ކަސްޓަމްސް އިން 1،108 ވޭޕް ކާޓްރިޖް އަތުލައިގެންފި
ކަނޑުމަގުން ރާއްޖެއަށް ގެނައި މުދާ ޝިޕްމަންޓެއްގައި ފޮރުވައިގެން އެތެރެކުރަން އުޅުނު 1،108 ވޭޕް ކާޓްރިޖާއި 27 ވޭޕް ޑިވައިސް ކަސްޓަމްސްއިން އަތުލައިގަނެފި. ޕޮޓޭޓޯ ޗިޕްސް ދަޅުތަކާއި ޗޮކްލެޓް ޕައުޑަރު ޕެކެޓުތަކުގެ ތެރޭގައި ފޮރުވާފައި ހުރި މި ތަކެތި ފެނިފައިވަނީ މި މަހުގެ 14 އަދި 15 ވަނަ ދުވަހު މާލޭ ކޮމާޝަލް ހާބަރުގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގަ. ދުންފަތް ކޮންޓްރޯލްކުރުމުގެ ގާނޫނަށް ގެނައި އިސްލާހާއެކު، ރާއްޖެއަށް ވޭޕް އެތެރެކުރުމާއި ބޭނުންކުރުން މިހާރު ވަނީ މުޅިން މަނާކޮށްފަ.


ރާއްޖެ އަށް އެތެރެކުރި ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖް އަތުލައިގަތުން. | ކަސްޓަމްސް
ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި މުދާ ޝިޕްމަންޓެއްގެ ތެރޭގައި ފޮރުވައިގެން، ގާނޫނާއި ގަވާއިދާ ހިލާފަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖްތަކެއް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގަނެފި އެވެ.
މި ތަކެތި އަތުލައިގަނެފައިވަނީ މާލޭ ކޮމާޝަލް ހާބަރުގައި ކަސްޓަމްސްއިން ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.
ކަސްޓަމްސް އިން އަންގާރަ ދުވަހު ހާމަކުރި ގޮތުގައި، މި ތަކެތި އަތުލައިގަނެފައިވަނީ ރާއްޖެއަށް ގެނައި ޝިޕްމަންޓެއްގައި ޝައްކުކުރެވޭ ކަންތައްތަކެއް ހުރެގެން، މި ހިނގާ ޖޫން މަހުގެ 14 އަދި 15 ވަނަ ދުވަހު ހިންގި ބަލައިފާސްކުރުމުގެ ތެރެއިންނެވެ. މި އޮޕަރޭޝަނަކީ ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމަންޓެއްގައި ގާނޫނާ ގަވައިދާ ހިލާފު ތަކެތި ހުރެދާނެ ކަމަށް ބެލެވިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއް ކަމަށް އެ އިދާރާއިން ބުނެ އެވެ.
މި އޮޕަރޭޝަންގައި ބަލައި ފާސްކުރި ޝިޕްމަންޓުގެ ތެރެއިން، ޕޮޓޭޓޯ ޗިޕްސް ދަޅުތަކާއި ޗޮކްލެޓް ޕައުޑަރު ޕެކެޓުތަކުގެ ތެރޭގައި ވަރަށް ބޮޑަށް ފޮރުވާފައި ހުރި 1،108 ވޭޕް ކާޓްރިޖް ވަނީ ފެނިފަ އެވެ. މީގެ އިތުރުން 27 ވޭޕް ޑިވައިސް ވެސް މި ޝިޕްމަންޓުގެ ތެރެއިން ފެނިފައިވާ ކަމަށާއި، މި ހުރިހާ ތަކެތި މިހާރު ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ އިދާރާއިން މައުލޫމާތުދެ އެވެ.
ކަސްޓަމްސްއިން ބުނި ގޮތުގައި މި މައްސަލަ މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ދުންފަތް ކޮންޓްރޯލު ކުރުމުގެ ގާނޫނަށް 2024 ވަނަ އަހަރު ގެނައި އިސްލާހާ އެކު، އެ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ރާއްޖެއަށް ވޭޕު އެތެރެ ކުރުމާއި، ރާއްޖޭގައި ވޭޕު ވިއްކުމާއި ބޭނުންކުރުން ވަނީ މުޅިން މަނާކޮށްފަ އެވެ. ސަރުކާރުން މި ފިޔަވަޅު އަޅާފައިވަނީ އާންމު ސިއްހަތު ރައްކާތެރިކުރުމަށާއި، ޒުވާނުންގެ މެދުގައި ވޭޕް ބޭނުންކުރުން އިތުރުވަމުންދާތީ އެކަން ހުއްޓުވުމުގެ ނަމުގައެވެ. ނަމަވެސް ސަރުކާރުގެ މި ނިންމުމާއެކު ވޭޕުގެ ވަގު ވިޔަފާރީގެ ބޮޑު ނެޓްވޯކެއް އުފެދިފައިވާ ކަމަށް ގިނަ ބަޔަކު ތުހުމަތުކުރެ އެވެ.






