ސިކުނޑީގެ ކެންސަރަށް އާ ފަރުވާއެއް ތަޖުރިބާކުރި ޑރ. ރިޗަޑް ސްކޮލްޔާ މަރުވެއްޖެ
ސިކުނޑީގެ ނުރައްކާތެރި ކެންސަރެއް ކަމަށްވާ 'ގްލިއޯބްލާސްޓޯމާ' އަށް އަމިއްލަ ހަށިގަނޑުގައި އާ ފަރުވާއެއް ތަޖުރިބާކުރެއްވި އޮސްޓްރޭލިއާގެ މަޝްހޫރު ޑޮކްޓަރު ރިޗަޑް ސްކޮލްޔާ، ބަލީގައި ތިން އަހަރު އުޅުމަށްފަހު މަރުވެއްޖެ. ހަމުގެ ކެންސަރުގެ ފަރުވާއަށް ބިނާކޮށް އޭނާ ކުރެއްވި މި ތަޖުރިބާގެ ސަބަބުން، ކެންސަރު ބަލީގެ ފަރުވާގެ ދާއިރާއަށް އުންމީދީ ކުރިއެރުންތަކެއް ލިބި، އެމެރިކާގައި މިހާރު ވަނީ އެ ފަރުވާގެ ކްލިނިކަލް ޓްރަޔަލްތައް ފަށާފައި. އިންސާނިއްޔަތަށް ޚިދުމަތްކުރުމުގައި ނަމޫނާ ދެއްކެވި ސްކޮލްޔާއަކީ 2024 ވަނަ އަހަރުގެ 'އޮސްޓްރޭލިއަން އޮފް ދަ އިޔާ' ގެ ޝަރަފު ވެސް ހޯއްދަވާފައިވާ ބޭފުޅެއް.

ރިޗަޑް ސްކޮލްޔަރ އަކީ ހަމުގެ ކެންސަރު ނުވަތަ މެލަނޯމާ އަށް ފަރުވާކުރުމުގައި އޭނާ ކުރައްވާފައިވާ އިންގިލާބީ މަސައްކަތްޕުޅުތަކުގެ ސަބަބުން މުޅި ދުނިޔޭގެ ފެންވަރުގައި ބަލައިގަނެފައިވާ ފަރާތެއް. | ބީބީސީ
ދުނިޔޭގައި ފުރަތަމަ ފަހަރަށް ސިކުނޑީގެ ކެންސަރަށް އާ ފަރުވާއެއް ތަޖުރިބާކުރި އޮސްޓްރޭލިއާގެ މަޝްހޫރު ޑޮކްޓަރު ރިޗަޑް ސްކޮލްޔާ، ބަލީގައި މަރުވެއްޖެ އެވެ.
ޑޮކްޓަރު ރިޗަޑް ސްކޮލްޔާ މަރުވީ، ނުރައްކާތެރި ސިކުނޑީގެ ކެންސަރެއް ކަމަށްވާ 'ގްލިއޯބްލާސްޓޯމާ' އަށް ފަރުވާ ހޯދަމުން ގެންދާތާ ތިން އަހަރު ފަހުންނެވެ. މަރުވި އިރު އުމުރަކީ 59 އަހަރެވެ.
ސްކޮލްޔާ ދުނިޔޭގެ ސަމާލުކަމަށް އައީ، އޭނާގެ ގާތް އެކުވެރިޔާ ޕްރޮފެސަރު ޖޯޖީނާ ލޯންގްއާ ގުޅިގެން، ދުނިޔޭގައި އަލަށް ތަޖުރިބާކުރި ފަރުވާއެއް ހޯއްދުމަށް ނިންމުމާ ގުޅިގެންނެވެ. މި ފަރުވާއަކީ ހަމުގެ ކެންސަރު ނުވަތަ 'މެލަނޯމާ' އަށް ފަރުވާ ހޯދުމަށް މި ދެ ޑޮކްޓަރުން ކުރިއަށް ގެންދިޔަ ސައިންޓިފިކް ހޯދުންތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކުރި ފަރުވާއެކެވެ.
އެއް އިރެއްގައި މަރުގެ ހުކުމެއްގެ ގޮތުގައި ބެލެވުނު 'މެލަނޯމާ' ކެންސަރުގެ ފަރުވާއަށް މި ދެ ޑޮކްޓަރުން ކުރި މަސައްކަތުން ގިނަ ބައެއްގެ ފުރާނަ ވަނީ ސަލާމަތްކުރެވިފައެވެ. އަދި ސްކޮލްޔާގެ ސިކުނޑީގެ ކެންސަރަށް ދިން ފަރުވާއިން ފެނުނު އުންމީދީ ނަތީޖާތަކާ ގުޅިގެން، އެމެރިކާގައި މިހާރު ވަނީ އެ ފަރުވާގެ ކްލިނިކަލް ޓްރަޔަލްތަކުގެ ކުރީގެ މަރުހަލާތައް ފަށާފައެވެ.
"އަހަރެން ބޭނުންވީ ދިރިއުޅުމުގެ އެންމެ އަނދިރި ވަގުތުގައި ވެސް އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގައި ދެމިހުންނަން،" އޭނާ ލިޔުނު ވަދާއީ ސިޓީގައި ސްކޮލްޔާ ބުނެފައިވެއެވެ.
އޭނާގެ ސިޓީގައި އިތުރަށް ބުނެފައިވަނީ، މިއީ އޭނާ ލޯބިވި، އަދި ދިރިއުޅުމުގެ އެކި މަރުހަލާތަކުގައި ބައިވެރިވި އެންމެހާ ފަރާތްތަކަށް ކުރާ އެންމެ ފަހުގެ ވަދާއީ ސަލާމް ކަމަށެވެ. އަދި އޭނާގެ ދިރިއުޅުމަކީ އުފާވެރިކަމާއި، އުންމީދާއި، ފުރުސަތުތަކުން ފުރިގެންވީ ދިރިއުޅުމެއްގެ ގޮތުގައި ސިފަކޮށްފައިވެއެވެ.
އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީޒް ވަނީ ޕްރޮފެސަރު ސްކޮލްޔާއަކީ އެ ގައުމުން ފެނުނު އެންމެ އުޖާލާ އެއް ޝަޚްސިއްޔަތު ކަމަށާއި، އޭނާއަކީ ނުހަނު އޯގާތެރި ފަރާތެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
"ކެންސަރު ބަލީގެ މި މާހިރު، އަމިއްލަ ހަށިގަނޑު ތަޖުރިބާއަކަށް ހުށަހަޅައި، ކޮންމެ ދުވަހަކު އަހަރެމެންނަށް ދެއްކި ހިތްވަރަކީ މުޅި ގައުމަށް ލިބުނު އުންމީދެއް،" ބޮޑުވަޒީރު ވިދާޅުވިއެވެ.
އޮސްޓްރޭލިއާގެ އެންމެ އިހުތިރާމް ލިބިގެންވާ އެއް ސައިންސްވެރިޔާގެ ގޮތުގައި ބެލެވޭ ސްކޮލްޔާއަށް ވަނީ 2024 ވަނަ އަހަރު ޕްރޮފެސަރު ލޯންގްއާ އެކު 'އޮސްޓްރޭލިއަން އޮފް ދަ އިޔާ' ގެ ޝަރަފު ވެސް ލިބިފައެވެ.
ސްކޮލްޔާގެ ކެރިއަރުގައި އެންމެ ބޮޑު ފަޚުރެއްގެ ގޮތުގައި އޭނާ ފާހަގަކުރީ، އާ ޖީލުގެ ޕެތޮލޮޖިސްޓުން ތަމްރީނުކޮށް، އެ މީހުންނަށް މަގުދައްކައިދިނުމެވެ.
"އަހަރެން އަބަދުވެސް ގަބޫލުކުރަނީ އެހެން މީހުންގެ މުސްތަގުބަލު ބަދަލުކޮށް، ދުނިޔެއަކީ މިއަށްވުރެ ރަނގަޅު ތަނަކަށް ހެދުމަށް މަސައްކަތް ކުރުމަކީ އަހަރެމެން އެންމެންގެ ޒިންމާއެއް ކަމަށް. އަހަރެންގެ މުޅި ދިރިއުޅުން ބިނާކުރީ އެ އުސޫލުގެ މައްޗަށް،" ސްކޮލްޔާ ބުނެފައިވެއެވެ.
2024 ވަނަ އަހަރު ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި ސްކޮލްޔާ ބުނީ، ކެންސަރު ޖެހިފައިވާކަން އެނގުމުން އެކަމަށް އަމާންދީގެން ހުންނަން އޭނާ ބޭނުންނުވި ކަމަށެވެ.
ސިކުނޑީގެ ނާރުތަކާ ގުޅިފައިވާ 'ގްލިއޯބްލާސްޓޯމާ' އަކީ ނުހަނު ނުރައްކާތެރި ކެންސަރެކެވެ. މި ބައްޔަށް ފަރުވާކުރުމުގައި ވޭތުވެދިޔަ ވިހި އަހަރު ވެސް ބޭނުންކުރަމުން އައީ އޮޕަރޭޝަން ކުރުމަށްފަހު ރޭޑިއޯތެރަޕީ އަދި ކީމޯތެރަޕީ ދިނުމުގެ އުސޫލެވެ. މި ބަލި ޖެހޭ ގިނަ މީހުން އެއް އަހަރަށް ވުރެ ގިނަ ދުވަހު ދުނިޔޭގައި ނުތިބެއެވެ.
"އެއްވެސް ކަމެއް ނުކޮށް، މަރުވާނެކަން ގަބޫލުކޮށްގެން ހުރުމަކީ އަހަރެންގެ ސިކުނޑި ގަބޫލުކުރި ކަމެއް ނޫން،" ޕްރޮފެސަރު ސްކޮލްޔާ ބުންޏެވެ.
އޭނާގެ އެކުވެރިޔާ ލޯންގް ވެސް ހުރީ ހަމަ އެފަދަ އަޒުމެއްގައެވެ. އެކުވެރިޔާއަށް ބަލި ޖެހުނުކަން އެނގުމުން ލިބުނު ހިތާމައަށްފަހު، އޭނާ ވަގުތުން ފެށީ ފަރުވާއެއް ހޯދުމުގެ މަސައްކަތެވެ.
ހަމުގެ ކެންސަރުގެ ފަރުވާގައި، އޮޕަރޭޝަން ކުރުމުގެ ކުރިން އެކި ބޭސްތައް އެއްކޮށްގެން 'އިމިއުނޯތެރަޕީ' ދިނުމުން ނަތީޖާ ރަނގަޅުވާކަން ލޯންގްގެ ޓީމަށް އޮތީ ހޯދިފައެވެ. އެހެންކަމުން، 2023 ވަނަ އަހަރު ސްކޮލްޔާ ވެގެންދިޔައީ އޮޕަރޭޝަންގެ ކުރިން މިފަދަ 'ކޮމްބިނޭޝަން އިމިއުނޯތެރަޕީ' އެއް ހޯދި ސިކުނޑީގެ ކެންސަރުގެ ފުރަތަމަ ބަލިމީހާއަށެވެ.
މީގެ އިތުރުން، އޭނާގެ ކެންސަރުގެ ސިފަތަކަށް ބަލައިގެން ޚާއްސަކޮށް ތައްޔާރުކުރި ވެކްސިނެއް ވެސް އޭނާއަށް ދެވުނެވެ. މިއީ ހަށިގަނޑުގެ ދިފާއީ ނިޒާމަށް ކެންސަރު ސެލްތައް ދެނެގަތުމަށް އެހީތެރިވެދޭ ފަރުވާއެކެވެ.
މި ފަރުވާއިން ބަލި މުޅިން ފަސޭހަވުމުގެ ފުރުސަތު ކުޑަކަން ސްކޮލްޔާ އާއި ލޯންގްއަށް އެނގުނު ނަމަވެސް، އެ ބޭފުޅުން އުންމީދު ކުރެއްވީ މި ތަޖުރިބާގެ ސަބަބުން ސްކޮލްޔާގެ އުމުރު ކޮންމެވެސް ވަރަކަށް އިތުރުވާނެ ކަމަށެވެ.
ފަރުވާއަށްފަހު ހެދި ސްކޭންތަކުން ސިކުނޑީގެ ދިފާއީ ނިޒާމު ކެންސަރާ ދެކޮޅަށް މަސައްކަތްކުރާކަމުގެ ހެކިތައް ފެނުނެވެ. އަދި މިހާރު ކުރިއަށްދާ ކްލިނިކަލް ޓްރަޔަލްތަކަކީ އެ ނަތީޖާ އަލުން ހޯދުމަށް ކުރެވޭ މަސައްކަތްތަކެކެވެ.
"މިއީ ސައިންސް އަމަލީ ގޮތުން ދެއްކި ސާބިތުކަމެއް،" ސްކޮލްޔާގެ އެކުވެރިޔާ އަދި މަޝްހޫރު ސާޖަން ޖޯން ތޮމްޕްސަން ވިދާޅުވިއެވެ.
މަސްދަރު: ބީބީސީ





