ހިރިމަރަދޫ ރައްޔިތުން: މިރަށު ކައުންސިލުގައި ދިދަ ނަގާފައި ބަހައްޓާނެ ކަމެއް ނެތް، ފަޅު ރަށްރަށުގައި ދިދަ އެއް ނުހުންނާނެ
ހދ. ހިރިމަރަދޫ މީހުން ދިރިއުޅޭ ރަށެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނެސް، އެ ރަށުގެ ކައުންސިލް އުވާލުމާ ގުޅިގެން ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ ފެންމަތިވެފަ. ރަށުން އަސާސީ ޚިދުމަތްތައް މެދުކެނޑި، އެހެން ރަށަކަށް ބަދަލުވުމުގެ އެއްވެސް އިންތިޒާމެއް ހަމަނުޖެހެނީސް ރަށް ފަޅުކޮށްލުމަކީ ސަރުކާރުން ޕްލޭނެއް ނެތި ނިންމި ނިންމުމެއް ކަމަށް ބުނެ ރައްޔިތުން ދަނީ ފާޑުކިޔަމުން. އެހެންކަމުން، ހަނިމާދޫގައި ދާއިމީ ބޯހިޔާވަހިކަން ގާއިމްކޮށްދިނުމުގެ ކުރިން ރަށުގެ އިދާރީ ހިންގުން އުވާލުމަށް ނެރުނު ގަރާރު ބާތިލުކުރުމަށް ރައްޔިތުން ދަނީ ގޮވާލަމުން.


ހދ. ހިިރިމަރަދޫ: ރާއްޖެޓީވީ ގެ 'ހާލު ކިހިނެއް' ޕްރޮގްރާމްގައި ވާހަކަދެއްކި ހިރިމަރަދޫ ހުރިހާ ރައްޔިތުން ވެސް ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައި | ރާއްޖެ އެމްވީ
ހދ. ހިރިމަރަދޫ ރައްޔިތުންނަށް އެ އަތޮޅު ހަނިމާދޫގައި 18 މަސް ތެރޭ ދާއިމީ ގެދޮރުވެރިކަން ބިނާކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއިރު އެ ދައްކަވަނީ 118 މަސް ދުވަހުގެ ވާހަކަ ކަމަށް ވެދާނެ ކަމަށާ މީހުން ދިރިއުޅެނިކޮށް ފަޅު ކޮށްލި ރަށެއް، ހިރިމަރުދޫ ނޫނީ ނެތް ކަމަށް ބުނެ އެ ރަށު ރައްޔިތުންގެ ކަންބޮޑުވުންތައް ބަންޑުންކޮށްލައިފި އެވެ.
ރާއްޖެޓީވީ ގެ 'ހާލު ކިހިނެއް' ޕްރޮގްރާމްގައި ވާހަކަދެއްކި ހިރިމަރަދޫ ހުރިހާ ރައްޔިތުން ވެސް ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކޮށްފަ އެވެ. އަދި އެހެން ރަށްރަށުގެ މީހުން ވެސް މީގެ ކުރިން ބައެއް އެހެން ރަށްރަށަށް ބަދަލު ކުރި ކަމަށާ ނަމަވެސް މިގޮތަށް މީހުން ދިރިއުޅެނިކޮށް އެއްވެސް ސަރުކާރަކުން ރަށެއް ފަޅުކޮށް ނުލާ ކަމަށް އެ ރަށުން ވާހަކަ ދެއްކި ރައްޔިތުން ވަނީ ބުނެފަ އެވެ.
އެއް ރައްޔިތަކު ވަނީ މިހާރު ދިރިއުޅެމުންދާ ދަތި ހާލު ހިއްސާ ކޮށް، ރަށުން އެންމެ އަސާސީ ޚިދުމަތް ވެސް ނުލިބޭ ކަމަށް ބުނެފަ އެވެ. އެގޮތުން ބޭސް ފިހާރަ އެއް ހުރި ނަމަވެސް، ހުމަށް ދޭ ބޭހެއްހާ ހިސާބު ވެސް ނުލިބޭ ކަމަށް އޭނާ ކިޔައިދިނެވެ.
ހަނިމާދޫގައި ދާއިމީ ގެދޮރުވެރިކަން ބިނާކޮށްދީ އެ ސަރަހައްދުގެ ހުރިހާ އުމްރާނީ ވަސީލަތްތަކެއް ހިރިމަރަދޫ ރައްޔިތުންނަށް ގާއިމް ކޮށްދެއްވާ ހިރިމަރަދޫގެ ރައްޔިތުން ދިރިއުޅޭ ކޮންމެ ގޯއްޗަކަށް ގެއެއް އެޅިގެންދާނެ ކަމަށް ރައީސް ވިދާޅުވެފައިވާކަން ފާހަކޮށް ބައެއް ރައްޔިތުން ވަނީ އެ ތަޅުދަނޑި އޮތީ ރައީސް މުއިއްޒު އަތުގައި ތޯ ސުވާލު އުފެދޭ ކަމަށް ވެސް ބުނެފަ އެވެ. އަދި މީހުން ދިރިއުޅެމުންދާ ރަށެއްގައި ކައުންސިލް އުވާލުމަށްފަހު އެ ދިދަ ނަގާފައި ބެހެއްޓުމުގެ މާނައެއް ނެތް ކަމަށް ވެސް ބައެއް ރައްޔިތުން ބުންޏެވެ.
މި ރަށުގަ ނެތް އެއްވެސް ޚިދުމަތެއް. ކައުންސިލެއް އޮތިއްޔެއް ނޫން. ދެން ކޮން ޚިދުމަތެއް އޮންނާނީ. ކައުންސިލް އުވާލައިފި. ދެން އޮފީހުގަ ދިދަ އިނީމަ ކަމުނުދަނީ. އެވެސް ބާލަންވީހެން މަށަށް ހީވަނީ. ފަޅު ރަށްރަށުގަ ނުހުންނާނެ ދިދަ އެއް.ހިރިމަރަދޫ އިން ކަންބޮޑުވުން ފާޅުކުރި ރައްޔިތެއް
ބައެއް ރައްޔިތުން ވަނީ މި ސަރުކާރުން އެއްވެސް ކަމެއް ކުރަނީ ޕްލޭނެއް ނެތި ކަމަށް ބުނެ ސަރުކާރުގެ ސިޔާސަތުތަކަށް ވެސް ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ.
ކައުންސިލް އުވާލުން އަޅުގަނޑު ދެކޭ ގޮތުގައި އެއީ އެހާ ރަނގަޅު ކަމެއް ނޫން. ދާއިރާ އެއް އުވާލެވޭނެއެކޭ އަޅުގަނޑެއް ނުދަންނަވާނަން. ތަނަކަށް މީހުން ބަދަލުވެ ނިމެންދެން އެތަނުގައި ކައުންސިލެއް އޮންނަން ޖެހޭނެ. ރައްޔިތުންގެ ހައްގުތަކެއް ރައްކާތެރިކުރާނެ ބައެއް، އެ ރަށުގެ ބައެއް ނޫން ބަޔަކު ނުތިބޭނެ. އެހެންވީމަ އެ ރަށެއްގެ ކައުންސިލް އޮންނަން ޖެހޭނެ. ރައްޔިތުން ރަށަކަށް ބަދަލުވެ ނިމެންދެން. މިހާރު އަޅުގަނޑުމެންނަށް ލިބިފައި އޮތް އެންމެ ނިކަމެތި ކަމަކީ ރަށު ކައުންސިލް އުވާލާފަ، ހަނިމާދޫ ކައުންސިލްގެ ބެލުމުގެ ދަށަށް ދިޔައިމަ އެއްވެސް ވަރަކަށް ޕްލޭނެއް ކުރިފައެއް ނެތް ދެން މިހާލަތުގަ އަމަލު ކުރާނެ ގޮތެއް. ހަނިމާދޫ ކައުންސިލަށް މި ހަވާލުވެފަ އޮތް ޒިންމާ، ހަނިމާދޫ ކައުންސިލުން ނަގާނެ ގޮތެއް ވެސް ނެތް.ހިރިމަރަދޫ އިން ކަންބޮޑުވުން ފާޅުކުރި ރައްޔިތެއް
އެ ރަށު ރައްޔިތުން ބުނީ ހިރިމަރަދޫ އަކީ އެތައް ބަޔަކު ގިނަ މަސައްކަތްތަކެއް ކޮށްގެން އުޅެމުން އައި ރަށެއް ކަމަށެވެ. އެގޮތުން މަސްވެރިކަމާ ދަނޑުވެރިކަން ވެސް ކުރަމުން އައި ކަމަށާ ބަޔަކު ދިރިއުޅެނިކޮށް ރަށް ފަޅު ކޮށްލާ، ރައްޔިތުން ނިކަމެތި މި ސަރުކާރުން ކޮށްލީ އެއްވެސް ވަރަކަށް ރައްޔިތުންގެ އިހުސާސްތަކަށް ބެލުމެއް ނެތި ކަމަށް ވެސް އެ ރަށު ރައްޔިތުން ވަނީ ބުނެފަ އެވެ.
ހިރިމަރަދޫ ފަޅު ކުރަން ރައީސް މުއިއްޒު ނެރުއްވި ޤަރާރު ގައި ބުނަނީ ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅުގެ ހަނިމާދޫގައި އާބާދުކޮށް ރަޖިސްޓަރީކޮށް ނިމުމުން، ހިރިމަރަދޫއަކީ މީހުން ދިރިއުޅޭ ރަށެއް ނޫންކަމަށް ކަނޑައެޅުއްވުމަށް ނިންމަވައި، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމަށް އެކަށައަޅައިފައިވާ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2/2025 (ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން) ގެ ޖަދުވަލުގައި ހިމަނައިފައިވާ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓުން ހިރިމަރަދޫ އުނިކޮށް، އެ ލިސްޓު އަދާހަމަކޮށް، ޤަރާރުގެ ޖަދުވަލެއްގެ ގޮތުގައި އެ ލިސްޓު ވަނީ ހިމަނުއްވާފައި ކަމަށެވެ.
އެ ރަށުގެ ބައެއް ރައްޔިތުން ވަނީ މި ގަރާރު ވަގުތުން ވަގުތަށް އުވާލުމަށް ވެސް ގޮވާލާފަ އެވެ.





