުލުހުންގެ މަރުކަޒަކަށް ބަދަލުކޮށްފައިވާ މަންޒަރު | އޭއެފްޕީ
އޮސްޓްރިއާ އާއި ޖަރުމަނުވިލާތް ގުޅޭ ބޯޑަރު ކައިރީގައި ހުންނަ، އަޑޮލްފް ހިޓްލަރު އުފަންވި އިމާރާތް ފުލުހުންގެ މަރުކަޒަކަށް ބަދަލުކޮށްފި އެވެ.
އޮސްޓްރިއާގެ ބްރައުނާއު އަމް އިން ކިޔާ އަވަށުގައި ހުންނަ މި އިމާރާތުގައި ފުލުހުންގެ އާ މަރުކަޒު ހުޅުވާފައިވަނީ މިދިޔަ ބުދަ ދުވަހު އެވެ. ސަރުކާރުން މި ބަދަލު ގެނައީ ނިއޯ-ނާޒީން އެ ތަނަކީ މުގައްދަސް ތަނެއްގެ ގޮތުގައި ބަލައި، އެ ތަނަށް ޒިޔާރަތްކުރުން ހުއްޓުވުމުގެ މަގުސަދުގަ އެވެ. އޮސްޓްރިއާ ސަރުކާރުން މި އިމާރާތް ގަނެފައިވަނީ 2017 ވަނަ އަހަރު އެވެ. އަދި އެ ތަން މަރާމާތުކޮށް ބަދަލުތަކެއް ގެނައުމުގެ މަޝްރޫއު 2019 ވަނަ އަހަރު އިއުލާންކުރިއިރު، މި މަސައްކަތަށް ގާތްގަނޑަކަށް 20 މިލިއަން ޔޫރޯ (22.8 މިލިއަން ޑޮލަރު) ހޭދަވެފައިވެ އެވެ.
މި އިމާރާތުގައި ދެން ގާއިމުވެ ތިބޭނީ އެ ސަރަހައްދުގެ ޑިސްޓްރިކްޓް ފުލުހުންނާއި ލޯކަލް ފުލުހުންނެވެ.
މި މަރުކަޒު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެ އަވަށުގެ މޭޔަރު ޖޯހަންސް ވައިޑްބާކާ ވިދާޅުވީ، މި ގެނެވުނު ބަދަލުގެ ސަބަބުން އެ ސަރަހައްދުގެ މުޖުތަމައަކީ ތާރީޚާ ކުރިމަތިލައި، ޒިންމާ އުފުލާ ބައެއްކަން ހާމަވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
އޮސްޓްރިއާގެ އިންޓީރިއާ މިނިސްޓަރު ގޭހާޑް ކާނާ ވެސް ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި ވައިޑްބާކާ އިތުރަށް ވިދާޅުވީ، ފުލުހުންގެ މަރުކަޒު ހުޅުވުމާއެކު މިހާތަނަށް ދެކެވެމުންދިޔަ ވާހަކަތަކަށް ސާފު ހައްލެއް ލިބި، ބްރައުނާއުގެ ރައްޔިތުންނަށް ހިތްހަމަޖެހުމެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އޭއެފްޕީ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ގޭގެ ގޯތިތެރޭގައި އޮކެސްޓްރާ ކުޅެމުންދިޔައިރު 100 އެއްހާ މީހުން ބަލަން ތިއްބެވެ. އޭގެ ތެރޭގައި ޔުނީފޯމްގައި ތިބި 30 ފުލުހުން ހިމެނޭއިރު، އެ ސަރަހައްދުގެ އާންމު ރައްޔިތުންގެ ތެރެއިން އެ ތަނަށް ދިޔައީ ވަރަށް މަދު ބައެކެވެ.
އޮސްޓްރިއާގެ އިންޓީރިއާ މިނިސްޓްރީގެ ތާރީޚާ ބެހޭ ޑިޕާޓްމަންޓުގެ އިސްވެރިޔާ ސްޓެފަން މްލްޒޯކް، ނޫސްވެރިންނަށް އެ އިމާރާތް ދައްކާލުމަށްފަހު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ އެޑޮލްފް ހިޓްލަރާ އެ އިމާރާތާ ހުރިއްޔާ ހުރި ގުޅުމެއް ކަނޑުވާލައި، އެ ތަނަށް ދެވިފައިވާ ހާއްސަ ސިފަ ނައްތާލުން ކަމަށެވެ.
އެ އިމާރާތަށް ދެވިފައިވާ ހާއްސަ ސިފައަކީ ހިޓްލަރުގެ ވެރިކަމުގައި ނާޒީން އުފެއްދި ސަގާފަތެއްގެ ސަބަބުން އުފެދުނު ކަމެކެވެ. އެ ދުވަސްވަރު "ފިއުރާ އުފަންވި ގެ" ބޭނުންކުރަމުން ދިޔައީ އާޓް މިއުޒިއަމެއްގެ ގޮތުގަ އެވެ.
ހިޓްލަރު އެ ގޭގައި އުފަންވީ 1889 ވަނަ އަހަރުގެ އޭޕްރީލް 20 ގައެވެ. ނަމަވެސް އޭނާގެ އާއިލާ އޭނާ އުފަންވިތާ މަދު ހަފުތާތަކެއްގެ ތެރޭގައި އެ ތަނުން ބަދަލުވި އެވެ. އެ މަގުން ހިނގާފައިދާ މީހުން ގިނައިން އެ ގޭގެ ފޮޓޯ ނަގަން މަޑުކުރި ނަމަވެސް، ހިޓްލަރާ މެދު އެމީހުން ދެކޭ ގޮތެއް ނޭނގެއެވެ. އެ ސަރަހައްދުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި، މިހާރު އެ ތަނަށް ޒިޔާރަތްކުރާ މީހުންނާ ގުޅިގެން ހިނގާ ހާދިސާތައް ކުރިއަށްވުރެ ވަނީ މަދުވެފަ އެވެ.
އެހެންނަމަވެސް، ފާޑުކިޔާ ފަރާތްތަކުން ބުނަނީ އިމާރާތުގެ ބޭނުން ބަދަލުކުރުމަކުން އެ ތަނުގެ ތާރީޚާއި ނާޒީ ލީޑަރާ ހުރި ގުޅުން ފޮހެވިގެން ނުދާނެ ކަމަށެވެ.
މި މަޝްރޫއާ މެދު އާންމުންގެ ހިޔާލު ހުރި ގޮތާ ބެހޭގޮތުން ރޮއިޓާސް ނިއުސް އެޖެންސީން ސުވާލުކުރުމުން މޭޔަރު ވައިޑްބާކާ ވިދާޅުވީ، ބްރައުނާއުގެ ގިނަ ރައްޔިތުން މި ބަދަލު ގަބޫލުކޮށްފައިވާ ކަމަށެވެ.
އެހެންނަމަވެސް، ބައެއް ރައްޔިތުން މި ބަދަލާ މެދު ހިތްހަމަނުޖެހެ އެވެ. އުމުރުން 74 އަހަރުގެ އައިރީން ބުނި ގޮތުގައި، އެ ތަނުގައި އެހެން ކަމެއް ކުރި ނަމަ އޭނާ މާ ބޮޑަށް ހިތްހަމަޖެހުނީހެވެ. އަދި ކުރިން އެ ތަނުގައި ހިންގި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާ އެ ތަނުގައި ބޭތިއްބި ނަމަ ރަނގަޅުވީސް ކަމަށް އޭނާ ބުންޏެވެ.
އެ އިމާރާތުގެ ކުރިމަތީގައިވާ ދުވާރުމަތީގައި، މައުތައުސަން ކޮންސެންޓްރޭޝަން ކޭމްޕުން ގެނެސްފައިވާ ހިލައެއް ބާއްވާފައިވެ އެވެ. އެ ހިލައިގައި "ފެސިޒަމް ދެން ދުވަހަކުވެސް ނާންނާނެ" މިހެން ލިޔެފައިވެ އެވެ. އެ ހިލަ އަދިވެސް އެ ތަނުގައި އޮތްއިރު، ދާދި ފަހުން އެ އިމާރާތުގައި "ޕޮލިސް" ޖަހާފައިވާ ބޯޑެއް ވަނީ ހަރުކޮށްފަ އެވެ.









