Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުހުރްމުޒް ކަނޑުއޮޅި

ހުރްމުޒްގެ މައްސަލަ އިންޝުއަރެންސް ކުންފުނިތަކަށް ބޮޑު ނުރައްކަލަކަށްވެ، ކުއްލި ކުއްލި އަށް އިންސުއަރެންސް ޕޮލިސީ ބަދަލު ކުރަނީ!

މެދުއިރުމަތީގެ މަސްރަހު ގޯސްވެ ހުރްމުޒް ކަނޑުއޮޅީގައި ނުރައްކާ ބޮޑުވުމާ ގުޅިގެން، ކަނޑުދަތުރުފަތުރުގެ އިންޝުއަރެންސް އަގުތައް އުޅަނދުގެ އަގުގެ 10 އިންސައްތައަށް ވަނީ އުފުލިފައި. މި ބަދަލާއެކު އިންޝުއަރެންސް ކުންފުނިތަކުން ކޮންމެ ގަޑިއިރަކު އަގުތައް މުރާޖައާކުރަމުންދާއިރު، ސަރަހައްދީ ހަމަނުޖެހުންތައް ނުހުއްޓި ދިގުލައިގެން ގޮސްފިނަމަ މުދާ އުފުލާ އުޅަނދުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެކަމުގެ ބިރު ވަނީ ބޮޑުވެފައި.

ރާއްޖެ އެމްވީ | 10 ޖުލައި 2026 | ހުކުރު 16:25
އީރާނުގެ ބަންދަރު އައްބާސްގެ ބޭރުން އޮންނަ ހުރްމުޒް ކަނޑުއޮޅީގައި، މުދާ އުފުލާ ބޯޓުތައް ބަނދަރުކޮށްފައި އޮތް މަންޒަރު

އީރާނުގެ ބަންދަރު އައްބާސްގެ ބޭރުން އޮންނަ ހުރްމުޒް ކަނޑުއޮޅީގައި، މުދާ އުފުލާ ބޯޓުތައް ބަނދަރުކޮށްފައި އޮތް މަންޒަރު | އޭޕީ

ދުނިޔޭގެ އިންޝުއަރެންސް ސިނާއަތުގެ ނުރަސްމީ މައި މަރުކަޒުގެ ގޮތުގައި ބެލެވޭ ލޮއިޑްސް އަކީ ފާއިތުވި ތިން ގަރުނަށްވުރެ ގިނަ ދުވަހު ކަނޑުދަތުރުފަތުރުގެ އިންޝުއަރެންސްގެ މައި ހިތުގެ ގޮތުގައި އޮތް ކުންފުންޏެކެވެ.

އެމެރިކާއާއި އިސްރާއީލުން ފެބްރުއަރީ 28 ވަނަ ދުވަހު ދިން ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ތެހެރާނުން ހުރްމުޒްކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން، ލޮއިޑްސްގެ މާކެޓުން ވަނީ ވަގުތުން ފިޔަވަޅުތަކެއް އަޅަން ފަށާފަ އެވެ. އެއްރޭ މަތިން، އެ ކަނޑުއޮޅި ހުރަސްކުރުމުގެ ނުރައްކާ އިންތިހާއަށް ބޮޑުވެގެން ދިއުމާއެކު، އިންޝުއަރެންސް ޕްރީމިއަމްތަކަށް ވެސް އެ ބަދަލު ގެންނަން ޖެހުނެވެ. އެގޮތުން ހަނގުރާމައިގެ ހާލަތްތަކަށް ހާއްސަ އިންޝުއަރެންސް ޕޮލިސީތައް ވަގުތުން ތައާރުފް ކުރި އެވެ.

ލަންޑަންގެ ބްރޯކަރެއް ކަމަށްވާ މެކްގިލް އެންޑް ޕާޓްނާސްގެ މެރިން ހެޑް ޑޭވިޑް ސްމިތު ވިދާޅުވި ގޮތުގައި، މި ހަފުތާގައި މެދުއިރުމަތީގައި އަލުން ހަމަލާތައް ދޭން ފެށުމާ ގުޅިގެން، އިންޝުއަރެންސް ކުންފުނިތަކުން ދަނީ އަގުތަކާއި "ވަކިވަކި ނުރައްކާތަކަށް މަގުފަހިވާ ކަންކަން" އަލުން މުރާޖައާ ކުރަމުންނެވެ.

"ދަތުރުފަތުރުގެ ކަންކަން ހަމައަކަށް އެޅި، ހަމަޖެހުން ގާއިމުވެފައި އޮތް ދުވަސްކޮޅަކަށް ފަހު، ހުރްމުޒް ކަނޑުއޮޅީގައި ހިނގި ފަހުގެ ހާދިސާތަކާ ގުޅިގެން ނުރައްކަލުގެ މިންވަރު މިވަނީ އަލުން ބަދަލުވެފައި،" ސީއެންއެންއަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވި އެވެ. އިންޝުއަރެންސް ބްރޯކަރެއް ކަމަށްވާ މާޝްގެ ގްލޯބަލް ހެޑް އޮފް މެރިން އެންޑް ކާގޯ، މާކަސް ބޭކާ ވިދާޅުވި ގޮތުގައި، އެމެރިކާ އާއި އިސްރާއީލުގެ ހަމަލާތަކަށް ފަހު، ކަނޑުއޮޅި ހުރަސްކުރާ އުޅަނދުތަކުގެ އިންޝުއަރެންސް ރޭޓްތައް ވަނީ އުޅަނދުގެ އަގުގެ 0.25 އިންސައްތައާއި 0.5 އިންސައްތައާ ދެމެދުގެ މިންވަރަކުން، 10 އިންސައްތައާ ހަމައަށް އުފުލިފަ އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި، 100 މިލިއަން ޑޮލަރުގެ އަގުހުރި ތެޔޮ ޓޭންކަރެއް ނަމަ، އެއީ އެންމެ ދަތުރަކަށް 10 މިލިއަން ޑޮލަރުގެ ޚަރަދެކެވެ. ހަނގުރާމައިގެ ސަބަބުން އުޅަނދުގެ އޮނިގަނޑަށް ލިބޭ ގެއްލުންތައް ކަވަރުކޮށްދޭ "ހަލް ވޯ ރޭޓްސް" މިހާރު ވަނީ އުޅަނދުގެ އަގުގެ 1 އިންސައްތައާއި 3 އިންސައްތައާ ދެމެދުގެ މިންވަރަކަށް ތިރިވެފަ އެވެ. ހަމައެއާއެކު، ބައެއް އިންޝުއަރެންސް ކުންފުނިތަކުން "ނޯ-ކްލެއިމް ބޯނަސް" ދެމުންދާ ކަމަށާއި، އެއްވެސް ހާދިސާއެއް ހިނގުމެއް ނެތި ކަނޑުއޮޅި ހުރަސްކޮށްފި ނަމަ ޕްރީމިއަމްގެ ދެބައިކުޅަ އެއްބައި އުޅަނދުގެ ވެރިފަރާތަށް އަނބުރާ ދޭ ކަމަށް ބޭކާ ސީއެންއެންއަށް މައުލޫމާތު ދެއްވި އެވެ.

އުޅަނދެއް އިންޝުއަރެންސް ކުރަން ހަ މިނެޓު

ހުރްމުޒްގެ މައްސަލައަކީ އިންޝުއަރެންސް ކުންފުނިތަކަށް ނުރައްކާ ބޮޑު ކަމެކެވެ. މެކްގިލް އެންޑް ޕާޓްނާސްގެ ސްމިތު ވިދާޅުވި ގޮތުގައި، ހަނގުރާމައިގެ އިންޝުއަރެންސް ޕްރީމިއަމްތައް ބަދަލުވަމުންދާނީ ސިޔާސީ މަސްރަހަށް އަންނަ ބަދަލުތަކާ އެއްގޮތަށެވެ. އަދި މި ބަދަލުތައް ކޮންމެ ގަޑިއިރަކު ކަހަލަ ގޮތަކަށް އަންނާނެ އެވެ.

ސްމިތު ވިދާޅުވި ގޮތުގައި، ހުރްމުޒް ކަނޑުއޮޅި ހުރަސްކުރަން ބޭނުންވާ އުޅަނދުތައް އިންޝުއަރެންސް ކުރާ ފަރާތްތަކުން ބޭނުންވަނީ، އާންމުކޮށް އޮންނަ 24 ނުވަތަ 48 ގަޑިއިރުގެ ބަދަލުގައި، ދަތުރު ފެށުމުގެ އެންމެ 6 ގަޑިއިރު ކުރިން ޕޮލިސީގެ އަގު ކަނޑައަޅާށެވެ. އަދި އެއްފަހަރު ދޫކުރާ ޕޮލިސީއެއް ސައްހަ ވަނީ އެންމެ ތިނެއް ނުވަތަ ހަތް ދުވަހަށެވެ. އެއަށްފަހު އަލުން އަގު ކަނޑައަޅަން ޖެހެ އެވެ.

ސްމިތު ސީއެންއެންއަށް ކިޔައިދެއްވި ގޮތުގައި، އެއްދުވަހަކު ހެނދުނު އުޅަނދެއްގެ ވެރިފަރާތަކުން އޭނާއަށް ގުޅާފައި، އެމެރިކާގެ ނޭވީގެ އިރުޝާދުގެ ދަށުން އެދުވަހުގެ ފަހުގެ ވަގުތެއްގައި ކަނޑުއޮޅި ހުރަސްކުރުމަށް އިންޝުއަރެންސް ބޭނުންވާ ކަމަށް ބުންޏެވެ. ސްމިތު އެމީހާއަށް އަގު ކިޔައިދިނުމަށްފަހު ޖަވާބަކަށް އިންތިޒާރު ކުރިއެވެ.

އެ އުޅަނދުގެ ވެރިފަރާތުން އެދުވަހު މެންދުރުފަހު ގުޅާފައި ދަތުރު ކުރިއަށް ގެންދާނެކަން ކަށަވަރުކޮށްދީ، އިންޝުއަރެންސް ޕޮލިސީ އެކްޓިވޭޓް ކުރަން އެދުނެވެ. ނަމަވެސް އޮތް ގޮންޖެހުމަކީ، އެ ފޯނު ކޯލު ކުރިތާ ހަ މިނެޓު ތެރޭގައި އުޅަނދު ކަނޑުއޮޅިއަށް ވަންނަން އޮތުމެވެ.

"އަޅުގަނޑާއި އިތުރު ތިން ބްރޯކަރުން ފޯނުން އިންޝުއަރެންސް ކުންފުނިތަކަށް ގުޅާ ހަޅޭއްލަވަމުން ކަހަލަ ގޮތަކަށް އެކަން ކުރަން ޖެހުނީ،" ސްމިތު އެ ހާދިސާ ހަނދާން ކުރަމުން ވިދާޅުވި އެވެ. ނަމަވެސް 10 މިނެޓު ތެރޭގައި އިންޝުއަރެންސް ސެޓްފިކެޓް އުޅަނދުގެ ކޮމާންޑް ޑެކަށް ފޮނުވުނެވެ. އުޅަނދުގެ ފަޅުވެރިން ބޭނުންވީ، އެ ނުރައްކާތެރި ދަތުރުގައި އެމީހުންނަށް ކަމެއް ދިމާވެއްޖެ ނަމަ އާއިލާއަށް ބަދަލު ލިބޭނެކަން ކަށަވަރު ކުރުމަށްޓަކައި އަމިއްލައަށް އެ ޕޮލިސީ ބަލާށެވެ.

އެ އުޅަނދު ސަލާމަތުން ދަތުރު ނިންމާލި ނަމަވެސް، އެހެން ގިނަ އުޅަނދުތަކެއްގެ ނަސީބު އެހާ ރަނގަޅެއް ނޫނެވެ. އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަނުން ބުނާ ގޮތުގައި، މި ހަމަނުޖެހުން ފެށުނު ފަހުން މަދުވެގެން 14 ފަޅުވެރިން ވަނީ މަރުވެފަ އެވެ.

މި އަހަރުގެ "ލޮސް ބުކް" ނުވަތަ ގެއްލުންތައް ރެކޯޑުކުރާ ފޮތުގައިވާ ގޮތުން، ޕާޝިއަން ގަލްފްގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި މިހާތަނަށް އެއްވެސް އުޅަނދެއް އެއްކޮށް ސުންނާފަތިވެފައެއް ނުވެއެވެ. ނަމަވެސް، ލޮއިޑްސް މާކެޓް އެސޯސިއޭޝަންގެ މެރިން އެންޑް އޭވިއޭޝަން ހެޑް ނީލް ރޮބަޓްސް ވިދާޅުވި ގޮތުގައި، ހަމަނުޖެހުން ފެށުނު ފަހުން އެ ސަރަހައްދުގެ ކަނޑުގެ މަގުތަކުގައި 50 އަށްވުރެ ގިނަ އުޅަނދަށް ހަމަލާދީފައިވެ އެވެ. މީގެ ތެރެއިން ގިނަ އުޅަނދުތަކަކީ ލަންޑަންގެ މާކެޓުގައި އިންޝުއަރެންސް ކޮށްފައިވާ އުޅަނދުތަކެވެ.

ނުރައްކާތެރި ދަތުރެއް

ހަމަނުޖެހުންތަކުގެ ތެރޭގައި ވެސް އިންޝުއަރެންސްގެ ހިދުމަތް ލިބެން ހުރި ނަމަވެސް، ހަމަލާތަކުގެ ބިރު އޮތުމުން ގިނަ އުޅަނދުތަކުގެ ވެރިން ވަނީ ކަނޑުއޮޅި ހުރަސްނުކުރުމަށް ނިންމާފަ އެވެ.

އެ ސަރަހައްދުގައި އިންޝުއަރެންސް ކުންފުނިތަކުން އުފުލަންޖެހޭ ޒިންމާތަކަށް ބަލާއިރު، ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަކަށް ލޮއިޑްސްއަކުން ލަފައެއް ނުކުރެ އެވެ. ނަމަވެސް، ކަނޑުގެ މަގުތަކުގައި ވަޅުލާފައިވާ މައިންތަކާއި، އެމެރިކާއާއި އީރާނާ ދެމެދު ބަދަލުކުރަމުންދާ ހަމަލާތަކުގެ އިތުރުން، އާ އަދި ހަނި މަގުތަކުން ދަތުރުކުރުމުގައި ހުރި ދަތިތަކަކީ އަދިވެސް އޮތް ބޮޑު ނުރައްކަލެކެވެ.

އިންޝުއަރެންސް ކުންފުނި އެލިއަންޒް އިން މިދިޔަ މަހު ބުނި ގޮތުގައި، ގާތްގަނޑަކަށް 125 ބިލިއަން ޑޮލަރުގެ އަގުހުރި މުދަލާއެކު 1،150 މުދާ އުފުލާ އުޅަނދު ޕާޝިއަން ގަލްފްގައި ތާށިވެފައި އެބައޮތެވެ. އޮމާންގެ މަސްކަޓްގައި ހުންނަ ޕޯޓް ސުލްތާން ގާބޫސް ފުރިފައި އޮތުމުގެ ސަބަބުން، 2026 ޖޫން 23 ވަނަ ދުވަހު ވެސް ގިނަ އަދަދެއްގެ ތެޔޮ ޓޭންކަރުތަކާއި މުދާ އުފުލާ އުޅަނދުތައް އޮމާންގެ އައްސޭރިފަށުގައި ބަނދަރު ނުކުރެވި މަޑުކޮށްގެން ތިބި މަންޒަރު ފެނެ އެވެ.

ލޮއިޑްސް މާކެޓް އެސޯސިއޭޝަންގެ ރޮބަޓްސް ވިދާޅުވި ގޮތުގައި، މި ހަމަނުޖެހުންތައް އިތުރު މަސްތަކަކަށް ދެމިގެން ގޮސް، އުޅަނދުތައް ތާށިވެފައި އޮންނަން ޖެހިއްޖެ ނަމަ، އޭގެ ތެރެއިން ގިނަ އުޅަނދުތަކަކީ ބޭނުން ނުކުރެވޭ ވަރަށް "އެއްކޮށް ގެއްލުންވެފައިވާ" އުޅަނދުތަކެއްގެ ގޮތުގައި ކަނޑައަޅަން ޖެހިދާނެ އެވެ.

އެހެން ބައެއް ހާލަތްތަކުގައި، ކަނޑުއޮޅީގައި ތާށިވެފައިވާ އުޅަނދުތައް ބެލެހެއްޓުމަށާއި ފަޅުވެރިންނަށް ހިނގާ އިތުރު ޚަރަދުތައް އިންޝުއަރެންސް މެދުވެރިކޮށް އުޅަނދުގެ ވެރިފަރާތްތަކަށް ލިބިދާނެ އެވެ.

އޭއޯއެން (Aon) އިންޝުއަރެންސް ބްރޯކަރުގެ މެރިން ހަލް ހެޑް ބެން ސްޓޯން ވިދާޅުވި ގޮތުގައި، އިންޝުއަރެންސް ޕްރީމިއަމްގެ ރޭޓްތައް ކުރިން ހުރި މިންވަރަށް ކައިރި މުސްތަގުބަލެއްގައި ތިރިވުމަކީ ނާދިރު ކަމެކެވެ. "އެމެރިކާއާއި އީރާނާ ދެމެދު އެއްބަސްވާ ކަންކަމަށް އަމަލުކުރާކަމާއި، ހަމަލާތައް މަދުވެ ނުވަތަ އެއްކޮށް ހުއްޓިއްޖެކަން މާކެޓަށް ފެންނަން ޖެހޭނެ،" އޭނާ ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން އުޅަނދުތަކުގެ ވެރިންނާއި އިންޝުއަރެންސް ކުންފުނިތަކަށް ކުރިމަތިވެދާނެ އަނެއް މައްސަލައަކީ ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާއިރު ދައްކަންޖެހޭ ފީ ނުވަތަ ޓޯލްތަކެވެ. ހުޅަނގުގެ އިންޝުއަރެންސް ކުންފުނިތަކުން، ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ އިދާރާތަކަށް (މީގެ ތެރޭގައި އީރާނުގެ މުހިންމު ބައެއް މުއައްސަސާތައް ހިމެނޭ) ފީ ދައްކާ އުޅަނދުތަކަށް އިންޝުއަރެންސް ދޭން ދެކޮޅު ހަދާނެ އެވެ. އަދި އޮމާން ފަދަ ތިންވަނަ ފަރާތެއް މެދުވެރިކޮށް ފީ ނެގި ކަމުގައި ވިޔަސް، އެއީ ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނުތަކާ ހިލާފު ކަމަކަށް ވުމުގެ ފުރުސަތު އޮތުމުން، އިންޝުއަރެންސް ކުންފުނިތަކަށް އެ ދަތުރުތައް ބަލައިނުގަތުމުގެ ނުވަތަ އިންޝުއަރެންސް ކެންސަލް ކުރުމުގެ އިޚުތިޔާރު ލިބިގެންވެ އެވެ.

މަސްދަރު: ސީއެންއެން

ލޮއިޑްސްއެމެރިކާ-އީރާންއިސްރާއީލްޕާރޝިއަން ގަލްފްއޮމާންހުރްމުޒް ކަނޑުއޮޅި

އިތުރަށް ކިޔާލަން

10 ޖުލައި 2026

އީރާނާ މަޝްވަރާކުރަން އެމެރިކާ އިން އެއްބަސްވެއްޖެ

އީރާނާއި އެމެރިކާއާ ދެމެދު ބަދަލުކުރި ހަމަލާތަކާ ގުޅިގެން އުފެދުނު ނުތަނަވަސްކަން ކުޑަކުރުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ފަށައިފި. މި ހަމަލާތަކުގެ ސަބަބުން ހުރްމުޒް ކަނޑުއޮޅީގެ ދަތުރުފަތުރަށް ބުރޫއަރާފައިވާއިރު، ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު ވަނީ ފަސް އިންސައްތަ މައްޗަށް ގޮސްފައި.

10 ޖުލައި 2026
އީރާނާ މަޝްވަރާކުރަން އެމެރިކާ އިން އެއްބަސްވެއްޖެ
10 ޖުލައި 2026

އީރާނުން އެއްވެސް ކާމިޔާބެއް ނުލިބި ޓްރަމްޕް އެންމެ ފަހުން އޮޅުންބޮޅުން ބޮޑު ވާހަކަތަކެއް ދައްކަވައިގެން ހަނގުރާމައިން ރެކިވަޑައިގަންނަވަނީބާ؟

އީރާނުގެ ނިއުކްލިއާ ގާބިލުކަން ނައްތާލެވިފައިވާ ކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހަނގުރާމަ ކާމިޔާބުވިކަން އިއުލާން ކުރެއްވި ނަމަވެސް، އޭނާގެ ވާހަކަފުޅުތަކުގައި ބޮޑެތި ފުށުއެރުންތަކެއް އެބަހުރި. ހަނގުރާމައިގެ އަސްލު މަގްސަދުތައް ހާސިލުނުވެ، އިގްތިސާދީ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ މި ދަނޑިވަޅުގައި، ޓްރަމްޕް މަސައްކަތް ކުރައްވަނީ ހަގީގަތް އޮޅުވާލައިގެން ހަނގުރާމައިން ރެކިވަޑައިގަތުމަށް.

10 ޖުލައި 2026
އީރާނުން އެއްވެސް ކާމިޔާބެއް ނުލިބި ޓްރަމްޕް އެންމެ ފަހުން އޮޅުންބޮޅުން ބޮޑު ވާހަކަތަކެއް ދައްކަވައިގެން ހަނގުރާމައިން ރެކިވަޑައިގަންނަވަނީބާ؟
10 ޖުލައި 2026

ގަތަރުގެ ވަފުދު އީރާނަށް، އެމެރިކާ އީރާން ނުތަނަވަސްކަން ކުޑަކުރަން މަސައްކަތް ކުރަނީ

އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ކުޑަކޮށް، ހުރްމުޒް ކަނޑުއޮޅީގެ ސަލާމަތާއި ދަތުރުފަތުރުގެ މިނިވަންކަން ކަށަވަރުކުރުމަށް ގަތަރުން ދަނީ ބާރުއަޅަމުން. މިގޮތުން ދެ ގައުމުގެ ދެމެދުގައިވާ ފަހުމުނާމާތަކަށް އިހުތިރާމްކޮށް، މަޝްވަރާގެ މަގު އިޚްތިޔާރުކުރުމަށް ގަތަރުގެ ބޮޑުވަޒީރު ވަނީ ގޮވާލައްވާފައި.

10 ޖުލައި 2026
ގަތަރުގެ ވަފުދު އީރާނަށް، އެމެރިކާ އީރާން ނުތަނަވަސްކަން ކުޑަކުރަން މަސައްކަތް ކުރަނީ
10 ޖުލައި 2026

އީރާނުން ދޭ ރައްދު ހަމަލާތަކުން އިސްރާއީލަށް ސަލާމަތް ނުވެވޭނެ: އީރާން

އީރާނުގެ އަސާސީ ވަސީލަތްތަކަށް ދޭ ކޮންމެ ހަމަލާއެއްގެ ބަދަލު ހިފާނެ ކަމަށް އެ ގައުމުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން ވަނީ ބުނެފައި. އިސްރާއީލުން ހިންގާ ލާއިންސާނީ އަމަލުތަކާ ގުޅިގެން އީރާނުގެ މުޖާހިދުން ދޭ ރައްދު ހަމަލާތަކުން އެ ގައުމަށް ސަލާމަތް ނުވެވޭނެ ކަމުގެ އިންޒާރުވެސް އެ ކައުންސިލުން ވަނީ ދީފައި.

10 ޖުލައި 2026
އީރާނުން ދޭ ރައްދު ހަމަލާތަކުން އިސްރާއީލަށް ސަލާމަތް ނުވެވޭނެ: އީރާން
10 ޖުލައި 2026

އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް ބުރާސްފަތި ދުވަހުގެ ރޭ ވަރުގަދަ ހަމަލާތަކެއްދީފި، އެމެރިކާ އިން ބުނަނީ ހަމަލާ ދިނުމުގައި ބައިވެރިނުވާ ކަމަށް

އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް ދިން ހަމަލާތަކުގެ ޒިންމާ އެ ގައުމުން "ދުޝްމަނުން" ގެ ބޮލުގައި އަޅުވާފައިވާއިރު، އެމެރިކާއިން ވަނީ އެކަމުގައި ބައިވެރިނުވާކަމަށް ބުނެފަ. މި ހަމަލާތަކާއެކު ދެ ގައުމުގެ ދެމެދުގައި އޮތް ނާޒުކު ސުލްހައިގެ އެއްބަސްވުމަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާއިރު، މަސްރަހު ދިރާސާކުރާ ފަރާތްތަކުން މި ފަހުގެ ހަމަލާތަކުގެ ތުހުމަތު އަމާޒުކުރަނީ އިސްރާއީލަށް.

10 ޖުލައި 2026
އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް ބުރާސްފަތި ދުވަހުގެ ރޭ ވަރުގަދަ ހަމަލާތަކެއްދީފި، އެމެރިކާ އިން ބުނަނީ ހަމަލާ ދިނުމުގައި ބައިވެރިނުވާ ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު