މައްސަލަ ފެށުނީ އިހުސާންގެ ކޮރަޕްޝަންގެ ކަންކަން ރައީސް އަށް އެންގުމުން، ރައީސްގެ ޖަވާބަކަށް ވީ އަޅުގަނޑަކީ ރައީސް އަށް ލޯޔަލް މީހެއް ނޫން ކަމަށް: ޝައްމާން
ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދު ވަނީ ހޯމް މިނިސްޓަރު އަލީ އިހުސާން ބިދޭސީންގެ ކޯޓާގެ ކަންކަމުގައި ކޮރަޕްޝަން ހިންގަވާ ކަމަށް ތުހުމަތު ކުރައްވައި، އެ މައްސަލަ ރައީސަށް ހުށަހެޅުމުން އޭނާ ފްރޭމްކުރަން މަސައްކަތް ކުރާ ކަމަށް ވިދާޅުވެފަ. އޭނާގެ މައްޗަށް ކުރާ ދައުވާތަކަކީ މިނިސްޓަރު އިހުސާނާއި އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ގުޅިގެން ރާވައިގެން ހިންގާ ކަމެއް ކަމަށް ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ޝަމްއާން ވަނީ ފާހަގަކުރައްވާފަ.


ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްއާން ވަޙީދު އޭނާގެ ޝަރީއަތަށް ވަނުމުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތުދެއްވަނީ 09.06.2026 | ރާއްޖެ އެމްވީ
ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށް އޭނާ ފްރޭމްކުރުމުގެ މައްސަލަ ފެށުނީ މިނިސްޓަރ އިހުސާނާއި ގުޅުން ހުރި ކޮރަޕްޝަންގެ ކަންކަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަމާލުކަމަށް ގެނައި ހިސާބުން ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
ޝައްމާން އެފަދައިން ވިދާޅުވީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކާއި ގުޅުން ހުރި މައްސަލަތަކުގެ ޝަރީއަތަށް ހާޒިރުވެވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.
މައްސަލައިގެ ފެށުން އައި ހިސާބުގެ ތަފްސީލްތައް ނޫސްވެރިންނާ ހިއްސާކުރައްވަމުން ޝައްމާން ވިދާޅުވީ ބިދޭސީންގެ ކޯޓާގެ ކަންކަން ރަނގަޅަށް ނުދާކަން ސަމާލުކަމަށް އައި ހިސާބުން އެކަން ހިނގާ ގޮތް ބަލާފައިވާނެ ކަމަށާއި މިނިސްޓަރ އަލީ އިހުސާންގެ ކޮރަޕްޝަންގެ އަމަލުތައް ހާމަވި ހިސާބަކީ އެއީ ކަމަށެވެ. އެކަން ރައީސަށް ހުށަހެޅުއްވި ނަމަވެސް އެއްވެސް ފިޔަވަޅެއް ރައީސް އަޅުއްވާފައި ހުންނެވުމަކީ އެއީ ރައީސް އަށް ވެސް އެކަން އެނގޭކަން ހާމަވާ ކަމެއް ކަމަށް ޝައްމާން ތުހުމަތު ކުރެއްވި އެވެ.
އިތުރަށް ވާހަކަދައްކަވަމުން ޝައްމާން ވަނީ މިނިސްޓަރ އިހުސާނު ލައްވާ ބަގްލަދޭޝްގެ ވާރކް ޕާމިޓް އެޕްރޫވް ކޮށް ކޯޓާއަށް ކޮރަޕްޝަންގެ ގޮތުގައި 8000ރ ނަގާކަން ޔަގީންކޮށްފައިވާނެ ކަމަށް ވިދާޅުވި އެވެ. އަދި ރައީސް އަށް އެވާހަކަ އެންގި ހިސާބުން އޭނާ އަށް ތަފާތު ތުހުމަތުތައް ކުރަން ފެށި ކަމަށް ވެސް ވިދާޅުވި އެވެ.
ޝައްމާން އަށް ކުރާ ތުހުމަތުތަކާއި ގުޅުން ހުރި ބިދޭސީ މީހާ ދޫކޮށްލީ ވެސް ސީދާ މިނިސްޓަރ އިހުސާންގެ އެންގުމަށް ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. މި މައްސަލަ ހިނގަމުން ދާތީ މިކަމާއި ގުޅުން ހުރި ވާހަކަތައް ދައްކަން ކުރިން އުނދަގޫވި ކަމަށް ފާހަގަކުރައްވާ ޝައްމާން ވަނީ މި މައްސަލަ އާއި ގުޅުން ހުރި އެކި ފަރާތްތަކަށް ހޯމް މިނިސްޓަރ އިހުސާން އަމިއްލަފުޅަށް ގުޅުއްވިކަން އެ މީހުންގެ ވާހަކަތަކުން އެނގޭ ކަމަށް ވެސް ވިދާޅުވެފަ އެވެ.
"އަޅުގަނޑު ދެންނެވިން މިނިސްޓަރ މީހުން ދޫކޮށްލާނަމޭ. އެކަމަކު ޖެހޭނެ އޭ އެމްޕްލޯޔަރގެ ސިޓީ. ދެން ވިދާޅުވި ތިމަންނަ ބުނީމަ ތިވަރު ކަމެއް ވެސް ނުކުރެވޭހޭ. ވަރަށް ކޯފާވެގެން ފޯނު ކަނޑާލީ." ޝަމްޢާން ވިދާޅުވި އެވެ.
ދައުލަތުން ހުށަހެޅި ހެއްކެއް ޝައްމާން އާއި އެއްކޮޅަށް ހެކި ދީފައި ވަނިކޮށް އެ ހެކިވެރިޔާ އަށް ލުއި ދޭނެ ކަމަށް ބުނެ ދައުލަތުން އެ ހެކިވެރިޔާ އާއި އެއްބަސްވުމެއް ހަދާފައިވާ ކަމަށް ޝައްމާން ވަނީ ފާހަގަކުރައްވާފަ އެވެ. އެހެންކަމުން ގަބޫލުކުރާނީ އެ މީހާ ޝަރީއަތުގައި ދިން ހެކިބަސްތޯ، ލުއިދޭނެ ކަމަށް ބުނެ އެއްބަސްވުމަށް ފަހު ޚުލާސާ ބަޔާނުގައި ދައްކާފައި ހުރި ވާހަކަތޯ އޭނާ ވަނީ ސުވާލު އުފައްދަވާފަ އެވެެ.
"ބުނަން މި އުޅެނީ މި އެންމެން އެ މީހުން ބޭނުން ކުރީ އަޅުގަނޑު ބާނާލަން. އަޅުގަނޑަކަށް ހިއެއް ނުވޭ އޭނަގެ ހެކި ބަސް ބަލައިގަނެވޭނެހެން." ޝައްމާން ވިދާޅުވި އެވެ.
ޝައްމާން ވަނީ މި ޝަރީއަތަކީ އެޓަރނީ ޖެނެރަލް އަހުމަދު އުޝާމް އާއި ހޯމް މިނިސްޓަރ އަލީ އިހުސާން ހިމެނޭހެން ރޭވިގެން އޭނާ އާއި ދެކޮޅަށް ހިންގާ ޝަރީއަތެއް ކަމަށް ފާހަގަކުރައްވާފަ އެވެ. ޝަމްއާން ބަންދުކޮށްފައިވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއެއްގެ މައްސަލާގައި އިމިގްރޭޝަންގެ މުވައްޒަފުންތަކާ ބައިވެރިވެގެން، ބިދޭސީ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ އަތުލުމަށް ފަހު އެ މީހާ އިމިގްރޭޝަންގެ ބަންދުން ދޫކޮށްލި ކަމަށް ތުހުމަތުކުރާ މައްސަލާގަ އެވެ. މި މައްސަލާގައި ޝަމްއާން ގެ މައްޗަށް ދައުލަތުން ގިނަ ދައުވާތަކެއް ވަނީ އުފުލައިފަ އެވެ.







