ދިވެހިރާއްޖޭގެ އެސްކްލޫސިވް އިކޮނޮމިކް ޒޯނާ ބެހޭ ގޮތުން އިޓްލޮސްގެ ނިންމުން ބަދަލުކުރުމަށް ބަންޑާރަނައިބުގެ އޮފީހާ ހަވާލު ކުރި މަސައްކަތައް ވީ ކިހިނެއް؟
ޗާގޯސް މައްސަލައިގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި ހޯދުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ އަމަލީ ނަތީޖާއެއް އަދި ފެންނާކަށް ނެތް. މިކަމަށްޓަކައި ބަންޑާރަނައިބުގެ އޮފީހުން ޚާއްސަ ކޮމިޓީއެއް އެކުލަވާލައި ބައިނަލްއަޤްވާމީ މާހިރުންގެ އެހީތެރިކަން ހޯދަމުންދާ ކަމަށް ސަރުކާރުން ބުނި ނަމަވެސް، މިހާތަނަށް އެއްވެސް ކުރިއެރުމެއް ލިބިފައިނުވާކަން ފާހަގަކުރެވޭ.

އިންޑިއާ ކަނޑުގައި އޮންނަ ޗާގޯސް އާކިޕެލާގޯ ނުވަތަ ފޯޅަވަހީގެ ރަށްތަކުގެ ތެރެއިން އެންމެ ބޮޑު އަތޮޅަކީ ޑިއޭގޯ ގާސިއާ. މި ރަށް އޮންނަނީ އިންޑިއާގެ ދެކުނުން 1600 ކިލޯމީޓަރު ދުރުގައި އަދި ދިވެހިރާއްޖޭގެ ދެކުނުން 1200 ކިލޯމީޓަރު ދުރުގައި. | އާޓެމްޖޫ.އާރުޔޫ
ދިވެހިރާއްޖޭގެ އެސްކްލޫސިވް އިކޮނޮމިކް ޒޯންގެ ދެކުނުން ފޯޅަވައްސާ ފުށުއަރާކަމަށް ބުނެ އިންޓަރނޭޝަނަލް ޓްރައިބިއުނަލް އޮން ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި މޮރިޝަސްގެ ފަރާތުން ހުށަހެޅި މައްސަލައާ ގުޅޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގެންގުޅުއްވާފައިވާ ސިޔާސަތަކީ ރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާ ފުށުއަރާގޮތަށް އަދި ދިވެހިރާއްޖޭގެ މަސްލަހަތު ގެއްލޭގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، ރައީސް ޑރ. މުޙައްމަދު މުޢިއްޒްގެ ވެރިކަމުގެ ފުރަތަމަ 14 (ސާދަ) ހަފުތާގެ ތެރޭގައި ފުރިހަމަކުރާނެ މަސައްކަތްތަކުގެ ތެރޭގައި މި މައްސަލާގައި އިޓްލޮސްއިން ނިންމާފައިވާ ނިންމުން ބަދަލުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށް ބަންޑާރަނައިބުގެ އޮފީހާ ހަވާލު ކުރި އެވެ.
މިއީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ރައީސް އޮފީހުން އާންމު ކުރި މައުލޫމާތުގައި ހުރި ވާހަކަތަކެވެ.
ސަރުކާރުން އޭރު ބުނީ އިޓްލޮސްގެ އެ ނިންމުން ދިރާސާކޮށް، މި މައްސަލައާ ގުޅިގެން ދެން އެޅެންހުރި ފިޔަވަޅުތަކަކީ ކޮބައިތޯ ބެލުމަށް ކުރަންޖެހޭ މަސައްކަތް ބަންޑާރަނައިބުގެ އޮފީހުން ވަނީ ފަށާފައި ކަމަށެވެ.
މިގޮތުން މިމައްސަލައާ ގުޅޭ ކަމާބެހޭ އެންމެހައި ލިޔެކިޔުތައް ހޯދައި، އެލިޔެކިޔުންތައް ދިރާސާ ކުރުމުގެ މަސައްކަތް އެ އޮފީހުން ކުރަމުންދިއުމުގެ އިތުރުން މިމައްސަލާގައި ނިމިދިޔަ ސަރުކާރުގެ ފަރާތުން ދައުލަތުން ގެންގުޅުފައިވާ ޤާނޫނީ ޕޮޒިޝަން އާއި ޢަމަލުކޮށްފައިވާ ގޮތާ ގުޅޭގޮތުން ދިވެހިރާއްޖެ އާއި ބައިނަލްއަޤްވާމީ އިސް މާހިރުންގެ ލަފާ ހޯދުމުގެ މަސައްކަތް ވެސް ފަށާފައި ކަމަށް ވެސް ވަނީ ބުނެފަ އެވެ.
މަސައްކަތުގެ މުހިންމު ކަމުގެ ސަބަބުން މަސައްކަތަށް ޚާއްސަ ސަމާލުކަމެއް ދީގެން އަވަހަށް ކުރިއަށް ގެންދިޔުމަށްޓަކައި، މަސައްކަތްތައް ވިލަރެސްކުރުމަށްޓަކައި ބަންޑާރަނާއިބު ހާއްސަ ކޮމިޓީއެއް އެކުލަވާލައްވާފައިވާ ކަމަށް ވެސް ސަރުކާރުން ބުންޏެވެ. އެކޮމިޓީގެ މެންބަރުންގެ ގޮތުގައި ހަމަޖެއްސީ، ކުރީގެ ބަންޑާރަ ނާއިބު އަލްއުސްތާޛު މުޙައްމަދު އަނިލް އާއި މިނިސްޓްރީ އޮފް ޑިފެންސްގެ ފަރާތުން ކާނަލް އަޙުމަދު މުޖުތަބާ އާއި މިނިސްޓްރީ އޮފް ފޮރިން އެފެއާރޒްގެ ފަރާތުން ސެކްރެޓަރީ، މަލްޓިލެޓެރަލް އަލްފާޟިލް އަޙްމަދު ޝިއާން އެވެ. ކޮމިޓީ އުފެއްދިކަން އިއުލާނު ކުރުން ފިޔަވާ ފަހުން މި ކޮމިޓީގެ މަސައްކަތާ ބެހޭ އެއްވެސް އެއްޗެއް ސަރުކާރުން ހާމަކޮށްފަ އެއް ނެތެވެ.
މިއާ އެކު ބަންޑާރާ ނައިބު އަދި އިތުރު މަސައްކަތެއް ކުރައްވާނެ ކަމަށް ވެސް އޭރު އޮތީ ހާމަ ކޮށްފަ އެވެ. އެއީ ނިމިދިޔަ ސަރުކާރުގެ ފަރާތުން، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާ ފުށުއަރާގޮތަށް އަދި ދިވެހިރާއްޖޭގެ އެންމެ މަތީ މަސްލަހަތު ގެއްލޭގޮތަށް ގެންގުޅެފައިވާ ޤާނޫނީ ޕޮޒިޝަން އާއި ޢަމަލުކޮށްފައިވާ ގޮތާ ގުޅޭ ގޮތުން ރިޕޯޓެއް އެކުލަވާލައި ރައީސުލްޖުމްހޫރިއްޔާއަށާއި އަދި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމެވެ.
ޖެހިގެން އައި 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު ފާހަގަ ކުރި ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް މުއިއްޒު ވަނީ "ދިވެހި ރާއްޖޭގެ ކަނޑުން ގެއްލުވާލި ބައި" ހޯއްދަވަން ވަރަށް ބުރަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުން ގެންދާ ކަމަށް ވިދާޅުވެފަ އެވެ. އެ ކުރެވޭ މަސައްކަތުގެ ތަފްސީލެއް ނުދެއްވި ނަމަވެސް ވަރަށް ހަރުކަށި އިބާރާތުން ކުރީ ސަރުކާރު ކުށްވެރި ކުރައްވާ ވާހަކަފުޅު ދެއްކެވި އެވެ. "ރޯމާ ދުވާލު، ކަނޑައެޅިފައިވާ ދުސްތޫރީ ނިޒާމާ ޚިލާފަށް، ޤާނޫނު އަސާސީއާ ޚިލާފަށް، ރައްޔިތުންގެ މަޖިލީހުގައި އަހާލުމެއްނެތި، އަޅުގަނޑުމެންގެ ކަނޑުން ބޮޑު ބައެއް ދޫކޮށްލާފައިވާ" ކަމަށާއި އެކަން ކޮށްފައިވާގޮތުން އެ މައްސަލަ ޙައްލުކުރުމަށް ބުރަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމުގައި މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވެފައި ވަނީ އެކަމަށްޓަކައި މި ސަރުކާރު ވެރިކަމަށް އައި ހިސާބުން ފެށިގެން އެޓަރނީ ޖެނެރަލްގެ އޮފީހުގެ ބޭފުޅަކު އ.ދ. ގައި ބަހައްޓައިގެން އަދި ޤާނޫނީ ވަކީލުންގެ ޓީމަކުންވެސް ގިނަ މަސައްކަތްތަކެއް މެދުކެނޑުމެއްނެތި ކުރަމުންގެންދާ ކަމުގަ އެވެ. އދ. ގައި ހުންނަވާ އެބޭފުޅާގެ މަސައްކަތް ކުރިއަށްދާ ގޮތް ބެލުމަށް ނޫސްވެރިން މަސައްކަތްތަކެއް ކުރި ނަމަވެސް އޭގެ ތަފްސީލުވެސް އޮތީ ސާފުވާ ގޮތް ނުވެފަ އެވެ.
އެ ޖަލްސާ ގައި މުއިއްޒު ވިދާޅުވީ އިނގިރޭސި ސަރުކާރުން މޮރިޝަސްއަށް ޗާގޯސް ޙަވާލުކުރުމާބެހޭ ވާހަކަތަކެއް ދާދި ފަހުން އިވިވަޑައިގަތުމުން، ޗާގޯސްއަކީ އަޅުގަނޑުމެންނާ ތާރީޚީ ގުޅުމެއް ވަރަށް ބޮޑަށް އޮތް ތަނަކަށް ވާތީ، ރަސްމީ ލިޔެކިޔުމުން އެކަންކަން ބަޔާންކޮށް، ދިވެހި ސަރުކާރުން އިނގިރޭސި ސަރުކާރަށް ސިޓީއެއް ފޮނުއްވާފައިވާނެ ކަމުގަ އެވެ.
އޭގެ ދުވަސްތަކެއް ފަހުން 20 ވަނަ ރައްޔިތުންގެ މަޖިލިސް، 2026 ވަނަ އަހަރަށް ހުޅުއްވައިދެއްވަމުން ދެއްކެވި ވާހަކަފުޅުގައި، ފޯޅަވަހީގެ މައްސަލައިގައި ކުރީގެ ރައީސް ސޯލިހް، މޮރިޝަސްގެ ކުރީގެ ބޮޑުވަޒީރު ޕްރަވިންދު ކުމާރު ޖުގްނައުތަށް 22 އޯގަސްޓް 2022 ގައި ފޮނުއްވި ސިޓީފުޅު އަނބުރާ ގެނައުމަށް ސަރުކާރުން ނިންމަވާފައިވާކަމަށް ރައީސް މުއިއްޒު ވިދާޅުވިި އެވެ.
އެ ޖަލްސާ ގައި މި ކަންކަމަށް ރިއާޔަތްކުރައްވައި، ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) ގެ ދަށުން، އިޓްލޮސްގައި ހިނގާދިޔަ މައްސަލައިގައި ކުރީ ސަރުކާރުން ޢަމަލުކޮށްފައިވާ ގޮތްތަކާ ބެހޭ ގޮތުން "ކޮމިޝަން އޮފް އެންކުއަރީ" އެއް އުފެއްދެވުމަށް ސަރުކާރުން ނިންމަވާފައިވާކަމުގައި މުއިއްޒު ވިދާޅުވި އެވެ.
އޭގެ ފަހުން މި މައްސަލައިގައި، ސަރުކާރުން ބުނި ގޮތަށް "ގެއްލުނު ކަނޑުގެ ސަރަހައްދު" ހޯދުމަށް އެދެވޭ މަސައްކަތެއް ކުރެވެމުންދާތަން ނުފެންނާތީ، މިއަހަރުގެ މާޗު މަހުގެ 2 ވަނަ ދުވަހު ރައީސް އޮފީހުގައި އޮތް ނޫސްކޮންފަރެންސެއްގައި ނޫސްވެރިއަކު ވަނީ ރައީސް މުއިއްޒު އާ ސުވާލު ކޮށްފަ އެވެ. މުއިއްޒު ވިދާޅުވީ، "ފޯޅަވަހި ހޯދުމަށްޓަކައި އިނގިރޭސި ސަރުކާރާއެކު ދިވެހިރާއްޖެ އިން "މަސައްކަތްތަކެއް" ކުރެވެމުންދާކަމަށެވެ. އެގޮތުން އިނގިރޭސި ސަރުކާރަށް ދެ ސިޓީ އެއް ފޮނުވާފައިވާނެ ކަމަށް ވިދާޅުވި އެވެ. އަދި އިނގިރޭސި ބޮޑުވަޒީރާ ފޯނުން މަޝްވަރާތަކެއް ކުރެވިފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ. ލިޔެކިޔުންތައްޔާރުކޮށް ހުށަހަޅަން ޖެހޭ ފަރާތްތަކަށް ހުށަހަޅާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތްކަމަށް ރާއްޖޭން ކުރިން ބަލައިގަނެފައި އޮތް އޮތުން ބާޠިލްކުރައްވައި، ކަނޑުގެ ސަރަހައްދު ކަނޑައެޅުމާ ގުޅޭގޮތުން "އިޓްލޮސް" އިން ނިންމާފައިވާ ނިންމުން ގަބޫލުކުރެއްވުމަށް އިންކާރު ކުރެއްވުން ފިޔަވާ މިކަމުގައި ލިބުނު ކުރިއެރުމެއް ފެންނާކަށް ނެތެވެ. އިނގިރޭސި ސަރުކާރަށް ސިޓީތަކެއް ނުފޮނުއްވައެކޭ ނޫނެވެ. ނަތީޖާ އެއް ނުކުތް ނަމަ ނުކުތް ނަތީޖާ އަކީ، މައްސަލަޖެހިފައިވާ ކަނޑުގެ ސަރަހައްދުގައި ރައީސް މުޢިއްޒުގެ ސަރުކާރުން ޚާއްޞަ އަސްކަރީ އޮޕަރޭޝަނެއް ފެއްޓެވުމާއެކު، މިކަމުގެ ރައްދުގައި މޮރިޝަސް އިން ދިވެހިރާއްޖެއާއެކު އޮތް ހުރިހާ ސިޔާސީ ގުޅުންތަކެއް ކަނޑާލުމެވެ.
އިނގިރޭސި ބޮޑުވަޒީރާ އެކު މައްސަލައިގައި ފޯނުން ވާހަކަ ދެއްކެވި ކަމަށާއި ދެ ސިޓީފުޅެއް ފޮނުއްވި ކަމަށް ވިދާޅުވި އިރު، އެންމެ ކުޑަމިނުން އެއިން ކަމެއް އެކްނޮލެޖް ކޮށް އިނގިރޭސި ސަރުކާރުން އެއްޗެއް ބުނެފަ އެއް ނުވެ އެވެ. އޭގެ ބަދަލުގައި އެމެރިކާ އާއި އިނގިރޭސިވިލާތުން ވެސް ތެދުވެފައިވަނީ ރައީސް މުއިއްޒު އެ ދައްކަވާ ވާހަކަފުޅާ މުޅިން ދެކޮޅަށެވެ. އިނގިރޭސިވިލާތުން ބުނަމުންދަނީ ޗާގޯސްގެ މައްސަލައަކީ އެ ގައުމާއި މޮރިޝަސްއާ ދެމެދު އޮތް ދޭދޭ މައްސަލައެއް ކަމަށެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ރައީސް މުޢިއްޒުގެ ދައްކަވާ ވާހަކަތަކަށް ނުސީދާކޮށް ރައްދުދެއްވައި، ޗާގޯސްގެ ކުލީގެ އެއްބަސްވުމަށް އެއްވެސް ފަރާތަކުން ހުރަސްއަޅައި ނުވަތަ އެތަނުގެ އޮޕަރޭޝަންތަކަށް ނުރައްކާކޮށްފިނަމަ، އެމެރިކާ އިން އަސްކަރީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދެއްވާފަ އެވެ.
ކޮންމެއަކަސް ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދުމަށާއި ޗާގޯސް ރާއްޖެ އަށް ހޯދުމުގެ މަސައްކަތް ބަންޑާރަނައިބުގެ އޮފީހާ ހަވާލު ކުރި ފަހުން 935 ދުވަސް ނުވަތަ 2 އަހަރާއި 6 މަސް ދުވަސް ފާއިތުވެގެން ހިނގައްޖެ އެވެ. އދ. ގައި މިކަމަށް ބެހެއްޓި ޚާއްސަ އޮފިޝަލުގެ މަސައްކަތާއި، ބަންޑާރަ ނައިބު ހެއްދެވި ޚާއްސަ ކޮމިޓީ އާއި، އެކުލަވާލައްވާ އިންކުއަރީ ރިޕޯޓާއި، ބޭރުގެ އެކްސްޕާޓުން ކުރައްވާ މަސައްކަތާއި، އިނގިރޭސި ސަރުކާރާ އެކު ކުރެވޭ ކަމަށް ވިދާޅުވާ މަސައްކަތުގެ އެއްވެސް އަމަލީ ނަތީޖާ އެއް ފެންނާކަށް ނެތެވެ.




