Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އެމެރިކާ-އީރާން

ދުނިޔޭގެ ސުޕަރ ޕަވަރ އަށް އީރާނު ބަލި ނުކުރެވި ފަހަތައް ޖެހެން ޖެހުނީ ކީއްވެ؟

އީރާނުގެ ވެރިކަން ވައްޓާލުމަށް އެމެރިކާއާއި އިސްރާއީލު ގުޅިގެން ފާއިތުވި އެއް އަހަރު ދުވަހު ހިންގި އަސްކަރީ އަދި އިގްތިސާދީ ވަރުގަދަ އޮޕަރޭޝަންތައް ނާކާމިޔާބުވެ، އެ ގައުމު ސަރަހައްދީ ބޮޑު ބާރެއްގެ ގޮތުގައި ފައިތިލަ ސާބިތުކޮށްފި. ދުޝްމަނުންގެ ރޭވުންތަކާ ދެކޮޅަށް އީރާނުން ދެއްކި ސާބިތުކަމާއެކު މަސްރަހުގެ ފުރިހަމަ ކޮންޓްރޯލް އެ ގައުމަށް ލިބިފައިވާއިރު، މިއަދު އެމެރިކާއަށް މަޖުބޫރުވެފައިވަނީ އީރާނުގެ ޝަރުތުތަކަށް ބޯލަނބައި އެއްބަސްވުމަކަށް އައުމަށް. މި ކުރިމަތިލުންތަކުގެ ސަބަބުން އީރާނުގެ އެތެރޭގެ އެއްބައިވަންތަކަން ވަރުގަދަވެ، މުޅި ސަރަހައްދުގައި އީރާނުގެ ބާރުވަނީ އިތުރަށް ވަރުގަދަވެފައި.

ރާއްޖެ އެމްވީ | 20 ޖޫން 2026 | ހޮނިހިރު 11:00
އިރާނާއި އިރާގާ ދެމެދު 1980 އިން 1988 އަށް ކުރި އަށް އަހަރުވީ ހަނގުރާމަ ފާހަގަކުރުމުގެ ގޮތުން، 22 ސެޕްޓެމްބަރު 2013 ގައި އެ ގައުމުގެ ވެރިރަށް ތެހެރާންގައި ބޭއްވި އަހަރީ އަސްކަރީ ޕެރޭޑެއްގައި، އޭރުގެ ރައީސް ހަސަން ރޫހާނީ އާއި އަސްކަރީ އިސް ވެރިންގެ ކުރިމަތީގައި އެ ގައުމުގެ ސިފައިން މާޗު ކުރަނީ.

އިރާނާއި އިރާގާ ދެމެދު 1980 އިން 1988 އަށް ކުރި އަށް އަހަރުވީ ހަނގުރާމަ ފާހަގަކުރުމުގެ ގޮތުން، 22 ސެޕްޓެމްބަރު 2013 ގައި އެ ގައުމުގެ ވެރިރަށް ތެހެރާންގައި ބޭއްވި އަހަރީ އަސްކަރީ ޕެރޭޑެއްގައި، އޭރުގެ ރައީސް ހަސަން ރޫހާނީ އާއި އަސްކަރީ އިސް ވެރިންގެ ކުރިމަތީގައި އެ ގައުމުގެ ސިފައިން މާޗު ކުރަނީ. | ގެޓީ އިމޭޖަސް

އީރާނުގެ ވެރިކަން ވައްޓާލުމަށްޓަކައި ދުޝްމަނުންގެ އަސްކަރީ، ސިޔާސީ، އިގްތިސާދީ، ޖާސޫސީ އަދި ނަފްސާނީ ހަނގުރާމައިގެ ހުރިހާ ވަސީލަތްތަކެއް ބޭނުންކޮށްގެން ފާއިތުވި އެއް އަހަރު ދުވަހު ކުރި މަސައްކަތްތަކުގެ ނަތީޖާ، މުޅިން އިދިކޮޅަށް ބަދަލުވެއްޖެއެވެ.

އެމެރިކާގެ ހަނގުރާމަވެރި ބާރުތަކުން ކަނޑައެޅި، ހާސިލުކުރަން އުނދަގޫ މަގްސަދުތައް ކާމިޔާބުވުމުގެ ބަދަލުގައި، އެ ބާރުތައް ވަނީ މުޅިން އިނދަޖެހިފައެވެ. އަދި އީރާނުން ވަނީ ސަރަހައްދީ ބޮޑު ބާރެއްގެ ގޮތުގައި ފައިތިލަ ސާބިތުކޮށް، މަސްރަހުގެ ފުރިހަމަ ކޮންޓްރޯލް އަތުލާފައެވެ.

އެއް އަހަރު ނުވަނީސް އީރާނާ ދެކޮޅަށް ކުރި ތިން ހަނގުރާމައަށްފަހު، ސަރަހައްދީ ބާރުތަކުގެ ބެލެންސް ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. މިހާރު ތެހެރާނުން ދަނީ އެ ގައުމުގެ އަމިއްލަ ޝަރުތުތައް އެމެރިކާ އަށް ކުރިމަތިކުރަމުންނެވެ. އަދި ވޮޝިންގްޓަނަށް މަޖުބޫރުވެފައިވަނީ އީރާނުގެ ނިންމުންތަކަށް ޖަވާބު ދިނުމުގެ ހާލަތަކަށް ތިރިވާށެވެ.

އެމެރިކާއާއި، އިސްރާއީލުގެ އިތުރުން އެ ގައުމުތަކުގެ ސަރަހައްދީ ބައިވެރިން ގުޅިގެން އީރާނުގެ ވެރިކަން ބަދަލުކުރުމަށް "ރެޖީމް ޗޭންޖް" އޮޕަރޭޝަނެއް ފެށީ މިދިޔަ އަހަރުގެ ޖޫން މަހުގައެވެ. އެއީ 12 ދުވަހުގެ ތެރޭގައި އީރާނުގެ ވެރިކަން ނިންމާލެވޭނެ ކަމަށް އެ ގައުމުތަކުން ގަބޫލުކޮށްގެން ފެށި އުދުވާނީ ހަނގުރާމައެކެވެ.

އެ ގައުމުތަކުން ބަރޯސާވީ ނުތަނަވަސްކަމާއި، މެދުނުކެނޑި ފިއްތުންތައް ކުރިމަތިކުރުމުގެ ސިޔާސަތަށެވެ. މިގޮތުން އަސްކަރީ، ސިޔާސީ، އިގްތިސާދީ އަދި ނަފްސާނީ ހުރިހާ ބާރެއް އީރާނާ ދެކޮޅަށް ބޭނުންކުރިއެވެ.

1979 ވަނަ އަހަރުން ފެށިގެން ތަކުރާރުކޮށް މުރާޖައާ ކުރަމުން އައި ހަނގުރާމައިގެ ރޭވުންތައް، އެއް އަހަރު ނުވަނީސް ދެ ފަހަރެއްގެ މަތިން ތަންފީޒުކުރިއެވެ. އެންމެ ފަހުން މިދިޔަ ފެބްރުއަރީ މަހު ކުރި 40 ދުވަހުގެ ހަނގުރާމަ ނިމުނީ އެމެރިކާ ބަލިވެ، ފަހަތަށް ޖެހުމުންނެވެ.

މިއަދު، 12 ދުވަހުގެ އެ ހަނގުރާމައަށް އަހަރެއް ފުރުނުއިރު، ސަރަހައްދުގެ އިސްތިރާތީޖީ ޗާޓު ވަނީ ބަދަލުވެފައެވެ. އެމެރިކާއަކީ މިހާރު ނިކަމެތިވެފައިވާ ޝިކާރައެއްގެ ވަށައިގެން އެނބުރޭ މިނިކާވަގަކަށް ނުވެއެވެ. އޭގެ ބަދަލުގައި، އެމެރިކާއަކީ ބޮޑު ކާރިސާއަކުން ސަލާމަތްވުމަށްޓަކައި އީރާނާއެކު އެއްބަސްވުމަކަށް އައުމަށް އާދޭސްކުރާ ފަރާތެކެވެ.

އީރާނުން ހަމައެކަނި ސަލާމަތްވީއެއް ނޫނެވެ. އޭގެ ބަދަލުގައި އެ ގައުމު ފާހަގަވެފައިވަނީ ސަރަހައްދީ ބޮޑު ބާރެއްގެ ގޮތުގައެވެ. އަދި ފާއިތުވި އެތައް އަހަރެއްގެ ތެރޭގައި ފުރަތަމަ ފަހަރަށް ވޮޝިންގްޓަނަށް ޝަރުތުތައް ކުރިމަތިކުރާ ބާރަކަށް އީރާނު ވަނީ ވެފައެވެ.

އެންމެ ބޮޑު ފިއްތުންތަކުގެ އަހަރު - ދުޝްމަނުން ކުރިމަތިކުރި ކަންކަން

13 ޖޫން 2025 އިން 12 ޖޫން 2026 އަށް، އެމެރިކާ އިސްވެ އޮވެ، އިސްރާއީލުން އަމަލީ ގޮތުން ހިންގި އަދި އަރަބި ގައުމުތަކުގެ އެހީތެރިކަމާއި ޔޫރަޕުގެ ބައެއް ގައުމުތަކުގެ ބައިވެރިވުމާއެކު އުފެއްދި ކޯލިޝަނުން، އެމީހުންގެ އަތުގައި ހުރި ހުރިހާ ޓޫލެއް ބޭނުންކުރިއެވެ. މިއީ ހަމައެކަނި ހަނގުރާމައެއް ނޫނެވެ. މިއީ އީރާނުގެ ދިފާއީ ބާރު ކަނޑުވާލުމަށްޓަކައި އެއްފަހަރާ ކުރިމަތިކުރުވި ކާރިސާތަކެކެވެ.

އީރާނުގެ އެންމެ މަތީ ލީޑަރު އަވަހާރަކޮށްލުމަކީ އެންމެ ބޮޑު ހަމަލާއެވެ. މިއީ އިސްލާމީ ޖުމްހޫރިއްޔާގެ އެންމެ ފާޅުކަން ބޮޑު ރަތް ރޮނގު ހުރަސްކުރުމެވެ. އާންމު އުސޫލުން ބަލާނަމަ، ގައުމެއްގެ އެންމެ މަތީ ވެރިޔާ ނެތިކޮށްލުމުން އެ ގައުމެއްގެ ނިޒާމު މުޅިން ރޫޅިގެން ދާނެއެވެ.

ނަމަވެސް، އޭގެ ބަދަލުގައި ފެނިގެންދިޔައީ ދުޝްމަނުން ހީވެސް ނުކުރާ ފަދަ ކަމެކެވެ. އެއީ ވެރިކަން ބަދަލުވުމުގެ ކަންކަން އެއްވެސް މައްސަލައެއް ނެތި އޮމާންކަމާއެކު ކުރިއަށް ދިއުމާއި، ދުޝްމަނުންނާ ދެކޮޅަށް މުޅި ގައުމު އެކަތިގަނޑަކަށް ވެގެން ތެދުވުމެވެ.

މި އަހަރުގެ ފެބްރުއަރީ މަހު ކުރި 40 ދުވަހުގެ ހަނގުރާމައަކީ މިދިޔަ އަހަރުގެ ޖޫން މަހު ކުރި 12 ދުވަހުގެ ހަނގުރާމައިގެ ދެވަނަ ބައެވެ. ޖޫން 2025 ގައި ކުރި ހަނގުރާމައަކީ އީރާނުގެ އަސްކަރީ، ސަލާމަތީ އަދި ނިއުކްލިއާ މަރުކަޒުތަކަށް އަމާޒުކޮށް ދިން ވަރުގަދަ ހަމަލާތަކެކެވެ. އެކަމުން އީރާނު ބަލިނުވުމުން، ދުޝްމަނުން ވަނީ 40 ދުވަހުގެ ހަނގުރާމައަކަށް ކަންކަން ފުޅާކޮށްފައެވެ. މި ހަނގުރާމައިގައި އާންމުން ދިރިއުޅޭ ތަންތަނާއި، ސައިންޓިފިކް މަރުކަޒުތަކާއި، މީޑިއާ އަދި އިގްތިސާދީ މުހިންމު ތަންތަނަށް ހަމަލާދިނެވެ. މީގެ އިތުރުން މިނާބް، ލާމެރްދު އަދި ކަރަޖް ފަދަ ސިޓީތަކުގައި ގަތުލުއާންމު ހިންގިއެވެ. މީގެ ތެރޭގައި 150 އަށްވުރެ ގިނަ ސްކޫލް ކުދިން މަރާލުން ހިމެނެއެވެ.

ހަމައެއާއެކު، ބޭރު ގައުމުތަކުން ތަމްރީނާއި ހަތިޔާރު ދީފައިވާ ވަކިވެގަތުމަށް މަސައްކަތްކުރާ ޓެރަރިސްޓް ގްރޫޕްތަކުން އީރާނުގެ އުތުރު ހުޅަނގާއި ދެކުނު އިރުމަތީ ބޯޑަރުތަކަށް ހަމަލާދިނެވެ.

ނަމަވެސް، އެންމެ ނުރައްކާތެރި އޮޕަރޭޝަނަކީ ޖެނުއަރީ މަހާއި ފެބްރުއަރީ މަހުގެ ކުރީކޮޅު 40 ދުވަހުގެ ހަނގުރާމަ ފެށުމުގެ ކުރިން ގެންނަން އުޅުނު ހަތިޔާރު އެޅި ބަޣާވާތެވެ. އެއީ މުޅި ގައުމަށް ފަތުރާލާފައިވާ، ތަމްރީނު ލިބިފައިވާ ޓެރަރިސްޓް ސެލްތައް ބޭނުންކޮށްގެން އެއްފަހަރާ ދިން ރަހުމުކުޑަ ހަމަލާތަކެކެވެ.

މި ގޮތަށް ރޭވިގެން ހިންގި ޓެރަރިސްޓް ހަމަލާތަކުގައި އީރާނުގެ އެތައް ހާސް ރައްޔިތުންނެއް މަރާލިއެވެ. މިކަމުގެ ޒިންމާ ޑޮނަލްޑް ޓްރަމްޕް ދާދިފަހުން ވަނީ އާންމުކޮށް އުފުއްލަވާފައެވެ.

ޔޫރަޕުން ވަނީ 15 އަހަރުވީ ޖޭ.ސީ.ޕީ.އޯ.އޭ (ނިއުކްލިއާ އެއްބަސްވުން) ގެ ޑިޕްލޮމަސީ ދޫކޮށްލައި، "ސްނެޕްބެކް" މެކޭނިޒަމް މެދުވެރިކޮށް އީރާނަށް އޮޅުވާލާފައެވެ. މިއީ ހުޅަނގުގެ އެއްބަސްވުންތަކަކީ ހަމައެކަނި އުކުޅެއް ކަމާއި، އެއީ އިހުލާސްތެރިކަމެއް އޮތް ކަމެއް ނޫންކަން ތެހެރާނަށް ސާފުވެގެންދިޔަ ކަމެކެވެ.

އީރާނުގެ އިގްތިސާދު އިނދަޖައްސާލުމަށްޓަކައި އެމެރިކާއިން ވަނީ ކަނޑުގެ މަގުން އީރާނު މުޅިން ބަންދުކޮށް، ކަނޑުފޭރުމުގެ އަމަލުތައް ހިންގާފައެވެ. އަދި ގަލްފުގެ އަރަބި ގައުމުތަކާއި، އިސްރާއީލުގެ އަސްކަރީ މަރުކަޒުތައް ހިމެނޭހެން އެމެރިކާގެ ހުރިހާ ބައިވެރިން އީރާނާ ދެކޮޅަށް ނެރުނެވެ.

އީރާނާ ދެކޮޅަށް މި ހަނގުރާމަ ހިންގިއިރު، ވޮޝިންގްޓަނާއި އެ ގައުމުގެ ބައިވެރިން ދިޔައީ މަޝްވަރާގެ ނަމުގައި އޮޅުވާލަމުންނެވެ. އީރާނުން ދެއްކި ކޮންމެ ރަނގަޅު ނިޔަތަކަށް ހުޅަނގުން ދިނީ ފާޅުކަން ބޮޑު ގޮތެއްގައި ލަނޑެކެވެ.

ދުޝްމަނުންގެ އަސްލު މަގްސަދަކީ، ހުޅަނގާއި އިސްރާއީލުގެ އިސްތިރާތީޖީ މާހިރުން އަމިއްލައަށް އިއުތިރާފުވެފައިވާ ގޮތުން ނަމަ، އީރާނުގެ ވެރިކަން ވައްޓާލައި، ގައުމު އެކި ބައިބަޔަށް ބައިބައިކޮށް، އީރާނުގެ މުއްސަނދި ވަސީލަތްތައް ފޭރުމެވެ.

 އީރާނު ބަލިނުވީ ކީއްވެ؟

އެމެރިކާއާއި އިސްރާއީލުގެ ހަނގުރާމަވެރި ކެބިނެޓްތަކަށް ދީފައިވާ ރިޕޯޓްތަކުގައި ބުނެފައިވަނީ، ރަމަޟާން މަހުގެ ހަނގުރާމަ ފަށާތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި އީރާނު ބަލިވާނެ ކަމަށެވެ. އެމީހުން ހީކުރީ އީރާނުގެ ނިޒާމަކީ ބަލިކަށި، ވެރިން މުސްކުޅިވެފައިވާ، އިގްތިސާދު ހަލާކުވެފައިވާ އަދި ރައްޔިތުންގެ ނުރުހުން އޮތް ނިޒާމެއް ކަމަށެވެ. ނަމަވެސް އެމީހުންނަށް ހެދުނީ ވަރަށް ބޮޑު ގޯހެއްކަން ފަހުން ވަނީ އެނގިފައެވެ.

ދުޝްމަނުންނަށް ފަހުމްނުވި ކަމަކީ، އީރާނު ފަދަ އިންގިލާބީ ގައުމުތަކުން ހަނގުރާމަކުރަނީ އާންމު އުސޫލުތަކާ ތަފާތުކޮށް ކަމެވެ. އެންމެ މަތީ ލީޑަރު އަވަހާރަކޮށްލުމުން ވެރިކަމުގެ ހުސްކަމެއް ނައެވެ. އޭގެ ބަދަލުގައި އެކަން ވީ މުޅި ގައުމަށް ލިބުނު އިތުރު ހިތްވަރަކަށެވެ. ބޮން އަޅަމުން ދިޔަ ވަގުތު އިންތިޚާބުކުރި އާ ލީޑަރަކީ ކުރީގެ ލީޑަރުގެ ފުރިހަމަ ނައިބެއްކަން ސާބިތުކޮށްދިނެވެ. މިއީ ހުޅަނގަށް ދުވަހަކުވެސް ދެނެގަނެވުނު ކަމެއް ނޫނެވެ. އީރާނުގެ އިންގިލާބީ ފަލްސަފާގައި، ވަކިވަކި ފަރުދުންނަށްވުރެ ގައުމުގެ މާ ބޮޑެވެ.

އީރާނާ ދެކޮޅަށް ކުރިމަތިކުރި އެންމެ ބޮޑު ފިއްތުންތަކާއި އަނިޔާވެރިކަމަށް 12 މަސް ފުރުނުއިރު، އީރާނު މިއަދު އޮތީ މުޅި މަސްރަހު ކޮންޓްރޯލް ކުރާ ބާރެއްގެ ގޮތުގައެވެ.

މިހާރުގެ ހާލަތަށް ބަލާއިރު، އީރާނަށް ލިބުނު ކުރިއެރުންތައް ގިނައެވެ.

ފުރަތަމަ ކަމަކީ، ދުޝްމަނުންގެ އަސްލު މަގްސަދު ނާކާމިޔާބުވުމެވެ. އެމެރިކާއާއި އިސްރާއީލުން ބޭނުންވީ އީރާނުގެ އަޒުމް ގުޑުވާލައި، އެމީހުންގެ ބާރު ދެއްކުމަށެވެ. ނަމަވެސް ނަތީޖާ ފެނުނީ އިދިކޮޅަށެވެ. ދުޝްމަނުންގެ އިތުބާރު ގެއްލި، ބިރުވެރިކަން ކެނޑުނެވެ. އީރާނުގެ ފުރިހަމަ ކޮންޓްރޯލް އޮތް ހުރްމުޒް ކަނޑުއޮޅިން އެމެރިކާގެ މަނަވަރުތައް ސިއްރުސިއްރުން ފޭބި މަންޒަރު މުޅި ސަރަހައްދުގެ މީޑިއާތަކުން ފެނުނެވެ. މިއީ ނަފްސާނީ ގޮތުން ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ.

ދެވަނަ ކަމަކީ، ގައުމީ އެއްބައިވަންތަކަން ވަރުގަދަވުމެވެ. ހުޅަނގުގެ މާހިރުން ލަފާކުރީ އިގްތިސާދީ ފިއްތުންތަކުގެ ސަބަބުން ރައްޔިތުންނާއި ސަރުކާރު ޖެހޭނެ ކަމަށެވެ. ނަމަވެސް ކަންވީ އިދިކޮޅަށެވެ. ކުރިމަތިކުރުވި ދެ ހަނގުރާމައިގެ ސަބަބުން ގައުމީ އެއްބައިވަންތަކަން އާދަޔާ ހިލާފަށް ވަރުގަދަވިއެވެ. ގައުމު ދިފާއުކުރުމުގައި އާންމުންގެ ބައިވެރިވުން 1980 ގެ އަހަރުތަކުގެ ހަނގުރާމައަށްވުރެ ވެސް ބޮޑުވިއެވެ. އަސްކަރިއްޔާއާއި، ބަސީޖް ފައުޖުތަކާއި، އާންމު ރައްޔިތުން އެކަތިގަނޑަކަށް ވިއެވެ.

ތިންވަނަ ކަމަކީ، ސްޓްރެޓެޖިކް ވަސީލަތްތައް ރައްކާތެރިކޮށް ވަރުގަދަކުރުމެވެ. އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާއި، މިސައިލް އުފެއްދުމުގެ ގާބިލުކަމާއި، ސަރަހައްދީ ބައިވެރިންގެ ނެޓްވޯކް ވަނީ ކުރިއަށްވުރެ ވަރުގަދަވެފައެވެ. ބައިނަލްއަގުވާމީ މާހިރުން މިހާރު ގަބޫލުކުރާ ގޮތުގައި، ހުރްމުޒް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އީރާނަށް އޮތުމަކީ ނިއުކްލިއާ ހަތިޔާރަށްވުރެ ވެސް ބޮޑު ބާރެކެވެ.

ހަތަރުވަނަ ކަމަކީ، އީރާނުގެ ދިފާއީ އަދި ހަމަލާދިނުމުގެ ބޮޑު ބާރު ސާބިތުކޮށްދިނުމެވެ. އިސްރާއީލާއެކު ހަނގުރާމައެއް ފަށާނެ ވަގުތާއި ނިންމާލާނެ ވަގުތު ކަނޑައެޅުމުގެ ބާރު އީރާނަށް އޮތްކަން ސާބިތުވިއެވެ. މީގެ ސަބަބުން، އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ބަރޯސާވެގެން ތިބި ސައުދީ އަރަބިއްޔާ، ޔޫ.އޭ.އީ އަދި ބަހްރޭން ފަދަ ގައުމުތަކަށް ވަނީ އެމީހުންގެ ސަލާމަތީ ސިޔާސަތުތައް އަލުން މުރާޖައާކުރަން މަޖުބޫރުވެފައެވެ. އީރާނުގެ ހަމަލާތަކުން ބައިވެރިން ސަލާމަތްކޮށްނުދެވޭނަމަ، އެމެރިކާގެ ރައްކާތެރިކަމަށް ދެން އިތުބާރެއް ނެތެވެ.

ފަސްވަނަ ކަމަކީ، ދުނިޔޭގެ އާންމު ރައްޔިތުންގެ ޚިޔާލު އީރާނަށް ތާއީދުކުރާ ގޮތަށް ބަދަލުވުމެވެ. ހުޅަނގުން ކިތަންމެ ވަރުގަދަ ޕްރޮޕަގަންޑާއެއް ފެތުރި ނަމަވެސް، ދުނިޔޭގެ ގިނަ ގައުމުތަކުގެ ރައްޔިތުންގެ ތާއީދު އޮތީ އީރާނަށެވެ. އެމެރިކާ ފަދަ ބޮޑު ބާރަކާ ދެކޮޅަށް އެކަނި ނުކުމެ، އީރާނުން ހޯދި ކާމިޔާބީއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އަޅުވެތިކަމާ ދެކޮޅު ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ.

އީރާންއިޒްރޭލްއީރާން-އެމެރިކާހުރްމުޒް ކަނޑުއޮޅި

ކޮމެންޓް

އިތުރަށް ކިޔާލަން

ސުލްހައިގެ އެއްބަސްވުމާ ޚިލާފުވެ އިސްރާއީލުން ލުބުނާނަށް ދިން ހަމަލާގައި 10 މީހުން މަރުވެއްޖެ

ސުލްހައިގެ އެއްބަސްވުމާ ޚިލާފުވެ އިސްރާއީލުން ލުބުނާނަށް ދިން ހަމަލާގައި 10 މީހުން މަރުވެއްޖެ

20 ޖޫން 2026
އިސްރާއީލާއި ހިޒްބުﷲ ހަމަލާބަދަލުކުރުން ހުއްޓާލަން އެއްބަސްވެއްޖެ

އިސްރާއީލާއި ހިޒްބުﷲ ހަމަލާބަދަލުކުރުން ހުއްޓާލަން އެއްބަސްވެއްޖެ

19 ޖޫން 2026
އިސްރާއީލުގެ ހަމަލާތަކުގައި ލުބުނާނުން 18 މީހަކު މަރުވެއްޖެ

އިސްރާއީލުގެ ހަމަލާތަކުގައި ލުބުނާނުން 18 މީހަކު މަރުވެއްޖެ

19 ޖޫން 2026
އީރާންގެ ބަނދަރުތަކަށް އެޅި ހުރަސްތައް އެމެރިކާއިން އުވާލައިފި

އީރާންގެ ބަނދަރުތަކަށް އެޅި ހުރަސްތައް އެމެރިކާއިން އުވާލައިފި

19 ޖޫން 2026
އެމެރިކާގެ ނައިބު ރައީސް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުގެ އިސް މަސްއޫލުވެރިންނަށް ވަރުގަދަ ބަަހުގެ ހަމަލާތަކެއް ދެއްވައިފި

އެމެރިކާގެ ނައިބު ރައީސް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުގެ އިސް މަސްއޫލުވެރިންނަށް ވަރުގަދަ ބަަހުގެ ހަމަލާތަކެއް ދެއްވައިފި

19 ޖޫން 2026

އަހަރުތަކުން މިއަދު

19 ޖޫން
"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި
20251 އަހަރު ކުރިން
ދުނިޔެ

"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ
20242 އަހަރު ކުރިން
ރާއްޖެ

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!

ސަޢީދު: އެންމެ ބޭކާރު ވަޒީރު
20188 އަހަރު ކުރިން
ރިޕޯޓު

ސަޢީދު: އެންމެ ބޭކާރު ވަޒީރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު