ފުޓްބޯޅައިގެ އެހެން ތަރިންނަށް ތައުރީފް އޮހުނު އިރު ރޮނާލްޑޯ އަށް އަމާޒުވީ ފާޑުކިޔުން
ވޯލްޑް ކަޕްގެ ފަހުގެ މެޗުތަކުގައި އެމްބާޕޭ، ހާލަންޑް އަދި މެސީ އާދަޔާޚިލާފު ކާމިޔާބީތަކެއް ހޯދާފައިވާއިރު، ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް ޑީއާރު ކޮންގޯއާ ދެކޮޅަށް ކުޅުނު މެޗުގައި އެދެވޭ ކުޅުމެއް ނުދެއްކި ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައި. މި މެޗުގައި ރޮނާލްޑޯއަށް ލިބުނު ރަނގަޅު ފުރުސަތުތަކުގެ ބޭނުން ނުހިފުނުއިރު، އޭނާ ދަނޑުމަތީގައި ބެހެއްޓުމަށް ކޯޗު ނިންމި ނިންމުމަށް ކުރީގެ ކުޅުންތެރިންނާއި އެނަލިސްޓުން ވަނީ ސުވާލު އުފައްދާފައި. ޚާއްސަކޮށް ރޮނާލްޑޯ ފަދަ ނުފޫޒުގަދަ ކުޅުންތެރިއަކު ދަނޑުމަތީގައި ހުރުމުން ޓީމުގެ ޒުވާން ކުޅުންތެރިންގެ ކުޅުމަށް ނޭދެވޭ އަސަރުކުރާކަން ބައެއް ތަޖުރިބާކާރުން ވަނީ ފާހަގަކޮށްފައި.

ޕޯޗުގަލް އާއި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމުނުއިރު، އެ މެޗުގެ ދެވަނަ ހާފުގައި ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަތެއް ކްރިސްޓިއާނޯ ރޮނާލްޑޯ އަތުން ބޭކާރުވި. | ގެޓީ އިމޭޖަސް
ފުޓްބޯޅައިގެ އެންމެ ބޮޑު ތިން ތަރިން، މިދިޔަ އަންގާރަ ދުވަހު ބޭއްވި 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ މެޗުތަކުގައި އާދަޔާޚިލާފު ކުޅުމެއް ދައްކައިފިއެވެ.
ސެނެގާލްއާ ދެކޮޅަށް ކުޅުނު މެޗުގައި ކީލިއަން އެމްބާޕޭ ކާމިޔާބުކުރި ދެ ލަނޑާއެކު، އޭނާ ވަނީ ފްރާންސްގެ ތާރީޚުގައި އެ ގައުމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ.
އޭގެ ފަހުން، ނޯވޭގެ އާލިން ހާލަންޑް ވަނީ އޭނާގެ ފުރަތަމަ ވޯލްޑް ކަޕް މެޗުގައި އިރާގާ ދެކޮޅަށް ދެ ލަނޑު ޖަހައި، އެ ގައުމަށް މޮޅެއް ހޯދައިދީފައެވެ.
އާޖެންޓީނާގެ ލިއޮނަލް މެސީ ވަނީ އަލްޖީރިއާއާ ދެކޮޅަށް ހެޓްރިކެއް ހަދައި، މިއަށްވުރެ ވެސް ކުރިއަށް ޖެހިލާފައެވެ. މި ލަނޑުތަކާއެކު މެސީ ވަނީ ވޯލްޑް ކަޕްގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމުގައި އޮތް ޖަރުމަނުގެ މިރޮސްލާވް ކްލޯސާއާ އެއްވަރުކޮށްފައެވެ.
ބުދަ ދުވަހަކީ ކްރިސްޓިއާނޯ ރޮނާލްޑޯ މި މުބާރާތުގައި އޭނާގެ ނަން ފަވާލުމަށް ލިބުނު ފުރުސަތެއް ނަމަވެސް، ޕޯޗުގަލްގެ ކެޕްޓަނަށް އެހެން ތަރިންނާ އެއްވަރުގެ ކުޅުމެއް ނުދެއްކުނެވެ.
ޑީއާރު ކޮންގޯއާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރުވިއިރު، ތަފާތު ހަ ވޯލްޑް ކަޕެއްގައި ލަނޑު ޖެހި ފުރަތަމަ ފިރިހެން ކުޅުންތެރިޔާގެ ޝަރަފު ހޯދަން ރޮނާލްޑޯއަށް ލިބުނު ފުރަތަމަ ފުރުސަތުގައި އޭނާއަށް މާ އެދެވޭ ކުޅުމެއް ނުދެއްކުނެވެ.
މެޗުގެ ވަގުތު ފާއިތުވަމުން ދިޔަވަރަކަށް، ބޮޑެތި މުބާރާތްތަކުގައި ލަނޑެއް ނުޖެހި ދިޔަ ނުވަ މެޗުގެ ސިލްސިލާ ނިމުމަކަށް ގެނައުމަށް ރޮނާލްޑޯ ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. ނަމަވެސް، ޕެނަލްޓީ އޭރިއާ ތެރޭގައި މާ ރަނގަޅު މަގާމެއްގައި ހުރި ބްރޫނޯ ފެނާންޑޭޒްއަށް ލިބެން އޮތް ބޯޅައަކަށް ހުރަސްއަޅައި، މެޗުން މޮޅުވާން ލިބުނު އެންމެ ރަނގަޅު ފުރުސަތު ރޮނާލްޑޯ ވަނީ ބޭކާރުކޮށްލާފައެވެ.
ފޮކްސް ސްޕޯޓްސްގައި ވާހަކަ ދައްކަމުން ފްރާންސްގެ ކުރީގެ ފޯވާޑް ތިއެރީ އޮންރީ ބުނީ، ފެނާންޑޭޒްއަށް ލިބެން އޮތް ބޯޅަ އަމިއްލައަށް ހޯދަން މަސައްކަތް ކުރުމުން ރޮނާލްޑޯގެ އަމިއްލަ އެދުން ބޮޑުކަން ހާމަވާ ކަމަށެވެ.
"އަމިއްލައަށް ލަނޑު ޖަހަން ބޭނުންވާތީ، އޭނާ އެ ދިޔައީ ބޯޅަ ދާން އޮތް މަގަށް ހުރަސް އަޅަމުން."
"އަހަރެން ބުނަން އޮތީ، ޓީމުން ލަނޑު ޖެހުން މުހިންމީ، ހަމައެކަނި ތިމާ ލަނޑު ޖެހުމެއް ނޫން."
މި މެޗު ފެށިއިރު، ރޮނާލްޑޯ ވެފައިވަނީ ވޯލްޑް ކަޕް މެޗެއްގައި ކުޅުނު އެންމެ އުމުރުން ދުވަސްވީ އައުޓްފީލްޑް ކުޅުންތެރިޔާއަށެވެ. އެއީ 41 އަހަރާއި 132 ދުވަހުގެ އުމުރުގައެވެ.
އެހެންކަމުން، މިހާ އުމުރުން ދުވަސްވީ ކުޅުންތެރިއަކު މެޗުގެ ފުރިހަމަ ވަގުތު ހަމަވަންދެން ދަނޑުމަތީގައި ބެހެއްޓުމަކީ ގިނަ ބަޔަކަށް ލިބުނު ހައިރާންކަމެކެވެ.
ބީބީސީ ރޭޑިއޯ 5 ލައިވްގައި ކޮމެންޓްރީ ދެމުން، ޕްރިމިއާ ލީގުގެ ކުރީގެ ފޯވާޑް ކްރިސް ސަޓަން ވަނީ، ގައުމީ ޓީމަށް 229 މެޗު ކުޅެދީ 143 ލަނޑު ޖަހާފައިވާ ރޮނާލްޑޯ، ހިއުސްޓަންގައި ކުޅުނު މުޅި މެޗުގައި ބެހެއްޓުމަށް ކޯޗު ރޮބާޓޯ މާޓިނޭޒް ނިންމި ނިންމުމަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
މެޗުގެ 83 ވަނަ މިނެޓުގައި މިޑްފީލްޑަރު ވިޓީނިއާގެ ބަދަލުގައި ފޯވާޑް ގޮންކާލޯ ރާމޯސް ކުޅެން އެރުވުމުން ސަޓަން ބުންޏެވެ: "މިއީ މާޓިނޭޒްގެ ފަރާތުން ފެނުނު ލަދުވެތި ނިންމުމެއް. މިއީ ކާމިޔާބު ކަމަކަށް ވެދާނެ، އެކަމަކު އަހަރެމެން މި ބަލަނީ އެހެން މެޗެއްތަ؟"
"އޭނާ (މާޓިނޭޒް) އެ ހުންނަނީ ރޮނާލްޑޯ ބާލަން ބިރުން. އޭނާއަކީ ހަގީގީ މެނޭޖަރެއް ނޫން. ފަހަރުގައި ރޮނާލްޑޯ މޮޅުވާ ލަނޑު ޖަހައިފާނެ، އެކަމަކު މިއަދުގެ މެޗުގައި އޭނާގެ ފަރާތުން ފެންނަންޖެހޭ ކުޅުމެއް ނުފެނޭ."
މެޗު ފެށުމުގެ ކުރިން، އިންގްލެންޑްގެ ކުރީގެ ކެޕްޓަން ވޭން ރޫނީ ސަމާސާ ކުރަމުން ބުނީ، މެންޗެސްޓާ ޔުނައިޓެޑްގައި އޭނާއާއެކު ކުޅުނު ރޮނާލްޑޯ، އެހެން ތަރިން މުބާރާތް ވަރަށް ރަނގަޅަށް ފެށުމުން "ރުޅިގަދަވާނެ" ކަމަށާއި، ނަމަވެސް އެއީ ރަނގަޅު މާނައެއްގައި ކަމަށެވެ.
"ވޭތުވެދިޔަ އަހަރުތަކުގައި އޭނާއާއި މެސީ ވަނީ އެކަކު އަނެކަކަށް ވާދަކޮށް، މި ފެންވަރަށް ވާސިލްވެފައި."
"އޭނާ ބޭނުންވަނީ އެންމެ މޮޅު ކުޅުންތެރިޔާއަށް ވާން. އެއީ ގޯސް ކަމެއް ނޫން. އޭނާ ބޭނުންވާނީ މިރޭ ދެތިން ލަނޑު ޖަހައި، އޭނާއަކީ އަދިވެސް އެ ފެންވަރުގެ ކުޅުންތެރިއެއްކަން ސާބިތުކޮށްދޭން."
ނަމަވެސް، ޕޯޗުގަލްގެ ފުރަތަމަ މެޗު ރޮނާލްޑޯއާއި އޭނާގެ މަޝްހޫރު ޓީމު ބޭނުންވި ގޮތަކަށް ނުދިޔައެވެ. މެޗުގެ ހަވަނަ މިނެޓުގައި ޕެޑްރޯ ނެޓޯ ނަގައިދިން ހުރަހަކުން، ޕީއެސްޖީގެ ޔާއޯ ނެވޭސް ބޮލުން ޖަހައި ލަނޑެއް ކާމިޔާބުކޮށް ޕޯޗުގަލްއަށް ކުރިހޯދައިދިނެވެ.
އެކަމަކު، ހާފް ޓައިމް ކައިރިވެފައި ވަނިކޮށް ނިއުކާސަލްގެ ފޯވާޑް ޔޮއާން ވިސާ ވަނީ ޑީއާރު ކޮންގޯއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. ޕޯޗުގަލްއިން މެޗުގެ 75 އިންސައްތަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް، މުޅި މެޗުގައި އެ ޓީމަށް ފޮނުވާލެވުނީ އެންމެ ހަތް ހަމަލާއެވެ. އޭގެ ތެރެއިން ގޯލާ އަމާޒުވީ ނެވޭސް ޖެހި ލަނޑު އެކަންޏެވެ.
ކެރިއަރުގައި 1،000 ލަނޑު ހަމަކުރުމާ ގާތްވެފައިވާ އަލް ނަސްރުގެ ފޯވާޑް ރޮނާލްޑޯއަށް، ދެވަނަ ހާފުގެ މެދުތެރޭގައި ވިދިވިދިގެން ދެ ފުރުސަތު ލިބުނެވެ.
ދެވަނަ ހާފުގައި ކުޅެން އެރި ފްރެންސިސްކޯ ކޮންސެއިސާއޯ ކަނާތްފަރާތުން ދެ ފަހަރެއްގެ މަތިން ރޮނާލްޑޯއަށް ބޯޅަ ހުރަސްކޮށްދިނެވެ.
ފުރަތަމަ ބޯޅަ ރޮނާލްޑޯގެ ފަހަތަށް ކުޑަކޮށް ދިޔުމުން، އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. ދެވަނަ ފުރުސަތުގައި ބޯޅަ މާ ރަނގަޅު މަގާމެއްގައި އޮތް ނަމަވެސް، ޑީއާރު ކޮންގޯގެ ޑިފެންޑަރުންގެ ފިއްތުންތަކާއެކު ރޮނާލްޑޯ ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.
2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ގާނާއާ ދެކޮޅަށް ޖެހި ޕެނަލްޓީއަށް ފަހު، ބޮޑެތި މުބާރާތްތަކުގައި ވިދިވިދިގެން ކުޅުނު 10 މެޗުގައި ރޮނާލްޑޯއަށް ލަނޑެއް ކާމިޔާބެއް ނުކުރެވުނެވެ.
މުޅި މެޗު ކުޅުނު ޕޯޗުގަލްގެ އައުޓްފީލްޑް ކުޅުންތެރިންގެ ތެރެއިން އެންމެ މަދުން ބޯޅައިގައި ޖަހާފައިވަނީ ރޮނާލްޑޯއެވެ. އޭނާއަށް ބޯޅަ ލިބުނީ އެންމެ 25 ފަހަރުއެވެ.
"އޭނާގެ ތަފާސްހިސާބުތަކަކީ އަބަދު އެންމެ ރަނގަޅު އެއްޗަކަށް ނުވާނެ،" މެޗު ނިމުމުން ރޫނީ ބުންޏެވެ. "އޭނާއަށް ބޭނުންވަނީ ފުރުސަތުތައް. ރަނގަޅު ފުރުސަތުތަކެއް ލިބިއްޖެ ނަމަ އޭނާ ލަނޑު ޖަހާނެ."
ރޫނީއާއި ބީބީސީގެ އެހެން އެނަލިސްޓުން ކަމަށްވާ ގައެލް ކްލިޝީ އަދި އޮލިވިއޭ ޖިރޫޑް ގަބޫލުކުރާ ގޮތުގައި، ރޮނާލްޑޯއަށް ފުރަތަމަ ފުރުސަތު ތަނަވަސްކޮށްދިނުމުގެ ބަދަލުގައި ކޮންސެއިސާއޯ އަމިއްލައަށް ގޯލަށް ބޯޅަ ފޮނުވާލި ނަމަ މާ ރަނގަޅުވީހެވެ.
ފްރާންސްގެ ކުރީގެ ޑިފެންޑަރު ކްލިޝީ ގަބޫލުކުރާ ގޮތުގައި، ރޮނާލްޑޯ ފަދަ ބޮޑު ތަރިއަކު ދަނޑުމަތީގައި ހުރުމުން، ނޭނގި ނަމަވެސް އެހެން ކުޅުންތެރިންގެ ކުޅުމަށް އޭގެ އަސަރު ކުރެއެވެ.
"މެޗު ފެށުމުގެ ކުރިން އަހަރެމެން ބުނިން ރޮނާލްޑޯގެ ތަޖުރިބާއާއި ސަޚްސިއްޔަތުގެ ސަބަބުން ޒުވާން ކުޅުންތެރިންނަށް އެހީތެރިކަން ލިބޭނެއޭ. އެކަމަކު ބައެއް ފަހަރު ނޭނގި ނަމަވެސް މިފަދަ ކުޅުންތެރިންގެ ސަބަބުން އެހެން ކުޅުންތެރިންނަށް ލިބެންޖެހޭ ސަމާލުކަން ކުޑަވޭ،" އޭނާ ބީބީސީ ވަންއަށް ކިޔައިދިނެވެ.
"ފުރަތަމަ ލިބުނު ފުރުސަތުގައި، އެތަނުގައި ހުރީ ރޮނާލްޑޯ ކަމަށް ނުވި ނަމަ، ފަހަރުގައި ކޮންސެއިސާއޯ އަމިއްލައަށް ގޯލަށް ޖެހީސް."
"އާސެނަލް އަދި މެންޗެސްޓާ ސިޓީގައި ބައެއް ކުޅުންތެރިންނާއެކު އަހަރެން މިކަން ތަޖުރިބާކުރިން. ކުޅުންތެރިއަކީ މާ މުހިންމު މީހަކަށް ވުމުން، ނޭނގި ނަމަވެސް އެހެން ކުޅުންތެރިންގެ ޒިންމާތައް އޭނާގެ މައްޗަށް ބަރޯސާވޭ."
"އަހަރެން މިއީ ރަނގަޅު ނުވަތަ ނުބައި ކަމެކޭ ނުބުނަން. އެކަމަކު އެފަދަ ކުޅުންތެރިން ބޭލުމުން، އެހެން ކުޅުންތެރިން ޒިންމާ ނަގާތަން ފެނޭ."
ކްލިޝީ ބުނީ މިއީ ކޮންމެހެން ރޮނާލްޑޯގެ ކުށެއް ނޫން ކަމަށެވެ. "މިއީ އާދައިގެ ކަމެއް. އެހެންވެ މެނޭޖަރުގެ ނިންމުން މުހިންމުވަނީ. މެޗުގެ 90 މިނެޓު ތެރޭގައި އަހަރެމެން ބުނަމުން ދިޔައީ 'އޭނާ ބާލާނެބާ؟' ސަބަބަކީ އޭނާއަކީ ކޮންމެ ވަގުތަކު ވެސް ލަނޑެއް ޖަހާފާނެ ކުޅުންތެރިއެއްކަން އެނގޭތީ."
"އެކަމަކު ހަމައެއާއެކު، އޭނާ ދަނޑުމަތީގައި ހުރުމުން މުޅި ޓީމުގެ ކުޅުމަށް ބައެއް ފަހަރު ބަދަލުތަކެއް އަންނަކަން ވެސް އެނގޭ."
މަސްދަރު: ބީބީސީ







