Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވޯލްޑް ކަޕް

ޑެނިޒް އުންޑާވް - ފެކްޓަރީ ތަޅުމުން ވޯލްޑް ކަޕް ގެ އެންމެ އުހަށް!

ޖަރުމަނުގެ ފޯވާޑް ޑެނިޒް އުންޑާވް ވޯލްޑް ކަޕްގައި ދައްކަމުންދާ މޮޅު ކުޅުމާއެކު، 2014 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް އެ ގައުމު ވަނީ މުބާރާތުގެ ނޮކްއައުޓް ބުރަށް ދަތުރުކޮށްފައި. އައިވަރީ ކޯސްޓް އަތުން ޖަރުމަނު މޮޅުވި މެޗުގައި ދެ ލަނޑު ޖަހައި، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުމެ އޭނާ ދަނީ ތާރީޚީ ރެކޯޑްތަކެއް މުގުރަމުން. ކުރިން ފެކްޓްރީއެއްގައި މަސައްކަތްކުރި އުންޑާވްގެ މި ކާމިޔާބީއާ ގުޅިގެން، ކުރިއަށް އޮތް މެޗުތަކުގެ ފުރަތަމަ އެގާރައިން އޭނާއަށް ޖާގަ ދޭނެކަމުގެ އިޝާރާތެއް ކޯޗު ނާގަލްސްމަން މިހާރު ވަނީ ދީފައި.

ރާއްޖެ އެމްވީ | 21 ޖޫން 2026 | އާދީއްތަ 08:33
ޖަރުމަނުވިލާތުގެ ޑެނިޒް އުންޑާވް، އައިވަރީ ކޯސްޓް އާ ބައްދަލު ކުރި މެޗުގައި ޖަރުމަނު ޓީމަށް ދެވަނަ ލަނޑު ކާމިޔާބުކޮށްދީ 2-1 ގެ ނަތީޖާއަކުން ޓީމު ކުރިހޯދުމުން އެކަން ފާހަގަކުރަނީ.

ޖަރުމަނުވިލާތުގެ ޑެނިޒް އުންޑާވް، އައިވަރީ ކޯސްޓް އާ ބައްދަލު ކުރި މެޗުގައި ޖަރުމަނު ޓީމަށް ދެވަނަ ލަނޑު ކާމިޔާބުކޮށްދީ 2-1 ގެ ނަތީޖާއަކުން ޓީމު ކުރިހޯދުމުން އެކަން ފާހަގަކުރަނީ. | ގެޓީ އިމޭޖަސް

މެނޭޖަރު ޖޫލިއަން ނާގަލްސްމަން އާންމުކޮށް ފާޑުކިޔާފައިވާތާ މާގިނަ ދުވަސްތަކެއް ނުވަނީސް، ޑެނިޒް އުންޑާވް މިވަނީ ވޯލްޑް ކަޕްގައި ޖަރުމަނު ޓީމަށް މުހިންމު ކުޅުންތެރިއެއްކަން ސާބިތުކޮށްދީފައެވެ.

އައިވަރީ ކޯސްޓް އަތުން 2-1 އިން ޖަރުމަނު މޮޅުވި ފޯރިގަދަ މެޗުގައި އުންޑާވް ކާމިޔާބުކުރި ދެ ލަނޑާއެކު، އޭނާގެ މުހިންމުކަން އަނެއްކާވެސް މިވަނީ ހާމަވެފައެވެ. މި މޮޅާއެކު، 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ފަހުން ފުރަތަމަ ފަހަރަށް ޖަރުމަނު ޓީމު މިވަނީ މުބާރާތުގެ ނޮކްއައުޓް ބުރަށް ދަތުރުކޮށްފައެވެ.

ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެ މެޗެއްގައި ކުޅެން އަރައި، ތިން ލަނޑާއި ދެ އެސިސްޓާއެކު އުންޑާވް ވަނީ ޖުމްލަ ފަސް ގޯލުގައި ހިއްސާވެފައެވެ. މިއީ 1966 ވަނަ އަހަރުގެ ފަހުން ވޯލްޑް ކަޕެއްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުމެ ކުޅުންތެރިއަކު ހޯދި އެންމެ ރަނގަޅު ނަތީޖާއެވެ. މީގެ ކުރިން މި ރެކޯޑް އޮންނަނީ 1990 ވަނަ އަހަރު ކެމަރޫންގެ ރޮޖާ މިލާ އަތުގައެވެ.

ނަމަވެސް، އުމުރުން 29 އަހަރުގެ އުންޑާވްއަށް ޖަރުމަނުގެ ވޯލްޑް ކަޕް ސްކޮޑުން ފުރުސަތު ލިބޭނެކަމާމެދު ކުރިން އޮތީ ސުވާލު އުފެދިފައެވެ. އެއީ މިދިޔަ މާޗް މަހު ގާނާއާ ދެކޮޅަށް ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުމެ މޮޅުވި ލަނޑު ޖެހުމަށްފަހު، ކޯޗު ނާގަލްސްމަންއާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކާ ގުޅިގެންނެވެ.

ޖަރުމަނު ޓީމުގެ ފުރަތަމަ އެގާރައިން ޖާގަ ހޯދުމަށް އުންޑާވް އުންމީދުކުރާ ކަމަށް އޭނާ ފާޅުގައި ބުނުމުން، އާރްބީ ލައިޕްޒިގް އަދި ބަޔާން މިއުނިކްގެ ކުރީގެ ކޯޗު ނާގަލްސްމަން ވަނީ އެފަދަ ވާހަކަތަކުގެ ސަބަބުން އުންޑާވް އަމިއްލަ ނަފްސަށް ބޭކާރު ފިއްތުންތަކެއް ކުރިމަތިކުރަމުންދާ ކަމަށް ބުނެ އިންޒާރު ދީފައެވެ.

އެ މެޗުގެ ފުރަތަމަ އެގާރައިގައި އުންޑާވް ހިމެނިނަމަ އޭނާއަށް ލަނޑު ނުޖެހުނީސް ކަމަށް ނާގަލްސްމަން ކުރިން ބުނި ނަމަވެސް، ފަހުން އޭނާ ވަނީ އެ ފޯވާޑްގެ ކިބައިން މާފަށް އެދިފައިވާކަން ހާމަކޮށްފައެވެ.

އޭގެ ފަހުން އުންޑާވް ވަނީ ދަނޑުމަތީގައި އޭނާގެ ހުނަރު ދައްކާލައި، ފާޑުކިޔުންތަކަށް ވަރުގަދަ ޖަވާބެއް ދީފައެވެ.

އެގޮތުން ބައިނަލްއަގުވާމީ 11 މެޗުން ނުވަ ލަނޑު ހަމަކޮށް، ވޯލްޑް ކަޕްގެ ފުރަތަމަ އެގާރައިން ޖާގަ ހޯދުމަށް އޭނާ މިހާރު ވަނީ ވަރުގަދަ އުންމީދެއް އުފައްދާފައެވެ.

އަންނަ ބުރާސްފަތި ދުވަހު އިކުއެޑޯއާ ދެކޮޅަށް ޖަރުމަނު ކުޅޭ ގްރޫޕްގެ ފަހު މެޗުގައި އުންޑާވް ފުރަތަމަ އެގާރައިގައި ހިމެނިދާނެތޯ ސުވާލުކުރުމުން، ހޮނިހިރު ދުވަހުގެ މޮޅަށްފަހު ނާގަލްސްމަން ބުނީ "އާނއެކެވެ، ހަމަ ޔަގީނުންވެސް" އެ ފުރުސަތު އެބައޮތް ކަމަށެވެ.

"އަހަރެން ކުރިންވެސް ބުނިން ތަފާތު ގޮތްގޮތަށް ކަންކަން ކުރެވިދާނެ ކަމަށް. އޭނާގެ މިހާރުގެ ރަނގަޅު ފޯމަށް އަހަރެން ހުރަސް އަޅަންވީ ކީއްވެ؟ އޭނާ ދެ ފަހަރު ކުޅެން އަރައި، ދެ ފަހަރުވެސް ލަނޑު ޖަހައިފި،" ނާގަލްސްމަން ބުންޏެވެ.

މިއީ އުންމީދުތަކާ އެކު މަސައްކަތްކޮށް، ކާމިޔާބީ ހޯދަމުންދާ މި ފޯވާޑްގެ ފާހަގަކޮށްލެވޭ ދިގު ދަތުރުގެ އާ ބާބެކެވެ.

'ދިރިއުޅުމަށްޓަކައި ފައިސާ ހޯދަން އެ މަސައްކަތް ކުރަން ޖެހުނު'

އައިވަރީ ކޯސްޓް ކޮޅަށް ޖެހި ދެ ލަނޑާއެކު، އުންޑާވް ވެފައިވަނީ 2002 ވަނަ އަހަރުގެ މިރޮސްލާވް ކްލޯޒާގެ ފަހުން، ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ ދެ މެޗުގައިވެސް ލަނޑު ޖެހި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާއަށެވެ.

މިއީ ވަރަށް މަތީ ދަރަޖައެއްގެ ކާމިޔާބީއެކެވެ. ނަމަވެސް އުމުރުން 14 އަހަރުގައި ވާޑާ ބްރޭމަން އިން އޭނާ ބޭރުކޮށްލުމުން، ވޯލްޑް ކަޕެއްގައި ކުޅުމަކީ އުންޑާވްއަށް އޭރު ދުރު ހުވަފެނެކެވެ.

އުމުރުން 17 އަހަރުގައި އޭނާ ޖަރުމަނުގެ ހަތަރުވަނަ ޑިވިޝަނުގައި ސެމީ-ޕްރޮފެޝަނަލް ކުޅުންތެރިއެއްގެ ގޮތުގައި ހަފުތާއަކު 120 ޕައުންޑް ހޯދަމުން ދިޔައިރު، ފުޓްބޯޅަ ކެރިއަރާއެކު ފެކްޓްރީއެއްގައި އަށް ގަޑިއިރުގެ ޝިފްޓްތަކެއްގައި މަސައްކަތް ކުރިއެވެ.

ބެލްޖިއަމްގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި އުންޑާވް ބުނީ، އޭނާ މާ ކުޑަވުމުގެ ސަބަބުން ވާޑާ ބްރޭމަންގައި ކުރިމަގެއް ނެތް ކަމަށް ބުނުމުން ވަރަށް ބޮޑަށް ދެރަވި ކަމަށެވެ.

"އެކަމަކު އަހަރެން އުންމީދު ދޫކޮށެއް ނުލަން. އުމުރުން 17 އަހަރުގައި އާއިލީ ގެއިން ނުކުމެ، ހަތަރުވަނަ ޑިވިޝަނުގެ ހަވެލްސޭއަށް ސޮއިކުރިން. އެތަނުގައި ކުޅެމުން އަދި ތަމްރީނު ހަދަމުން، ފުލްޓައިމްކޮށް ފެކްޓްރީއެއްގެ ލޭޒާ މެޝިނެއް އޮޕަރޭޓްކުރުމުގެ މަސައްކަތް އަށް ގަޑިއިރު ކުރިން،" އުންޑާވް ކިޔައިދިނެވެ.

އޭނާ އިތުރަށް ބުނީ ފަތިހު 4 ޖަހާއިރު ހޭލައިގެން ފެކްޓްރީއަށް ގޮސް، މަސައްކަތް ނިންމާފައި ތަމްރީނުތަކަށް ގޮސް ގެއަށް އާދެވެނީ ރޭގަނޑު 8 ޖަހާއިރު ކަމަށެވެ. އަދި ހަމައެކަނި ފުޓްބޯޅައިން ލިބޭ ފައިސާއިން ދިރިނޫޅެވޭތީ، ދިރިއުޅުމުގެ ހަރަދުތައް ހަމަޖެއްސުމަށް އެ މަސައްކަތް ކުރަން މަޖުބޫރުވި ކަމަށް އޭނާ ބުންޏެވެ.

އުންޑާވް 2020 ވަނަ އަހަރު ބެލްޖިއަމްގެ ދެވަނަ ޑިވިޝަނުގެ ޔޫނިއަން ސެއިންޓް-ގިލޮއިސްއަށް ބަދަލުވެ، އެ ޓީމު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްކޮށްދިނުމުގައި އެހީތެރިވިއެވެ. އަދި ފުރަތަމަ ޑިވިޝަނުގައި 25 ލަނޑު ޖެހުމުން، އޭނާއަށް އިނގިރޭސި ކްލަބް ބްރައިޓަންއިން ފުރުސަތު ލިބުނެވެ.

ނަމަވެސް 2022-23 ވަނަ އަހަރުގެ ޕްރިމިއާ ލީގުގެ 22 މެޗުން ޖެހުނީ އެންމެ ފަސް ލަނޑެވެ. އެއަށްފަހު ލޯނު އުސޫލުން ސްޓުޓްގާޓަށް ބަދަލުވެ، 2024 ވަނަ އަހަރު އެ ކްލަބުން އޭނާ ދާއިމީކޮށް ގަތެވެ.

2025-26 ވަނަ އަހަރުގެ ބުންޑެސްލީގާގައި 19 ލަނޑު ޖަހައި، ހެރީ ކޭންގެ ފަހަތުން ލަނޑު ލިސްޓުގެ ދެވަނަ ހޯދުމާއެކު، އުންޑާވްއަށް ޖަރުމަނުގެ ވޯލްޑް ކަޕް ސްކޮޑުން ޖާގަ ކަށަވަރުވިއެވެ.

'އުންޑާވް ހުރީ ވޯލްޑް ކަޕްގެ އެންމެ މަތީ ފޯމުގައި'

ކުރަސާއޯ އަދި އައިވަރީ ކޯސްޓާ ދެކޮޅަށް ޖަރުމަނު މޮޅުވި މެޗުތަކުގައި ނާގަލްސްމަން އިސްކަންދިނީ އާސެނަލްގެ ކައި ހާވާޓްޒް ކުރިއަށް ކުޅުވާށެވެ. ނަމަވެސް އުންޑާވްގެ ކުޅުމާއެކު މިހާރު ވަނީ އެ ނިންމުން ބަދަލުކުރަން ޖެހޭ ފަދަ ވަރުގަދަ ސަބަބުތަކެއް ދައްކާފައެވެ.

"މެޗު ހުޅުވިގެންދާ ވަގުތު އޭނާގެ ހަރަކާތްތެރިކަން ވަރަށް ފުރިހަމަ،" ޖަރުމަނުގެ ކޯޗު ބުންޏެވެ.

ނާގަލްސްމަން ބުނީ އުންޑާވް މިހާރު ހުރީ ވޯލްޑް ކަޕްގެ އެންމެ މަތީ ފޯމުގައި ކަމަށާއި، އޭނާ ފުރަތަމަ އެގާރައިގައި ހިމެނުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. ކޮންމެ ކުޅުންތެރިއަކުވެސް ފުރަތަމަ އެގާރައިގައި ހިމެނެން ބޭނުންވާނެ ނަމަވެސް، މިހާރު އަދާކުރާ މުހިންމު ދައުރާމެދު އުންޑާވް ހުރީ އުފަލުން ކަމަށް ގަބޫލުކުރާ ކަމަށްވެސް ކޯޗު ބުންޏެވެ.

ޖަރުމަނު ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން އުންޑާވް އެންމެ ފަހުން ކުޅުނު މެޗަކީ މެއި 31 ގައި ފިންލޭންޑާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗެވެ. އެ މެޗު 4-0 އިން ޖަރުމަނު މޮޅުވިއިރު، އޭނާ ދެ ލަނޑު ޖަހައި އެއް އެސިސްޓް ކުރިއެވެ.

އައިވަރީ ކޯސްޓް މެޗުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދުމަށްފަހު ސްޓުޓްގާޓްގެ ފޯވާޑް ބުނީ، މިއީ ވަރަށް އުފާވެރި އިހުސާސެއް ކަމަށެވެ.

"މިއީ ވަރަށް ފުރިހަމަ އިހުސާސެއް. އަހަންނަށް މި އެވޯޑް ލިބުމަކީ އާދަޔާ ހިލާފު ކަމެއް، އެކަމަކު އެންމެ މުހިންމު ކަމަކީ މެޗުން މޮޅުވެ، ދެން އޮތް ބުރަށް ދަތުރުކުރުން،" އުންޑާވް ބުންޏެވެ.

އުންޑާވް މި ފޯމުގައި ދެމިހުރެއްޖެނަމަ، ފަސްވަނަ ވޯލްޑް ކަޕް ތަށި ހޯދުމަށް ޖަރުމަނުން ކުރާ މަސައްކަތުގައި އޭނާއަށް އިތުރު ކާމިޔާބީތަކެއް ލިބުމަކީ އެކަށީގެންވާ ކަމެކެވެ.

މަސްދަރު: ބީބީސީ

ޑެނިޒް އުންޑާވްޖަރުމަނުވޯލްޑް ކަޕްފުޓްބޯޅަވޯލްޑް ކަޕް 2026

އިތުރަށް ކިޔާލަން

20 ޖޫން 2026

ބްރެޒިލްގެ އަސްލު ކުޅުން ފެންނާނީ ކޮން އިރަކުން؟

20 ޖޫން 2026
ބްރެޒިލްގެ އަސްލު ކުޅުން ފެންނާނީ ކޮން އިރަކުން؟
20 ޖޫން 2026

އީރާނުގެ ވޯލްޑް ކަޕް ޓީމަށް ކުރިމަތިކޮށްފައިވާ ހުރަސްތަކާ ގުޅޭގޮތުން ވައިޓް ހައުސްއިން މަޝްވަރާކުރަނީ

20 ޖޫން 2026
އީރާނުގެ ވޯލްޑް ކަޕް ޓީމަށް ކުރިމަތިކޮށްފައިވާ ހުރަސްތަކާ ގުޅޭގޮތުން ވައިޓް ހައުސްއިން މަޝްވަރާކުރަނީ
20 ޖޫން 2026

ވޯލްޑް ކަޕްގައި ފެންބުއިމަށް މެޗު މެދުކަނޑާލުން ހޫނު ބަހުސަކަށް

20 ޖޫން 2026
ވޯލްޑް ކަޕްގައި ފެންބުއިމަށް މެޗު މެދުކަނޑާލުން ހޫނު ބަހުސަކަށް
19 ޖޫން 2026

ހީވެސް ނުކުރާފަދަ ބޮޑު ބައްޔަކުން ގަތަރު ކެނެޑާ އަތުން ބަލިވެއްޖެ

19 ޖޫން 2026
ހީވެސް ނުކުރާފަދަ ބޮޑު ބައްޔަކުން ގަތަރު ކެނެޑާ އަތުން ބަލިވެއްޖެ
19 ޖޫން 2026

މެކްސިކޯ ދެކުނު ކޮރެއާ ބަލިކޮށް ވޯލްޑް ކަޕް ނޮކައުޓް ސްޓޭޖަށް ކޮލިފައިވި ފުރަތަމަ ގައުމަކަށް

19 ޖޫން 2026
މެކްސިކޯ ދެކުނު ކޮރެއާ ބަލިކޮށް ވޯލްޑް ކަޕް ނޮކައުޓް ސްޓޭޖަށް ކޮލިފައިވި ފުރަތަމަ ގައުމަކަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު