ކައުންސިލްތައް އޮވެގެން ރަށްތައް ތަރައްގީވާ ކަމަށް ވިދާޅުވި އައިބީ، ކައުންސިލަރުން ތިބުމަށްވުރެ ކަތީބުން ތިބި ޒަމާން މާ ރަނގަޅު ކަމަށް ވިދާޅުވެއްޖެ
ކައުންސިލްތަކުގެ މުސާރައަށް ހެޔޮ ބަދަލެއް ގެނައުމަށް ހުށަހެޅި ގަރާރަށް ބަހުސްކުރައްވަމުން، ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ވަނީ ކައުންސިލްތަކުން އެދެވޭ މަސައްކަތެއް ނުކުރާ ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ. ކައުންސިލަރުންގެ މަސައްކަތަކީ ގަވާއިދާ ހިލާފަށް ބިން ބެހުން ކަމަށް ތުހުމަތުކުރައްވައި، ލާމަރުކަޒީ ނިޒާމަށްވުރެ ކުރީގެ ކަތީބުންގެ ޒަމާނުގައި ރަށްރަށަށް މާ ބޮޑަށް ފައިދާވި ކަމަށް އޭނާ ފާހަގަކުރެއްވި. ނަމަވެސް މީގެ ކުރިން އޭނާ ވަނީ ވަކިވަކި ކައުންސިލްތައް އޮތުމުގެ މުހިންމުކަމާއި އޭގެ ސަބަބުން ރަށްރަށަށް ލިބޭ ތަރައްގީގެ ވާހަކަ ދައްކަވާފަ.


ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ (އައިބީ) | ރައްޔިތުންގެ މަޖިލިސް
ރަށްރަށުގައި ކައުންސިލްތައް އޮވެގެން ރަށްތައް ތަރައްގީ ވުމަށްވުރެ ކަތީބުންގެ ޒަމާނުގައި ރަށްތަކަށް މާ ބޮޑަށް ފައިދާވެގެން ދިޔަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ، (އައިބީ) ވިދާޅުވެއްޖެ އެވެ.
ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހްމަދު ނަސީމް، ކައުންސިލްތަކުގެ މުސާރަ އަށް ހެޔޮ ބަދަލެއް ގެންނަން އެދި ހުށަހަޅުއްވާފައިވާ ގަރާރަށް ބަހުސް ކުރައްވަމުން އައިބީ ވަނީ ވަރަށް ބޮޑަށް ކައުންސިލްތަކަށް ފާޑުވިދާޅުވެފަ އެވެ.
އެގޮތުން އައިބީ ވަނީ ކައުންސިލްތަކަކީ އެއްވެސް އެދެވޭ މަސައްކަތެއް ނުކުރާ ބައެއް ކަމަށް ވިދާޅުވެފަ އެވެ. އަދި ކައުންސިލްތަކުގައި އެންމެ ބުރަ މަސައްކަތް ކުރަނީ ސިވިލް ސަރވިސް މުވައްޒަފުން ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ.
އައިބީ ވިދާޅުވީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލަމާރުކަޒީ އުސޫލުން ހިންގަމުން ދާއިރު، ކައުންސިލްތަކުގެ މަސައްކަތްތައް ބައްޓަންވެފަ އޮތް ގޮތުން، ކައުންސިލަރުން ގެ މަސައްކަތަކީ ހަމައެކަނި، ރަށްރަށުގަ ހުންނަ ބިންތައް، ގަވާއިދާ ޚިލާފަށް މީހުންނަށް ބަހާލުން ކަމަށެވެ.
ނޫނިއްޔާ ގޯތިތަކުގެ ތެރެއަށް ބިންތައް އިތުރު ކޮށްދީ، އެ ގޯއްޗަށް ވުރެ ބޮޑު ބިމެއް ވެސް ދީފަ އޮވެދާނެ. އެހެންވީމާ މިކަހަލަ ނާޖާއިޒް ކަންތައްތައް ކުރުންތޯ ނުވަތަ ކުރީގަ ވެސް މި ކަންތައްތައް ކުރާ އުސޫލުން މި ކަންތައްތައް، މިސާލަކަށް އަޅުގަނޑުމެންނަށް އެބަ ފެނޭ ރަށްރަށުގަ ގޯއްޗެއްގެ އިން ވަކި ނުކުރެވި ރައްޔިތުން އެކަމާ ދުވާތާ ދެ އަހަރު ތިން އަހަރު ވެގެން ދާއިރު ތައްޔިތަކަށް ގޯއްޗެއް ދެވެނީ އެއް ނޫން. އެކަމު ކުރީގައި ކައުންސިލަރުން ނެތި، އެ ވިދާޅުވާ ކަތީބުންގެ ޒަމާނުގައި މި ކަންތައްތައް މާ ރަނގަޅަށް ކުރެވޭ.ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ (އައިބީ)
މެންބަރު ވިދާޅުވީ ކައުންސިލަރުންނާ، މޭޔަރުންނާ، ކައުންސިލްތަކުގެ ރައީސުންނާ، ސެކެޓްރީ ޖެނެރަލުން އައްޔަނު ކޮށްގެން ނުވަތަ އިންތިޚާބު ކޮށްގެން އަޅުގަނޑުމެންނަށް ކުރެވުނު ރަނގަޅު އެއްކަމެއް ވެސް ނެތް ކަމަށެވެ.
ކައުންސިލްތަކަށް އައިބީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވާއިރު މީގެ ކުރިން މެންބަރު ވަނީ ކައުންސިލްތައް އޮތުމުން ލިބޭ ފައިދާތަކުގެ ވާހަކަ ދައްކަވާފަ އެވެ. ވަކިން ޚާއްސަކޮށް އައްޑޫ ސިޓީގެ އާބާދީގެ ބޮޑު އިންސައްތައެއް ހިއްސާ ކުރާ ފޭދޫ، އައްޑޫ ސިޓީ އިން ވަކިކުރަން ވޯޓެއް ނެގުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާ، ވޯޓު ނެގުމަށް ތައްޔާރު ވަމުން ދިޔަ އިރު އައިބީ ވަނީ ވަކި ވަކި ކައުންސިލްތައް އޮތުމުގެ މުހިއްމު ކަން ފާހަގަ ކުރައްވާފަ އެވެ.
އެގޮތުން މެންބަރު ވަނީ ދ. ކުޑަހުވަދޫ އިން މިސާލު ނަންގަވައި، ކުޑަހުވަދޫގައި ރަށު ކައުންސިލެއް އޮންނައިރު އެ ރަށުގައި އެއާޕޯޓާއި ސްކޫލާއި ގެސްޓްހައުސް ވިޔަފާރި އާއި ފެނާއި ނަރުދަމާގެ އެންމެހައި ޚިދުމަތްތައް ބަރާބަރަށް ލިބެމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ. އަދި މުއްސަނދިކަން ލިބޭ ކަމަށް ވެސް ފާހަގަކުރެއްވި އެވެ.
ރަށު ކައުންސިލްތަކާއި އެ ރަށްރަށުގެ ރައްޔިތުން އެކުގައި ތަރައްގީއަށް މަސައްކަތްކުރަން ޖެހޭނެ ކަމަށް ވިދާޅުވެ، ގިނަ ރަށްރަށް ތަރައްގީވީ ގުޅިގެން މަސައްކަތްކޮށްގެން ކަމަށް ވެސް އޭރު މެންބަރު ވިދާޅުވި އެވެ.







