މުށްފުރާ ބޭނުން ކުރާ ސަޕްލިމެންޓްތަކުން ލިބޭ ފައިދާ އަށް ވުރެ ގެއްލުން ބޮޑުވެދާނެ!
ސިއްހީ ފައިދާއަށްޓަކައި ގިނަ އަދަދެއްގެ ސަޕްލިމެންޓްތައް އެއްފަހަރާ ބޭނުންކުރުމަކީ ފުރަމޭއާއި ގުރުދާއަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމެއް ކަމަށް މާހިރުން އިންޒާރުދޭ. ސޯޝަލް މީޑިއާގެ ނުފޫޒާއެކު ސަޕްލިމެންޓް ބޭނުންކުރާ މީހުންގެ އަދަދު އިތުރުވަމުންދާއިރު، މީގެ ސަބަބުން ގުރުދާގައި ހިލަ އުފެދުމާއި ނާރުތަކަށް ގެއްލުންވުން ފަދަ ސިއްހީ މައްސަލަތައް ދަނީ ކުރިމަތިވަމުން. އެހެންކަމުން، އަމިއްލައަށް ގޮތް ނިންމުމުގެ ބަދަލުގައި، ހަމަހަމަ ކާނާއަކަށް އިސްކަންދީ، ސަޕްލިމެންޓް ބޭނުންކުރުމުގައި ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ މުހިންމު ކަމެއް.

އަމިއްލައަށް ބޭސްފިހާރަތަކުން ގަންނަން ލިބޭ މަލްޓިވައިޓަމިންތައް. | ގެޓީ އިމޭޖަސް
އަޅުގަނޑަކީ ސަޕްލިމެންޓް ބޭނުންކުރުމަށް މާ ބޮޑު ޝައުގުވެރިކަމެއް ހުންނަ މީހެއް ކަމަކަށް ކުރިއަކުން ގަބޫލެއް ނުކުރަމެވެ. ނަމަވެސް، އަޅުގަނޑުގެ ބަދިގެ އަލަމާރީގެ ތެރެއަށް ރަނގަޅަށް ބަލާލުމުން ފެނުނު މަންޒަރު ތަފާތެވެ.
އަޅުގަނޑަށް ނޭނގި ހުއްޓާ، ކްރިއޭޓީން އާއި، ވިޓަމިން ޑީ އާއި، މެގްނީޒިއަމް އާއި، ކޮލަޖަންގެ އިތުރުން، ހުރިހާ މާއްދާތަކެއް އެކުލެވޭ ގްރީން ސަޕްލިމެންޓްތަކާއި، އެކިއެކި އުނދަގޫތަކަށް އެހީތެރިވެދޭ ބައެއް ބޭސްތައް ވަނީ ޖަމާވެފައެވެ.
ސޯޝަލް މީޑިއާގައި މެދުނުކެނޑި ފެންނަ އިޝްތިހާރުތަކުގެ މަޅީގައި އަޅުގަނޑު ނުޖެހޭނެ ކަމަށް ހީކުރެވުނު ނަމަވެސް، ހަގީގަތަކީ އެއީއެއް ނޫނެވެ.
"މި ސަޕްލިމެންޓްތަކުގެ ސަބަބުން އަޅުގަނޑަށް ކުރެވޭ އިހުސާސްތައް ބުނެދޭންވެސް ނޭނގެ!" މިފަދަ އިބާރާތްތަކުން ޖަހާފައި ހުންނަ ކޮމެންޓްތަކުގެ ނުފޫޒު، ކޮލަޖަން ބޭނުންކޮށްގެން ރީތިކުރަން އުޅޭ އަޅުގަނޑުގެ ހަމަށް ވަނީ ވަރަށް ބޮޑަށް ފޯރާފައެވެ.
ކޮންސިއުމަރ ގްރޫޕެއް ކަމަށްވާ "ވިޗް؟" އިން ދާދިފަހުން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި، ސުވާލުކުރެވުނު މީހުންގެ 76 އިންސައްތަ މީހުން ގަވާއިދުން މަދުވެގެން އެއް ސަޕްލިމެންޓް ބޭނުންކުރެއެވެ. މީގެ ތެރޭގައި ވިޓަމިން، މިނަރަލް، އޮމެގާ-3، ޕްރޯބަޔޮޓިކްސް އަދި ހާބަލް ސަޕްލިމެންޓްތައް ހިމެނެއެވެ. އަދި ގާތްގަނޑަކަށް ފަސްބައިކުޅަ އެއްބައި މީހުން ކޮންމެ ދުވަހަކު ހަތަރު ސަޕްލިމެންޓަށްވުރެ ގިނައިން ބޭނުންކުރެއެވެ.
ބައެއް ހާލަތްތަކުގައި ދުޅަހެޔޮކަން އިތުރުކުރުމަށް ސަޕްލިމެންޓްތަކަކީ މުހިންމު އެއްޗަކަށް ވީނަމަވެސް، ސިއްހަތު ރަނގަޅުކުރުމަށް މާ ބޮޑަށް ފޯރި ހުރުމުގެ ސަބަބުން، އަމިއްލަ ސިއްހަތު ނުރައްކަލުގެ ތެރެއަށް ވައްޓާލެވެމުންދާ ކަމުގެ އިންޒާރު ބައެއް މާހިރުން މިހާރު ދަނީ ދެމުންނެވެ.
ބީބީސީއާ ވާހަކަދެއްކި މާހިރުން ބުނި ގޮތުގައި، ގިނަ އަދަދެއްގެ ސަޕްލިމެންޓްތައް އެއްފަހަރާ ބޭނުންކުރުމުގެ ސަބަބުން ފުރަމޭ (ލިވަރ) އާއި، ގުރުދާ (ކިޑްނީ) އަދި ހަޖަމުކުރާ ނިޒާމުގެ މައްސަލަތައް ކުރިމަތިވެގެން ފަރުވާ ހޯދާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.
ކާނާއާ ބެހޭ މާހިރަކު (ނިއުޓްރިޝަނިސްޓް) ބުނި ގޮތުގައި މީހުން ބޭނުންކުރާ ސަޕްލިމެންޓްތަކުގެ އަދަދު ހުރީ "މޮޔަވާހާ" ގިނަކޮށެވެ.
އޭނާ ބުނި ގޮތުގައި، "ބައެއް މީހުންނަށް ގަބޫލުކުރެވެން ފަށާފައިވަނީ ކާނާ ކެއުމަށްވުރެ ގުޅަ ބޭހެއް ކެއުން މާ ރަނގަޅު ކަމަށެވެ. ނަމަވެސް އެއީ ކަނޑައެޅިގެން ކުށްހީއެކެވެ."
މީގެ ތިން އަހަރު ކުރިން ޖިންޖަރ ސްމިތު ސަޕްލިމެންޓް ބޭނުންކުރަން ފެށީ، އޭގެ ސަބަބުން އޭނާގެ ސިއްހަތު އިތުރަށް ރަނގަޅުވާނެ ކަމަށް ހީކޮށްގެންނެވެ.
ބްރޭންޑް އިންފްލުއެންސަރެއްގެ ގޮތުގައި މަސައްކަތްކުރާ ޖިންޖަރއަށް، ސިއެޓްލްގައި ހުންނަ އޭނާގެ ގެއަށް ހިލޭ ލިބޭ ތަފާތު އުފެއްދުންތައް ގަވާއިދުން ލިބެމުންދިޔައެވެ. އުމުރުން 30 އަހަރުގެ ޖިންޖަރ އެ ބޭސްގުޅަތަކާއި، ޕައުޑަރުތަކާއި ޖެލްތައް ބޭނުންކުރުމަށްފަހު، އޭގެ ފައިދާތަކާ ބެހޭގޮތުން އޮންލައިންކޮށް ވާހަކަދައްކަމުން ދިޔައެވެ.
ޖިންޖަރ ކިޔައިދިން ގޮތުގައި، "އަޅުގަނޑު ދިޔައީ ވަރަށް މަތީ ޑޯޒްތަކުން ވިޓަމިން ސީ، ވިޓަމިން ޑީ، ރީނދޫ (ޓާމެރިކް) އަދި ބަނޑު ފޮއްސިވުން ކުޑަކޮށްދޭ ހާއްސަ ސަޕްލިމެންޓެއް ބޭނުންކުރަމުންނެވެ. އަދި ގަވާއިދުން އިލެކްޓްރޯލައިޓްސް އެއްކޮށްފައި ހުންނަ ފެން ބޮމުން ދިޔައީމެވެ."
ދެ އަހަރެއްހާ ދުވަސް ވަންދެން އޭނާ ހުރީ ވަރަށް ދުޅަހެޔޮކޮށް، ބުންވަރު ހުރި ގޮތަކަށެވެ. ނަމަވެސް، އޭނާގެ ގުރުދާއަށް އޭގެ ސަބަބުން ބޮޑު ބުރައެއް އުފުލަން ޖެހިފައިވާ ކަމެއް އޭނާއަކަށް ނޭނގެއެވެ.
ބުރަކަށީގެ ތިރީގައި ވަރަށް ބޮޑަށް ރިއްސަން ފެށުމުން އޭނާ ޑޮކްޓަރަށް ދެއްކުމުން، ބައެއް ލޭގެ ޓެސްޓުތައް ހެދިއެވެ. އަދި މަދު ދުވަސްކޮޅެއްގެ ތެރޭގައި ޖިންޖަރއަށް އެންގީ އަލްޓްރާސައުންޑް ސްކޭނެއް ހަދަން ޖެހޭ ކަމަށެވެ.
"އަޅުގަނޑު ކޮންމެވެސް ވަރަކަށް ކަންބޮޑުވި. އެކަމަކު ގުރުދާގައި ވަރަށް ބޮޑު ހިލައެއް އިން ކަމަށް ބުނެފާނެ ކަމަކަށް އުންމީދެއް ނުކުރަން. އެ ހިލަ އެހާ ބޮޑުވުމުން، އޮޕަރޭޝަން ކޮށްގެން ނޫނީ އެ ނުނެގޭނެ ކަމަށް ޑޮކްޓަރުން ބުނި،" ޖިންޖަރ ކިޔައިދިނެވެ.
ޖިންޖަރގެ ގުރުދާގައި އިން ހިލައިގެ ބޮޑުމިނުގައި ދެ ސެންޓިމީޓަރާއި ތިން ސެންޓިމީޓަރާ ދެމެދުގެ މިންވަރެއް ހުއްޓެވެ. ޑޮކްޓަރުން ބުނި ގޮތުގައި މިއީ އޭނާ ކޮންމެ ދުވަހަކު ބޭނުންކުރި ތަފާތު ސަޕްލިމެންޓްތަކުގެ ސަބަބުން ދިމާވި ކަމެކެވެ.
"ސިއްހަތު ރަނގަޅުކުރަން އުޅެނިކޮށް މިފަދަ ދެރަ ހާލަތެއް ދިމާވެދާނެ ކަމަކަށް ދުވަހަކުވެސް ހިތަކަށް ނާރާ،" އޭނާ ބުންޏެވެ. "ނަސީބަކުން އަޅުގަނޑުގެ އިންޝުއަރެންސް އޮތެވެ."
"އެހެންވީމާވެސް އަޅުގަނޑުގެ އަތުން 6،000 ޑޮލަރު (ގާތްގަނޑަކަށް 92،500 ރުފިޔާ) ހޭދަވި. އިންޝުއަރެންސް ނެތްނަމަ އެއީ 35،000 ޑޮލަރު (ގާތްގަނޑަކަށް 5.4 ލައްކަ ރުފިޔާ) ހޭދަވާނެ ކަމެއް،" އޭނާ އިތުރަށް ބުންޏެވެ.
މެޑްރިޑްގެ ހޮސްޕިޓަލް ޔުނިވަރސިޓޭރިއޯ ލާ ޕާޒްގެ ގޭސްޓްރޯއެންޓްރޮލޮޖިސްޓެއް ކަމަށްވާ ޑރ. ޕެޑްރޯ ޑި މާރިއާ ޕަލަރޭސް ވިދާޅުވި ގޮތުގައި، ހާބަލް ސަޕްލިމެންޓްތަކުގެ ސަބަބުން ފުރަމޭގެ މައްސަލަތައް ދިމާވެގެން އަންނަ ބަލިމީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.
"އަޅުގަނޑުމެން ބަލިމީހާ ގާތު އެއްވެސް ބޭހެއް ބޭނުންކުރަންތޯ އެހުމުން، އެމީހުން ބުނަނީ 'ނޫނެކޭ'.
ދެން އަޅުގަނޑުމެން ޖެހެނީ އެހެން ހުރިހާ ސަބަބުތަކެއް ބަލައި، އެއީ ބައްޔެއް ނޫންކަން ޔަގީންކުރަން. އެ ހުރިހާ ކަމެއް ބަލާ ނިމުމުން އަނެއްކާވެސް ސުވާލުކުރުމުން އެމީހުން ބުނަނީ، 'އާނ، އަޅުގަނޑު ތަފާތު އެކި ސަޕްލިމެންޓްތައް ބޭނުންކުރަން' މިހެން."
އެމެރިކާގައި ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ފުރަމޭއަށް ލިބޭ ގެއްލުންތަކުގެ 20 އިންސައްތަ ހިއްސާކުރަނީ ހާބަލް އަދި ޑައިޓަރީ ސަޕްލިމެންޓްތަކެވެ.
މާ ގިނައިން ބޭނުންކުރުމުން ފުރަމޭއަށް ވިހަވެދާނެ މާއްދާތަކުގެ ތެރޭގައި ވިޓަމިން އޭ، ގްލޫޓަމިން، އަދި ގްރީން ޓީ އެކްސްޓްރެކްޓް ހިމެނެއެވެ.
ފުރަމޭއަކީ އަމިއްލައަށް ރަނގަޅުވުމުގެ ގާބިލުކަން ހުރި ގުނަވަނެއް ނަމަވެސް، ގިނަ ދުވަހު މިފަދަ ތަކެތި ބޭނުންކުރުމުން ދާއިމީ ބަލިތަކަށް މަގުފަހިވެއެވެ.
ބްރިޓިޝް ލިވަރ ޓްރަސްޓުން ބުނާ ގޮތުގައި، އިނގިރޭސިވިލާތުގައި މިކަމާ ގުޅޭ ތަފާސްހިސާބު މަދުވި ނަމަވެސް، މާ ގިނައިން ސަޕްލިމެންޓް ބޭނުންކުރުމުގެ ސަބަބުން ފުރަމޭއަށް ގެއްލުންވާ މައްސަލަތައް ފެންނަމުންދެއެވެ. އެހެންކަމުން، ސަޕްލިމެންޓަކުން ލިބޭނެ ފައިދާއަށްވުރެ އޭގެން ލިބިދާނެ ގެއްލުން ބޮޑުތޯ ވިސްނާލުމަށް އެ ޖަމިއްޔާއިން އިލްތިމާސްކުރެއެވެ.
ސޯޝަލް މީޑިއާގައި ސިއްހީ މައުލޫމާތު ފަތުރާ އެން.އެޗް.އެސް ސާޖަން ޑރ. ކަރަން ރާޖަން ވިދާޅުވީ، "ސަޕްލިމެންޓްތަކަކީ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނެސްދޭނެ އެއްޗަކަށް ވެދާނެ. ނަމަވެސް، ކޮންމެ ސަޕްލިމެންޓަކީވެސް އޭގެ ރަނގަޅުކަން ސާބިތުވަންދެން ޝައްކުގެ ނަޒަރަކުން ބަލަންޖެހޭ އެއްޗެއް."
ވޭތުވެދިޔަ އަހަރުތަކުގައި ސަޕްލިމެންޓްތަކާ މެދު ގެންގުޅޭ ވިސްނުން ބަދަލުވެފައިވާ ކަމަށް ޑރ. ރާޖަން ވިދާޅުވިއެވެ. އޭނާ ވަނީ އަމިއްލަ ބްރޭންޑެއްގެ ފައިބަރ ސަޕްލިމެންޓެއްވެސް ބާޒާރަށް ނެރެފައެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި ބުއްދިވެރި ގޮތެއްގައި ބޭނުންކޮށްފިނަމަ، ކާނާގެ ތެރޭގައި ސަޕްލިމެންޓަށް ޖާގަ އެބައޮތެވެ.
"ތަފާތު ސަޕްލިމެންޓްތަކާ ބެހޭ ހެކިތައް އިތުރުވަމުންދާ ތަން އަޅުގަނޑަށް ފެނޭ،" އޭނާ ވިދާޅުވިއެވެ. "އަޅުގަނޑުމެންނަށް އެނގޭ މީގެ އެތައް އަހަރެއް ކުރިއާ އަޅާބަލާއިރު މިހާރުގެ ފަސްގަނޑުގައި ހުންނަ ކާނާގެ މާއްދާތައް މަދުކަން. އެހެންކަމުން 1950 ގެ އަހަރުތަކުގެ ކެރެޓެއްގައި ހުންނަ ފައިދާ، 2026 ވަނަ އަހަރުގެ ކެރެޓަކަށްވުރެ މާ ގިނަވާނެ."
ޑރ. ރާޖަން އަމިއްލައަށްވެސް ވިޓަމިން ޑީ، ޕްރީބަޔޮޓިކް، ޕްރޮޓީން، ފައިބަރ އަދި ކްރިއޭޓީން ބޭނުންކުރައްވައެވެ. އޭނާ މި ތަކެތި ބޭނުންކުރަނީ ހަށިގަނޑުން މަދުވާ މާއްދާތައް ފޫބެއްދުމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ މިންވަރު އޭނާއަށް ރަނގަޅެވެ. ނަމަވެސް، އެކި ސަޕްލިމެންޓްތައް އެއްކޮށް ބޭނުންކުރުމުގައި ނުރައްކާތަކެއް ހުރެއެވެ. އަދި ގިނަ އަދަދެއްގެ ސަޕްލިމެންޓް ބޭނުންކުރާ މީހުން، އެއިން ބޭނުންކުރަންވީ ކޮން އެއްޗެއްތޯ ލަފާ ހޯދުމަށް އާންމު ބަލިތަކުގެ ޑޮކްޓަރުން (ޖީޕީ) ގާތަށް ދާ މިންވަރު މިހާރު ވަނީ އިތުރުވެފައެވެ.
ރޯޔަލް ކޮލެޖް އޮފް ޖީޕީސްގެ ރައީސް ޕްރޮފެސަރ ވިކްޓޯރިއާ ޓްޒޯޓްޒިއޫ ބްރައުން ވިދާޅުވީ، "އެއް މާއްދާއެއް އެކުލެވޭ ތަފާތު ސަޕްލިމެންޓްތައް ބޭނުންކުރެވޭކަން ނުވަތަ ކަނޑައެޅިފައިވާ މިންވަރަށްވުރެ އިތުރަށް ބޭނުންކުރެވޭކަން ބަލިމީހުންނަށް ނޭނގިދާނެ. ނޫނީ ޑޮކްޓަރު ދީފައިވާ ބޭހަކާ އެކުވެގެން ނުރައްކާވެދާނެ ކަމެއްވެސް ނޭނގިދާނެ. ގިނައިން ބޭނުންކުރުމަކީ އަބަދު އެންމެ ރަނގަޅު ގޮތެއް ނޫން."
މިސާލަކަށް، މަލްޓިވިޓަމިންއަކާއެކު ވިޓަމިން ބީ6 ސަޕްލިމެންޓެއް ބޭނުންކުރުމުން، ހަށިގަނޑަށް ބޭނުންވާ މިންވަރަށްވުރެ ދެގުނަ އިތުރަށް ބީ6 ލިބިދާނެއެވެ. އަދި ގިނަ ދުވަސްތަކެއް ވަންދެން މާ ގިނައިން ވިޓަމިން ބީ6 ބޭނުންކުރުމުން ނާރުތަކަށް ގެއްލުންވެއެވެ.
އަޔަން (ދަގަނޑު)، ކެލްސިއަމް އަދި މެގްނީޒިއަމް އެއްކޮށް ބޭނުންކުރުމުން، ހަށިގަނޑަށް އެ މާއްދާތައް ދަމައިގަންނަ މިންވަރު ދަށްވެއެވެ.
މީގެ އިތުރުން، ވިޓަމިން އޭ، ޑީ، އީ އަދި ކޭ އަކީ ސަރުބީއަށް ގިރޭ (ފެޓް ސޮލިއުބަލް) އެއްޗެހި ކަމުން، ހަށިގަނޑުގައި އެ މާއްދާތައް ގިނަ ދުވަހު ހުރެއެވެ. އެހެންކަމުން އެ ތަކެތި ކޮންމެ ދުވަހަކު ބޭނުންކުރުމަކީ މަޖުބޫރު ކަމެއް ނޫނެވެ.
އިނގިރޭސިވިލާތުގެ ނިއުޓްރިޝަނިސްޓް ކްރިސްޓަން ސްޓެވްރިޑިސް ވިދާޅުވީ، "ސިއްހަތު ރަނގަޅުވުމަށް މި ސަޕްލިމެންޓްތައް ބޭނުންވާ ކަމަށް ސޯޝަލް މީޑިއާއިން މީހުންނަށް ގަބޫލުކޮށްދެނީ. ނަމަވެސް ގިނަ ފަހަރަށް އެއީ ހަގީގަތެއް ނޫން."
ސިއްހީ އެއްވެސް މައްސަލައެއް ނެތް ބޮޑެތި މީހުންނަށް އޭނާ ލަފާދެނީ، ހަމަހަމަ ކާނާއެއް ބޭނުންކުރުމަށެވެ. އަދި ފިނި މޫސުމުގައި ވިޓަމިން ޑީ ސަޕްލިމެންޓެއް، އަދި ބޭނުންވާ ނަމަ މަލްޓިވިޓަމިންއަކާއި ފިޝް އޮއިލް ބޭނުންކުރުމަށް އޭނާ ލަފާދެއެވެ.
އަޔަން މަދުވުމުގެ މައްސަލަ ދިމާވާ އަންހެނުންނަށް ސަޕްލިމެންޓްތަކުން އެހީތެރިކަން ލިބުނު ނަމަވެސް، އެ ތަކެތި ބޭނުންކުރަންވާނީ ލޭގައި އަޔަން ހުންނަންޖެހޭ މިންވަރަށް އަންނަންދެން ކުރު މުއްދަތަކަށެވެ.
ސްޓެވްރިޑިސްގެ މައިގަނޑު މެސެޖަކީ ކާނާއަށް އިސްކަންދިނުމެވެ. އަދި ހަށިގަނޑުން ވަކި މާއްދާއެއް މަދުވާހެން ހީވާނަމަ، ސަޕްލިމެންޓަކުން އެކަން ރަނގަޅުވާނެ ކަމަށް ނިންމުމުގެ ބަދަލުގައި ޑޮކްޓަރެއްގެ ލަފާ ހޯދުމެވެ.
ސަޕްލިމެންޓް ފުޅީގެ ލޭބަލްގައިވާ "ރެކޮމެންޑެޑް ޑެއިލީ އެމައުންޓް" (އާރު.ޑީ.އޭ) ނުވަތަ ދުވާލަކު ބޭނުންކުރަންޖެހޭ މިންވަރަށް ބަލައި، ޑޮކްޓަރު ދީފައިވާ އެހެން ބޭސްތަކާ އެ ތަކެތި ފުށުނާރާކަން ޔަގީންކުރުމަށްވެސް އޭނާ އިލްތިމާސްކުރެއެވެ.
ގުރުދާގެ ހިލަ ނެގުމަށް ކުރި އޮޕަރޭޝަނަށްފަހު ޖިންޖަރއަށް ފުރިހަމަ ސިއްހަތެއް ލިބުމަށް އެތައް މަހެއް ނެގިއެވެ. މިހާރު އޭނާ ހުރީ ދުޅަހެޔޮކޮށް އަދި ވަޒީފާއަށްވެސް ނުކުމެއެވެ.
"މަޖާ ކަމަކީ، އެ ހުރިހާ ސަޕްލިމެންޓްތަކެއް ބޭނުންކުރިއިރު ހުރި ހަކަތައާއި ދުޅަހެޔޮކަން މިހާރުވެސް އިހުސާސްކުރެވޭ ކަން،" ޖިންޖަރ ބުންޏެވެ.
"މިހާރު އަޅުގަނޑު ބޭނުންކުރަނީ ދުވާލަކު އެންމެ މަލްޓިވިޓަމިން ގުޅައެއް. އުންމީދަކީ އެވަރުން ފުދޭނެ ކަމަށް."
މަސްދަރު: ބީބީސީ






