Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފުޓްބޯޅަ

ފާއިތުވި 50 އަހަރުގެ ތެރޭގައި ޓޮޕް ފުޓްބޯޅަ ކުޅުންތެރިންގެ ހަށިގަނޑު ބަދަލުވަމުން އައިސްފައިވަނީ ކިހިނެއް؟

ފާއިތުވި ފަންސާސް އަހަރުގެ ތެރޭގައި ފުޓްބޯޅަ ކުޅުންތެރިންގެ ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް އައިސް، ކުޅިވަރުގެ ސްޕީޑާއި ފޯރި ވަނީ އިންތިހާއަށް އިތުރުވެފައި. ދިރާސާތަކުން ދައްކާގޮތުގައި ޒަމާނީ ކުޅުންތެރިން ކުރިއަށްވުރެ އިސްކޮޅުން ދިގުވެފައި ހަށިގަނޑު ހިމަ ނަމަވެސް، މެޗުތަކުގައި ބާރަށް ދުވާ މިންވަރާއި ޖިސްމާނީ ގާބިލުކަން މިހާރު މާ ވަރުގަދަ. ކުޅެންޖެހޭ މެޗުތައް ގިނަވުމުގެ ސަބަބުން އަނިޔާގެ ނުރައްކާ ބޮޑުވި ނަމަވެސް، ސައިންސާއި ކާނާއަށް އައި ކުރިއެރުންތަކާއެކު އުމުރުން ދުވަސްވީ ކުޅުންތެރިން އެންމެ މަތީ ފަންތީގައި ކުޅޭ މިންވަރު ވަނީ އިތުރުވެފައި.

ރާއްޖެ އެމްވީ | 18 ޖޫން 2026 | ބުރާސްފަތި 04:34
ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ (ވ) އާއި އާޖެންޓީނާގެ ލިއޮނަލް މެސީ.

ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ (ވ) އާއި އާޖެންޓީނާގެ ލިއޮނަލް މެސީ. | ގެޓީ އިމޭޖަސް

ފީފާ މެންސް ވޯލްޑް ކަޕްގެ ތާރީޚުގައި ފެނިގެންދިޔަ ދެ ލަނޑަކުން، ފުޓްބޯޅައަށާއި އެ ކުޅިވަރުގެ އެންމެ މަތީ ފަންތީގެ ކުޅުންތެރިންގެ ހަށިގަނޑަށް އައިސްފައިވާ ބޮޑު ބަދަލުތަކުގެ ވާހަކަ ކިޔައިދެއެވެ.

މިގޮތުން 1970 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި، ބްރެޒިލްގެ 8 ކުޅުންތެރިއަކު 30 ސިކުންތު ވަންދެން ބޯޅަ ހިފަހައްޓައިގެން ކުޅުމަށްފަހު، އެ ޓީމުގެ ރައިޓް-ބެކް ކާލޯސް އަލްބާޓޯ ވަނީ ބާރުގަދަ ހަމަލާއަކުން ލަނޑެއް ކާމިޔާބުކޮށްފައެވެ.

އިޓަލީއާ ދެކޮޅަށް ކުޅުނު އެ މުބާރާތުގެ ފައިނަލް މެޗުގައި ބްރެޒިލުން ޖެހި ހަތަރުވަނަ ލަނޑަކީ، ވޯލްޑް ކަޕްގެ ތާރީޚުގައި ފެނިގެންދިޔަ އެންމެ މޮޅު އެއް ވަގުތުކޮޅުގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ނަމަވެސް، އޭގެ ފަސް ދަހަރު ފަހުން، 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލްގައި ފްރާންސާ ދެކޮޅަށް އާޖެންޓީނާގެ އެންހެލް ޑި މާރިއާ ކާމިޔާބުކުރި ލަނޑަށް ބަލާއިރު، ހަތް ޕާހާއެކު އެ ހަމަލާ ނިންމާލުމަށް ހޭދަވީ އެންމެ 12 ސިކުންތެވެ.

ޔުނިވާސިޓީ އޮފް ފްލޮރިޑާގެ ޕްރޮފެސަރ އަދި ކަސްރަތާ ގުޅޭ ފިޒިއޮލޮޖީގެ މާހިރެއް ކަމަށްވާ ޑރ. އޯލަންޑޯ ލައިޓާނޯ ވިދާޅުވާ ގޮތުގައި، 1970 ގެ އެ ލަނޑަކީ މިހާރުގެ ފުޓްބޯޅައިގައި ފެނުމުގެ ފުރުސަތު އޮތް ލަނޑެއް ނޫނެވެ.

އެ ދުވަސްވަރުގެ ބްރެޒިލް ޓީމަށް މިހާރުގެ ޒަމާނުގައި ކުޅުމުގެ ފުރުސަތު ލިބުނު ނަމަވެސް، މިހާރުގެ ކުޅުންތެރިންގެ ފަރާތުން ކުރިމަތިވާ ހުރަސްތަކުގެ ސަބަބުން އެފަދަ ކުޅުމެއް ނުދެއްކޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިކަމުގައި އޮތް އެންމެ ބޮޑު ތަފާތަކީ ހުނަރު ނޫން ކަމަށާއި، އެއީ ކުޅުންތެރިންގެ ހަށިގަނޑުގެ ފިޒިއޮލޮޖީ ނުވަތަ ހަށިގަނޑުގެ ދުޅަހެޔޮކަމާއި ވަރުގަދަކަން ކަމަށް ޑރ. ލައިޓާނޯ ފާހަގަކުރެއްވިއެވެ.

2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ބްރެޒިލްގެ ގައުމީ ޓީމާއެކު މަސައްކަތް ކުރެއްވި ޑރ. ލައިޓާނޯ ވިދާޅުވީ، ޒަމާނީ ފުޓްބޯޅަ ކުޅުންތެރިންނަކީ ކުރީގެ ކުޅުންތެރިންނާ ބަޔޮލޮޖިކަލް ގޮތުން ތަފާތު ބައެއް ކަމަށެވެ.

ކަސްރަތާއި ބޭސްވެރިކަމަށް އައި ކުރިއެރުންތަކާއި، ކުޅިވަރު ކުޅޭ ގޮތަށް އައި ބަދަލުތަކުގެ ސަބަބުން، މިހާރުގެ ފުޓްބޯޅައަކީ ދަނޑުގެ ކޮންމެ އިންޗިއަކަށްޓަކައި ކުރާ ހަނގުރާމައަކަށް ވެފައިވާ ކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން ކުޅުންތެރިން މާ ބާރުގަދަ އަދި މާ ހަލުވިވާން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިނގިރޭސިވިލާތުގެ ވުލްވަހެމްޕްޓަން ޔުނިވާސިޓީގެ ދިރާސާވެރިން ފާހަގަކުރާ ގޮތުގައި، ވޭތުވެދިޔަ ފަންސާސް އަހަރުގެ ތަފާސްހިސާބުތަކުން ދައްކަނީ އެންމެ މަތީ ފަންތީގެ ކުޅުންތެރިން ކުރިއަށްވުރެ އިސްކޮޅުން ދިގުވެފައި، ހަށިގަނޑުގައި ސަރުބީ ހުންނަ މިންވަރު މަދުވެފައިވާ ކަމެވެ.

އެ ދިރާސާވެރިން ވަނީ 1970 އިން ފެށިގެން 2020 އާ ހަމައަށް އިނގިރޭސި ފުޓްބޯޅައިގެ އެންމެ މަތީ ޑިވިޝަންގައި (1992 ގެ ކުރިން ފަސްޓް ޑިވިޝަން އަދި އޭގެ ފަހުން ޕްރިމިއާ ލީގުގައި) ކުޅުނު އެތައް ހާސް ކުޅުންތެރިންގެ މައުލޫމާތު އަޅާކިޔާފައެވެ.

މި ދިރާސާއިން އެނގުނު ގޮތުގައި 1973 އާއި 2013 އާ ދެމެދު ކުޅުންތެރިންގެ އެވްރެޖް އިސްކޮޅު ވަނީ 4 ސެންޓިމީޓަރަށްވުރެ އިތުރުވެފައެވެ.

މި ބަދަލު ވޭތުވެދިޔަ ދިހަ އަހަރުގެ ތެރޭގައި ގޯލްކީޕަރުންނާއި ޑިފެންޑަރުންގެ ކިބައިން ފެނުނު ނަމަވެސް، ފޯވާޑުންނާއި މިޑްފީލްޑަރުންގެ އެވްރެޖް އިސްކޮޅު ވަނީ ކުޑަކޮށް ދަށްވެފައެވެ.

ދިރާސާވެރިން ނިންމާފައިވާ ގޮތުގައި އެންމެ މަތީ ޑިވިޝަންގެ ކުޅުންތެރިންގެ ހަށިގަނޑު މިހާރު ބަދަލުވަމުންދަނީ "އެކްޓޯމޯފިކް" ނުވަތަ ހިމަ އަދި ދިގު ބައްޓަމަކަށެވެ.

މީގެ މާނައަކީ ކުޅުންތެރިންގެ ހަށިގަނޑު އިސްކޮޅުން ދިގުވެފައި، ހިމަވެފައި، އަދި އަތްފައި ދިގުވަމުންދާ ކަމެވެ. މިއީ އިސްކޮޅާއި ބަރުދަނަށް ބަލައިގެން ހަށިގަނޑުގެ ހިމަ ކަން ދައްކައިދޭ "ރެސިޕްރޯކަލް ޕޮންޑަރަލް އިންޑެކްސް" (އާރް.ޕީ.އައި) އިން ފާހަގަކުރެވޭ ބަދަލެކެވެ.

މި ބަދަލު އަންނަން މެދުވެރިވި ސަބަބެއް ކަމަށް ދިރާސާވެރިން ބުނަނީ، ދަނޑުތަކުގެ ފެންވަރު ރަނގަޅުވުމާއި، މިހާރުގެ ކުޅުންތެރިން ކުރަންޖެހޭ މަސައްކަތް ނުވަތަ "ވޯކްލޯޑް" އިތުރުވުމެވެ.

މި ދިރާސާގައި ބައިވެރިވި ޕްރޮފެސަރު އެލަން ނެވިލް ވިދާޅުވީ، 1970 ގެ އަހަރުތަކުގައި ފިނި މޫސުމުގެ ދުވަސްވަރު ދަނޑުތަކުގައި ވަރަށް ބޮޑަށް މަޑު އޮންނަ ކަމަށާއި، އެހެންކަމުން އެ ދުވަސްވަރު ކުޅުންތެރިންނަކީ ބާރުގަދަ މަސްތަކެއް ހުންނަ ބަޔަކަށް ވާންޖެހޭ ކަމަށެވެ.

ނަމަވެސް މިހާރު ދަނޑުތަކުގެ ފެންވަރު ރަނގަޅުވުމާއެކު، ހަށިގަނޑު ލުއި އަދި ހިމަ ކުޅުންތެރިންނަށް ގިނަ ވަގުތު އެއް ފެންވަރެއްގައި ހަކަތަ ހިފަހައްޓައިގެން ކުޅުމުގެ ފުރުސަތު ލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މާހިރުން ވިދާޅުވާ ގޮތުގައި ކުޅުންތެރިންގެ ހަކަތައިގެ ބޮޑު ބައެއް މިހާރު ހޭދަކުރަނީ ހަލުވި ދުވެއްޔަށެވެ.

ކުރެވިފައިވާ ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި 1970 އާއި 1980 ގެ އަހަރުތަކުގައި ކުޅުންތެރިން ގަޑިއަކު 30 ކިލޯމީޓަރުގެ ބާރުމިނުގައި ދުވަނީ ވަރަށް މަދުންނެވެ. ނަމަވެސް 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި މަދުވެގެން 10 ކުޅުންތެރިއަކު ވަނީ ގަޑިއަކު 35 ކިލޯމީޓަރަށްވުރެ ބާރުމިނުގައި ދުވެފައެވެ.

އަދި އެންމެ މުހިންމު ކަމަކީ، މެޗެއްގެ ތެރޭގައި ކުޅުންތެރިން އެމީހުންގެ އެންމެ ބާރު ދުވެލީގައި ދުވަންޖެހޭ މިންވަރު އިތުރުވެފައިވުމެވެ.

ކޯޕަންހޭގަން ޔުނިވާސިޓީގެ ޕްރޮފެސަރު ޖެންސް ބެންގްސްބޯ ވިދާޅުވީ، ވޭތުވެދިޔަ ގަރުނުގެ ފޯވާޑުންނަށް ބަލާއިރު، މެޗުގެ ބޮޑު ބައެއްގައި އެމީހުންނަށް ދަނޑުމަތީގައި ހިނގާފައި އުޅެވިދާނެ ކަމަށާއި، އަދި މަދު ވަގުތުކޮޅެއްގައި ބާރު ދުވެއްޔެއްގައި ގޮސް ލަނޑެއް ޖަހާފާނެ ކަމަށެވެ. އެކަމަކު މިހާރު އެފަދަ ފުރުސަތެއް ނޯންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ޔޫރަޕްގެ ފުޓްބޯޅަ އިދާރާ (ޔުއެފާ) އިން ބުނާ ގޮތުގައި، 2024 ވަނަ އަހަރު ޖަރުމަނުގައި ބޭއްވި ޔޫރޯ މުބާރާތުގައި ކުޅުންތެރިން ވަނީ ކޮންމެ މެޗެއްގައި ގަޑިއަކު 25 ކިލޯމީޓަރަށްވުރެ ބާރުމިނުގައި އެވްރެޖްކޮށް 12 ފަހަރު ދުވެފައެވެ.

މިގޮތަށް ބާރަށް ދުވާ މިންވަރު ބިނާވަނީ ކުޅުންތެރިޔާ ކުޅޭ މަގާމަށެވެ. ސެންޓަ-ބެކުންނާއި ސެންޓްރަލް މިޑްފީލްޑަރުން މެޗެއްގައި އެވްރެޖްކޮށް 8 ފަހަރު ބާރަށް ދުވާއިރު، ފޯވާޑުން 12 ފަހަރު އަދި ފުލް-ބެކުން 14 ފަހަރު ބާރަށް ދުވާކަން ފާހަގަކުރެވިފައިވެއެވެ.

ޕްރޮފެސަރު ބެންގްސްބޯ ވިދާޅުވީ ބާރަށް ދުވުމަކީ އެއް ކަންތައް ކަމަށާއި، ނަމަވެސް އެންމެ މުހިންމު ކަމަކީ ތަކުރާރުކޮށް އެ ބާރުމިނުގައި ދުވުމުގެ ގާބިލުކަން ހުރުން ކަމަށެވެ.

ކުރީގެ ޕްރޮފެޝަނަލް ކުޅުންތެރިއެއް އަދި ފިޓްނަސް މާހިރެއް ކަމަށްވާ ބެންގްސްބޯ ވިދާޅުވި ގޮތުގައި، މިހާރުގެ ފުޓްބޯޅައިގައި އެންމެ މުހިންމު ކަމަކީ ކުޅުންތެރިޔާގެ ހަށިގަނޑު އަލުން އާރޯވުން ނުވަތަ "ރިކަވަރީ" އެވެ. އެއީ ވީހާވެސް އަވަހަކަށް ވަރުބަލިކަން ފިލުވައިލުމުގެ ގާބިލުކަމެވެ.

ފާހަގަކޮށްލަންޖެހޭ އަނެއް ކަމަކީ، މެޗެއްގެ ތެރޭގައި ކުޅުންތެރިން ދުވާ ޖުމްލަ ރާސްތާ ނުވަތަ ދުރުމިނަށް މާ ބޮޑު ބަދަލެއް އައިސްފައި ނުވާ ކަމެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި 1970 ގެ އަހަރުތަކުގައި ކުޅުންތެރިން މެޗެއްގައި އެވްރެޖްކޮށް 8.7 ކިލޯމީޓަރަށް ދުވެއެވެ. މި އަދަދު 1990 ގެ އަހަރުތަކުގައި 11.4 ކިލޯމީޓަރަށް މައްޗަށް ދިޔަ ނަމަވެސް، އޭގެ ފަހުން ވަނީ ދަށްވެފައެވެ. ފީފާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2022 ގެ ވޯލްޑް ކަޕްގައި ކުޅުންތެރިން މެޗެއްގައި އެވްރެޖްކޮށް ދުވެފައިވަނީ 10.6 ކިލޯމީޓަރަށެވެ.

މީގެ އިތުރުން، އެންމެ މަތީ ފަންތީގެ ކުޅުންތެރިން ކުޅެންޖެހޭ މެޗުތަކުގެ އަދަދު އިތުރުވަމުންދާކަން ތަފާސްހިސާބުތަކުން ދައްކައެވެ. ދުނިޔޭގެ ގިނަ ކްލަބުތަކުން އަހަރަކު ކުޅޭ މެޗުގެ އަދަދު 42 ގައި ހިފެހެއްޓިފައި ހުރި ނަމަވެސް، މަޝްހޫރު ކުޅުންތެރިންނަށް ކުރިމަތިވާ ބުރަ ބޮޑެވެ.

މިސާލަކަށް، ލިވަޕޫލާއި ނެދަލޭންޑްސްގެ ޑިފެންޑަރު ވާޖިލް ފެން ޑައިކް ވަނީ މި ސީޒަނުގައި މިހާތަނަށް 65 މެޗު ކުޅެފައެވެ. މީގެ ތެރޭގައި ގައުމީ ޓީމަށް ކުޅުނު 10 މެޗު ހިމެނޭ ކަމަށް ކުޅުންތެރިންގެ ޖަމިއްޔާ "ފިފްޕްރޯ" އިން ބުނެއެވެ.

ފިފްޕްރޯއިން ބުނާ ގޮތުގައި ކުޅުންތެރިންގެ ފަރާތުން އެދޭ ކަންތައްތައް މިހާރު ވަނީ އިންތިހާއަށް އިތުރުވެފައެވެ. އެހެންކަމުން ކުޅުންތެރިންނަށް އަރާމުކުރުމާއި ވަރުބަލިކަން ފިލުވުމަށް އެކަށީގެންވާ ވަގުތު ދިނުމަށް އެ ޖަމިއްޔާއިން ވަނީ ގޮވާލާފައެވެ.

ޕްރޮފެސަރު ބެންގްސްބޯ ވިދާޅުވީ، ކުޅޭ މެޗުތަކުގެ އަދަދު އިތުރުވުމަކީ ކުޅުންތެރިންނަށް އަނިޔާވުމުގެ ފުރުސަތު ބޮޑުވާ ކަމެއް ކަމަށެވެ.

ޔުއެފާގެ އެދުމަކަށް ހަދާފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި، ވޭތުވެދިޔަ އަށް ސީޒަނުގައި ކުޅުންތެރިންގެ ފައިގެ ފަލަ މަސްގަނޑަށް (ހެމްސްޓްރިންގް) އަނިޔާވުން ވަނީ ކަންބޮޑުވާ މިންވަރަށް އިތުރުވެފައެވެ. މީގެ ތެރެއިން 10 އަކުން 6 ހާލަތުގައި އަނިޔާވަނީ ބާރަށް ދުވަމުންދާ ވަގުތުގައެވެ. މީގެ މައިގަނޑު ސަބަބަކީ ކުޅިވަރުގެ ފޯރި ގަދަވުމާއި މެޗުތައް ގިނަވުން ކަމަށް ބެލެވެއެވެ.

ޑރ. ލައިޓާނޯ ވިދާޅުވީ، މިހާރުގެ ކުޅުންތެރިން މަސައްކަތް ކުރަނީ އެމީހުންގެ ހަށިގަނޑަށް ކެތްކުރެވޭ އެންމެ މަތީ މިންވަރުގައި ކަމަށާއި، އެކަށީގެންވާ ވަގުތު ނުލިބޭނަމަ ހަށިގަނޑު ބަލިކަށިވާނެ ކަމަށެވެ.

ނަމަވެސް ރަނގަޅު ޚަބަރެއްވެސް އެބައޮތެވެ. ކުޅިވަރުގެ ސައިންސާއި، ތަމްރީނުތަކާއި، ކާނާ އަދި ރިކަވަރީއަށް އައިސްފައިވާ ކުރިއެރުންތަކުގެ ސަބަބުން، ކުޅުންތެރިންނަށް ގިނަ ދުވަހު އެންމެ މަތީ ފަންތީގައި ކުޅުމުގެ ފުރުސަތު މިހާރު ލިބެއެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގައި ކުޅޭ ޓީމުތަކުގެ އެވްރެޖް އުމުރު 1992 ވަނަ އަހަރު 24.9 ގައި ހުރި ނަމަވެސް، 2018 ވަނަ އަހަރު އެ އަދަދު ވަނީ 26.5 އަށް އުފުލިފައެވެ.

ފީފާއިން ބުނާ ގޮތުގައި ވޭތުވެދިޔަ ތިން ވޯލްޑް ކަޕަކީ ތާރީޚުގައިވެސް އެންމެ އުމުރުން ދުވަސްވީ ކުޅުންތެރިން ކުޅުނު މުބާރާތްތަކެވެ. 2018 ވަނަ އަހަރުގެ މުބާރާތުގައި ކުޅުންތެރިންގެ އެވްރެޖް އުމުރަކީ 27.9 އެވެ.

1990 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އުމުރުން 35 އަހަރުން މަތީގެ ކުޅުނީ އެންމެ 7 ކުޅުންތެރިންނެވެ. ނަމަވެސް 2022 ވަނަ އަހަރުގެ މުބާރާތުގައި އެ އުމުރުގެ 41 ކުޅުންތެރިން ބައިވެރިވި ކަމަށް ޔުނިވާސިޓީ އޮފް އޮސްލޯގެ ޑރ. ޖޯޝުއާ ފްޖެޓްސުލްގެ ހިސާބުތަކުން ދައްކައެވެ.

މިއަހަރުގެ ފީފާ ލިސްޓުތަކުން ދައްކާ ގޮތުގައި 35 އަހަރުން މަތީގެ 72 ކުޅުންތެރިން އެބަތިއްބެވެ. އަދި އުމުރުން 40 އަހަރުން މަތީގެ 8 ކުޅުންތެރިން އެބަތިއްބެވެ. މިއީ މީގެ ކުރީގެ ހުރިހާ ވޯލްޑް ކަޕެއް އެއްކޮށްލުމުންވެސް ނުލިބޭހާ ގިނަ އަދަދެކެވެ.

ޑރ. ލައިޓާނޯ ވިދާޅުވި ގޮތުގައި، އަމިއްލަ ހަށިގަނޑަށް ބަލައިގެން، ރަނގަޅު ތަމްރީނާއި ރިކަވަރީ އުސޫލުތަކަށް ތަބާވާ ކުޅުންތެރިންނަށް، ކުރިއަށްވުރެ ގިނަ ދުވަހު އެންމެ މަތީ ފަންތީގައި ކުޅުމުގެ ފުރުސަތު މިހާރު ވަނީ ބޮޑުވެފައެވެ.

ޔުއެފާފުޓްބޯޅަވޯލްޑް ކަޕް

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްބާޕޭ ފްރާންސްގެ ތާރީޚުގައި އެންމެ މޮޅު ކުޅުންތެރިޔާއަށް ވާނެ!

އެމްބާޕޭ ފްރާންސްގެ ތާރީޚުގައި އެންމެ މޮޅު ކުޅުންތެރިޔާއަށް ވާނެ!

17 ޖޫން 2026
1.4 ބިލިއަން އާބާދީ އޮތް އިންޑިއާއަށް ފީފާ ވޯލްޑް ކަޕުން ފުރުސަތެއް ނުލިބެނީ ކީއްވެ؟

1.4 ބިލިއަން އާބާދީ އޮތް އިންޑިއާއަށް ފީފާ ވޯލްޑް ކަޕުން ފުރުސަތެއް ނުލިބެނީ ކީއްވެ؟

17 ޖޫން 2026
އެތައް ރެކޯޑަކާ އެކު މެސީގެ ޖާދޫ ދައްކާލައިފި

އެތައް ރެކޯޑަކާ އެކު މެސީގެ ޖާދޫ ދައްކާލައިފި

17 ޖޫން 2026
ސްވިޑަން އަތުން ބޮޑު ތަފާތަކުން ބަލިވުމާ ގުޅިގެން ޓިއުނީޝިއާގެ ކޯޗު މަގާމުން ވަކިކޮށްފި

ސްވިޑަން އަތުން ބޮޑު ތަފާތަކުން ބަލިވުމާ ގުޅިގެން ޓިއުނީޝިއާގެ ކޯޗު މަގާމުން ވަކިކޮށްފި

16 ޖޫން 2026
އީރާނު ޓީމަށް އެމެރިކާގައި ވިސާ މައްސަލަތަކާ ދަތުރުފަތުރު ހުރަސްތައް

އީރާނު ޓީމަށް އެމެރިކާގައި ވިސާ މައްސަލަތަކާ ދަތުރުފަތުރު ހުރަސްތައް

16 ޖޫން 2026

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު