2027 ވަނަ އަހަރުގެ ސާފް ގޭމްސް ބޭއްވުމަށް ޕާކިސްތާނުން ތައްޔާރުވަނީ
ސާކްގެ ހަރަކާތްތައް ހަލުވިކޮށް ސަރަޙައްދީ އެއްބާރުލުން އިތުރުކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމަށް ޕާކިސްތާނުން ތައްޔާރަށް އޮތްކަން އެޤައުމުން ހާމަކޮށްފި. މީގެ އިތުރުން މޫސުމީ ބަދަލުތަކާއި ހަކަތައިގެ ރައްކާތެރިކަން ފަދަ ގޮންޖެހުންތަކުން އަރައިގަތުމަށް މެންބަރު ޤައުމުތައް ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ޕާކިސްތާނުގެ ފޮރިން މިނިސްޓަރާއި ސާކްގެ ސެކްރެޓަރީ ޖެނެރަލް ބޭއްވި ބައްދަލުވުމުގައި ވަނީ ފާހަގަކުރައްވާފައި

ޕާކިސްތާނުގެ އިސްލާމްއާބާދުގެ ޖިނާހް ސްޓޭޑިއަމްގައި 2014 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 13 ވީ ބުރާސްފަތި ދުވަހު ކުޅުނު، ތިންވަނަ ސާފް އަންހެނުންގެ ފުޓްބޯޅަ ޗެމްޕިއަންޝިޕްގައި އިންޑިއާއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގެ ތެރެއިން، އިންޑިއާގެ އެންގަންގޮމް ބާލާ ދޭވީ ގޯލަށް ފޮނުވާލި ހަމަލާއެއް ދިވެހި ގޯލްކީޕަރު އާމިނަތު ލީޒާ ދިފާއުކުރަނީ. | ގެޓީ އިމޭޖަސް
ސަރަޙައްދީ އެއްބާރުލުމަށް އުފައްދާފައިވާ ސާކް ޖަމްޢިއްޔާގެ ހަރަކާތްތައް އަލުން ދިރުވައި އާލާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، 2027 ވަނަ އަހަރުގެ ކުރީކޮޅު ސައުތު އޭޝިއަން ފެޑަރޭޝަން (ސާފް) ގޭމްސް ބޭއްވުމަށް ޕާކިސްތާނުން ރާވަމުންދާކަން ހާމަކޮށްފި އެވެ. މިކަން ހާމަކުރެއްވީ ޕާކިސްތާނުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ފޮރިން މިނިސްޓަރު މުޙައްމަދު އިސްޙާޤް ދާރް، ސާކްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުން ވަކިވެވަޑައިގަންނަވާ ބަންގްލަދޭޝްގެ ސަފީރު ގޯލަމް ސަރުވަރުއާ އެކު އިސްލާމްއާބާދުގައި ބޭއްވި ވަދާއީ ބައްދަލުވުމުގަ އެވެ.
މި ބައްދަލުވުމުގައި ޑެޕިއުޓީ ޕްރައިމް މިނިސްޓަރު ވަނީ، ސާކްގެ ސަރަޙައްދީ އޮނިގަނޑު ވަރުގަދަކުރުމަށް ސަފީރު ސަރުވަރު ކުރެއްވި އިޚްލާޞްތެރި މަސައްކަތްޕުޅުތަކަށާއި ދެއްވި ލީޑަޝިޕަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފަ އެވެ. ސާކް ޗާޓަރަށް ޕާކިސްތާނުން ދޭ ސާބިތު އެއްބާރުލުން ތަކުރާރު ކުރައްވަމުން، މިނިސްޓަރު ދާރް ވިދާޅުވީ މެންބަރު ޤައުމުތަކުގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށާއި، ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމަށާއި، ފަގީރުކަން ނައްތާލުމުގެ މަސައްކަތް އަވަސްކުރުމަށް ވަރުގަދަ ސަރަޙައްދީ ބައިވެރިވުމެއް އޮތުން މުހިންމު ކަމަށެވެ. އަދި މީގެ ސަބަބުން ދެކުނު އޭޝިއާގެ ދެ ބިލިއަން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
މީގެއިތުރުން، ސާކްގެ އިޤްތިޞާދީ އަދި އަމަލީ މަސައްކަތްތައް އަލުން ހަލުވިކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމަށް ޕާކިސްތާން އޮތީ ތައްޔާރަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ސަފީރު ސަރުވަރުގެ ދައުރުގައި ޕާކިސްތާނުގެ ސަރުކާރާއި ރައްޔިތުންގެ ފަރާތުން ލިބުނު ފުރިހަމަ އެއްބާރުލުމަށްޓަކައި އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ. އަދި ސާކްގެ މައިގަނޑު މަޤްޞަދުތައް ހާސިލުކުރުމުގައި ޕާކިސްތާނުން އަދާކުރަމުންދާ ހަރަކާތްތެރި އަދި ބިނާކުރުވިނި ދައުރަށް އެމަނިކުފާނު ތައުރީފު ކުރެއްވި އެވެ.
މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ސަރަޙައްދީ އެއްބާރުލުމުގެ މިހާރުގެ ހާލަތާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާފަ އެވެ. އެގޮތުން މޫސުމަށް އަންނަ ބަދަލުތަކުން ކުރިމަތިވާ ނުރައްކާތަކާއި، ހަކަތައިގެ ރައްކާތެރިކަމާއި، ބޯޑަރު ހުރަސްކޮށް އޮންނަ ގުޅުންތައް ފަދަ ގޮންޖެހުންތަކާ ދެކޮޅަށް ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށް ދެ ބޭފުޅުން އަލިއަޅުއްވާލެއްވި އެވެ. މީގެއިތުރުން، ހުޅަނގު އޭޝިއާގެ ސަލާމަތީ މަޝްރަޙާ ގުޅޭގޮތުންވެސް ދެ ބޭފުޅުން ޚިޔާލު ބަދަލުކުރެއްވި އެވެ.
ސަފީރު ސަރުވަރު ސާކްގެ 15 ވަނަ ސެކްރެޓަރީ ޖެނެރަލްގެ މަގާމާ ހަވާލުވެވަޑައިގަތީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގަ އެވެ. އެމަނިކުފާނުގެ ދައުރު ހަމަވާނީ 2026 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގަ އެވެ. 1985 ވަނަ އަހަރު އުފެއްދި ސާކްގައި ހިމެނެނީ ދިވެހިރާއްޖެ، އަފްޣާނިސްތާން، ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، ނޭޕާލް، ޕާކިސްތާން އަދި ސްރީލަންކާ އެވެ. ނޭޕާލްގެ ކަތުމަންޑޫގައި ސެކްރެޓޭރިއަޓް ގާއިމުކޮށްފައިވާ މި ޖަމްޢިއްޔާގެ މަޤްޞަދަކީ ދެކުނު އޭޝިއާގެ ޤައުމުތަކުގެ މެދުގައި އިޤްތިޞާދީ އެއްބާރުލުން އިތުރުކުރުމާއި، ސަރަޙައްދީ ގުޅުން ބަދަހިކުރުމާއި ތަރައްޤީ ކުރިއެރުވުމެވެ.
މަސްދަރު: އޭއެންއައި










